ކުޅިވަރު / ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2016

އެތައް ހާސް ދުވުންތެރިންނާ އެކު ދިރާގު ރޯޑް ރޭސް ހުޅުމާލޭގައި ފަށައިފި

ދިރާގު ރޯޑް ރޭސްގައި ބައިވެރިވާ ދުވުންތެރިން ރޭސް ފެށުމަށް ތައްޔާރުވެގެން. މި ރޭހުގައި ގިނަ އަދަދެއްގެ ދުވުންތެރިން ބައިވެރިވޭ. - ފޮޓޯ: ދިރާގު

11 ނޮވެމްބަރ 2016 - 16:55

އެތައް ހާސް ދުވުންތެރިންނާއެކު ދިރާގު މޯލްޑިވްސް ރޯޑް ރޭސް ހުޅުމާލޭގައި މިއަދު ފަށައިފި އެވެ. މިއީ ދިރާގު ރޯޑް ރޭސް ހުޅުމާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ތިންހާހެއްހާ ދުވުންތެރިންނާއެކު ފެށި ރޭހުގައި ކުޑަކުދިންނާއި އެކި އުމުރުފުރައިގެ ދުވުންތެރިން ބައިވެރިވެ އެވެ. އެހެން ފަހަރުތަކެކޭ އެއްގޮތަށް މި ރޭހުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ދުނިޔޭގެ ބައެއް ގައުމުތަކުގެ ދުވުންތެރިން ވެސް ބައިވެރިވެ އެވެ.

ރޭހުގައި ބައިވެރިވާ ބައެއް ދުވުންތެރިން ރޭސް ފެށުމުގެ ކުރިން "މިހާރު"އާ ވާހަކަ ދައްކަމުން ބުނީ ހުޅުމާލެއަށް ރޭސް ބަދަލު ކުރުމަކީ ދިމާވި ގޮންޖެހުމެއް ކަމަށެވެ. އެ ގޮތުން މާލެއަށް ވުރެ ހުޅުމާލެ އިތުރަށް ހޫނުކަން އިހްސާސް ކުރެވުމާއި ދަތުރުކުރަން ޖެހުން އެމީހުން ފާހަގަކުރި އެވެ.

"ހުޅުމާލެއަކީ ވަރަށް ހޫނު ގަދަ ރަށެއް، އެކަމަކު މަސައްކަތް ކުރާނީ ވީހާވެސް އަވަހަކަށް ރޭސް ނިންމާލަން،" 10 ކިލޯމީޓަރު ރޭހުގައި ބައިވެރިވާ އަހުމަދު ނާޝިދު 26، ބުންޏެވެ

ރޭހުގައި ސްކޫލް ކެޓަގަރީން މުޅިން އަލަށް ބައިވެރިވި ފާތުމަތު އަރީޝާ 13، ބުނީ މިހާ ގިނަ ބަޔަކާ އެކު ދުވުމުގެ ފުރުސަތު ލިބުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިފައިވާ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ދެ ކުދިންގެ ތެރެއިން ރޭހުގައި ބައިވެރިވާ އަހުމަދު އަލީފް 23، މުހައްމަދު ރައިޝާން (ރައިއްކޮ) ބުނީ މިފަދަ ދުވުމެއްގައި ބައިވެރިވާން ލިބުމުން ވަރަށް ބޮޑަށް އުފާވާ ކަމަށެވެ. އަދި ދިރާގުން މިފަދަ ފުރުސަތެއް ދިން ކަމަށްޓަކައި އެ ކުންފުނީގެ އިސްވެރިންނަށް ޝުކުރު އަދާކުރި އެވެ.

ދުވުންތެރިންގެ އަމާޒު ހުރީ ވީހާ ވެސް އަވަހަކަށް ރޭސް ނިންމުމަށެވެ. އަދި އެކަމަށް ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާން ތައްޔާރަށް ތިބި ކަމަށް ވެސް ބައެއް ދުވުންތެރިން ބުންޏެވެ.

ޕްރޮފެޝަނަލް ދުވުންތެރިންގެ އިތުރުން ކަސްރަތަށް ދުވާ މީހުން ވެސް ބައިވެރިވާ މި ރޭހުގައި ހިމެނޭ މައިގަނޑު ދެ ކެޓަގަރީ އަކީ ފަސް ކިލޯ މީޓަރު ރޭހާއި 10 ކިލޯ މީޓަރު ރޭހެވެ.

ކޮންމެ ކެޓަގަރީއަކުން ވެސް އޯޕަން ބަޔާއި 45 އަހަރުން މަތީގެ ބަޔާއި ސްކޫލް ކުދިންގެ ބައި ވެސް ހިމެނެ އެވެ. ނަމަވެސް ދެ ކެޓަގަރީގައި ވެސް ވަނީ ސްކޫލު ކުދިން ބައިވެރިކުރުމުގައި އުމުރުފުރާ ކަނޑައަޅައިފަ އެވެ. ފަސް ކިލޯމީޓަރުގެ ބައިގައި ބައިވެރިވެވޭނީ މި އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހަށް ހަތް އަހަރު ފުރިފައިވާ ކުދިންނަށެވެ. އަދި ދިހަ ކިލޯމީޓަރުގެ ބައިގައި ބައިވެރިވެވޭނީ މި އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހަށް 16 އަހަރު ފުރިފައިވާ ކުދިންނަށެވެ.

ކުރިން މާލޭގައި ބާއްވަމުން އައި ރޭސް ހުޅުމާލެ އަށް ބަދަލުކުރީ މާލޭގެ މަގުތައް މިހާރު އޮތް ގޮތުން އެވަރުގެ ރޭހެއް ކުރިއަށް ގެންދަން އުނދަގޫވާނެތީ، އެ ހުއްދަ ދިރާގަށް ނުލިބުމުންނެވެ. ދިރާގު ރޭހުގެ ބައިވެރިން ހުޅުމާލޭ އަށް ދިއުމަށް ހާއްސަ އިންތިޒާމްތަކެއް ދިރާގާއި އެމްޓީސީސީން ވަނީ ހަމަޖައްސައިފަ އެވެ.

ދިރާގުން އެންމެ ފުރަތަމަ މިރޭސް 2006 ގައި ފެށީ ދިރާގު ބްރޯޑް ބޭންޑް ރޯޑް ރޭސްގެ ނަމުގަ އެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ނަމަށް ބަދަލުކުރުމުގެ އިތުރުން މިހާރު މިއީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ދުވުމުގެ ރޭހެއް ވެސް މެ އެވެ. ރޭސް ބޭއްވުމުގެ ކުރިން ދުވާ ސަރަހައްދުގެ މިން އެޅީ ވެސް ބައިނަލްއަގުވާމީ ސެޓްފިކެޓް އޮންނަ ތަޖުރިބާކާރުންނެވެ.

0 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 11%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454