ދުނިޔޭގެ ކުޅިވަރު / މެސުތު އޮޒިލް

އާސެނަލްގެ އެއްބަސްވުން އުވާލައި އޮޒިލް ފެނަބާޗޭ އަށް

އޮޒިލް ފެނަބާޗޭ އަށް ސޮއިކުރުމުގެ ކުރިން އެ ކްލަބްގެ ސްކާފެއް ދައްކާލަނީ.-- ފޮޓޯ: އޭއެފްޕީ

18 ޖެނުއަރީ 2021 - 19:41

ލަންޑަން (ޖެނުއަރީ 18) - އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށް ފަހު ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް ތުރުކީގެ ފެނަބާޗޭ އަށް ބަދަލުވާން ނިންމައިފި އެވެ.

އުމުރުން 32 އަހަރުގެ އޮޒިލް އަށް މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން އާސެނަލް ޓީމުން ފުރުސަތު ނުދޭތީ މި ސީޒަނަށް ފަހު އޭނާގެ ކޮންޓްރެކްޓް ހަމަވުމުން އެ ޓީމު ދޫކޮށްލާނެކަން އޮތީ ކުރިން ވެސް ޔަގީންވެފަ އެވެ. އެކަމަކު ދާދި ފަހުން އޭނާ ވަނީ އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ހަ މަސް އޮއްވައި އުވާލައިފަ އެވެ. އޭނާ މިއަދު ފެނަބާޗޭއާ ގުޅެން ނިންމީ ހިލޭ ޓްރާންސްފާއެއްގަ އެވެ. އާސެނަލްގައި އޮޒިލް ހުރީ ހަފްތާ އަކު 475،000 ޑޮލަރުގެ މުސާރައެއްގަ އެވެ.

ތުރުކީގެ އެންޓީވީ އަށް ދިން އިންޓަވިއުއެއްގައި އޮޒިލް ބުނީ އޭނާ އަކީ އެންމެ ކުރިން ފެނަބާޗޭގެ ސަޕޯޓަރެއް ކަމަށާއި އެ ކްލަބްގެ ޖޯޒީގައި ކުޅެލަން ލިބުމުން އެ ފުރުސަތުގެ ބޭނުން ވީ އެންމެ ފުރިހަަމަ އަށް ހިފައި ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށެވެ. ތުރުކީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ފެނަބާޗޭއާ އެކު އޮޒިލް ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިިކުރާނެ އެވެ.

ތުރުކީ އާއިލާ އަކަށް އުފަން އޮޒިލް އާއި އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާންއާ ގާތްގުޅުމެއް އޮވެ އެވެ.

އޮޒިލް އެންމެ ފަހުން ސީނިއާ ލެވަލްގެ މެޗެއް ކުޅުނީ މިދިޔަ މާޗް މަހު ހަތް ވަނަ ދުވަހުގަ އެވެ. އޭގެ ފަހުން ތިން މަސް ދުވަހަށް ކޮވިޑް-19ގެ ސަބަބުން ފުޓްބޯޅަ ހުއްޓާލުމަށް ފަހު އަލުން ފެށި ފަހުން އާސެނަލްގެ ޓީމުން އޮޒިލަށް ފުރުސަތެއް ނުލިބެ އެވެ. ކުރިން ޓީމުގެ ބެންޗުން ފުރުސަތު ކޮންމެވެސް ވަރަކަށް ލިބުނު ނަމަވެސް ޕްރިމިއާ ލީގާއި ޔޫރޮޕާ ލީގު ސްކޮޑުން ބާކީކުރުމުން އޮޒިލް އާސެނަލްގައި ހޭދަކުރި ފަހު ދުވަސްތަކުގައި ކުޅެން ޖެހިފައިވަނީ 23 އަހަރުން ދަށުގެ (ރިޒާވް ޓީމު) އަށެވެ.

