އެމެރިކާގެ ކޮވިޑް ޓާސްކްފޯސްގައި އިސްކޮށް ހުންނަވާ، ރައީސް ޖޯ ބައިޑެންގެ ޗީފް މެޑިކަލް އެޑްވައިޒަރު އެންތަނީ ފައުޗީ: ކޮވިޑް ކޮންޓްރޯލްކުރަން އެމެރިކާއިން މިހާރު އަޅާ ފިޔަވަޅުތަކުގެ ނަތީޖާ އަންނަނީ ފެންނަމުން.
11 ފެބުރުއަރީ 2021 - 07:50
ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް އިތުރު ބައެއް ޝަތުރުތަކާ އެކު ކަރަންޓީނު އުސޫލުން އިސްތިސްނާއެއް ދޭން އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ނިންމައިފި އެވެ.
ސީޑީސީގެ ގައިޑްލައިން އަޕްޑޭޓްކޮށް މިހާރު ބުނެފައިވަނީ އެމެރިކާގައި ކޮވިޑާ ދެކޮޅަށް ދޭ ފައިޒާ/ބައިއޮންޓެކް ނުވަތަ މޮޑާނާ ވެކްސިންގެ ދެ ވަނަ ޑޯޒަށް ފަހު ދެ ހަފުތާ ވެފައިވާ މީހަކު، ކޮވިޑް ޕޮޒިޓިވް މީހަކާ ކޮންޓެކްޓް ވިޔަސް ކަރަންޓީނުގައި ހުންނަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް މީގެ މާނަ އަކީ ވެކްސިން ޖަހާފައިވާ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްލުން ނޫންކަން ހަނދާންކޮށްދީފައިވެ އެވެ.
ވެކްސިނަށް ފަހު ކަރަންޓީނު އުސޫލު ލުއިކޮށްދޭއިރު ދެ ވަނަ ޑޯޒަށް ފަހު ދެ ހަފުތާ ފުރިހަމަވުން ޝަރުތަކަށް ބަލަނީ އެމެރިކާގައި ދޭ ވެކްސިންގެ ފުރިހަމަ ބާރު ލިބެނީ ދެ ވަނަ ޑޯޒަށް ފަހު ދެ ހަފުތާ ފަހުން ކަމަށް ވާތީ އެވެ.
މިގޮތަށް ލުއި ދިން ނަމަވެސް ވެކްސިން ދީފައިވާ މީހުން ކޮވިޑުން ދިފާއުކޮށްދޭ މުއްދަތު އަދިވެސް މުޅިން ކަށަވަރު ނުވާތީ، ވެކްސިން ދެ ޑޯޒަށް ފަހު ތިން މަސް ދުވަސް ވެފައިވާ މީހުން ކޮވިޑް ޕޮޒިޓިވް މީހަކާ ކޮންޓެކްޓް ވެެއްޖެ ނަމަ ކަރަންޓީނުވާން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ. މިއީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
ސީޑީސީން ބުނީ ވެކްސިން ދީފައިވާ މީހަކު ވެސް ކޮވިޑް ބަލީގެ މީހަކާ ކޮންޓެކްޓް ވުމަށް ފަހު 14 ދުވަސް ވަންދެން އެ މީހެއްގެ ކިބައިން ކޮވިޑްގެ އަލާމާތެއް ފެނޭތޯ ބަލައި، ރައްކާތެރިކަން އިސްކުރަން ޖެހޭނެ ކަމަށެވެ. އަދި ވެކްސިން ދީފައިވާ މީހުންނާއި ނުދޭ މީހުން ވެސް ކޮވިޑާ ދެކޮޅަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅަކަށް ފުރިހަމަ އަށް ތަބާވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އެއީ ކޮވިޑްގެ އަލާމާތައް ނުފެނި ވެސް އެ ބަލި ފެތުރޭތީ މިކަމުގައި ވެކްސިނުން ލިބޭ ރައްކާތެރިކަން އިތުރަށް ޔަގީންކުރަން ޖެހޭތީ އެވެ.
ކޮވިޑްގެ ކޭސްތައް އެންމެ ބާރަށް ފެތުރި ހާލަތު އެންމެ ގޯސްވި އެމެރިކާގައި ވެކްސިން ދޭން ފެށުމާއި މާސްކް އެޅުން މަޖުބޫރުކުރުމާ އެކު، ކޮވިޑްގެ ކޭސްތަކާއި މަރުވާ މީހުންގެ އަދަދު ވެސް މިހާރު އަންނަނީ މަދުވަމުންނެވެ. އެކި ގައުމުތަކުގައި ވެކްސިން ދެމުން އަންނަ އިރު މުޅި ދުނިޔޭގައި ވެސް ކޮވިޑް ކޭސްތަކުގެ އަދަދާއި ބަލީގައި މަރުވާ މީހުންގެ އަދަދު ދަށްވަމުން އަންނަތާ މިހާރު ތިން ހަފުތާ ވެއްޖެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy