ކުޅިވަރު / ރައްޔިތުންގެ މަޖިލިސް

ސްޕޯޓްސް އާބިޓްރޭޝަން ޕެނަލްގެ ގަވާއިދުތައް އަވަސްކުރަން މަޖިލީހުން އަންގައިފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން މެމްބަރު އަލީ އާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: މަޖިލިސް

11 ފެބުރުއަރީ 2021 - 08:53

ކުޅިވަރު ގާނޫނުން ލާޒިމްކޮށްފައިވާ ސްޕޯޓްސް އާބިޓްރޭޝަން ޕެނަލް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންގޮސް އެކަމާ ގުޅުންހުރި ގަވާއިދުތަކާއި އުސޫލުތައް ވީ އެންމެ އަވަހަކަށް ހަދަން ރައްޔިތުންގެ މަޖިލީހުން އަންގައިފި އެވެ.

މަޖިލީހުން މި ގޮތަށް އެންގީ މިދިޔަ އަހަރުގެ ޖޫން މަހު ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ހުށަހެޅި ގަރާރުގެ ކަންތައްތައް ކޮމިޓީން ދިރާސާކުރުމަށް ފަހު އިއްޔެ މަޖިލީހުން ކޮމިޓީ ރިޕޯޓް ފާސްކުރިއިރު އެވެ. އާޒިމް ހުށަހެޅުއްވި ގަރާރަކީ ރާއްޖޭގެ ކުޅިވަރު ގާނޫނާ އެއްގޮތަށް ސްޕޯޓްސް މިނިސްޓްރީން، އެފްއޭއެމްއާ ދޭތެރޭ ފިޔަވަޅު އަޅާފައިނުވާތީވެ، އެ އެސޯސިއޭޝަނާ ދޭތެރޭ ގާނޫނުގައިވާ ގޮތުން ފިޔަވަޅު އަޅައިދިނުމަށް އެދި ހުށަހެޅި ގަރާރެކެވެ.

އެ ގަރާރާ ބެހޭގޮތުން އިޖުތިމާއީ ކޮމިޓީން މަޝްވަރާތައް ބޭއްވިއިރު، ބައްދަލުވުންތަކަށް ބޭނުންވާ މައުލޫމާތު ސާފުކުރުމުގެ ގޮތުން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ. އިއްޔެގެ ޖަލްސާގައި މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން އެކުލަވާލި ރިޕޯޓު ތަޅުމަށް ހުށަހަޅައި ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 34 މެންބަރުންގެ ތާއީދާ އެކު އެވެ.

ކުޅިވަރު ގާނޫނަށް 2015 ވަނަ އަހަރުން ފެށިގެން އަމަލުކުރަން ފެށިއިރު، އޭރުއްސުރެން ކުޅިވަރުގެ ގިނަ ބަޔަކު ފާހަގަކުރަމުން އައި ކަމަކީ ކުޅިވަރުގައި ދިމާވާ މައްސަލަތައް ޝަރުއީ ކޯޓަކަށް ނުގެންގޮސް ކުޅިވަރުގެ އުސޫލުގެ ތެރެއިން ހައްލު ހޯދޭ ފަދަ އާބިޓްރޭޝަން ޕެނަލެއް އޮންނަން ޖެހޭނެ ކަމެވެ.

ކުޅިވަރު ގާނޫން ލާޒިމުކޮށްފައިވާ ގޮތަށް ވީ އެންމެ އަވަހަކަށް ސްޕޯޓްސް އާބިޓްރޭޝަންގެ ގަވާއިދުތަކާ ބެހޭ ކަންތައްތައް ނިންމުން މުހިއްމުކަމަށް ސްޕޯޓްސް އެޑްމިނިސްޓްރޭޝަން ދާއިރާގެ އިސް ފަރާތްތަކުން ދިޔައީ ފާހަގަކުރަމުންނެވެ. އެކަމަކު ތަފާތު އެކި ޕްލެޓްފޯމްތަކުގައި އެކަމުގެ ކަންބޮޑުވުންތަކުގެ ވާހަކަތައް ދެކެވުނު ނަމަވެސް، މިހާތަނަށް އެންމެ އެކަށޭނެ ގޮތަށް އެކަމަށް އަމަލީ ސިފައެއް ނާދެ އެވެ. އަދި އެކި ކުޅިވަރުތަކާ ބެހޭ މައްސަލަތައް ޝަރުއީ ކޯޓުތަކުގައި ކުރިއަށް ގޮސް ރާއްޖެ އަށް ބައިނަލްއަގުވާމީ ސަސްޕެންޝަނެއްގެ އިންޒާރުތަކެއް ލިބޭ ކޮންމެ ފަހަރަކު ވެސް އާބިޓްރޭޝަން ޕެނަލްގެ ވާހަކަތައް ދިޔައީ ދެކެވެމުންނެވެ.

ދާދި ފަހުން ޓޭބަލް ޓެނިސް އެސޯސިއޭޝަނާއި ވޮލީބޯލް އެސޯސިއޭޝަންގެ މައްސަަލަތަކެއް ވަނީ ކޯޓުގައި ކުރިއަށްގެންގޮސްފަ އެވެ.

މަޖިލީހުގެ ސްޕޯޓްސް އާބިޓްރޭޝަން ގަވާއިދުގެ މަސައްކަތްތައް އަވަސްކުރަން އެންގުމާ އެކު އެކަން އަވަސް ސްޕީޑެއްގައި ކުރިއަށްދާނެ ކަމަށް ބެލެވޭއިރު، ސްޕޯޓްސް ކައުންސިލުން އެކަމާ ބެހޭ މަސައްކަތްތަކެއް ކުރާކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

ކޮމިޓީން ދެން ހުށަހަޅާފައިވާ ކަމަކީ އަތޮޅު އަދި ރަށު ފެންވަރުގައި ކުޅޭ ކްލަބްތަކަށް ވެސް ހަމަހަމަ ފުރުސަތެއް ހޯދައިދިނުމަށް ބާރުއަޅައި ކުޅިވަރުގެ ރޫހު ނުގެއްލޭ ގޮތަށް ކުޅިވަރުގެ ކަންތައްތަކުގެ އިންތިޒާމުތައް ރޭވުމެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454