ޕްލާސްޓިކް ރިސައިކަލް ކުރަން ހާއްސަ ޕްރޮގްރާމެއް މޯލްޑިވްސް އޯޝަން ޕްލާސްޓިކް އަލައިއަންސް (މޯޕާ) އާއި ޕާލޭ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފި އެވެ.
"ޕެޓް ރިވާސް ލޮޖިސްޓިކްސް" ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ، ސީ ހައުސް ރެސްޓޯރަންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ކުނީގެ މައްސަލަ ކަމަށާއި އެ މައްސަލައަށް ދާއިމީ ހައްލެއް ނުގެނެވޭ ނަމަ ރާއްޖޭގެ ތިމާވެށި ސަލާމަތްނުކުރެވޭނެ ކަމަށެވެ. އަދި މިފަދަ ޕްރޮގްރާމެއް އަމިއްލަ ޖަމިއްޔާއަކުން ކުރިއަށްގެންދާތީ އުފާކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މި އަހަރު އަޅުގަނޑުމެންގެ މިނިސްޓްރީން ކުރާނެ އެންމެ މުހިއްމު މަސައްކަތަކީ ކުނީގެ މައްސަލަ ހައްލުކުރަން ކުރާ ހަނގުރާމަ،" މިނިސްޓަރު ވިދާޅުވި އެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މާލެ ސަރަހައްދުގައި ހުންނަ ރެސްޓޯރަންޓްތަކާއި ކެފޭތަކަށް އަމާޒުކޮށްގެންނެވެ. ފުޅީގައި ބަންދުކުރި ފެނާއި ލުއި ބުއިންތައް ވިއްކާ ހެޕީ މާކެޓާއި މާލޭ އޭރެޓެޑް ވޯޓާ ކޮމްޕެނީ އާއި އައިލެންޑް ބެވަރަޖެސް ވެސް މި ޕްރޮގްރާމުގައި ބައިވެރިވެ އެވެ. އެ ކުންފުނިތަކަށް މި ރަސްމިއްޔާތުގައި ވަނީ ހަނދާނީ ލިޔުން ދީފަ އެވެ.
މޯޕާގެ ރައީސް އަދި ކުރީގެ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ މި ޕްރޮގްރާމްގައި މިހާރު 120 އަށް ވުރެ ގިނަ ކެފޭ/ރެސްޓޯރަންޓް ބައިވެރިވެފައިވާ ކަމަށެވެ. އެ ޖަމިއްޔާ އާއި ރެސްޓޯރަންޓްތަކާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެ ތަންތަނުން ފެންފުޅި އާއި ޕްލާސްޓިކް އެހެން ބާވަތްތަކުގެ ފުޅި، ބްރޭންޑުތަކަށް ބަލައި ވަކިކުރާނެ އެވެ. ދެން އެތަކެތި އެ ވިޔަފާރިތަކަށް ސަޕްލައިކުރާ ކުންފުނިތަކުން އަލުން ނެގުމަށް ފަހު، ޕާލޭ މޯލްޑިވްސްއާ ހަވާލުކުރާނީ އެވެ. ޕާލޭއިން އެ ޕްލާސްޓިކް ފުޅިތައް ފޮނުވާނީ، އެ ޖަމިއްޔާއާ އެކު މަސައްކަތްކުރަމުން އަންނަ ގައުމުތަކަށެވެ. މީގެ ކުރިން ޓައިވާނާއި ސްރީ ލަންކާ އަށް ޕްލާސްޓިކް ރިސައިކަލް ކުރަން ޕާލޭ އިން ވަނީ ފޮނުވައިފަ އެވެ.
"އަޅުގަނޑުމެން މި ބުނަނީ [ސަޕްލަޔަރުން ގާތު] ރޭގަނޑު ހަމަ ރިވާސްއެއް ގޮތަށް އަލުން ނަގާށޭ، އެތަންތަން ބަންދުކުރާ ވަގުތު،" ތޯރިގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ޕްރޮގްރާމް ރަސްމީކޮށް ފެށުމުގެ ކުރިން އަޖުމަ ބަލަން 45 ދުވަހު މި ޕްރޮގްރާމް ހިންގި ކަމަށެވެ. އަދި އެ މުއްދަތުގައި ހަތަރު ޓަނުގެ ޕްލާސްޓިކް އެއްކުރެވުނު ކަމަށް ވިދާޅުވި އެވެ.
މާލެ އަށް އަމާޒުކޮށްގެން މި ޕްރޮގްރާމް ފެށި ނަމަވެސް ފަހުން މި ޕްރޮގްރާމް ހުޅުމާލޭގައި ހިންގަން ވެސް ވަނީ ރާވައިފަ އެވެ.