އަންނަ މަހުން ފަށައިގެން އެއް ލީޓަރުގެ އަދި އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެންފުޅި ވިއްކުން މަނާ ވާނެތީ ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު އެކަން ހަނދާން އާކޮށްދީފި އެވެ.
ރާއްޖެ އަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓެއް އެކުލަވާލައި އެކި ތާރީހުތަކަށް ބަހާލައިގެން ސަރުކާރުން އަންނަނީ އެ ތަކެތި މަނާކުރަމުންނެވެ.
އެއް ލީޓަރުގެ އަދި އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެންފުޅި އަކީ އެ ލިސްޓުގެ ދަށުން ރާއްޖޭގައި މަނާ ކުރާ އެންމެ ފަހު ބާވަތުގެ ސިންގަލް ޔޫސް ޕްލާސްޓިކެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އަންނަ މަހުގެ އެކަކުން ފެށިގެން އެއް ލީޓަރުގެ އަދި އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެންފުޅި ރާއްޖެ އަށް އެތެރެ ކުރުމާއި އުފެންދުން ވެސް މަނާ ވާނެ ކަމަށެވެ. އަދި އެ ތަކެތި ބާޒާރަށް ނެރުން މަނާ ވާނީ އަންނަ އަހަރު މާޗު މަހުގެ އެކަކުން ފެށިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ބަދަލާ އެކު، މިހާރު ބާޒާރުގައި އާންމުކޮށް ވިއްކަން ހުންނަ 500 މިލިމީޓަރުގެ ޕްލާސްޓިކް ފެންފުޅި ވިއްކުން މަނާ ވާނެ އެވެ.
ރާއްޖެ އަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައަޅާފައި މިހާރު އޮންނަނީ މިދިޔަ އަހަރު އަމަލު ކުރަން ފެށި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުންނެވެ.
ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން ތިމާވެެއްޓަށް ގެއްލުންދޭ 13 ބާވަތެއް އެ ލިސްޓުގައި ބަޔާންކޮށްފައިވާ ތާރީހުތަކުން ފެށިގެން ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ކަމަށް ބުނެފައިވެ އެވެ.
މިހާރު މަނާ ބާވަތްތައް
• އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ހޮޅި
• ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
• ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
• ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކު ކޮތަޅު
• ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ، އިމްޕޯޓުކުރާ ސުޕާރީ
• 250 މިލިލީޓަރަށް ވުރެ ކުޑަ އަދި އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި
• ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު
• 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި، ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕު އާއި ސައިބޯނީގެ އިތުރުން ކޮންޑިޝަނާ އާއި ލޯޝަން
• 500 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކު ފެންފުޅި
• އެހެން ބާވަތުގެ ދިޔާތަކެތި ހުންނަ 500 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކު ފުޅި