މިހާރު ވެސް ފަސް ފިލްމެއްގެ ޝޫޓިން ނިމިފައި އޮތް އިރު، ދެ ފިލްމެއްގެ ޝޫޓިން ކުރިއަށްދޭ
07 ފެބުރުއަރީ 2021 - 07:56
އިންޑިއާގެ އެންމެ ބޮޑު ފިލްމު ސްޓޫޑިއޯ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް މިދިޔަ އަހަރު 50 އަހަރު ފުރުނު ނަމަވެސް އެކަން ފާހަގަކުރަން ރޭވި ހަރަކާތްތައް ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި މި އަހަރަށް ވަނީ ފަސްކޮށްފަ އެވެ. ސްޓޫޑިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ވަރަށް އަވަހަށް އާ ފަސް ފިލްމެއް އިއުލާންކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާ އިސްކޮށް ހުރެގެން މިހާރު ހިންގާ ކުންފުނީގެ އާ ފިލްމުތައް އިއުލާންކުރާނީ މި މަހުގެ ފަހުކޮޅު ނުވަތަ މާޗް މަހުގެ ކުރީކޮޅު އެވެ. އަދި މީގެ ތެރޭގައި ހިމެނެނީ މަޝްހޫރު ތަރިންތަކެއްގެ ބޮޑެތި ފިލްމުތަކެވެ.
ވައިއާރްއެފްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން ޝޫޓިން ނިމިފައި ހުރި ފިލްމުތަކަކީ ރާނީގެ "ބަންޓީ އޯރް ބަބްލީ 2" އާއި ރަންވީރު ސިންގްގެ "ޖަޔޭޝްބާއީ ޖޯރްދާރު" އާއި އަކްޝޭ ކުމާރުގެ "ޕްރިތުވީރާޖް" ގެ އިތުރުން ރަންބީރް ކަޕޫރްގެ "ޝަމްޝޭރާ" އެވެ.
ޝޫޓިން ފަށާފައިވާ ވައިއާރްއެފްގެ ފިލްމުތަކުގެ ތެރޭގައި ޝާހްރުކް ޚާންގެ "ޕަތާން" އާއި ނަން އަދި އިއުލާންނުކުރާ އެކްޓަރު ވިކީ ކޯޝަލްގެ ފިލްމެއް ހިމެނެ އެވެ.
ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ފިލްމުތަކުގެ ތެރޭގައި ސަލްމާން ޚާންގެ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމު ހިމެނެ އެވެ.
ކާމިޔާބު އެތައް ފިލްމެއް ގެނެސް ދީފައިވާ ވައިއާރްއެފްގައި މަސައްކަތް ނިމި އެކަމަކު ރިލީޒްނުވެ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައި އޮތް ފިލްމެއް ވެސް ހިމެނެ އެވެ. އެއީ އަރުޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްޅާގެ "ސަންދީޕް އޯރް ޕިންކީ ފަރާރު" އެވެ. އެ ފިލްމަކީ އެންމެ ފުރަތަމަ 2018 ގައި ގެނެސްދޭން އުޅުނު ފިލްމެކެވެ.
ޔާޝް އާއި އަދިތިޔާ.
ހަންގާމާ އިން ބުނިގޮތުގައި ވައިއާރްއެފްގެ ރަންޔޫބިލް އަހަރު ފާހަގަކުރުން ކުރިއަށް އޮތުމާ އެކު، މި އަހަރު އިއުލާންކުރާ އާ ފަސް ފިލްމާ އެކު، މިހާރު މަސައްކަތުގެ މަރުހަލާގައި ހުރި ފިލްމަތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ސްޓޫޑިއޯ އިން ހިއްސާކުރާނެ އެވެ. އޭގެ ތެރޭގައި ފިލްމުތައް ރިލީޒްކުރާ ތާރީހުތައް ހިމެނެ އެވެ.
ވައިއާރްއެފްގެ ފިލްމުތަކެއް އެންމެ ފަހުން ސިނަމާތަކަށް އައީ 2019 ގަ އެވެ. އެ އަހަރު ގެނެސްދިނީ ރިތިކް ރޯޝަންގެ "ވޯ" އާއި ރާނީގެ "މަރުދާނީ 2" އެވެ.
ވައިއާރްއެފަކީ ކުރީގެ މަޝްހޫރު ޑައިރެކްޓަރު ޔާޝް ޗޯޕްޅާގެ ކުންފުންޏެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy