ދުނިޔެ / ޓްރަމްޕް އިމްޕީޗް ކުރުން

ޓްރަމްޕްގެ ޝަރީއަތް: ވީޑިއޯތަކުން ސެނެޓް ހިމޭންކޮށްލައިފި

ހައުސްގެ ރިޕަބްލިކަން ޕާޓީގެ އިމްޕީޗްމަންޓް މެނޭޖަރު މެޑަލިން ޑީން (މ) ސެނެޓުގެ ބައްދަލުމަށް ފަހު އިއްޔެ ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

11 ފެބުރުއަރީ 2021 - 11:09

1 comments

ވޮޝިންޓަން (ފެބްރުއަރީ 11) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ސެނެޓްގައި މިހާރު ފަށާފައިވާ ޝަރީއަތުގައި ޖެނުއަރީ 6 ގައި ކޮންގްރެސްގެ އިމާރާތަށް އޭނާގެ ސަޕޯޓަރުން ދިން ހަމަލާއާ ގުޅޭ ގޮތުން ކުރިން ނުފެންނަ އެކަމަކު ބިރުވެރި، ނުރައްކާތެރި ވީޑިއޯތަކަކުން، ސެނެޓް އިއްޔެ ހިމޭންކޮށްލައިފި އެވެ.

އެމެރިކާގެ ރައްޔިތުންގެ މަޖިލިހުގެ ދެ ގެ ހިމެނޭ ކެޕިޓަލް އިމާރާތަށް ޓްރަމްޕްގެ ސަޕޯޓަރުން ވަދެގަނެ ހިންގި ހަމަނުޖެހުންތަކަކީ، ސީދާ ރައީސް ހިތްވަރުދެއްވައިގެން ކުރިމަތިކުރުވި ބިރެއް ކަމަށް، ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ވިދާޅުވެ އެވެ. އެކަން ސާބިތުކޮށްދޭން، އިމާރާތުގެ ސެކިއުރޓީ ކެމެރާތަކުން ރެކޯޑްކޮށްފައިވާ ހުރި އަދި ކުރިން އާންމުނުކުރާ ވީޑިއޯތަކުން އެ ދުވަހުގެ ބިރުވެރި މަންޒަރު ސިފަވެ އެވެ. އަދި އެއީ ޓްރަމްޕްގެ ދިފާއުގައި މިހާރު ވެސް ފައިވިއްދައިގެން ތިއްބެވި ރިޕަބްލިކަން ޕާޓީގެ ސެނެޓަރުންގެ ގައިން ވެސް ހީބިހި ނެގި މަންޒަރުތަކަކަށް ވި އެވެ.

އެކަމަކު އެ ވީޑިއޯތަކަށް ފަހު އިއްޔެ ވެސް އޭގެ ތެރެއިން ގިނަ މެމްބަރުން ވިދާޅުވީ އެ ބޭފުޅުންގެ ވިސްނުން ބަދަލުނުވާ ކަމަށެވެ. އެއީ ނުބައި ކުށްވެރިންތަކެއްގެ އަމަލެއް ކަމަށް ގަބޫލުކުރެއްވިޔަސް އެކަމުގައި ޓްރަމްޕްގެ މައްޗަށް ކުށެއް ސާބިތުކުރެވެން ނެތް ކަމަށް ވެސް، ރިޕަބްލިކަން ޕާޓީގެ ގިނަ މެމްބަރުން ވިދާޅުވެ އެވެ.

ސެނެޓް ކޮންޓްރޯލްކުރަނީ ޑިމޮކްރެޓިކް ޕާޓީން ކަމަށް ވިޔަސް، ޓްރަމްޕްގެ މައްޗަށް ކުށް ސާބިތުކުރަން ބޭނުންވާ ވަރަށް ވޯޓު ހަމަވާނީ ރިޕަބްލިކަން ޕާޓީގެ 17 ސެނެޓަރެއްގެ ވޯޓު ލިބިގެންނެވެ. މިހާތަނަށް ޓްރަމްޕާ ދެކޮޅަށް ވޯޓު ލައްވާނެ ކަމަށް ބެލެވެނީ ރިޕަބްލިކަން ޕާޓީގެ އެންމެ ހަ މެމްބަރުންނެވެ.

