ދިވެހި ކުޅިވަރު / މުހައްމަދު ޝިޔާޒު (މޯހަން)

ކޯޗުންނާއި ކުޅުންތެރިންނަށް ވެސް އޮތީ އެއް އުސޫލެއް: މޯހަން

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މޯހަން.-- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު

ކްލަބް އީގަލްސްގެ ކޯޗަކަށް އޭނާ ހުރިއިރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ އިތުރުން އެހެން ކްލަބްތަކުގެ އޮފާ (ހުށަހެޅުން) ވެސް ލިބުނު ކަމަށާއި ފުޓްބޯޅައިގައި ޓީމު ބަދަލުކުރުމުގައި ކޯޗުންނަށް ވެސް އޮންނާނީ ކުޅުންތެރިންނެކޭ އެއް އުސޫލެއް ކަމަށް އީގަލްސް އިން ވަކިވެ ދާދި ފަހުން ސަސްއާ ހަވާލުވި ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

އީގަލްސްއާ އެކު މޯހަން ހަދާފައިވާ އެއްބަސްވުން އުވާލީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ސަސްގެ ކޯޗަކަށް ހުރި އަހުމަދު ނާޝިދު (ނާދު)އާ އެކު އެ ކްލަބުން ހަދާފައިވާ އެއްބަސްވުން އުވާލައި މޯހަންއާ ޓީމު ހަވާލުކުރީ އިއްޔެ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުތަކުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބުނީ އީގަލްސްގައި އޭނާ ހުއްޓައި ސަސްގެ އިތުރުން އެހެން ކްލަބްތަކުގެ ހުށަހެޅުން ވެސް ލިބުނު ކަމަށާއި އީގަލްސް އިން ވަކިވާން ނިންމީ ހާލަތު އޮތްގޮތުން ދެ ފަރާތް ވާހަކަ ދެކެވިގެން އެއީ ކްލަބަށް ވެސް އެންމެ ރަނގަޅު ގޮތް ކަމުގައި ބެލުމަށް ފަހު ކަމަށެވެ.

އީގަލްސް އިން މޯހަން ވަކިވިއިރު އެ ޓީމު އޮތީ އަށް ޓީމު ވާދަކުރާ ލީގުގެ ހަތް ވަނައިގަ އެވެ. އޭނާ ވަނީ އެ ޓީމުގެ ނަތީޖާތަކުގެ ޒިންމާނަގާ ކަމަށް ބުނެފަ އެވެ.

އެންމެ ފަހުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ސަސްއާ އެއްވަރުވި މެޗަށް ފަހު އެ ޓީމުގެ ކޯޗަކަށް އޭރު ހުރި ނާދު ވަނީ މަގާމުން އިސްތިއުފާ ނުދޭނެ ކަމަށާއި ޖެހޭނީ ވަކިކުރަން ކަމަށް ބުނެފަ އެވެ. އެކަމަކު ފަހުން ސަސް އިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ނާދުއާ މަޝްވަރާކުރެވިގެން އޭނާ އާއި ސަސްއާ ދެމެދު ހަދާފައިވާ އެއްބަސްވުން އުވާލީ ކަމަށެވެ. ނާދު އޭރު ބުނީ އޭނާއާ ހަވާލުކުރީ ގަދަ ހައެއްގެ ޓާގެޓް ދީފައި ކަމަށާއި ފުރަތަމަ ބުރުގެ ފަހު މެޗާ ހަމައަށްދިޔައިރު ލީގުގެ ފަަސް ވަނައިގައި ސަސް އޮއްވައި އޭނާ ވަކިކުރުން އެއީ ރަނގަޅު ނިންމުމެއްގެ ގޮތުގައި ދެކޭނެ ގޮތެއް ނެތް ކަމަށެވެ.

އޭއެފްސީ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ މޯހަން މިއަދު ބުނީ ސަސްގެ ކޯޗު ބަދަލުކުރަން ނިންމުމާ ބެހޭގޮތުން އެއްޗެއް ބުނެވޭނީ ކްލަބް މެނޭޖްމަންޓަށް ކަމަށެވެ.

"މީގެ ފުޓްބޯޅައިގައި މި އޮންނަނީ ކުޅުންތެރިންނެކޭ ކޯޗުންނެކޭ އެއް އުސޫލެއް ވަކިވާންޖެހުމާއި ވަކިކުރުމާއި ރަނގަޅު ހުށަހެޅުމެއް ލިބިއްޖިއްޔާ އެ ދިމާލަކަށް ދިއުމާއި އެ ކަހަލަ ކަންތައްތައް އޮންނަނީ. އަޅުގަނޑަށް ހީވަނީ އެއީ އެންމެން ވެސް އިހުތިރާމްކޮށް ބަލައިގަންނަންޖެހޭ ކަމެއްހެން،" މޯހަން ބުންޏެވެ.

