04 މާޗް 2021 - 07:21
ކޮވިޑް-19 ގެ ވެކްސިންތަކާ ބެހޭ ގޮތުން ތަކުރާރުކޮށް ދޮގު މައުލޫމާތު ފަތުރާ މީހުންގެ އެކައުންޓްތަކަށް ފިޔަވަޅު އަޅަން ޓްވިޓާ އިން ނިންމައިފި އެވެ.
ޖެކް ޑޯޒީގެ ކުންފުނިން ބުނީ ވެކްސިނާ ބެހޭ ދޮގު ވާހަކަތައް ގެނެސްދޭ ޓްވީޓްތަކުގައި ދެން "އިންޒާރުގެ ލޭބަލް" ހިމަނާނެ ކަމަށާއި އެފަދަ ޓްވީޓްތައް ތަކުރާރުކުރާ ނަމަ ވަކި އުސޫލެއްގެ ދަށުން ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
މީގެ ކުރިން ވެސް ޓްވިޓާ އިން ވަނީ ކޮވިޑާ ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތު އާންމުކުރުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން ދޮގު މައުލޫމާތު ހިމެނޭ 8،400 އަށް ވުރެ ގިނަ ޓްވީޓް ނަގާފައިވާ އިރު 11.5 މިލިއަން އެކައުންޓަށް ފިޔަވަަޅު އަޅާފައިވެ އެވެ.
މި ފަހަރު މިއީ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން މިފަދަ ނިންމުމެއް ޓްވިޓާ އިން ނިންމި ފުރަތަމަ ފަހަރެވެ.
NEW RULES: Twitter users who repeatedly tweet misinformation about coronavirus will get their account suspended or banned https://t.co/GUp4gcGGJT
— Matt Navarra (@MattNavarra) March 1, 2021
އެ ޕްލެޓްފޯމުން ބުނިގޮތުގައި ވެކްސިނާ ބެހޭ ގޮތުން ތެދު ނޫން މައުލޫމާތެއް ޓްވިޓާގައި ހިއްސާކޮށްފި ނަމަ ފިޔަވަޅު އަޅަން ފަށާނީ ދެވަނަ "ސްޓްރައިކާ" އެކީގަ އެވެ. އެގޮތުން ދެ ފަހަރަށް އެފަދަ މައުލޫމާތެއް އާންމުކޮށްފި ނަމަ އެކައުންޓް 12 ގަޑިއިރަށް ތިން ވަނަ "ސްޓައިރްކް" އާ އެކު އިތުރު 12 ގަޑިއިރަށް އަދި ހަތަރު ވަނަ "ސްޓްރައިކް" އާ އެކު ހަފުތާއަކަށް ފަސް ވަނަ ނުވަތަ އެއަށް ވުރެ ގިނަ "ސްޓްރައިކް" އާ އެކު ދާއިމީކޮށް އެ މީހެއްގެ އެކައުންޓް ބޭނުން ނުކުރެވޭ ގޮތަށް ހަދާނެ އެވެ.
"އަހަރެމެން އުންމީދުކުރަން މީގެ ސަބަބުން ޓްވިޓާ މެދުވެރިކޮށް ކޮވިޑް ވެކްސިނާ ބެހޭ ދޮގު މައުލޫމާތު ހުއްޓުވި، ވެކްސިނާ ދޭތެރޭ އާންމުންގެ މެދުގައި ހޭލުންތެރިކަން ވެސް އުފެދޭނެ ކަމަށް،" ޓްވިޓާ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy