މޯޕާ އިން ތައްޔާރު ކުރި ރިޕޯޓު އެ ޖަމިއްޔާގެ ރައީސް އިބްރާހިމް ތޯރިގް (ވ) އާއި އެންއައިޖީ ކެޕިޓަލްގެ ސީއީއޯ އަހުމަދު ނަސީރު ހުށަހަޅުއްވަނީ -- ފޮޓޯ: މޮޕާ
23 ފެބުރުއަރީ 2021 - 12:49
ރާއްޖޭގައި އުފެދޭ ކުނީގެ އެއް ޕަސެންޓަކީ ޕްލާސްޓިކް ފުޅި ކަމަށް މޯލްޑިވްސް އޯޝަންސް ޕްލާސްޓިކް އެލަޔަންސް (މޯޕާ) އާއި އެންއައިޖީ ކެޕިޓަލް ކޮންސަލްޓަންސީ ފާމް ގުޅިގެން ތައްޔާރުކުރި ރިޕޯޓެއްގައި ބުނެފި އެވެ.
ވާޗުއަލްކޮށް އިއްޔެ ބޭއްވި އިވެންޓްގައި ލޯންޗްކުރި "ޕްލާސްޓިކް ފުޅި ބޭނުންކުރުމުން ރާއްޖެއަށް ކުރާ އިޖްތިމާއީ އަދި އިގްތިސާދީ އަސަރު ދެނެގަތުން" ރިޕޯޓުގައި ވަނީ ޕްލާސްޓިކް ފުޅީގެ ނުރައްކާ ބޮޑުވެފައި ވާތީ އެ ރިސައިކަލް ކުރެވޭނެ ނިޒާމެއް ހަމަޖައްސަންޖެހޭ ކަމަށް ވެސް ބުނެފަ އެވެ.
އެންއައިޖީ ކެޕިޓަލްގެ ސީއީއޯ އަހުމަދު ނަސީރު އާއި މޯޕާގެ ރައީސް އަދި ކުރީގެ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އިއްޔެ ހުލާސާކޮށް ހުށަހަޅައިދެއްވި ރިޕޯޓް މިހާރު ވަނީ އެތަނުގެ ވެބްސައިޓްގައި ޝާއިއުކޮށްފަ އެވެ.
މި ރިޕޯޓުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރާއި އެ ނައްތާލަނީ ކިހިނެއްކަން ދެނެގަތުމެވެ. ގޭބިސީތަކުން ޕްލާސްޓިކް ބޭނުންކުރާ މިންވަރު ބަލަން އެންއައިޖީ ކެޕިޓަލް އިން ކުރިއަށް ގެންދިޔަ ގައުމީ ފެންވަރުގެ ދިރާސާއަކުން އެނގުނީ، ރާއްޖެ އިން އުފައްދާ 12 ޕަސެންޓުގެ ކުންޏަކީ ޕްލާސްޓިކް ކަމެވެ. އަދި ޖުމްލަ ކުނީގެ އެއް ޕަސެންޓަކީ ޕްލާސްޓިކް ފުޅި އޭގައިވެ އެވެ.
ރާއްޖޭގެ ގޭބިސީތަކުން 45 ޕަސެންޓަކީ އިސްކުރު ފެން ބޭނުންކުރުމުގެ ބަދަލުގައި ޕްލާސްޓިކް ފުޅީގައި ހުންނަ ބޯފެން ބޭނުންކުރާ ގެތަކެވެ. މާލޭގައި އުޅޭ 78 ޕަސެންޓު މީހުން ބޭނުންކުރަނީ ޕްލާސްޓިކް ފުޅީގައި ހުންނަ ފެނެވެ. އެއީ ގުދްރަތީ ސާފު ބޯފެން ލިބެން ދަތިވުމާއި ސަޕްލައި ފެނުގެ ރަހަ ކަމުނުދާތީ އާއި އެ ފެނުގެ ރައްކާތެރިކަމަށް އިތުބާރުނުކުރާތީ ކަމަށް ވެސް މި ރިޕޯޓުގައިވެ އެވެ.
ދެން އެންމެ ގިނައިން ޕްލާސްޓިކް ފުޅި ބޭނުންކުރަނީ ރެސްޓޯރަންޓްތަކާއި ކެފޭތަކުންނެވެ.