ނޮވެމްބަރު މަހު އޮތް ރިޔާސީ އިންތިހާބު، މިހާރުގެ ރައީސް ޖޯ ބައިޑަން ކާމިޔާބުކުރެއްވިކަން ރަސްމީކޮށް ނިންމުމުގެ ޖަލްސާ ކޮންގްރެސްގެ ދެ ގޭގައި ހިނގަމުން ދިޔަ ވަގުތު، ޓްރަމްޕްގެ ސަޕޯޓަރުން ގަދަކަމުން އިމާރާތަށް ވަދެ، ގޮވަމުން ދިޔައީ ނައިބު ރައީސް މައިކް ޕެންސް އާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ނުވަތަ ތިރިގޭގެ ރައީސް ނެންސީ ޕެލޯސީ އަތުލައިގަންނާށެވެ.

ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓަށް ލިބިވަޑައިގެންނެވި ކޮލެޖް ވޯޓު ރަސްމީކޮށް އިއުލާންކުރުން ބާއްވަނީ މަޖިލިހުގެ މަތި ގެ އާއި ތިރި ގޭގެ މެމްބަރުން އެއް ފަހަރާ ބާއްވާ ޖަލްސާތަކުންނެވެ. މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ އޭރަކު ހުންނަވާ ނައިބު ރައީސެވެ. ޕެންސުގެ ބެއްލެވުމުގެ ދަށުން ޖަލްސާ ފަށައި، ކުރިއަށް ދިޔަ އިރު ވައިޓް ހައުސްގެ ކުރިމަތީގައި ޓްރަމްޕް ގެންދެވީ އޭނާގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން އަދި ހަމަނުޖެހުމަށް ހިތްވަރު ދެއްވަމުންނެވެ. އެ މީހުން ދެން މިސްރާބު ޖެހީ ކޮންގްރެސްގެ އިމާރާތަށެވެ.

ޓްރަމްޕުގެ ސަޕޯޓަރުން ޖެނުއަރީ 6 ވަނަ ދުވަހު ސެނެޓުގެ ޗެމްބަރަށް ވަދެ ހިންގި ހަމަނުޖެހުމުގައި މީހަކު ސެނެޓުގެ ބެލްކަނީގައި އެލިގަނެގެން. --އޭއެފްޕީ ފައިލް ފޮޓޯ

ސަލާމަތީ ފުލުހުންގެ ސަފުތައް ފޫދުއްވާލާފައި ވަދެގަތް ބައެއް މީހުން "ޕެންސް ދަންޖައްސާ، ޕެންސް ދަންޖައްސާ"އޭ ވެސް ގޮވާ އަޑު، އިއްޔެ ދެއްކި ވީޑިއޯއިން އިވެ އެވެ. އަދި ޕެލޯސީ އާއި ދެ ބޭފުޅުންނަށް އަނިޔާކޮށް އަދި މަރާލަން ގޮވާ އަޑު ވެސް އިވެ އެވެ.

ޕެންސްގެ ސަލާމަތީ ފައުޖަށް އޭނާ ސަލާމަތްކުރެވުނީ ކިރިޔާ އެވެ.

"އެމީހުން ތިބީ ނައިބު ރައީސް އާއި އޭނާގެ އާއިލާ ހިމާޔަތް ހޯދައިގެން ތިބި ތަނާ 100 ފޫޓެއްހާ ދުރުގައި. އެމީހުން އުޅުނީ އަހަރެމެން އެ ދުވަހު ތިބި މާލަމުގެ ދޮރުތަކާ ފޫޓެއްހާ ކައިރީގައި،" ޓްރަމްޕަށް ހުކުމް އިއްވާ ބައެއްގެ ގޮތުގައި ސެނެޓްގައި ތިއްބެވި ސެނެޓަރުންނަށް ނިސްބަތްކުރައްވާ، ޑިމޮކްރެޓިކް ޕާޓީގެ ހައުސް މެމްބަރު، އަދި މި ޝަރީއަތުގައި ވަކާލާކުރައްވާ ހަ މެނޭޖަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސްޓޭސީ ޕްލަސްކެޓް ވިދާޅުވި އެވެ.

"އެއީ އިންތިހާބުގެ ނަތީޖާ ރަސްމީކުރުމުގެ މަސައްކަތް ހުއްޓުވަން ރައީސް ޓްރަމްޕް ފޮނުވި އަނިޔާވެރިން،" އޭނާ ވިދާޅުވި އެވެ.

ޕްލަސްކެޓް ވިދާޅުވި ގޮތުގައި އެމީހުންގެ އަމާޒަކަށް ޕެންސް އާއި ޕެލޯސީ ހެދީ ސީދާ ޓްރަމްޕް އެގޮތަށް ނިންމެވުމުންނެވެ.

