ލަނޑު ޖެހުމަށް ފަހު އޮބާމަޔަންގް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
08 ނޮވެމްބަރ 2016 - 13:04
ލަންޑަން (ނޮވެމްބަރު 8) - ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ގެބޮންގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަންގަށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އާސެނަލުން 90 މިލިއަން ޕައުންޑް ހުށަހެޅިކަމަށް އޭނާގެ އޭޖެންޓް ވިންޗެންޒޯ މޮރަބީޓޯ ބުނެފި އެވެ.
އުމުރުން 27 އަހަރުގެ އޮބާމަޔަންގަކީ ފާއިތުވި އަހަރުތަކުގައި ޔޫރަޕްގައި އެންމެ ވިދުންގަދަ އެއް ފޯވާޑެވެ. މިދިޔަ ދެ ސީޒަނުގައި ވެސް އޭނާ ވަނީ ޑޯޓްމަންޑަށް ގިނަ ލަނޑުތަކެއް ކާމިޔާބު ކޮށްފަ އެވެ. މިފަހަރުގެ ޓްރާންސްފާ މާކެޓްގައި އޮބާމަޔަންގަށް ޔޫރަޕްގެ މަޝްހޫރު ފަސް ކްލަބެއްގެ ހުށަހެޅުން ލިބުނު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އޮބާމަޔަންގްގެ އެޖެންޓް މޮރަބީޓޯ ބުނީ އެންމެ ބޮޑު ހުށަހެޅުމެއް ލިބުނީ އާސެނަލުން ކަމަށެވެ.
"އާސެނަލުން އޮބާމަޔަންގަށް 80 މިލިއަން ޕައުންޑް ހުށަހެޅި. އެކަމަކު ޑޯޓްމަންޑުން އެއްބަހެއްނުވި. އެއީ އޮބާމަޔަންގް ވެސް ކްލަބް ބަދަލުކުރުމުގެ މާ ބޮޑު ޝައުގުވެރިކަމެއް ނެތީމަ،" މޮރަބީޓޯ ބުންޏެވެ.
އޮބާމަޔަންގް ނުލިބުމުން އާސެނަލުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ގަތީ ޑިޕޯޓިވޯގެ ސްޕެއިން ފޯވާޑް ލޫކަސް ޕެރޭޒް އެވެ. އޭނާ ގަންނަން އާސެނަލުން ވަނީ 17 މިލިއަން ޕައުންޑް ހަރަދުކޮށްފަ އެވެ.
ޑޯޓްމަންޑްގެ ކޯޗު ތޯމަސް ޓުޗެލްއާ އޮބާމަޔަންގާ ދެމެދު ޖެހުނު މައްސަލައެއްގެ ސަބަބުން މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގައި ސްޕޯޓިން ލިސްބަންއާ ދެކޮޅަށް ޑޯޓްމަންޑް ކުޅުނު މެޗަށް ނެގި ސްކޮޑުން އޮބާމަޔަންގް ވަނީ ބާކީ ކޮށްފަ އެވެ. އެ މައްސަލަ ހައްލުކޮށް މިދިޔަ ހޮނިހިރު ދުވަހު ހެމްބާގާ ދެކޮޅަށް ޑޯޓްމަންޑް ކުޅުނު މެޗަށް ނެގި ސްކޮޑުން އޮބާމަޔަންގަށް ފުރުސަތު ދިންއިރު އޭނާ ވަނީ އެ މެޗުގައި ހަތަރު ލަނޑު ޖަހައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަޓޭ
08 November 2016
އެޖެންޓް ބުންޏަސް އާސެނަލުން ތިވަރު ހުށަހަޅާނެކަމަކަށް ނުބެލެވޭ... ހާއްޞަކޮށް އާސެން ވެންގާ...