ސަލާމް ވަނީ 2019ގެ މަޖިލިހުގެ އިންތިހާބުގައި މަނަދޫ ދާއިރާގެ ޓިކެޓް ހޯއްދަވަން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާފައި
ޗީފް އޮމްބަޑްސްޕާސަންގެ މަގާމަށް މިއަދު އައްޔަން ކުރެއްވި އަބްދުއްސަލާމް އާރިފް
16 ޖެނުއަރީ 2021 - 13:23
އެމްޑީޕީގެ ޕްރައިމަރީއެއްގައި ކުރިން ވާދަކުރެއްވިޔަސް ޗީފް އޮމްބަޑްސްމަންގެ މަސްއޫލިއްޔަތާ އެކު އޭނާގެ "ކުރިމަތީގައި މިހާރު އޮތީ [ހަމައެކަނި] ގާނޫނު" ކަމަށް، އަބްދުއްސަލާމް އާރިފް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެންމެ ފަހުގެ ފަސް ވެރިކަމުގައި ދިވެހިންނާ ދެކޮޅަށް އިންސާނީ ހައްގުތަކާ ހިލާފު އަމަލްތައް ހިންގާފައި ވާ ނަމަ އެކަން ބަލައި އިންސާފު ހޯދައިދިނުމުގެ އިސް މަސްއޫލިއްޔަތު ސަލާމްއާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ހަވާލުކުރެއްވި އިރު، އޭނާ ވަނީ 2019ގެ އާންމު އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދަވަން ނ. މަނަދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވައިފަ އެވެ.
މިދިއަ 65 އަހަރުގެ ދިގު މާޒީގައި ބައެއް ރައްޔިތުންނާ ދެކޮޅަށް އެކި ސަރުކާރުތަކުން ހިންގާފައިވާނެ ކަމަށް ބެލެވޭ އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ މަސްއޫލިއްޔަތު، ސިޔަސީ ވަކި ފިކުރެއްގެ ބޭފުޅުންނަށް ރަނގަޅަށް އުފުއްލެވިދާނެތޯ، އާންމުންގެ ތެރޭގައި ސުވާލު އުފެދިދާނެ އެވެ. އެ ސުވާލު ސަލާމަށް ދެންނެވުމުން ވިދާޅުވީ "އަޅުގަނޑުގެ ކުރިމަތީގައި މިހާރު އޮތީ [އިންތިގާލީ އިންސާފުގެ] ގާނޫނު" ކަމަށެވެ.
"އޭގައި ބުނާ ގޮތަށް، ކަންކަން ތަންފީޒުކުރާނީ،" ސަލާމް ވިދާޅުވި އެވެ.
އޮމްބަޑްސްމަނަކަށް ހަމަޖައްސާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ސިޔާސީ މަގާމެއް ފުރާފައިވާ މީހަކަށް ނުވުން ހިމެނެ އެވެ. ސަލާމް ވިދާޅުވި ގޮތުގައި ޕްރައިމަރީއެއްގައި ވާދަކުރެއްވުމަކީ ސިޔާސީ މަގާމެއް ފުރުއްވުން ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"އަޅުގަނޑަކީ މިހާރު [ސިޔާސީ] އެއްވެސް ފިކުރެއް ގެންގުޅޭ މީހެއް ނޫން. އެއްވެސް ޕާޓީއެއްގައެއް ވެސް ނޫޅެން،" ސަލާމް ވިދާޅުވި އެވެ.
އޭނާއަކީ ހައި ކޯޓުގެ ފަނޑިޔާރެއް ކަމަށްވާ ފާތުމަތު ފަރުހީޒާގެ ފިރިކަލުންނެވެ.
ރައީސް އޮފީހުން ބުނީ ސަލާމަށް އިތުބާރު އޮތް ކަމަށެވެ.
މިދިއަ ހަފުތާގައި ރައީސް އޮފީހުގެ ތަރުޖަމާންގެ މަގާމަށް ހަމަޖެއްސި މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވި ގޮތުގައި "މިނިވަންކަމާ އެކު ސަލާމް ޒިންމާތައް އަދާކުރައްވާނެކަމުގެ އުއްމީދު އެބަ އޮތެ"ވެ. އަދި އެމްޑީޕީގެ ޕްރައިމަރީއެއްގައި ވާދަކުރެއްވިޔަސް "މިހާރު ސިޔާސީ ވަކި ފިކުރެއް އޮންނާނެ ކަމަށް ގަބޫލުނުކުރާ" ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 2010-2015އާ ހަމައަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް ހުންނެވި އިރު ވެސް ސަލާމް މަސްއޫލިއްޔަތު އަދާކުރެއްވީ ފުރިހަމައަށެވެ.
"[ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވެއްޓުނު] 2012 ވަނަ އަހަރުގެ ފަހުން ވެސް އޭނާ ހުންނެވީ ޓެކްސް އޮފީހުގެ މަގާމުގައި. އެކަމަކު ވަރަށް ސާފުކޮށް، ފުރިހަމައަށް އޭނާގެ ޒިންމާ އަދާކުރެއްވި. އެ ބޭފުޅާއާ ގުޅޭ ގޮތުން އެއްވެސް މައްސަލައެއް ދިމައެއް ނުވޭ،" މަބްރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޮމްބަޑްސްމަންގެ މަގާމު ސަލާމަށް ދެއްވީ އޭނާގެ ތައުލީމީ ފެންވަރާއި ކުރީގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެއްވި ގޮތަށް ބައްލަވާފައި، އެ މަގާމަށް ކުރިމަތިލި އެހެން މީހުންނަށް ވުރެ ރަނގަޅުވުމުން ކަމަށެވެ.
ސަލާމް ވަނީ މެލޭޝިޔާގެ އިސްލާމިކް ޔުނިވަސިޓީން ކޮމްޕެރެޓިވް ލޯސްއިން މާސްޓާސް ހައްދަވައިފަ އެވެ.
ސަލާމް ވިދާޅުވި ގޮތުގައި އިންތިގާލީ އިންސާފުގެ އޮފީހުގެ ތަސްވުރު ހިފެހެއްޓެވޭނެކަމުގެ ޔަގީންކަން އެބަ އޮތެވެ.
"އިންސާނީ ހައްގާ ގުޅޭ ކަމެއްގައި ޝަކުވާ ކުރާނެ ޖާގައެއް ނުދޭނަން،" އޭނާ ވިދާޅުވި އެވެ.
އިންތިގާލީ އިންސާފުގެ ގާނޫނު ފާސްކުރީ ރާއްޖޭގައި އެންމެ ފަހުން އޮތް ފަސް ވެރިކަމެއްގައި ދިވެހިންނަށް ލިބުނު އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ މަގުސަދުގަ އެވެ. ފުރަތަމަ މި ގާނޫނު ހުށައެޅި އިރު އޮތީ 2012 އިން، 2018ގެ ނިޔަލަށް، ގަނޫނާ ހިލާފަށް މީހުންނާ ދެކޮޅަށް ހިންގާފައިވާ އަނިޔާތައް ބަލައި، އިންސާފު ހޯދައިނުމެވެ. އެކަމަކު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން ނޮވެމްބަރު 29، 2020ގައި ގާނޫނު ފާސްކުރީ އެއަށް ވުރެ މާ ފުޅާކޮށް، 65 އަހަރުގެ މުއްދަތެއް ހިމަނައިގެންނެވެ.
މިހާ ފުޅާކޮށް، ގާނޫނުން ފުރުސަތު ލިބުމުގެ މާނައަކީ، ފުރަތަމަ ރައީސް މުހައްމަދު އަމީނާއި ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދާއި ރައީސް މުހައްމަދު ވަހީދު އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް، ނިޒާމީ ގޮތެއްގައި ރޭވިގެން، އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް މީހަކަށް އަނިޔާއެއް ލިބިފައިވާ ނަމަ އެ އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ ޒިންމާ، އޮމްބަޑްސްމަނުންގެ ބޮލުގައި އެޅުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަތްލާ
17 January 2021
ރަތްލާ ޖެހި އެމް.ޑީ.ޕީ ބޭފުޅެއް. ސަލާމް ދަންނަ އެންމެނަށް ވެސް މިކަން އެނގޭނެ. ވަރަށް ސަލާމް.
