ބީއެމްއެލްގެ ބްރާންޗަކުން ބަޔަކު ހިދުމަތް ހޯދަނީ: އަންނަ އަންގާރަ ދުވަހުން ފެށިގެން އެ ބޭންކުން ގަބޫލުކުރާނީ ޖޫން 2013 ގެ ފަހުން ދޫކޮށްފައިވާ ޗެކު ފޮތްތަކުގެ ޗެކުތައް.-- ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
09 ނޮވެމްބަރ 2016 - 15:59
ކުރިން ދޫކޮށްފައިވާ ޗެކު ފޮތްތައް ބޭނުންކުރުން ހުއްޓާލައި ލިއުމަށް ފަހު އެއްވެސް ބަދަލެއް ގެނެސްފައިވާ ޗެކުތައް ބަލައިނުގަންނަން ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.
ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އަންނަ އަންގާރަ ދުވަހުން ފެށިގެން އެ ބޭންކުން ގަބޫލުކުރާނީ ޖޫން 2013 ގެ ފަހުން ދޫކޮށްފައިވާ ޗެކު ފޮތްތަކުގެ ޗެކުތައް އެކަންޏެވެ. އެ ގޮތަށް ނިންމީ، އެ ބޭންކުން ބުނި ގޮތުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޗެކު ކްލިއަރިން މަސައްކަތް އޮޓަމޭޓު ކުރަން ހަމަޖައްސާފައިވާތީ އެ ކަމަށް ބޭނުންވާ މިންގަނޑުތަކަށް ޗެކުތައް ފެއްތުމަށެވެ.
"ކުރީގެ ޗެކު ފޮތްތައް ގެންގުޅުއްވާ އެއްވެސް ފަރާތެއްވާ ނަމަ ޗެކު ފޮތް އާ ކުރެއްވުމަށް ބޭންކުން އެދެމެވެ،" ބަޔާނުގައިވެ އެވެ.
ފަހުގެ ޗެކެއްކަން އެނގޭނެ ހާއްސަ ސިފައެއް ހުރެ އެވެ. އެއީ ސަލާމަތީ އިތުރު ފިޔަވަޅެއްގެ ގޮތުންނާއި ޗެކު ޕްރޮސެސް ކުރުން އޮޓަމޭޓު ކުރުމަށް ހިމަނާފައިވާ މެގްނެޓިކް އިންކް ކެރެކްޓަ ރިކޮގްނިޝަން (މައިކަ) ޕްރިންޓު ބޭންޑެެވެ.
މީގެ އިތުރުން، ބީއެމްއެލް އިން ވަނީ ޗެކުގައި ލިއުމަށް ފަހު އެއްވެސް ބަދަލެއް ގެނެސްފައިވާ ޗެކުތައް އަންނަ އަހަރުން ފެށިގެން ބަލައިނުގަންނަން ނިންމައިފަ އެވެ.
ޗެކު ކްލިއަ ކުރުން އޮޓަމޭޓު ކުރަން ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް ވެސް ބީއެމްއެލް އިން މިއަދު ވަނީ އެދިފަ އެވެ. އެއީ މައިކަ ޕްރިންޓް ބޭންޑުގެ މައްޗަށް ނާރާ ގޮތަށް ޗެކުގައި ލިއުމާއި ސޮއި ކުރުން އަދި ތައްގަނޑު ޖެހުން ހިމެނެ އެވެ. އަދި ޗެކު ފަތް ނުޖެހުމަށާއި ޗެކަށް ހީރަސް ނުޖެހުމަށް ވެސް އެދިފައިވެ އެވެ.
"އެހެންކަމުން ޗެކު ލިއުމުގައި އިތުރަށް ސަމާލުވުމަށް ކަސްޓަމަރުންގެ ކިބައިން އެދެމެވެ،" ބަޔާނުގައިވެ އެވެ.
ޗެކު ބަލައިގަތުމުގެ އުސޫލުތަކަށް ބީއެމްއެލް އިން ބަދަލު ގެނެސްފައި ވާއިރު، އެމްއެމްއޭ އިން ވަނީ ކުރިން މެނުއަލްކޮށް ކުރަމުން ދިޔަ ޗެކު ކްލިއާކުރުމުގެ މަސައްކަތް، އިލެކްޓްރޯނިކް ނިޒާމަކަށް މިދިޔަ އޮކްޓޯބަރު މަހު ބަދަލުކޮށްފަ އެވެ. އެހެންވެ، އިގްތިސާދުގައި ދައުރުވާ ހުރިހާ ޗެކުތަކަކީ އެމްއެމްއޭ އިން 2009 ގައި ނެރެފައިވާ "ސްޓޭންޑަޑްސް ފޯ ޗެކް ޑިޒައިން އެންޑް މެގްނެޓިކް އިންކް ޕްރިންޓިންގް އޮފް މޯލްޑިވިއަން ޗެކްސް" ގައިވާ މިންގަޑުތަކަށް ފެތޭ ޗެކުތަކަކަށް ވާން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާޅުވެލި
09 November 2016
ޢަނެއްކާވެސް އިތުރު ރުފިޔާ ލިބޭނެގޮތެއްތީ، ހައްދާ ކޮންމެ ޗެކްފޮތަކަށް -/50ރ ނޫނީ -/20ރުފިޔާ ނަގާނެ
ރަދީފް
09 November 2016
ރަނގަޅު ކަމެއް.ނަމަވެސް ކުޑަކުޑަ ޝަކުވާއެއް.އަޅުގަނޑުގެ އެމެކްސް ކާޑް އާކުރަން ލައިގެން އުޅޭތާ 3 މަސް ، އަދިވެސް ނުލިބޭ.ކާޑް ނެތީމަ ވަަރަށް އުނދަގޫ.