ޕްލާސްޓިކް ފުޅި އަކީ ފަސޭހައިން ރިސައިކަލްކުރެވޭ ގޮތަށް އުފައްދާ އެއްޗެއް ކަމަށް 87 ޕަސެންޓު މީހުންނަށް އެނގޭ ކަމަށް މި ރިޕޯޓުގައި ވެ އެވެ. ނަމަވެސް ކުނި ވަކިކުރުމުގައި ފަސޭހަ ގޮތެއް ނެތުމުން ރިސައިކަލްކުރަން ރާއްޖޭގައި އުނދަގޫ ކަމަށް 59 ޕަސެންޓް މީހުން ބުނެފައިވެ އެވެ.
ޕްލާސްޓިކް ރިސައިކަލް ކުރަން މި ރިޕޯޓުގައި ހުށަހަޅާފައި ވަނީ، އެ ޒިންމާ ކޮންސިއުމަރުންގެ ކިބައިން ނެގުމަށް ފަހު އެ އުފައްދާ ކުންފުނިތަކާ ހަވާލުކުރެވޭނެ އުސޫލެއް ތައާރަފްކުރުމަށް ފަހު އެވެ. އަދި ޕްލާސްޓިކް އެއްކޮށް، ބޭރަށް ރިސައިކަލް ކުރަން ފޮނުވޭނެ އިންތިޒާމް ހަމަޖައްސަން ވެސް ބުނެފައިވެ އެވެ. އަދި ރާއްޖޭގައި ރިސައިކަލްކުރެވޭ ގޮތް މުސްތަގްބަލުގައި ހެދުން މުހިއްމު ކަމަށާއި ސަޕްލައި ފެނަށް އާންމުންކުރާ އިތުބާރު އިތުރުކުރަން މަސައްކަތްކުރަން ވެސް ބުނެފައިވެ އެވެ.
ރިޕޯޓުގައިވާ ހުށަހެޅުންތައް ހިއްސާކުރެއްވުމަށް ފަހު ތޯރިގް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލާ އިރު އާއި ކުނި މެނޭޖްކުރުމުގެ ކަންކަން ނިންމާއިރު މި ދިރާސާ އިން ފާހަހަގަކުރެވިފައިވާ ކަންކަމަށް ސަމާލުކަން ދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
24 February 2021
ތިމާވެށި ހިމާޔަތް ކުރުން މިއީ ފާޑެއްގެ ސަބްޖެކްޓެއް. ނިކަން ފައިސާ ވެސް ލިބޭ ކަމެއް.
ހުސެން ވެށި
24 February 2021
ކިތަށް މިލިއަން ދީގެން ތި ރިޕޯޓް ހެއްދީ....
އަހުސަން
23 February 2021
އަހަރުމެން ލޮލައް ބެންނަތާ ހުންނަ ކުނީގެ ބާވަތުގެ ތެރެއިން 99% ޕްލާސްޓިކް .. އެކަމަކު 1% ޕްލާސްޓީކް .. ލިއެފަ ތި އޮތީ ....
ޒަކަރިއްޔާބުރޯ
23 February 2021
ރައީސްއޮފީހުގަ އުޅޭ މެޑަމް ފެމިލީ ކުއްޖެއް ތި ވަން ޕަސެންޓުގެ ކުއްޖެއް ތިކަން ކުރަނީ. ވަޒީފާލިބުނީ ބޮޑުދައިތަގެ ފިރިމީހާކައިރިން. ކިހާދެރަ. ނެޕޮޓިޒަމް
އަހުމަދުއަލޯ
23 February 2021
ކުނިކިރައިގެން ކޮންމެެއް ކުރަން އުޅޭ ބައެއް. ޖެހުނު ތަނަކަށް ކުނިއަަޅަނީ ކިތައް މީހުންތޯ ބެލިެއްޔާ މާރަނގަޅުވާނެ.
ހޭވިހަޑި
23 February 2021
މަޑުކުރޭ. ތިޔަބުނާ ޕްލާސްޓިކްފުޅި ރާއްޖެއިން ނައްތާލާފާނޫނީ މަށެއް ނޭވައެއް ނުލާނަން. އެހެން ނޫނަސް އަހަރެންގެ ވައުދު އަހަރެންނަށް ހަނދާންކޮށްދޭކަށް އެހެންމީހެއްގެ އެހީތެރިކަމެއް ބޭނުމެއްނުވޭ. ކޮށްފަ ހުއްޓާލާނީ.
ބަބުރަންޖީ ހާޖީ
23 February 2021
ކަރުދާހުން ކުރަންޖެހޭ ހުރިިހާކަމެއް ދިވެހިންކުރާނެ. އެކަމަކު އަމަލުން ސުމެއް.