"ފަހަރެއްގައި ވެދާނެ ދިވެހިރާއްޖޭގައި އަދި އަލަށް ކަމަށް މިހެން ވަނީ. އެހެންވެ ކުޑަކޮށް އުނދަގޫކަމަށްވަނީ މީހުންނަށް ވެސް ގަބޫލުކުރަން. އަޅުގަނޑު ގަބޫލުކުރަނީ ދިވެހިންނަކީ އިންޓަނޭޝަނަލް ފުޓްބޯޅަ ބަލައި އަަބަދު އޭގެތެރޭ އުޅެމުންދާ ބައެއްކަމަށްވާތީ އެ ވަރު ގަބޫލުކުރެވޭނެ ކަމަށް،".

ސަސް އިން މޯހަން އަށް ދިނީ ތިން އަހަރުގެ ކޮންޓްރެކްޓް އެކެވެ. ނާދު އެކޭ އެއްގޮތަށް މި ސީޒަނަށް މޯހަން އަށް ވެސް ސަސްގެ މެނޭޖްމަންޓުން ދީފައިވާ ޓާގެޓަކީ ލީގުގެ ގަދަ ހައެއްގެ ތެރޭގައި ނިންމުމެވެ. މޯހަން ބުނީ ސަސްގެ މެނޭޖްމަންޓުން ބޭނުންވަނީ ގިނަ ޕާސްތަކެއް ކޮށްގެން ކުޅޭ ރީތި ފުޓްބޯޅައެއް ކުޅެގެން ނަތީޖާ ނެރުން ކަމަށާއި އެކަމަށް ފޯކަސްކޮށްގެންނާއި މުސްތަގުބަލަށް ވިސްނައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

"ތިން އަހަރު ތެރޭ ނޫނީ މި ސީޒަން ވެސް ނިމޭ ހިސާބަށްދާއިރު އަޅުގަނޑަށް ކޮންމެވެސް ހިސާބަކަށް މި ބަދަލު އަންނަކަމުގެ އަލިކަމެއް ދެއްކެންޖެހޭނެ. ދެން ދެ އަހަރުވާއިރު އޭތި ރަނގަޅަށް ފެންނަން ޖެހޭނެ. ތިން ވަނަ އަހަރެއްގައި ލީގަށް ތަށްޓައް ވާދަކުރެވޭނެ ޓީމަކަށް ސަސް ހަދަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެ އުއްމީދާ އެކީގައި ހަވާލުވެ މި ހުރީ،" މޯހަން ބުންޏެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގެ އިތުރުން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ވެސް ކޮށްފައިވާ މޯހަން ބުނީ ޓާގެޓާ ހަމައަށްދާން މަސައްކަތް ފަށަން މާދަމާ ހަވީރު ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ވީ ވަރަކުން ކުދިކުދި ބަދަލުތަކެއް ގެންނަން މަސައްކަތްކުރާނެ ކަމަށެވެ.

"އަޅުގަނޑަކީ ވެސް ޖާދޫ ހަދާ މީހެއް ނޫން އެހެންވީމަ ވަރަށް ވަގުތު ބޭނުންވާނެ. އުއްމީދުކުރަނީ ދެ ދުވަހުން (ދެ ޕްރެކްޓިހުން) ވެސް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ފެންނާނެކަމަށް. ބެލެންސެއް އޮތް ޓީމެއް ނޫން މިއީ. އެކަން މެނޭޖްމަންޓް ވެސް ގަބޫލުކުރޭ. މިހާރުން ފެށިގެން ޖެހޭނީ މި ސީޒަނުގައި އެޑްޖަސްޓް ކުރެވޭތޯ މަސައްކަތްކުރަން. ތިބި ކުޅުންތެރިން ދަސްކުރުން އެއީ ފެށުމަކީ. ދެން ކުޅުންތެރިން ބޭނުންވެއްޖެނަމަ ކުރިއަށް އޮތް ޓްރާންސްފާގައި އެކަމަށް މަސައްކަތްކުރުން އޮތީ،" މޯހަން ބުންޏެވެ.

