އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް. --ފޮޓޯ:ގެޓީ އިމޭޖަސް
23 ޖެނުއަރީ 2021 - 12:54
ވޮޝިންޓަން (ޖެނުއަރީ 23) - ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިމްޕީޗްމަންޓް ޝަރީއަތް ސެނެޓުގައި އަންނަ މަހު ފަށަން ޑިމޮކްރެޓިކުންނާއި ރިޕަބްލިކަން ސެނެޓަރުންގެ މެދުގައި އެއްބަސްވުމަކަށް އާދެވިއްޖެ އެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް މި މަހު 6 ވަނަ ދުވަހު ސަޕޯޓަރުން ވަދެ ހަމަނުޖެހުން ހިންގަން ހިތްވަރު ދިނުމުގެ ކުށުގައި ކޮންގްރެސްގެ ދަށުގެއިން ޓްރަމްޕް ވަނީ މި މަހު 13 ވަނަ ދުވަހު އިމްޕީޗްކޮށްފަ އެވެ. ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ޓްރަމްޕުގެ މައްސަލަ ސެނެޓަށް ފޮނުވަން ހަމަޖައްސާފައި ވަނީ އަންނަ ހޯމަ ދުވަހު އެވެ. ނަމަވެސް އެ މައްސަލަ ސެނެޓުގައި ފެބްރުއަރީ 8 ގެ ކުރިން ކުރިއަށް ނުގެންދަން ވަނީ އެއްބަސްވެފަ އެވެ. ސަބަބަކީ ޓްރަމްޕުގެ ވަކީލުން ތައްޔާރުވުމަށް ފުރުސަތު ދިނުމެވެ.
ޓްރަމްޕުގެ އިމްޕީޗްމަންޓް ދެވަނަ ޝަރީއަތް ސެނެޓުގައި މި ފަށަނީ ފުރަތަމަ އިމްޕީޗްމަންޓުން ސެނެޓުގެ ވޯޓުން ސަލާމަތްވިތާ އަހަރެއްހާ ދުވަސް ފަހުންނެވެ. ޑިސެމްބަރު 2019 ގައި ޓްރަމްޕް އިމްޕީޗްކޮށްފައި ވަނީ ރިޔާސީ އިންތިޚާބުގައި ޔޫކްރޭނުގެ އެހީ ހޯދަން އުޅުނުކަމުގެ ތުހުމަތުގަ އެވެ. ސެނެޓުން މައްސަލަ ބެލީ ބާރުގެ ބޭނުން ނަހަމަގޮތުގައި ކުރުމާއި ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށުގަ އެވެ.
ޓްރަމްޕުގެ ހަތަރު އަހަރުގެ ރިޔާސީ ދައުރު ވަނީ ބުދަ ދުވަހު ނިމިފަ އެވެ. ޓްރަމްޕުގެ ވެރިކަން ނިމުނު ނަމަވެސް ސެނެޓުގެ ޝަރީއަތް ކުރިއަށް ގެންދެވިދާނެ އެވެ. އަދި ވެރިކަމަށް ދެން ކުރިމަތިނުލެވޭ ގޮތަށް ވެސް ސެނެޓުގެ އަޣުލަބިއްޔަތު ވޯޓުން ނިންމިދާނެ އެވެ. ނަމަވެސް ޓްރަމްޕުގެ އިމްޕީޗްމަންޓް ޝަރީއަތުގައި އެމަނިކުފާން ކުށްވެރިވާ ކަމަށް ނިންމޭނީ ތިންބައިކުޅަ ދެބައި ވޯޓުންނެވެ. އެ އަދަދަށް ވޯޓު ހަމަކުރަން ރިޕަބްލިކަން ޕާޓީގެ 17 ސެނެޓަރުންގެ ތާއީދު ބޭނުންވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރަންޖީ ހާޖީ
23 January 2021
ތިކަމުން ސަލާމަތްވަންޏާ އަވަހަށް މިތަނަށް އާދޭ. ދޮންކުދިންނަށް މިތާއުޅެވޭނެ އެމީހުން ބޭނުންގޮތަކަށް.