04 މާޗް 2021 - 07:26
ރިތިކް ރޯޝަނާ އެކު ކުޅުނު ފިލްމު "ވޯ" ގެ ސީކްއެލް އިން ވެސް ފެންނާނެ ކަމަށާއި ރިތިކާ އެކު ސްކްރީން ހިއްސާކުރުމަކީ ކެރިއަރުގައި ލިބޭ އެންމެ ބޮޑު އުފާ ކަމަށް ޒުވާން އެކްޓަރު ޓައިގާ ޝްރޮފް ބުނެފި އެވެ.
އަންގާރަ ދުވަހު 31 ވަނަ އުފަން ދުވަސް ފާހަގަކުރި އެކްޓަރު ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބުނީ "ވޯ 2" އަކީ ކުރީގެ ފިލްމަށް ވުރެ ހުރިހާ ގޮތަކުން ވެސް ވަރުގަދަ ފިލްމަކަށް ވާނެ ކަމަށެވެ.
"އަހަންނަށް ލިބޭ އެންމެ ބޮޑު އުފަލަކީ ރިތިކާ އެކު މަސައްކަތްކުރުން. ވޯ އަކީ އަހަރެންގެ ކެރިއަރުގައި ދުވަހަކު ވެސް ހަނދާން ނައްތައިނުލެވޭނެ ތަޖުރިބާއެއް. އަހަރެން އައިޑޮލްއެއްގެ ގޮތުގައި ދެކޭ އިންސްޕިރޭޝަކަށް ބަލާ ތަރިއާ އެކު މަސައްކަތް ކުރުމަކީ ލިބޭ އެންމެ ބޮޑު އުފާ،" މިހާރު ބޮލީވުޑްގެ އެންމެ ވަރުގަދަ އެކްޝަން ހީރޯއިންގެ ތެރޭގައި ހިމެނޭ ޓައިގާ ބުންޏެވެ.
އޭނާ ބުނީ "ވޯ" އަކީ މުޅިން އެހެން ލެވެލްއެއްގެ ފިލްމެއް ކަމަށާއި ދެވަނަ ބައި ގެނެސްދޭނީ ވެސް ރިތިކާއި އަމިއްލަ ކެރެކްޓާ ވަރަށް ބޮޑަށް ވަރުގަދަވެގެން ކަމަށެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށް، ސިދާތު އާނަންދު ޑައިރެކްޓްކުރި "ވޯ" އަކީ 2019 ގައި ބޮލީވުޑްގެ ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. އޭގެ ބޮޑު ކާމިޔާބީއާ ގުޅިގެން ސީކްއެލްއެއް ހަދާނެކަން ފިލްމުގެ ޑައިރެކްޓަރު ކަށަވަރުކޮށް ދީފައި އޮތަސް، އެއީ ކިހާ ހިސާބެއްގައި ކަމެއް އަދި ނޭނގެ އެވެ.
ސިދާތު މި ވަގުތު އަންނަނީ ޝާހްރުކް ޚާނާ އެކު އަންނަ އަހަރު ގެނެސްދޭ "ޕަތާން" ގެ މަސައްކަތްކުރަމުންނެވެ. އަދި އަންނަ އަހަރުގެ ސެޕްޓެމްބަރު 30 އަށް "ފައިޓާ" ވެސް އޮތީ ތާވަލުކޮށްފަ އެވެ. އެއީ ރިތިކާ ދީޕިކާ ޕަދްކޯން ލީޑް ރޯލް ކުޅޭ ފިލްމެކެވެ.
ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސިދާތު ވަނީ "ބާހްބަލީ" ކުޅުނު ތެލެގޫ އެކްޓަރު ޕްރަބާސް އަށް ވެސް ފިލްމެއް ހުށަހަޅައިފަ އެވެ.
"ވޯ 2" ގެ ކުރިން ސިނަމާތަކަށް އަންނާނެ ޓައިގާ ފިލްމުތަކުގެ ތެރޭގައި މި އަހަރުގެ ޑިސެމްބަރު 3 އަށް ތާވަލުކޮށްފައިވާ "ހީރޯޕަންތީ 2" ހިމެނެ އެވެ. އޭނާ ސޮއިކޮށްފައި ހުރި ފިލްމުތަކުގެ ތެރޭގައި "ގަންޕަތު" އާއި "ބާގީ 4" އަދި "ރާމްބޯ" ހިމެނެ އެވެ.
ޓައިގާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ބާގީ 3" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy