ލައިފްސްޓައިލް

ލެރީ ކިންގްގެ ވަސިއްޔަތުގެ މައްސަލަ އަންހެނުންގެ ފަރާތުން ކޯޓަށް ހުށަހަޅައިފި

ލެރީ އަށް ބައްޕަ ކިޔާ ދެ ކުދިން ތިބި ޝޯން ވަސިއްޔަތުގެ މައްސަލަ ކޯޓަށް ހުށަހެޅީ މި މަހުގެ 10 ގައި

18 ފެބުރުއަރީ 2021 - 07:13

އެމެރިކާގެ މަޝްހޫރު ހޯސްޓް ލެރީ ކިންގް މިދިޔަ މަހު މަރުވި އިރު އޭނާގެ މިލްކިއްޔާތު ދަރިންގެ މެދުގައި ބަހަން ނިންމައި ވަސިއްޔަތްކޮށްފައިވާތީ އެ މައްސަލަ އެންމެ ފަހުގެ އަންހެނުން ޝޯން ސައުތުވިކް ކިންގް ކޯޓަށް ހުށަހަޅައިފި އެވެ.

ބަލިއެނދުގައި އޮވެގެން ލެރީ އޮކްޓޯބަރު 17، 2019 ގައި ވަރަށް އާދައިގެ ގޮތަކަށް އަތުން ލިޔެފައިވާ ވަސިއްޔަތުގައި ބުނެފައި ވަނީ އޭނާގެ މަރުވުމަށް ފަހު މިލްކިއްޔާތުގައި ހުރިހާ މުދަލެއް ހުރިހާ ދަރިންގެ މެދުގައި ބެހުމަށް ވަސިއްޔަތްކުރާ ކަމަށެވެ.

ހަތް މީހަކާ އަށް ކައިވެނިކުރި ލެރީ އަށް ފަސް ކުދިން ލިބުނު ނަމަވެސް ދުނިޔޭގައި ތިބީ ތިން ދަރިންނެވެ. އޭގެ ތެރެއިން ދެ ކުދިންނަކީ އޭނާ މަރުވި އިރު ކައިވެނިކޮށްގެން ހުރި ޝޯންގެ ދަރިންނެވެ. އެއީ ކެނަން އެޑްވަޑް ކިންގް، 20، އާއި ޗާންސް އާމްސްޓްރޯންގް ކިންގް، 21، އެވެ.

އަނެއް ކުއްޖާ އަކީ ލެރީގެ ދެވަނަ ކައިވެންޏަށް ލިބުނު ލެރީ ކިންގް ޖޫނިއާ، 59، އެވެ.

ވަސިއްޔަތް ލިޔުނު އިރު ލެރީގެ ފަސް ކުދިން ދުނިޔޭގައި ތިއްބެވެ. މަރުވި ދެ ކުދިންނަކީ މިދިޔަ އަހަރުގެ އޮގަސްޓް 19 ގައި މަރުވި ޝައިއާ ކިންގް، 51، އާއި މިދިޔަ އަހަރުގެ ޖުލައި 28 ގައި މަރުވި އެންޑީ ކިންގެވެ. ވަސިއްޔަތުގައި ފަސް ކުދިންގެ ނަން ވެސް ލެރީ ލިޔެފައިވެ އެވެ.

ލެރީގެ ވަސިއްޔަތް.

ހުރިހާ ދަރިންގެ މެދުގައި ހަމަހަމައަށް މިލްކިއްޔާތް ބަހަން ކުރި ވަސިއްޔަތުގެ މައްސަލަ ޝޯން ކޯޓަށް ހުށަހެޅީ މި މަހުގެ 10 ވަނަ ދުވަހު އެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ދެނިކޮށް ލެރީ، 87، މަރުވީ މިދިޔަ މަހުގެ 23 ގަ އެވެ.

ޝޯން ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ވަސިއްޔަތް ލިޔުނު އިރު ލެރީ އޮތީ އެފަދަ ވަސިއްޔަތައް ހަމަ ބުއްދީގައި ލިޔެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށާއި އެހެންވެ އެ ވަސިއްޔަތުގެ ސައްހަކަމާ ދޭތެރޭ ސުވާލު އުފެދޭ ކަމަށެވެ.

