އައްޑޫ ލިންކް ރޯޑް
15 ފެބުރުއަރީ 2021 - 09:22
މިދިޔަ އަހަރު އެއްކޮށް ކަހަލަ ގޮތަކަށް ކޮވިޑް-19 ގެ ބޮޑު ބޮޑު ބަލިމަޑުކަމުގެ ތެރޭގައި އުޅެފައި ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ އާ އަހަރަކާ އެކު ހިންދެލިލެވޭނެ ކަމަށެވެ. އެކަމަކު މިހާރު އުޅެން ޖެހިފައި މި ވަނީ ކޮވިޑްގެ ނުރައްކާތެރި ތިން ވަނަ ރާޅުގެ ތެރޭގަ އެވެ.
މި ރާޅު މި ފަހަރު ރާއްޖޭން އެންމެ ބޮޑަށް ބިންދާލައިގެން އުޅޭ އެއް ތަނަކީ މިދިޔަ އަހަރު ބަލީގެ މާ ބޮޑު ބިރުވެރި ކަމެއް ނެތް އައްޑޫގަ އެވެ. މި މަހުގެ ހަތް ވަނަ ދުވަހާ ހިސާބުން ފެށިގެން ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކެއް ފެނި، އަދަދު ދަނީ އުފެލެމުންނެވެ. މިހާރު ބަލި ޖެހުނު މީހުންގެ އަދަދު 60 އަށް އަރައިފި އެވެ.
ބަލީގެ ބޮޑު ދެ ކްލަސްޓާއެއް އައްޑޫގައި އެބައޮތެވެ. އޭގެ ތެރެއިން އެންމެ ކަންބޮޑުވާ ކްލަސްޓާ އަކީ ގިނަ ބަޔަކު އެ ކްލަސްޓާ އާ ގުޅުން އޮވެގެން އަދަދު އުފުލެމުންދާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކްލަސްޓާ އެވެ. އެ ކްލަސްޓާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު 40 އާ ގާތް ކުރެ އެވެ.
ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި އައްޑު އަށް ބަލި އައިސް ކޮމިއުނިޓީ ތެރޭގައި ބަލި އޮތުމުގެ ބިރު އުފެއްދި ބަޔަކީ އެއީ އެވެ. އޭވިއޭޝަން ކޮމާންޑްގެ ވޯކްޝޮޕެއް މި މަހުގެ ކުރީކޮޅު ގަމުގައި ބޭއްވީ މާލެއިން ދިޔަ ބަޔަކާ އެކުގަ އެވެ.
އައްޑޫގައި ބަލި ފެތުރުނު ކަމަށް ބުނެވެނީ އެތަނުގެ ދެ މުވައްޒަފެއްގެ ފަރާތުންނެވެ. މިހާރު މި ކްލަސްޓާ އިން ޕޮޒިޓީވް މީހުންނަކީ ސީދާ ވޯކްޝޮޕްގައި ބައިވެރިވި ބަޔަކާއި އެ މީހުންނާ ކޮންޓެކްޓްވެފައި ތިބި ބަޔެކެވެ. އަދި އެތައް ބަޔަކު ތިބީ މިކަމާ ހެދި ކަރަންޓީނާއި ހޯމް އައިސޮލޭޝަނުގަ އެވެ.
Case Update (Addu City) as of 14 February 2021, 1800hrs pic.twitter.com/YNnOe97arP
— Addu Emergency Operations Center (@EOCaddu) February 14, 2021
އައްޑޫ ސިޓީ ކައުންސިލުން ވެސް ބުނެފައިވާ ގޮތުގައި އައްޑު އަށް ކޮވިޑް އެތެރެކުރީ އޭވިއޭޝަން ކޮމާންޑުންނެވެ. މި މަހުގެ އަށް ވަނަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވެސް ވަނީ އެކަމާ މިހާރު އެއްވެސް ސުވާލެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
އެހެންވެ އެކަން ބަލަން ޖެހޭ ފަރާތްތަކުން ބަލާނެ ކަމަށް ވިދާޅުވި އެވެ.
"ކައުންސިލްގެ އަދި މިތަނުގެ ޓާސްކް ފޯހުގެ މެންޑޭޓްގައި އޮތް ކަމެއް ނޫން އެކަން ތަހުގީގު ކުރުމަކީ. އަޅުގަނޑު ދެކެނީ އެކަން ކުރަންޖެހޭ ފަރާތްތަކުން އެކަން ކުރަމުންދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލުން، އައްޑޫގެ ޝެއިޚުންނާއި އިމާމުންނާ ބައްދަލުކުރައްވައިފި.
— Addu City Council (@AdduCityCouncil) February 14, 2021
އިއްޔެ ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުވުމުގައި #ކޯވިޑް19 ބަލީގައި ނިޔާވާ ފަރާތްތަކުގެ ޖަނާޒާގެ ކަންތައްތަކުގައި ޢަމަލުކުރާނެ ގޮތާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައި. pic.twitter.com/Z7s2Hb9T0Q
އައްޑޫގެ ވަރަށް ގިނަ ބަޔަކު ވެސް ގަބޫލުކުރަނީ އެ ސިޓީ އަށް ބަލި ގެންދިއުމުގެ ޒިންމާ ނަގަން ޖެހޭނެ ބަޔަކީ އެ އިދާރާ ކަމަށެވެ. އެހެންވެ ޒިންމާދާރުކަން ކުޑަ ގޮތަކަށް އަމަލުކޮށްފައިވާތީ އެކަމުގައި ޝާމިލްވާ މީހުންގެ މައްސަލަތައް ބަލައި އެ މީހުންނަށް އަދަބު ދޭން ވެސް އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ވެސް ގޮވައިލަމުންނެވެ.
ނަމަވެސް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ވަނީ ތުހުމަތުތައް ދޮގުކޮށް، މީޑިއާތަކުން ވެސް ހަގީގަތާ ހިލާފަށް ޚަބަރު ފަތުރާ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. އޭގައި ބުނެފައި ވަނީ އެތަނުން ކުރިއަށް ގެންދިޔަ ޓްރޭނިން ޕްރޮގްރާމަކީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކުރިއަށް ގެންދިޔަ ކަމެއް ކަމަށެވެ.
ނޫސްބަޔާން@Mihaarunews @sunbrk @Sangu_tv @Raajje_tv @psmnewsmv @dhuvasmv @vaavu @VaguthuOnline @avasmv @cnm_mv @JazeeraBrk @MoDmv @HPA_MV @MoHmv @AdduCityCouncil pic.twitter.com/hMPQxBL8Hz
— AVSECOM (@AVSECOMmv) February 6, 2021
މިކަމާ ހެދި މުޅި އައްޑޫ މިހާރު ބިރުވެރިކަމެއްގެ އޮތް އިރު ގިނަ ބަޔަކު އެންމެ ބޮޑަށް ފެންމަތިކުރާ ސުވާލަކީ އައްޑޫގައިި ބަލި ފެތުރެން ދިމާވީ ކީއްވެގެން ހެއްޔެވެ؟ އައްޑޫގެ މީހުން ދިރިއުޅޭ އަވަށްތަކުގެ ތެރެއިން ވަކިން އޮންނަ ހުޅުމީދޫ ކްލަސްޓާ އަކީ އެމްޓީސީސީގެ ޕްރޮޖެކްޓަށް ދިޔަ ބިދޭސީންތަކެއް ޕޮޒިޓިވް ކްލަސްޓާ އެވެ. އެ ކްލަސްޓާ އާ އައްޑޫގެ އާންމުންނަކާ ގުޅުމެއް ނެތެވެ.
އެހެންވެ އައްޑޫ މިހާރު އޮތް އުނދަގޫ އަދި ބިރުވެރި ހާލަތު ގުޅުވެނީ އޭވިއޭޝަން ކްލަސްޓާ އެވެ.
ޓެގް ޓީމުގެ ޑރ. އަލީ ލަތީފް މި މަހުގެ 13 ވަނަ ވިދާޅުވީ ގިނަ ފަހަރަށް ސީދާ އިންޑެކްސް ކޭސް (ފުރަތަމަ ކޭސް) ފެތުރު ގޮތް ނޭނގިދާނެ ކަމަށާއި މިހާތަނަށް ބެލި ބެލުމުން އައްޑު އަށް ބަލި ފެތުރުނީ ގަމުގައި ބޭއްވި ޓްރޭނިންއާ ގުޅިގެން ކަމަށް ޔަގީންކަމާ އެކު ވިދާޅުވާން ދަތި ކަމަށެވެ.
"މިހާ ހިސާބަށް ބެލި ބެލުންތަކަށް ބަލާއިރު، ނުއެއް ދެންނެވޭނެ ފެތުރިގެން މި ދިޔައީ ސީދާ އެ ޓްރޭނިން އާއި ގުޅިގެންނޭ." އޭނާ ވިދާޅުވި އެވެ.
މި މައްސަލާގައި މުޅިން ވެސް އޮތީ ކަންބޮޑުންތަކެވެ. އައްޑޫގެ އާންމު ދިރިއުޅުން އޮތީ ހުއްޓިފަ އެވެ. މުޅި އައްޑޫ އޮތީ މޮނިޓަރިންގަ އެވެ. ރޭގަނޑު އޮންނަނީ ކާފިއު ހިންގައިފަ އެވެ. މިކަންކަމާ ހެދި އެތައް ކަމެއް ހުއްޓުމަކަށް އަތުވެއްޖެ އެވެ. އެތައް ވިޔަފާރިއަކަށް ހުރަސް އެޅިއްޖެ އެވެ. ސްކޫލްތައް ބަންދުކުރަން ޖެހި ދަރިވަރުންގެ ކިޔެވުން ހުއްޓިއްޖެ އެވެ.
"އެންމެ ކަންބޮޑުވާ އެއް ކަމަކީ އެއީ. އަހަރު ފެށިގެން އައީ ވަރަށް އުންމީދާ އެކުގައި ކަމަށް ވިޔަސް ބައެއްގެ އިހުމާލުން ބޮޑު ތަކުލީފެއްގެ ތެރޭގައި އުޅެން ޖެހިފައި މިއޮތީ. ދަރިވަރުންނަށް ސްކޫލަށް ނުދެވޭ ކޮންމެ ދުވަހަކީ ލިބޭ ވަރަށް ބޮޑު ގެއްލުމެއް،" ބެލެނިވެރިޔަކު ބުންޏެވެ.
މިސްކިތްތަކުގައި މި ވަގުތު ޖަމާއަތުގައި ނަމާދުކުރުމެއް ނެތެވެ. އެއް އަވަށުން އަނެއް އަވަށް ދިއުމާއި އަވަށްޓެރިންގެ ގޭގެ އަށް ދިއުން ވެސް އޮތީ މަނާކޮށްފަ އެވެ. އެއީ ހައްތާ ވެސް އާންމު ދިރިއުޅުމާ ގުޅިފައި ހުރި އަސާސީ ކަންކަމެވެ.
ފޭދޫގައި ވެކްސިން ޖެހުމުގެ މަސައްކަތުގެ ތެރެއިން.
މި ވަގުތު އައްޑޫ ރައްޔިތުންނަށް އޮތް ގޮތަކީ އިތުރުވަމުންދާ ކޮވިޑްގެ ނަމްބަރުތައް ގުނާލަގުނާލަ ތިބުމެވެ. ވެކްސިން ޖަހަމުން ދިޔަ ނަމަވެސް މި ދައްޗަށް ލުއެއް ލިބޭނެ އިރެއް ނޭނގެ އެވެ.
އައްޑޫން ޕޮޒޮޓިވް މީހުންގެ އަދަދު 60 އަށް އެރިއިރު ފަސް މީހަކު އެޑްމިޓްކޮށް އަންނަނީ ފަރުވާދެމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ބިދޭސީއެކެވެ. ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް އައްޑޫގައި މިހާރު އޮތީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންހުސޭނު
15 February 2021
ރާއްޖެއަށް ކޮވިޑު އައީ ކިހިނެއް. މި ގައުމުގަ މި އުޅެނީ އެއްބައެއް. މާލޭގަވެސް ހުސް އައްޑޫމީހުން ރާއްޖޭގެ އެތަންމިތާ މީހުން. ވަކިތާކަށް ވުރެ ގައުމު ބޮޑުވެ މުހިންމު. މިހާރު އުފައްދައްންވީ ސުވާލަކީ ކޮންއިރަކު މިކަމުން މިންޖުވާނީ. ދުއާކުރަންވީ އަވަހަށް މިންޖު ކުރައްވަތްތޯ. ޒަމާންތަކެއް މިދިޔައީ މާލޭގައި އެންމެން ތާށިވެ ދަރަނިވެރިވިތާ. ހެޔޮވިސްނުން ދެއްވާށި- އާމީން
މުލީ ހުސެން
15 February 2021
މީގަޒިންމާވާންޖެހޭނީ އާދަނު. އާދަނު ގޭގަބަހައްޓާ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލާ
ރަމީޒު ބެ
15 February 2021
އެމްޓީސީސީގެ ފަރާތުން
އެޗްއެމް
15 February 2021
ތިވަރުން ބަލަން އުޅުނު ނަމަ އެންޓިބޮޑީ ޓެސްޓް ތަކުން އެގޭނެ. ހޯދުން މުހިއްމެއްނޫން. މިހާރު މުހިންމީ ބަލި ކޮންޓރޯލް ކުރުން.
