ދިވެހި ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2020

ސަސް ބަލިކޮށް ގްރީން ސްޓްރީޓްސް ހަތަރު ވަނަ އަށް

ސަސްގެ ދެ ކުޅުންތެރިން ކައިރިން ގްރީން ސްޓްރީޓްސްގެ ޔާން (މ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

28 ޖެނުއަރީ 2021 - 00:00

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 2-0 އިން މޮޅުވެ، ކްލަބް ގްރީން ސްޓްރީޓްސް ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

މި މެޗަށް ނުކުތްއިރު ގްރީން ސްޓްރީޓްސް އޮތީ ލީގުގެ ހަ ވަނައިގަ އެވެ. އެއީ ފަސް ވަނައިގައި އޮތް ސަސްއާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. މެޗުން މޮޅުވެގެން ގްރީން ސްޓްރީޓްސް ހަތަރު ވަަނަ އަށް އެރީ އަށް މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ހަތަރު ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބް ފަސް ވަނަ އަށް ވެއްޓުނުއިރު، އެ ޓީމަށް ހަތް މެޗުން ނުވަ ޕޮއިންޓް ލިބިފައިވެ އެވެ. މާދަމާ ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށް ޓީސީ އަށް އަލުން ހަތަރު ވަނަ ހޯދޭނެ އެވެ. މިރޭ ބަލިވުމުން ސަސް ހަ ވަނަ އަށް ވެއްޓުނީ އަށް މެޗުން އަށް ޕޮއިންޓާ އެކު އެވެ.

ގްރީން ސްޓްރީޓްސް އިން ލީޑުނެގީ މެޗުގެ ހަ ވަނަ މިނިޓްގައި ހަސަން ނަޒީމް ގާސިމް (ޗޯޓު) ޖެހި ގޯލުންނެވެ. މިއީ ސަސްގެ ކެޕްޓަން ޝާފިއު އަހުމަދު (ޝާފީ) ފަހަތަށް ޖައްސާލި ބޯޅަ އެ ޓީމުގެ ކީޕަރު އުޒްބެކިސްތާންގެ މިރްޒޮހިދަށް ލިބުމުގެ ކުރިން ހޯދައި ޗޯޓު ކާމިޔާބުކުރި ގޯލެކެވެ. އޭގެ ދެ މިނިޓް ފަހުން ސަސްގެ ސްޕެއިން ފޯވާޑް ވިކްޓަ ރޮޑްރިގޭޒް ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސްގެ ކީޕަރު ޕާކިސްތާންގެ ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ޝާފީ ބޮލުން ޖެހި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.

މެޗުގެ 28 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އަށް ލީޑުފުޅާކޮށްދިން ގޯލު ޖަހައިދިނީ އަބްދުﷲ ޔާމީން (ޔާން) އެެވެ. އެ ޓީމުގެ މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލް ނަގައިދިން ހުރަހަކުން ޔާން މި ގޯލު ޖެހީ ބޮލުންނެވެ. އޭގެ ފަހުން އޭރިއާތެރެއިން ހަލީލް ހުސްކޮށްލާފައި ތަނަވަސްކޮށްދިން ފުރުސަތެއްގައި ޔާން ޖެހި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ.

ދެ ވަނަ ހާފްގައި ވެސް ސަސް އަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ. އެންމެ ރަނގަޅު ބޯޅަތަކެއް ލިބުނީ ވިކްޓަގެ އިތުރުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މި ހާފްގައި ކުޅެން އެރި ހަސަން އަދުހަމް (ސަޑޭ) އަށެވެ. ގިނަ ބޯޅަތައް ހުއްޓުވީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ގްރީން ސްޓްރީޓްސްގެ ކީޕަރު ސާގިބް އެވެ. އޭނާ ވަނީ މެޗުގެ ފަހު ކޮޅުގައި އަދުހަމް ޖެހި ޕެނަލްޓީ އެއް ވެސް މަތަކޮށްފަ އެވެ.

ސަސްގެ ކޯޗުކަމާ މުހައްމަދު ޝިޔާޒް (މޯހަން) ހަވާލުވި ފަހުން އެ ޓީމު ފުރަތަމަ ފަހަރަށް ބަލިވިއިރު، އޭނާ ބުނީ ކުޅުމަށް ބަލާއިރު ޝަކުވާކުރެވެން ނެތް ކަމަށެވެ. މި މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނުއިރު އޭނާގެ ނަޒަރުގައި މަދުވެގެން ދެ ގޯލު ވަރު ޖެހެން ޖެހޭނެ ކަމަށް މޯހަން ބުންޏެވެ.

"ފެށުން ދިޔައީ ތަންކޮޅެއް ދަށްކޮށް މިސްޓޭކް ވެސް ގިނަކޮށް ފެނުނީ. ކުޅުންތެރިން ވެސް ތަންކޮޅެއް ސޮފްޓްކޮށް ތިބީ. މުޅި މެޗަށް ބަލާއިރު ހިތްހަމަޖެހޭ ވަރަށް ވުރެ ގިނައިން ވެސް ޗާންސް ކްރިއޭޓްކުރެވުނު. ނަތީޖާއާ މެދު ހިތްހަމަނުޖެހުނަސް ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ. މީގެ އެބަޖެހޭ ވަރުގަދަކޮށް މެޗު ފަށަން. ދެން ލަނޑު ޖެހުމުގެ ނަސީބު ވެސް ވަރަށް ދަށްކޮށް މި ދިމާވީ،" މޯހަން ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަަދު ބުނީ މިއީ ހުރިހާ ކުޅުންތެރިން ވެސް 200 ޕަސެންޓް ދީގެން ކުޅުނު މެޗެއް ކަމަށާއި މިއީ ލީގުގައި ކުރިއަށްދާން ލިބިގެންދިޔަ ވަރަށް މުހިއްމު ތިން ޕޮއިންޓް ކަމަށެވެ.

ނިސްތާރު ވަނީ އެ ޓީމުގެ ގޯލްކީޕަރު ސާގިބް އައި ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ގްރީން ސްޓްރީޓްސް ބަލިވީ އެއް މެޗުން ކަމަށްވާއިރު، އޭނާގެ ސަބަބުން އެ ޓީމަށް ލިބޭ ހިތްވަރު ފެންނަން އެބައޮތް ކަމަށެވެ. ސާގިބް ބުނީ ގްރީން ސްޓްރީޓްސް ޓީމުން އެކުވެގެން ކުރާ މަަސައްކަތުންނާއި ކުޅުންތެރިންނާއި މެނޭޖްމަންޓުން ކުރާ އިތުބާރު ބޮޑުވުމުން ރަނގަޅަށް ކުޅެން ހިތްވަރު ލިބޭ ކަމަށެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454