22 ޖެނުއަރީ 2021 - 23:51
ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރިއާސީ އިންތިޚާބަށް ކުރިމަތިލެއްވީ ޕާޓީގެ ރައީސްކަމުގައި މިހާރު ވެސް ހުންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އަދާލަތު ޕާޓީން މިރޭ ބުނި ގޮތުގަައި އިމްރާންގެ ރަނިންމޭޓެއްގެ ގޮތުގައި ނައިބު ރައީސް ކަމަށް ކުރިމަތިލެއްވީ އަހްމަދު ޝަރީފެވެ. އަދި ޒާހިރުގެ ރަނިންމޭޓަކީ އަހްމަދު ނަޝީދެވެ.
އިންތިހާބަށް އިއުލާނުކުރި އިރު ޕާޓީގެ އަސާސީ ގަވައިދު އޮތް ގޮތުން ރައީސް ކަމުގެ މަގާމަށް އަންހެނުންނަށް ވާދަކުރެވެން ނެތުމުން އެކަމަށް ފާޑުކިޔުން އަމާޒުވި އެވެ. އެހެންވެ ފަހުން ވަނީ އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް ގަވައިދު ބަދަލުކޮށްފަ އެވެ. ނަމަވެސް އިއްޔެ ހަވީރު 4:00 އާ ހަމަ އަށް ވަގުތު ހަމަވިއިރު އެއްވެސް އަންހެނަކު ރައީސް ކަމަށް ކުރިމައްޗެއް ނުލަ އެވެ.
އަދާލަތު ޕާޓީގެ މި އިންތިހާބު ބާއްވާނީ އެ ޕާޓީން ބުނެފައިވާ ގޮތުގައި އޮންލައިންކޮށެވެ.
އެ ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވާ އިންތިހާބު މި މަހުގެ 31 ވަނަ ދުވަހު ބާއްވާނެ އެވެ. އަދާލަތު ޕާޓީގެ މެމްބަރެއްގެ ގޮތުގައި މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ރަހިސްޓްރީވެފައިވާ އެންމެންނަށް މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ އިރު، މިހާތަނަށް 7،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށް އެ ޕާޓީގެ މީޑިއާ ކޮމިޓީ މެމްބަރަކު ކުރިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޮންލައިންކޮށް އިންތިހާބު ބާއްވަން ނިންމީ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ. އަދި މިދިޔަ މަހު ވެސް އެ ޕާޓީގެ ދާއިރާ މެމްބަރުން ކަނޑައަޅަން ބޭއްވި އިންތިހާބެއްގައި އޮންލައިންކޮށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ވޯޓުގެ ކަންތައް ހަމަޖައްސަނީ އެމެރިކާގެ ކުންފުންޏަކާ ގުޅިގެން،" އޭނާ އޭރު ވިދާޅުވި އެވެ.
މި އިންތިހާބުގައި ވޯޓުލާ އަދާލަތު ޕާޓީގެ މެމްބަރުންނަށް، ވޯޓު ލާން ހާއްސަ ލިންކެއް ފޮނުވާނެ އެވެ. ވޯޓު ލެވޭނީ އެ މީހާގެ އައިޑީ ކާޑު ނަންބަރާއި އަދާލަތު ޕާޓީން ދީފައިވާ ނަންބަރެއް އެއްގޮތްވެ، އެ މީހެއްގެ ވަނަވަރު ކަށަވަރުވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން.
23 January 2021
ވަގުތު ހަމަވި ފަހުން މުނާފިގު ކަމުން ރައްޔިތުންނަށް ދައްކަން ކުރިކަމެއް. ތީ އެއްވެސް ތާކުން ތާކު ޖެހޭ ޕާޓީއެއް ނޫން.
ކުޅު
23 January 2021
މަގާމު ލިބުނީމަ ޤައުމައް ދެރަގޮތް ވިޔަސް ވަރިހަމަ މީހުން ތިފެންނަނީ.
ކަޑަ
23 January 2021
ބަހަކާ އަމަލަކާ ދިމާނުވާ ޕާޓީ
ދޮންބެއްޔަ
23 January 2021
ތިބުނާ ބަހާ އަމަލާ ދިމާވާ ޕާޓީ ދައްކަދީބަލަ! މިފައުމުގައި ސިޔާސީ ޕާޓީއެއްގެވެސް އަދި ސިޔާސީ ޒަޢީމެއްގެ ވެސް ބޮޑުމިން އޮންނަނީ މުނާފިގުވުމާ ޣައްދާރުވެވޭ މިންވަރު ބޮޑުވާ ވަރަކުން!
ޢަޔާޒު
23 January 2021
ދެން މަސްލަހަތަށް ބަލާފައޭ ކިޔާފައި ޒާހިރުގެ ނަން އަނބުރާ ނެގީމައި ތިޔަކަންވެސް ނިމި ތިކުރަންއުޅޭ ކަންވެސްވީ ދޯ.
ވޮއިޑޭ
23 January 2021
ވަގުތު ހަމަވި ފަހުން ކޮށްފަ އޮތް ކަމެއްތީ އުފެދުމުގަވެސް ބާތިލް ވާދަ ކުރުމެއް