ސަސް އަކީ ފުރަތަމަ ޑިވިޝަނުގައި މޯހަން ކޯޗުކޮށްދޭނެ ފަސް ވަނަ ޓީމެވެ. މީގެ ކުރިން އޭނާ ވަނީ އީގަލްސްގެ އިތުރުން ނިއު ރޭޑިއަންޓާއި ވެލެންސިއާ، ދ. ކުޑަހުވަދޫގެ އިތުރުން މަހިބަދޫ ސްޕޯޓްސް ކްލަބަށް ފުރަތަމަ ޑިވިޝަނުގައި ކޯޗުކޮށްދީފަ އެވެ. ދިވެހި ޕްރިމިއާ ލީގަށް ރިބްރޭންޑްކުރި ފަހުން މޯހަން ފެނުނީ އީގަލްސްގެ އިތުރުން ދ. ކުޑަހުވަދޫ ބެންޗުންނެވެ.

މޯހަންގެ ކޯޗުކަމުގައި މިދިޔަ ދެ އަހަރު ތެރޭ އީގަލްސް އިން ކުރިއެރުންތަކެއް ހޯދި އެވެ. ކުރެވުނު މަސައްކަތުން އެ ޓީމަކީ ލީގުގެ ތަށްޓައް ވާދަކުރެވޭ ވަރުގެ ޓީމަކަށް ހެދުނު ކަމަށް މޯހަން ގަބޫލުކުރެ އެވެ. މޯހަންއާ އެކު އީގަލްސް އިން ވަނީ މިދިޔަ ސީޒަނުގައި ލީގުގެ ދެ ވަނަ ހޯދައިފަ އެވެ. މޯހަން ބުނީ އީގަލްސްގައި އޭނާ ކުރި އެ މަސައްކަތް ގިނަ ބަޔަކު ބަލައިގަތުމަކީ ހިތްހަމަޖެހުމެއް ކަމަށާއި ސަސްއާ އެކު މިހާރު މި އޮތީ ކޯޗިން ކެރިއަރުގައި މުޅިން އާ ޗެލެންޖެއް ކަމަށެވެ.

"އަޅުގަނޑު ދައްކައިދޭންޖެހެނީ މީހުންނަށް (ސަސް އަށް) މި ބަދަލު އަޅުގަނޑަށް ގެނެވޭނެކަން. އެ ވަރުގެ ގާބިލުކަން އަޅުގަނޑުގައިގައި ހުރިކަން. އެއީ ވަރަށް ވަރަށް ބޮޑު ޗެލެންޖެއް. ކުރަން ޖެހޭ މަސައްކަތް ވަރަށް ގިނަވާނެ. ހަމައެކަނި ދަނޑުމަތީގައި އެ ކުރާ ދެ ގަޑިއިރުގެ ޕްރެކްޓިހެއް ނޫން. ކޮންމެ ކުޅުންތެރިއަކަށް ވިސްނައިގެން ކުޅުންތެރިން ވެސް ޑިވެލޮޕްކުރަން ކުރެވޭ ތައްޔާރީތައް ރަނގަޅުކުރެވޭތޯ ބަލާނަން،" މޯހަން ބުންޏެވެ.

ސަސް އަކީ ފުރަތަމަ ޑިވިޝަނުގައި ފައިތިލަ ސާބިތުކޮށްފައިވާ ޓީމެއްގެ ގޮތުގައި ކުރިއަށް ގެންދަން ކުރަން ޖެހޭ މަސައްކަތުގައި ރަނގަޅު ކޯޗިން ޓީމެއް ވެސް އޮންނަން ޖެހޭ ކަމަށް މޯހަން ދެކެ އެވެ. އެ ގޮތުން މި ވަގުތު ސަސްގައި ތިބި އެސިސްޓަންޓް ކޯޗު ފަރީދު މުހައްމަދު (ފަރިއްޓެ) އާއި ގޯލްކީޕަރު ޓްރެއިނަރު ހަސަން ހަމީދު (ޑަކޭ)ގެ އިތުރުން އަދި ދެ ކޯޗަކު ބޭނުންވާ ކަމަށް މޯހަން ބުންޏެވެ. .

ސަސް އާއި ވެލެންސިއާ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަމަނާ 1

21 January 2021

މޯހަންމެން އޭއެފްސީ ޕުރޯ ލައިސަންސް ނެގިޔަސް، ޕްރޮފެޝަނަލް ލެވެލް މި ހުންނަނީ ވަކަރުގޭގެ ފެންވަރަށް. ހަމަ އެހެން ކްލަބަކުން ބޮޑުކޮށް ލިބޭއިރަށް، ޓީމު ދޫކޮށްލާފަ އެ ބަޗަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454