މި މައްސަލާގައި ޝޯންގެ ގާނޫނީ ވަކީލުންގެ ޓީމުން ވެސް ބުނެފައި ވަނީ ވަސިއްޔަތް ލިޔުނު ދުވަަސްވަރަކީ ލެރީ ސްޓްރޯކެއް ޖެހިގެން ފަރުވާ ހޯދަމުން ދިޔަ ވަގުތަކަށްވެފައި އެފަދަ ވަސިއްޔަތަށް ހަމަ ވިސްނުމުގައި އަމިއްލަ ބާރުގައި ލިޔެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި އެއީ އަތުން ވަރަށް އާދައިގެ ގޮތަކަށް ލިޔެފައިވާ އެއްޗަކަށްވާތީ އެކަމާ މެދު ސުވާލު އުފައްދާފައިވެ އެވެ.

ޝޯންގެ ބުނެފައި ވަނީ 2019 ގައި ލިޔުނު ވަސިއްޔަތަކީ 2015 ގައި ލެރީ ލިޔުނު ވަސިއްޔަތާ ވެސް ފުށޫއަރާއެއްޗެއް ކަމަށެވެ. އޭރުގެ ވަސިއްޔަތުގައި ކިންގް އާއިލީ ހުރިހާ މުދަލެއްގެ ބަލަދުވެރިޔަކީ ޝޯން ކަމަށް ލިޔެފައިވެ އެވެ.

ލެރީ މަރުވި އިރު ޝޯން އާއި އޭނާގެ ކައިވެނީ ރޫޅާލަން 2019 ގައި އޮތީ ކޯޓަށް ހުށަހަޅައިފަ އެވެ. ލެރީ މަރުވީ އެ މައްސަލަ ނުނިމި އޮތްވަ އެވެ. ލެރީ އާއި ޝޯން ކައިވެނިކުރީ 1997 ގަ އެވެ.

ލެރީ އާއި ދަރިފުޅު ޖޫނިއާ.

ވަސިއްޔަތުގެ މައްސަލަ ޝޯޓަށް ކޯޓަށް ހުށަހެޅި އިރު އޭގައި ވަނީ އެ ވަސިއްޔަކީ ލެރީ ކިންގް ޖޫނިއާގެ ނުފޫޒުން ލިޔެފައިވާ އެއްޗެއް ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. އަދި ސިއްރިއްޔާތުން ދެބަފައިންގެ މެދުގައި މުއާމަލާތް ހިންގައި ލެރީގެ ފަރާތުން ޖޫނިއާ އަށް 260،000 ޑޮލަރު ދީފައިވާކަމުގެ ލިޔުންތަކެއް ވެސް އެބަހުރި ކަމަށާއި އެފަދަ ހަދިޔާތަކަކީ ނާޖާއީޒު އެއްޗެހި ކަމަށް ބުނެފައިވެ އެވެ.

ވަސިއްޔަތުގެ މައްސަލަ ޝޯން ކޯޓަށް ހުށަހެޅުމުން ޖޫނިއާ ވަނީ އޭނާގެ މައްޗަަށް ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ. ޖޫނިއާ ބުނީ ވަސިއްޔަތް ލިޔުނު ދުވަސްވަރާއި އަދި ބައްޕަ މަރުވި އިރު ވެސް ދެބައިންގެ މެދުގައި މާ ބޮޑު ގުޅުމެއްތެ ނެތް ކަމަށާއި އެ މީހުން ކުރިން އުޅުނު ގެ ވިއްކާލައި ފަހުން އުޅުނީ އަމިއްލަ ތަނެއްގައި ކަމަށެވެ.

ޝޯން ބުނީ ވަސިއްޔަތުގެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމީ އެ މައްސަލާގައި ވާހަކަ ދައްކައިގެން އެއްބަސްވުމަކަށް އަންނަން ބޭނުންވި ނަމަވެސް އެ ފުރުސަތު، ލެރީގެ މަރާ އެކު މިހާރު ނެތުމުން ކަމަށެވެ. އެހެންވެ ކޯޓުން ހުރިހާ ކަންކަމަކަށް ރިއާޔަތްކޮށް ވަސިއްޔަތާ ދޭތެރޭ ގޮތެއް ނިންމައިދޭން ޖެހޭ ކަމަށް ބުންޏެވެ.

މި މައްސަލާގައި ޖޫނިއާ މިހާރު ވަނީ ބައްޕަގެ ވަސިއްޔަތާ މެދު ވަކި ގޮތެއް ކަނޑައެޅެންދެން ހުރިހާ މުދަލެއް އޭނާގެ ބެލުމުގެ ދަށަަށް ގެންދިއުމުގެ އަމުރަކަށް އެދިފަ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454