ދިވެހި ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2020

ފުޓްސަލް އާއި ފުޓްބޯޅަ އަށް ދެމެހެއްޓެނިވި ހައްލެއް ބޭނުންވޭ

ސަސްގެ ކޯޗު މޯހަން (ކ) އާއި ދަ ގްރާންޑޭގެ ކޯޗު އިންމަ (ވ): ފުޓްސަލް އާއި ފުޓްބޯޅަ ވަކިކުރުމުގެ މުހިއްމުކަން ފާހަގަކޮށްފައިވާ.-- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު

26 ޖެނުއަރީ 2021 - 17:23

2 comments

ފުރަތަމަ ޑިިވިޝަނުގެ ޓީމުތަކަށް ކުޅޭ ކުޅުންތެރިން ފުޓްސަލް މުބާރާތްތަކުގައި ކުޅެން ދިއުމުގައި ދެމެހެއްޓެނިވި ހައްލެއް ބޭނުންވާ ކަމަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް މާލޭގައި ކުރިއަށްދާ ފުޓްސަލް މުބާރާތްތަކުގައި ކުޅެ އެވެ. މި ވަގުތު ކުރިއަށްދާ ފުޓްސަލް މުބާރާތުގައި ވެސް ގިނަ ކުޅުންތެރިންތަކެއް އަންނަނީ ކުޅެމުންނެވެ. ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުތަކުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން އާއި އިންމަ ވަނީ ފުޓްސަލް އަށް ފުޓްބޯޅަ ކުޅުންތެރިން ދިއުމުގައި ހުރި ކަންބޮޑުވާންޖެހޭ ކަންތައްތައް ފާހަގަކޮށްފަ އެވެ.

މީގެ ކުރިން އެފްއޭއެމް ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު އަދާކުރި މޯހަން ބުނީ ފުޓްބޯޅަ ކުޅުންތެރިން ފުޓްސަލް އަށް ދިއުމުގެ މައްސަލަ ކޮންމެ ޓީމެއްގެ ކޯޗަކަށް ހުރިއިރު ވެސް ދިމާވާ ކަމަށެވެ. އެކަންކަމަށް މިހާތަނަށް ވެސް ހައްލެއް ނުލިބި އޮތީ ހުރިހާ ފަރާތެއް މީގެ އެކުވެގެން ދައްކަން ޖެހޭ މުހިއްމު ވާހަކަތައް ނުދެއްކި އޮތުމުން ކަމަށް މޯހަން ބުންޏެވެ.

"ހުރިހާ ފަރާތެއް ވެސް މަސައްކަތްކޮށްގެން އެބަޖެހޭ ދެ ފުޓްބޯޅަ ވަކިކުރަން. އެއީ ވަރަށް މުހިއްމު ކަމެއް. އެއީ ފައިން ކުޅުނެއް ކަމަކު ވަރަށް ތަފާތު ފުޓްބޯޅައެއް މި ކުޅެން ޖެހެނީ. ޖާގަ އަށާއި މި ހުރިހާ އެއްޗަކަށް ބަލާއިރު ފުޓްސަލް ކުޅެފައި އައިސް ޓެކްޓިކަލީ ފުޓްބޯޅަ ކުޅެން ބަލާއިރު ވަރަށް އުނދަގޫ،" ފުރަތަމަ ޑިވިޝަނުގެ ހަތަރު ޓީމެއްގައި މީގެ ކުރިން ވެސް ހުރި މޯހަން ބުންޏެވެ.

"އެއީ ފުޓްސަލް އަކީ މާ ބޮޑު މޫވްމަންޓްތަކެއް އަނެއްހެން އިންނަ އެއްޗެއް ނޫން ފާޑެއްގެ ރޮޓޭޝަންއެއް ކަންނޭނގެ އެ ކަހަލަ ގޮތަކަށޭ އަޅުގަނޑަށް ހީވަނީ އިންނަނީ. އެހާ ބޮޑު ޖާގައެއް އޮންނަ އެއްޗެއް ނޫން ބޮޑު ފުޓްބޯޅައިގައި ވާ ގޮތަކީ މޫވްމަންޓް ވަރަށް ގިނަ ވާންޖެހޭ. ހުސް ޖާގަތައް ފިލްކޮށް އެ ޖާގަތަކަށް ދުވެވެން އެބަޖެހޭ. އެ އަށް ބަލާއިރު އެއްބައި ކުޅުންތެރިން މަޑުކުރަަނީ ފަޔަށް އެ ބޯޅަ ކުޅެންދެން. ފަޔަށް ބޯޅަ ލިބުން އެއީ ފުޓްސަލްގައި އާންމުކޮށް ލިބޭ ގޮތް،"

މޯހަން ބުނީ މީގެ ވިސްނާލަންޖެހޭ އަނެއް ކަމަކީ ކުޅުންތެރިންނަށް ފުޓްސަލް މުބާރާތަށް ދެވޭގޮތަށް ކްލަބާއި ކުޅުންތެރިން ދެމެދުގައި އެ ވެވޭ އެއްބަސްވުން ކަމަށެވެ. މީގެ ކުރިން އޮފީސް ފުޓްސަލް މުބާރާތްތައް ކުޅެން ކުޅުންތެރިން ދޫކޮށްލަން މަޖުބޫރުވާ ކަމަށާއި އެއީ ވެސް ރާއްޖޭގެ ކުޅިވަރުގެ މާހައުލު އޮންނަ ގޮތުން ކަމަށް މޯހަން ފާހަގަކުރި އެވެ.

"މީގެ އެންމެ ބޮޑު ރަނގަޅަކީ މި ކަހަލަ މުބާރާތްތައް އޮފް ސީޒަނަކަށް ލެވޭތޯ ބެލުން. އެހެން ނޫނިއްޔާ ދެ ފުޓްބޯޅަ ކުޅޭ ކުޅުންތެރިން ހަމަ ދުނިޔޭގެ ގިނަ ތަންތާގައި އޮންނަހެން ވަކިކޮށްލުން ކަންނޭނގެ މުހިއްމުވާނީ،" މޯހަން ބުންޏެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން މި ފަހަރު ފެށީ ގާތްގަނޑަކަށް ނުވަ މަސް ދުވަހުގެ ދިގު ބްރޭކަކަށް ފަހުގަ އެވެ. ޖޫން މަހު ފަށަން ރޭވި ފުޓްބޯޅަ ސީޒަން ކޮވިޑް-19އާ ހެދި އެ ކުރިމަތިވި ދަތިތަކާ ހުރެ ސިއްހީ ކަންތައްތަކާ ބެހޭ މީހުންގެ ހުއްދަ ހޯދައިގެން ފެށުނީ މިދިޔަ މަހުގަ އެވެ.

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަމާއި މާޒިޔާގެ ހެޑް ކޯޗުކަން ދެ ފަހަރެއްގެ މަތިން ކުރި އިންމަ ބުނީ އޭނާގެ ނަޒަރުގައި މިކަން ރަނގަޅުކުރެވެން އޮތީ މުޅި ފުޓްބޯޅަ ކޮމިއުނިޓީ އެކުވެ، މިކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދައިގެން ކަމަށެވެ.

އިންމަ ބުނީ ކޮވިޑްގެ ހާލަތާ ހުރެ އެ އައި ބްރޭކަށް ފަހު ފުޓްބޯޅަ ސީޒަން ފެށިއިރު، ގިނަ ކުޅުންތެރިންގެ ފިޒިކަލް ފިޓްނަސް އެންމެ ރަނގަޅަށް ނެތްކަން މެޗުތައް ބެލި އެންމެނަށް ފެންނާނެ ކަމަށެވެ. އެ ހާލަތުން މަޑުމަޑުން އަރައިގަންނަން މަސައްކަތްކުރަނިކޮށް މި ވަގުތު ކުޅުންތެރިންނަށް އިތުރު މުބާރާތެއް ކުޅެން ޖެހުމަކީ މީގެ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް އިންމަ ބުންޏެވެ.

"އެހާ ކައިރި ކައިރީގައި މެޗުތައް ކުޅެން ޖެހުމާއި ރިކަވަރީ އަށް ކޮންސަންޓްރޭޓް ކުރުމުގައި މި ކަހަލަ ދަނޑިވަޅެއްގައި މި އަށް އިތުރު ޓޯނަމެންޓެއް ބޭރުން މި އަންނަނީ. އެ ކުޅެން ބޭނުންވާ ކުޅުންތެރިއެއް ވަރަށް ވިސްނުންތެރިކަމާ އެކު އިތުރު މުބާރާތެއްގައި ކުޅެން ޖެހޭނީ. އެއީ ހާއްސަކޮށް އިންޖަރީ ކަހަލަ ކަމެއް ދިމާވެއްޖިއްޔާ ވަރަށް އުނދަގޫ ކަންތައްތަކެއް ލީގަށް ދިމާވާނެ. ދިގު ސީޒަނަކާ ކުރިމަތިލައިގެން މި އުޅެނީ،" އިންމަ ބުންޏެވެ.

އާންމު ގޮތެއްގައި ފުޓްބޯޅަ ކުޅުންތެރިން ފަހަކަށް އައިސް ފުޓްސަލް ކުޅެންދާ އެންމެ ބޮޑު އެއް ސަބަބަކީ ކްލަބުން ލިބޭ މުސާރަ ގަވާއިދުން ނުލިބުމެވެ. މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުންތަކުގައި ކޯޗުން އެ ކަންކަން ފާހަގަކޮށްފައި ވެސްވެ އެވެ. ފުޓްސަލް އާއި ފުޓްބޯޅަ ވަކިކުރުމަކީ މީގެ ކުރިން ވެސް ކޯޗުން އެކި ޕްލެޓްފޯމްތަކުގައި ދައްކާފައިވާ ވާހަކަތެކެވެ. އެފްއޭއެމުން ފުޓްސަލް އަށް ހާއްސަކޮށް މާ ގިނަ މުބާރާތްތަކެއް މިހާތަނަށް ބާއްވާފައިނުވީ ނަމަވެސް މިހާރު އިމާރާތްކުރަން ފަށާފައިވާ އިންޑޯ ފުޓްސަލް އެރީނާގެ މަސައްކަތް ނިމުމުން ފުޓްސަލްގެ ގިނަ ހަރަކާތްތަކެއް ރަސްމީ ސިފައެއްގައި ފެށިގެންދާނެ ކަމަށް އެފްއޭއެމުން މީގެ ކުރިން މައުލޫމާތުދީފައިވެ އެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސާބެ

27 January 2021

ފުޓްސެލް އަކީ ފުޓްބޯޅައިގެ ހަލާކު. ފުޓްބޯޅައަކީ ފިޒިކަލް ކުޅިވަރެއް. ފުޓްސެލްއަކީ ގައިދުރު ކުޅިވަރެއް. ވިސްނަވާ

The name is already taken The name is available. Register?

ޢެމް ބީ އޭ

26 January 2021

ރަނގަޅު ވާހަކަ އެއް ، ބާސްކެޓް ގެ ވެސް ހަލާކޭ ބުނެވިދާނެ ހޭންޑްބޯލް މިގަ ވެސް ހަމަ ބުނެވޭނީ މޯހަން އާއި އިންމަ ފާހަގަ ކުރިހެން ބާސްކެޓް ގަ ތިކަންތައް ދިމާ ވެފަ މިއޮތީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454