ތުރުކީ އާއި ޔޫރަޕްގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އާސެނަލުން އޮޒިލް ބާކީކުރުމުގެ ފަހަތުގައި ފުޓްބޯޅައިގެ ބޭރުގެ ސަބަބުތަކެއް ވުމުގެ ތުހުމަތުކުރެވެ އެވެ. އެ ގޮތުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޮޒިލް ވަނީ ޗައިނާ އިން އެ ގައުމުގެ ހުޅަނގު ސަރަހައްދުގެ ޒިންޖިއާންގެ މުސްލިމް މައިނޯރިޓީ އުއިގޫރް މީހުންނާ މެދު އަނިޔާވެރި އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޗައިނާ އަށާއި މުސްލިމް ގައުމުތައް ހަނުތިބޭތީ އެކަމަށް ވެސް ފާޑުކިޔައިފަ އެވެ. އެކަމުގައި އާސެނަލުން ވަނީ އޮޒިލް ކުރި ކަންތައް ކުށްވެރިކޮށް ބަޔާނެއް ވެސް ނެރެފަ އެވެ.

މިދިޔަ އޮގަސްޓް މަހު އޮޒިލް ވަނީ މީޑިއާގައި ދެއްކި ވާހަކައިގައި އުއިގޫރް ކަންތައްތަކުގައި އާސެނަލުން އޭނާ ދިފާއުކުރަން މަސައްކަތް ނުކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. އޭނާ ބުނީ އެމެރިކާގެ ކަޅު ނަސްލު މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް މަރާލުމުން ބްލެކް ލައިވްސް މެޓާ ކެމްޕެއިން ހިންގުމުގައި އާސެނަލުން ސަޕޯޓް ދިން ގޮތަށް އުއިގޫރްގެ މުސްލިމުންގެ ދިފާއުގައި ވެސް ބަސް ބުނެވެންވާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި އޮޒިލް އެންމެ ފަހުން އާސެނަލް ދޫކޮށްލަން ނިންމި ސަބަބަކީ މި މަހުގެ ތެރޭގައި ސީނިއާ ޓީމަށް އަލުން ކުޅުންތެރިން ރަޖިސްޓްރީކުރަން ހުޅުވާލި ފުރުސަތުގައި ވެސް އޭނާ އާސެނަލް ޓީމަށް ނުނަގަން އެ ކްލަބުން ނިންމުމުންނެވެ.

ޖަރުމަނުގެ ޝާލްކާ އިން 2006 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި އޮޒިލް ދެން ބަދަލުވީ ވާޑާ ބްރެމެން އަށެވެ. އެ ޓީމަށް 2008 އިން 2010 ވަނަ އަހަރާ ހަމައަށް ކުޅުނެވެ. ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި ވާދަކުރި ޖަރުމަނު ޓީމުގައި ހިމެނި އޮޒިލް ދެއްކި މޮޅު ކުޅުމުގެ ސަބަބުން ރެއާލް މެޑްރިޑުން އޮޒިލްގެ ސޮއި ހޯދި އެވެ. އެ ޓީމަށް ކުޅެދިން ތިން އަހަރު ތެރޭގައި އޮޒިލް ވެފައިވަނީ ޔޫރަޕްގެ އެންމެ ނުފޫޒުގަދަ މިޑްފީލްޑަރުންގެ ތެރޭގަ އެވެ.

އޮޒިލް އާސެނަލަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ. އެއީ 42.3 މިލިއަން ޕައުންޑުގެ އަގަކަށެވެ. އާސެން ވެންގާއާ އެކު ރަނގަޅު މަސައްކަތްތަކެއް ކުރި އޮޒިލް އަށް އާސެނަލަށް ފަހުން ކޯޗުކޮށްދިން ދެ ކޯޗުން ކަމަށްވާ އުނާއި އެމެރީ އާއި މިހާރުގެ ކޯޗު މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން މާ އެދެވޭ ކުޅުމެއް ނުދެއްކެ އެވެ. އޮޒިލް އާސެނަލް ދޫކޮށްލިއިރު އޭނާ އެ ޓީމާ އެކު ހޯދި ކާމިޔާބީ އަކީ ތިން އެފްއޭ ކަޕް އެވެ.

0 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 22%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454