ޓްރަމްޕުގެ ސަޕޯޓަރުން ޖެނުއަރީ 6 ވަނަ ދުވަހު ސެނެޓުގެ ޗެމްބަރަށް ވަދެ ހަމަނުޖެހުން ހިންގަނީ. --އޭއެފްޕީ ފައިލް ފޮޓޯ

ޑެމޮކްރެޓިކް ޕާޓީގެ ސީދާ ކޮންޓްރޯލް އޮންނަ ހައުސް އިން ދެ ވަނަ ފަހަރަށް ޓްރަމްޕް ވަނީ އިމްޕީޗްކޮށްފަ އެވެ. ސެނެޓްގައި ފަށައިގެން އުޅެނީ އެ އިމްޕީޗްކުރުމުގެ ޝަރީއަތެވެ. ކޮންގްރެސްއަށް ހަމަލާދިން ކަމުގެ ކުށް ޓްރަމްޕްގެ މައްޗަށް ސާބިތުކުރުމުގެ ބާރު އޮތީ ސެނެޓްގަ އެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ، ޑިމްކްރެޓިކް ޕާޓީގެ ހަނި މެޖޯރިޓީއެއް އޮންނަ ސެނެޓުން، ކުރިއަށް އޮތް ތަނުގައި ދައުލަތުގެ އެއްވެސް މަގާމެއް ނުފުރުއްވޭ ގޮތަށް ޓްރަމްޕާ މެދު ފިޔަވަޅު އަޅާނެ އެވެ. އެކަމަކު ހަމަނުޖެހުމަށް ހިތްވަރު ދެއްވި ކަމުގެ ކުށް ސާބިތުކުރުމުގައި ރިޕަބްލިކަން ޕާޓީގެ 17 މެމްބަރުންގެ ވޯޓު ލިބުން ދުރުކަމުން، ޓްރަމްޕާ މެދު އިތުރު ފިޔަވަޅެއް އެޅުމުގެ ބާރެއް ސެނެޓަކަށް ނުލިބޭނެ އެވެ.

މިއީ ޓްރަމްޕާ ދެކޮޅަށް ސެނެޓްގައި ހިންގާ ދެ ވަނަ ޝަރީއަތެވެ. އެމެރިކާގެ ތަރީހުގައި ވެސް ރައީސަކާ ދެކޮޅަށް ދެ ފަހަރަށް އިމްޕީޗްކޮށް އަދި ޝަރީއަތް ހިންގައިފައެއް ނުވެ އެވެ. އަދި މިއީ ކުރީގެ ރައީސަކާ ދެކޮޅަށް މިފަދަ ޝަރީއަތެއް ސެނެޓްގައި ހިނގާ ފުރަތަމަ ފަހަރު ވެސް މެ އެވެ. އެހެންކަމުން މައްސަލަ ސެނެޓުން ކުރިއަށް ގެންދެވިދާނެތޯ އަންގާރަ ދުވަހު ކުރި ބަހުސްގައި، ޓްރަމްޕްގެ ވަކީލުން ނެންގެވީ އެމެރިކާގެ ގާނޫނުއަސާސީން އެ ފުރުސަތު ނުލިބޭ ކަމަށެވެ. ނަމަވެސް ޑިމޮކްރެޓިކް ޕާޓީގެ ހަ މެނޭޖަރުން ސާބިތުކޮށްދިނީ އެއީ ކުރެވޭނެ ކަމެއް ކަމަށެވެ. ސެނެޓްގައި ޑިމޮކްރެޓިކް މެމްބަރުންނާ އެއްކޮޅަށް، ރިޕަބްލިކަން ޕާޓީގެ ހަ މެމްބަރަކު ވޯޓު ދެއްވި އެވެ.

ޓްރަމްޕުގެ ސަޕޯޓަރުން ޖެނުއަރީ 6 ވަނަ ދުވަހު ހިންގި ހަމަނުޖެހުމުގައި ފުލުހުންގެ ލައިން ފަޅާލައި ކެޕިޓަލް އިމާރާތަށް ވަންނަން މަސައްކަތް ކުރަނީ. --އޭއެފްޕީ ފައިލް ފޮޓޯ

"ރައީސް ޓްރަމްޕް ވަނީ ކޮމާންޑާ އިން ޗީޕްގެ ޒިންމާތަކުން އަމާންދެއްވައި، ހަމަނުޖެހުން އުފެއްދުމުގެ އިސް ލީޑަރަކަށް ބަދަލުވެފައި،" އެ ދުވަހުގެ އެވަގުތު ޓްރަމްޕް ހުންނެވި ގޮތް ސިފަކޮށްދެއްވަމުން، ޝަރީއަތުގެ އިސް މެނޭޖަރު ޖެމީ ރަސްކިން، ސެނެޓްގައި ވިދާޅުވި އެވެ.

