ޓައިގާ އަދި ސާރާ.
10 ފެބުރުއަރީ 2021 - 07:25
ޓައިގާ ޝްރޮފާ އެކު ސާރާ އަލީ ޚާން ފިލްމަކުން ފެނިދާނެ ކަމަށް ބުނާ ވާހަކަ ދޭތެރެ ދޭތެރެ އިން މީޑިއާތަކަށް އަރަ އެވެ. އެގޮތުން ޓައިގާ ޝޫޓީން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ "ހީރޯޕަންތީ 2" ގެ ބަތަލާ އަކީ ވެސް ސާރާ ކަމަށް ކުރިން އަޑުއެރި އެވެ. އެކަމަކު އޭގެ ބަތަލާއަކަށް މިހާރު ވަނީ ޓައިގާގެ 2019 ގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2" ކުޅުނު ތާރާ ސުތާރިއާ ހަމަޖައްސައިފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ހީރޯޕަންތީ 2" ގެ ޑައިރެކްޓަރު އެހުމަދު ޚާން ޑައިރެކްޓްކުރަން ހަމަޖެހިފައިވާ "ބާގީ 4" އަށް ސާރާ ނެގިކަން މިހާރު ވަނީ ޔަގީނާ ގާތަށް ކަށަވަރުވެފަ އެވެ. އެގޮތުން ފިލްމުގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ވެސް ފިލްމަށް ނަގަން އެންމެ ބޭނުންވި ބަތަލާއަކޯ ސާރާ އަށްވެފައި އަރަމުން އަންނަ ޒުވާން ބަތަލާ އަށް ފިލްމަކުން ފުރުސަތުދޭނެކަން ސާޖިދު ކުރިން ވެސް ބުނެފައިވާތީ ސާރާ އަށް "ބާގީ 4" ދިނީ އެވެ.
ޓައިގާ އާއި ސާރާގެ ޖޯޑު ފިލްމަކުން އެކީގައި ފެނުމަކީ ވަރަށް ޝައުގުވެރި ކަމަކަށް ވާނެ އެވެ. ސަބަބަކީ ޓައިގާގެ ބައްޕަ ޖެކީ ޝްރޮފާއި ސާރާގެ މަންމަ އަމްރިތާ ސިންގް އަކީ ޒުވާން ދުވަސްވަރު އެކީގައި ފިލްމުތަކެއް ކުޅުނު ދެ ތަރިންނަށްވުމެވެ. އަނެއްކޮޅުން ޓައިގާ ވެސް އަމްރިތާއާ އެކު މަސައްކަތްކޮށްފައިވެ އެވެ.
ދެހާސް ސޯޅައިގައި ރިލީޒްކުރި ޓައިގާގެ ސުޕަހީރޯ ފިލްމު "ފްލައިން ޖަޓް" ގައި އޭނާގެ މަންމަގެ ރޯލު ކުޅުނީ ސާރާގެ މަންމަ އެވެ.
ޓައިގާ ވަރުގަދަ އެކްޝަން ރޯލަކުން ފެނިގެންދާ "ބާގީ" ސީރީޒްގެ ތިން ވަނަ ފިލްމު ބެލުންތެރިންނަށް ގެނެސްދިނީ މިދިޔަ އަހަރު އެވެ. އެ ފިލްމާއި 2016 ގެ "ބާގީ" ގެ ބަތަލާ އަކީ ޝްރަދާ ކަޕޫރެވެ. އެކަމަކު 2018 ގައި ގެނެސްދިން "ބާގީ 2" ގެ ބަތަލާ އަކީ ޓައިގާގެ ލޯބިވެރިޔާ ޑިޝާ ޕަޓާނީ އެވެ.
"ބާގީ" ގެ ފުރަތަމަ ފިލްމު ސަބީރް ޚާން ޑައިރެކްޓްކުރި ނަމަވެސް، މި ސީރީޒާ މިހާރު ހަވާލުވެގެން ހުރީ އެހުމަދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy