ބޮރިސް ޖޯންސަން އަދި ކެނެތު ބްރަނާ.
26 ޖެނުއަރީ 2021 - 07:44
އިނގިރޭސިވިލާތުގެ މިހާރުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ރޯލު ޓީވީ ސިލްސިލާއެއްގައި ކުޅެން، މަޝްހޫރު އެކްޓަރު ކެނެތު ބްރެނާ ސޮއިކޮށްފި އެވެ.
މި ސީރީޒަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އިނގިރޭސި ސަރުކާރުން ގެންގުޅެން ފެށި ސިޔާސަތުތަކާއި އެކަމާ ގުޅިގެން ބޮޑުވަޒީރުގެ ފަރާތުން ފެނުނު މުހިއްމު ކަންކަމަށް ބިނާކޮށް ސްކައި ޓީވީން ހަދާ ފަސް އެޕިސޯޑްގެ ޑްރާމާއެކެވެ.
ނަމަކަށް "ދިސް ސެޕްޓެރެޑް އައިލްސް" ގެ ނަން ދީފައިވާ ސިލްސިލާ ހަދާކަން އިއުލާންކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެކަމަކު ކާސްޓުން ފައިނަލްކުރަން ވަގުތު ނެގުމުން މަސައްކަތް ނުފެށި ދިގުލައިގެން ދިޔައީ އެވެ. ނަމަވެސް މިހާރު ސިލްސިލާގެ މައިގަނޑު ކެރެކްޓާ ކުޅޭނެ އެކްޓަރަކަށް ކެނެތު ހަމަޖެހުމާ އެކު، މީގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.
ސިލްސިލާ ޑައިރެކްޓްކުރާނީ "ދަ ޓްރިޕް" ގެނެސްދިން އިނގިރޭސި ޑައިރެކްޓަރު މައިކަލް ވިންޓަބޮޓަމެވެ.
މި ޕްރޮޖެކްޓާ ބެހޭ ގޮތުން އޭނާ ބުނީ ސިލްސިލާގެ މައިގަނޑު ވާހަކަ ބިނާކުރާނީ އިނގިރޭސިވިލާތް ތަޖުރިބާކުރި ކޮވިޑް-19 ގެ ފުރަތަމަ ރާޅާއެކު ކަންކަންވެގެން ދިޔަ ގޮތާއި އެކަމާ ގުޅިގެން ބޮޑުވަޒީރު ބޮރިސްގެ ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކުގެ މައްޗަށެވެ. ކޮވިޑްގައި އެންމެ ގިނަ މީހުން މަރުވި ޔޫރަޕްގެ އެއް ގައުމުގެ ގޮތުގައި ފާހަގަކޮށްލެވޭ އިނގިރޭސިވިލާތުގެ ބޮޑުވަޒީރަކީ ވެސް ފުރަތަމަ ރާޅުގައި ބަލިޖެހިގެން ފަރުވާ ހޯއްދެވި ބޭފުޅެކެވެ.
މައިކަލް.
ބެލުންތެރިންނަށް "ދިސް ސަޕްޓެރެޑް އައިޒްލް" ގެނެސްދޭން ނިންމާފައި ވަނީ އަންނަ އަހަރުގެ އޮގަސްޓް/ސެޕްޓެމްބަރު ހިސާބުގަ އެވެ.
މީގައި ބޮރިސްގެ ރޯލު ކުޅެން ސޮއިކުރި އިނގިރޭސި އެކްޓަރު ކެނެތު، 60، އެންމެ ފަހުން ފެނިފައި ވަނީ 2018 ގެ ތާރީހީ ފިލްމު "އޯލް އިޒް ޓުރޫ" އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޑެތު އޮން ދަ ނައިލް" އާއި "ބެލްފާސްޓް" ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގްރެމަރ
26 January 2021
"ދިސް ސެޕްޓެރެޑް އައިލްސް" އެއް ނޫން. ރަނގަޅު ގޮތަކީ "ދިސް ސެޕްޓަރޑް އައިލްސް".