16 ޖެނުއަރީ 2021 - 13:26
ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން ދެ ފަރާތް އެއްބަސްވެގެން އުވާލައިފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް އީގަލްސް ކުޅުނު ހަ މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. ހަތަރު މެޗުން ބަލިވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އީގަލްސް މި ވަގުތު އޮތީ ހަތް ވަަނައިގަ އެވެ. މޯހަން އީގަލްސް އަށް ކޯޗުކޮށްދިން ފަހު މެޗަކީ ރޭ ކްލަބް ގްރީން ސްޓްރީޓްސް އަތުން 4-1 އިން ބަލިވި މެޗުގަ އެވެ.
އީގަލްސްގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޯހަންއާ އެކު ދެކެވުނު ވާހަކައިގައި އެންމެ ރަނގަޅު ގޮތަކަށް ފެނުނީ މި ވަގުތު ކޮންޓްރެކްޓް އުވާލުން ކަމަށްވާތީ އެ ގޮތަށް ކުރިއަށްދާން ނިންމީ ކަމަށެވެ. އީގަލްސް އިން ވަނީ މޯހަން އެ ޓީމަށް ކޮށްދިން މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.
މި ފަހަރު ލީގުގެ މެޗެއްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ވަނީ ކްލަބާ އެކު އޭނާ މި ސީޒަނުގެ ނިޔަލަށް މަޑުކުރަން ޓީމުގެ މެނޭޖްމަންޓުން ވެސް އެދިފައިވާ ކަމަށް ބުނެފަ އެވެ. އެކަމަކު ހާލަތު ބަދަލުވަމުން އަންނަ ގޮތަކުން ޓީމަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލާފައި ކްލަބް ދޫކޮށްލުމަކީ ވެސް ކުރަން ޖެހިއްޖެ ހާލަތެއްގައި އެ ގޮތަކަށް ނިންމާނެ ނިންމުމެއް ކަމަށް މޯހަން ބުންޏެވެ.
ކުރިން ނިއު ރޭޑިއަންޓާއި ވެލެންސިއާ އަށް ވެސް ކޯޗުކޮށްދިން މޯހަން އީގަލްސްގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އެ ޓީމުގައި މިދިޔަ ދެ އަހަރު ރަނގަޅު މަސައްކަތްތަކެއް ކުރި އެވެ. މިދިޔަ ސީޒަނުގައި އީގަލްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ ޓީމަށް ލީގުގެ ދެ ވަަނަ ހޯދައިދިނެވެ. އަދި އެ ކާމިޔާބީއާ އެކު އީގަލްސް އަށް މި އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިން އިން ޖާގައެއް ލިބިފައިވާއިރު، މޯހަން ވެސް އައީ އެ އަށް ތައްޔާރުވަމުންނެވެ.
މި ފަހަރުގެ ސީޒަނުގެ ފުރަތަަމަ މެޗުގައި އީގަލްސް އިން ވަނީ މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން މާޒިޔާ އަތުން ފަހަތުން އަރައި 3-2 އިން މޮޅުވެ ޗެރިޓީ ޝީލްޑް އުފުލާލައިފަ އެވެ. އެކަމަކު އޭގެ ފަހުން އެ ޓީމަށް އަނިޔާއާ އެކި މައްސަލަތައް ދިމާވެ ހާލަތު ދިޔައީ ގޯސްވަމުންނެވެ. އެންމެ ބޮޑު ބޮލުގެ ރިހުމަކަށް ދިމާވީ އީގަލްސްގެ އެއް ވަނަ ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) ކަކުލަށް ސީރިއަސް އަނިޔާއެއް ލިބި ސީޒަން ނިމުމުންނެވެ.
މީގެ ކުރިން އެފްއޭއެމް ޓެކްނިކަލް ޑިރެކްޓަރުކަން ކުރުމުގެ އިތުރުން ކޯޗިންގެ އެންމެ މަތީ ފާސް ޕްރޯ ލައިސަންސް ވެސް ހާސިލްކޮށްފައިވާ މޯހަން އަކީ މި ފަހަރުގެ ސީޒަންގައި ޓީމާ ވަކިވި ދެ ވަނަ ކޯޗެވެ. ލީގުގެ ފުރަތަމަ ހަތަރު މެޗަށް ފަހު މާޒިޔާގެ ކޯޗަކަށް ހުރި މުހައްމަދު ނިޒާމް (ނިޒާމްބެ) ވެސް ވަނީ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް ޓީމުން ވަކިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯއިކޯ
16 January 2021
ކިހިނެއް މިވީ. މިވަގުތު ރާއްޖޭގަ އޮތް އެންމެ މޮޅު ދެޓީމުގެ ދެކޯޗުންނަށް ރަގަޅު ނަތީޖާ ނުނެރެވިގެން ސީޒަންގެ ކުރީކޮޅު ޓީމާ ވަކިވަން ޖެހުނީ. ކޯޗަށްވުރެ ޓީމު ބޮޑުވީމަ މެނޭޖު ކުރަން ނޭގުނީތަ؟ ނޫނީ ހާލަތު ދިމާކުރިގޮތުން ދިމާވި ކަމެއްތަ؟ އީގަލްސްއަަށް ބަލާއިރު ކޯޗުގެ ޕްލޭން އޮތީ ރިޒުވީ ވަށާ. އެފަކީރު އިންޖަރީވީމަ ޓީމު ވިއްސިވިހާލިވެއްޖެ، ނިޒާމްބެއަަށް ދިމާވީ މާދެރަގޮތެއް މޮޅުކުޅުން ގިނަވުމުން އެންމެ ރަގަޅު ޓީމު ނަގަން ނޭގުނު. ވަރަަަަަށް ދެރަ.
އާރީ
16 January 2021
މޯހަންގެ ނިންމުން ގޯހެއް ނޫން. ދުނިޔޭގެ ފެންވަރުގެ ކޯޗުންވެސް ނިންމާ ހިތްވަރުގަދަ ނިންމްމެއް ކޯޗް ތި ނިންމެވީ. މޯހަންއަކީ ރާއްޖޭގެ ކޯޗުންތެރޭ ނަންބަރވަން ކޯޗް.