ނުދައްކާ
15 February 2021
ކަނުލާ އަޑު އަހާ! އައްޑުއަށް ބަލި އައީ މޯލްޑިވިއަން އިން. ދަންވަރު 1 އިން ގަމުގައި ޖައްސާ ބޯޓު ފުރަނީ ފަތިހު. މި ބޯޓުގެ ކުރޫއިން ތިބެނީ ސައުތުލޭންޑް ރެސްޓޯރަންޓުގައި މޯލްޑިވިއަން މީހުންނާއެކު ކޮފީގަ. މިހެން ތިއްބާ ފުރަތަމަ ބަލި ކެޗްކުރީ މޯލްޑިވިއަންގެ ގަމުގެ ވެރިއެއް (އައްޑޫ މީހުންނަށް އިނގޭނެ ކާކުކަން) ކަންދިމާކުރި ގޮތުން އޭވިއޭޝަން ކޮމާންޑް ޓެރެއިނިންގައި އެބޭފުޅާ ބައިވެރިވި. އަދި އެބޭފުޅާ ކޭސް 0 އިން ފަށާ ކްލަސްޓާރ އުފެދުނީ! ނަންވީ ކޮމާންޑް!
އިއްބާމް
15 February 2021
މީހަމަ އެވްސެކް ކްލަސްޓަރއެއް. މިޓްރޭނިން ނެގުނީސް ޒޫމް މެދުވެރިކޮށްވެސް.
އައްޑޫއިން
15 February 2021
އަސްލުވެސް، މި ޓްރޭނިންގް މިއީ ކޮން ބޭނުމެއްގައި ބޭއްވި ޓްރޭނިންގްއެއްބާ؟ ތަފުސީލު އެބަ އެނގެން ޖެހޭ. ދަތުރުނުކޮށް، އެއްނުވެ މި ކަން ކުރެވެން ނެތީބާ؟ ރައްޔިތުންގެ ލާރި އިސްރާފު ކުރުމުގެ އިތުރަށް، ރައްޔިތުންނަށް ނުރައްކާ ކުރިމަތި ނުވާ ގޮތަކަށް މިކަން ކުރެވެން ނެތީބާ؟ އިތުރު ގޮތެއް ނެތް ނަމަ، މި ކަން ފަސް ކުރެވެން ވެސް ނެތީބާ؟ ޖަވާބެއް ވަރެއް ބޭނުން ...
ބޮކިފުރާޅު އައްޔަ
15 February 2021
އަލީ ވަހީދަށް އިނގިރޭސިވިލާތަށް ދެވުނުގޮތަށް ކޮވިޑަށް އައްޑުވަށް އާދެވުނީ.
ބަނޑޭ
15 February 2021
މާލޭ ފަޅުތެރޭ އޮތް ބޯޓަކަށް ކޮވިޑް އަރައިގެން ދިޔައީ.އައްޑޫ ބަނދަރަށް ކައިރި ކުރީމަ ފުރަތަމަ ނެފޭބި މަޖިލީހުނމަޖިލީހުން އެންގީމަ ފޭބީވެސް.
ދިއްދޫމީހާ
15 February 2021
90އަހަރުގެ ކުރީކޮޅު އެއިރުގެ ސަރުކާރުގެ ބޮޑުން އަތޮޅުތެރެއަ ދާން، ގޮސްފަ އިރުއޮއްސި 6ން ފަތިހު 6އަ ކާފިއު ހިންގާނެ، ކާފިއު ހިންގަނީ ރީދޫ ހުމާ އަދި ފާނަބަސްތުން އުޅޭއޭ ކިޔާފަ، ބޮޑުން ހަނދުވަރު މަތީ ކުރަފި އުޅޭބުނާ އުސޫލުން ރަށުތެރޭގަ ދަންވަރު އުޅޭނީ، ހަމަ އެކަހަލަ ގޮތަކަށް މިއޮންނަނީ ކޮވިޑްގަވެސް އުސޫލު ހަދާފަ، ބޮޑުންނަ ރަށްރަށަ ގޮސްފަ ބޭނުން ގޮތަކަށް އުޅެންވީ ހާއްސަ ހުއްދައިގެ ދަށުން،،
އަހަ
15 February 2021
ނަމޫނާ ގައުމު ނިއުޒިލެންޑަށްވެސް ދިޔަ ގޮތް ނޭނގިގެން އުޅެނީ.