ޢަލީ މޫސާ އިބްރާހިމް
17 January 2021
ތިޔައީ ހެޔޮ ނިޔަތެއްގައި ކުރި ކަމެއް ނަމަ ތިޔަ މަޤާމަށް ގެންނާނީ ރައްޔިތުންގެ އިތުބާރާއި ލޯބި އޮންނަ ހަރުދަނާ މީހެއް! ސިޔާސީ އެކްޓިވިސްޓެއް ނޫން
ރުޅިރުޅި
17 January 2021
ނާޞިރުގެ ގެދޮރު ދައުލަތަށް ނަގާފައިވަނީ އޭނާގެ ވަސް ފުހެލުމުގެ ނިޔަތުގަ އެވެ. މިހުންނަނީ ބަލަން ޖެހޭ ކަންކަމެވެ. ޔާމީނު ގަލޮޅުގަ ހުރިގެ ވިއްކާފައިވަނީ ދައުލަތުގެ ތަކެއްޗާއި އެކުގަ އެވެ. އެހެރީ އެގޭ ފާރުމަތިން ނިވާފަތްގަނޑަށް ޖަހާފަ ހުރި ޓިނާއި އެއްޗެތި ފެންނާށެެވެ
ފިނރުޓޭ
17 January 2021
ސަލާމަކީ ވަރަށް އަދުލު އިންސާފަށް ލޯބިކުރާ އެ ގޮތަށް އަމަލު ކުރައްވާ ބޭފުޅެއް! އަބްދުއްސަލާމަށް ފުރިހަމަ އަށް އިތުބާރު އެބަ އޮތް! ވަރަށް ސާލިހް ތަޤްވާވެރި ބޭފުޅެކޭ ބުނެވޭނީ! ދެން އެކަމު މީހެއްގެ ގޮތެއް ބުނާކަށް ނޭނގޭނެ! އަދި ހަމަ ގައިމުވެސް އޯކޭ އޭ ބުނެލެވޭނީ!
މަަރަސް
17 January 2021
ސަލާމު ސަލާމްބުނެފައި ގެއައް ކަޑާލާ ތިހިރި އިންސާފުހޯދިފައި؟؟
ާާާާާާާާާާާާާާާާhaali
17 January 2021
އެމްޑީޕީޔައް ވޯޓު ދިނުން ނިމުނީ ރަށުތެރޭން ކޮންމެ ސް އެހެންކަމަކާއުޅޭ ތިޔައީ ތިލަފަތަކައް މަރާލެވިފަވާ ބައެއްގެ ފޮޓޯތަކެއް ލައިގެން ދޮގާމަކަރުން މީހުން ބޮލައް ވަ ސްވާ ސް ދީގެން ވެރިކަމައް އެރިބައެއް ދެންއަލުން ތިޔަދަންމަޅިޔަކު ނުޖެހޭނަން
މަނާރު
17 January 2021
ޝޭޚު ސަލާމަށް ވަޒީފާ ދެއްވިކަމަށްޓަކާ ރައީސަށް ވަރަށަ ބޮޑަށް ޝުކުރު އަަދާކުރަން. ސަލާމަކީ, ސަލާން ޖަހަން މަގުމަތީގަ ނޫޅުނެއްކަމަކު ހަމަ ވަރަށް ދަތިހާލުގަ އުޅޭ މަކަރުވެރި ޝޭޚެއް.
ބޮޑުމީހާ
16 January 2021
ފުލުސް އިދާރާ، އެތައް ކޮމިޝަނެއް، އެވަރުންވެސް އިތުރު ކޮމިޝަނެއް ހަދައިގެން ނޫނީ ތިކަން ކުރެވޭކަމަށް ނުވިދޯ. މުޅި ގައުމުގަ ކޮމިޝަނަރުންނާއި އޮމްބަސަޑަރުން
ފާއިޒު
16 January 2021
ވަހީދުގެ ސަރުކާރުން ނުބަލާ އޮތް ފެބުރުއަރީ 8 ގައި ތަންތަން ރޯކުރި މައްސަލަ ވައްދާނަށް. ރެޑީވޭ
ދސދަ
16 January 2021
ރީނދޫ ކުލައިގެ މީހަކަށް ތިމަގާމް ދިނީމާ ދެންވާނެގޮތް އެބަ އިނގޭ