"އެ މީހުންނަށް އޭނާ ގޮވާލެއްވީ ތެޅުން ކުރިއަށް ގެންދަން. އެ މީހުން އަހަރެމެންނާ ހަމައަށް އެ ބިރުވެރިކަން ގެނެސްދިން."

މުޅި ކޭސް ބިނާކޮށްފައި އޮތީ ހަމައެކަނި ޖެނުއަރީ 6 ގެ ހަމަނުޖެހުންތަކަކަށް ނޫނެވެ. އިންތިހާބުގެ ކުރިންނާއި ފަހުން ވެސް، ވޯޓު އޮޅުވާލި ކަމަށް ވިދާޅުވެ، ޓްރަމްޕް ހެއްދެވި ދޮގުތަކަކީ އޭނާގެ ސަޕޯޓަރުން ރުޅިއަރުވައި، ކޮންގްރެސްގެ މަސައްކަތް ހުއްޓުވުމުގެ ފެށުން ކަމަށް، މެނޭޖަރުން ވިދާޅުވި އެވެ.

އެމެރިކާގެ އިންތިހާބުގައި އޮޅުވާލުމެއް އޮތްކަމުގެ އެއްވެސް ހެއްކެއް ޓްރަމްޕާއި އޭނާގެ ސަޕޯޓަރުންނަކަށް ނުދެއްކެ އެވެ. އަދި އެމެރިކާގެ ހުރިހާ ކޯޓުތަކުން ވަނީ އިންތިހާބާ ގުޅިގެން ވެއްދި ހުރިހާ މައްސަލައެއްހެން ބޭރުކޮށް، ނުވަތަ ދެކޮޅަށް ހުކުމް އިއްވައިފަ އެވެ.

ޓްރަމްޕުގެ ސަޕޯޓަރުން ޖެނުއަރީ 6 ވަނަ ދުވަހު ކެޕިޓަލް ހިލް އަށް ވަދެ ހަމަނުޖެހުން ހިންގަނީ. --އޭއެފްޕީ ފައިލް ފޮޓޯ

އިއްޔެގެ ވީޑިއޯތަކަށް ފަހު ރިޕަބްލިކަން ޕާޓީގެ ސެނެޓަރު އަދި ޓްރަމްޕާ ދެކޮޅަށް އަބަދުވެސް ފާޅުގައި ފާޑުވިދާޅުވާ ލީސާ މަރްކޮވޮސްކީ ވިދާޅުވީ ވީޑިއޯ ފެނިވަޑައިގެންފައި "އަހަރެން ވަރަށް ރުޅިއަތުވެއްޖެ" ކަމަށެވެ.

"ވަރަށް އުނދަގޫ ވެސް ވެއްޖެ، ވަރަށް ދެރަ ވެސް ވެއްޖެ،" ލީސާ ވިދާޅުވި އެވެ.

އެ ދުވަހުގެ ބިރުވެރިކަން ތަޖުރިބާކުރެއްވިޔަސް ވީޑިއޯތަކުން އޭނާ އަށް މާ ބޮޑަށް އަސަރުކޮށްފި ކަމަށް ވެސް، ގަބޫލުކުރައްވަ އެވެ.

އެކަމަކު ޓްރަމްޕްގެ ދިފާއުގައި ތިއްބެވި ސެނެޓަރުންގެ ހިޔާލު ބަދަލެއް ނުވެ އެވެ. އޭގެ ތެރެއިން އެކަކީ ޓެޑް ކްރޫޒެވެ. އޭނާ ވިދާޅުވީ ވެރިރަށުގައި އެ ބޮޑު ހަމަނުޖެހުން ހިންގި މީހުންގެ އަމަލްތައް ވީޑިއޯއިން "ވަރަށް ބާރުވެރި ގޮތަކަށް" ފެނިވަޑައިގެންފި ކަމަށެވެ.

"އެކަމަކު ގާނޫނީ މިންގަނޑަކުން ބަލާ ނަމަ އެކަން ގޯސްކުރުމުގައި ރައީސްގެ ދައުރަކީ ސީދާ ކޮބައިކަން ވަރަށް ކުޑަ ގޮތަކަށް ނޫނީ ނެތް ބުނެދެވިފައެއް،" ކްރޫޒް ވިދާޅުވި އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްޔ

11 February 2021

ވަރަށް ބިރުވެރި ވީޑިއޯއެއް ތީ. އެންމެން ހަމަހިމޭންވާވަރުވޭ. ރޮހިއްޔާގެ ގަތުލްއާމަށްވުރެންވެސް ގޯސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454