ޚަބަރު / ގދ. ތިނަދޫ

"އެނަމާ" ހާދިސާގައި ނޭނގި އޮތް ވާހަކައެއް؛ އަލިކަމެއް ނެތް ރަންވޭއަށް ކުރި ނުރައްކާ ދަތުރެއް

"ކަޅުފޮއިރެއެއް. ރަންވޭގައި ކަރަންޓެއް ނެތް. މެންދަމު ދޭއް ޖަހާއިރު މި ދަތުރު ފެށީ ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް، އަޅުގަނޑުމެންގެ ފުރާނަ އަތްމައްޗަށް ލައިގެން"

އެނަމާ ބޯޓު ބަންޑުން ޖަހާލާފައި އޮތް އިރު ސިފައިން އެތަނުގައި ހަރަކާތްތެރިވަނީ

މީގެ 17 އަހަރު ކުރިން، ގދ. ތިނަދޫ "އެނަމާ" ބޯޓު ބަންޑުން ޖަހާލި އިރު، ގދ. ކާޑެއްދޫ އެއާޕޯޓު އޮތީ ރޭގަނޑު ބޭނުންނުކުރެވޭ ހާލަތުގަ އެވެ. ހޮނު އަޅައި، ރަންވޭގެ ހުރިހާ ލައިޓުތަކެއް ހަލާކުވިތާ އޭރު މަސް ދުވަސް ވެއްޖެ އެވެ. އެއްވެސް އަލިކަމެއް ނެތުމުން، ރޭގަނޑު އެ އެއާޕޯޓަށް އޭރު ބޯޓެއް ނުޖައްސަ އެވެ.

އެކަމަކު ކަނޑުވި މީހުން ސަލާމަތްކުރަން ދާން، ކެޕްޓަން އިބްރާހިމް ރަޝީދަށް އެންމެ ކުރު މަގަކަށް ފެނުނީ ކާޑެއްދޫ އެއާޕޯޓެވެ. އޭނާ އަށް އަމުރު އައީ ވެސް އެތަނަށް ދަތުރުކުރުމަށެވެ. އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއި ނަރުހުންނާއި ކޯސްޓް ގާޑުގެ ޑައިވަރުންނާ އެކު، އިބްރާހިމް ރަޝީދާއި ކޯޕައިލެޓް މުހައްމަދު މުޖާ، ކަޅުފޮއެ ރެއެއްގައި، އަލިކަމެއް ނެތް ރަންވޭ އަށް ދަތުރު ފެށީ، އެއީ ކިހާ ނުރައްކާތެރި ކަމެއްކަން އެނގި ތިބެ އެވެ.

އެ ދަތުރާ ގުޅޭ ގޮތުން އިބްރާހިމް ރަޝީދާ ސުވާލުކުރުމުން އޭނާ އެދިވަޑައިގަތީ، އެ ހާލަތު ތަސައްވުރުކޮށްލުމަށެވެ.

"ކަޅުފޮއިރެއެއް. ރަންވޭގައި ކަރަންޓެއް ނެތް. މެންދަމު ދޭއް ޖަހާއިރު މި ދަތުރު ފެށީ ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް، އަޅުގަނޑުމެންގެ ފުރާނަ އަތްމައްޗަށް ލައިގެން،" ސިފައިންގެ ވަޒީފާގައި އޭރު ހުންނެވި އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

އަލިކަމެއް ނެތް ރަންވޭއެއްގައި ޖެއްސުމަކީ އޭވިއޭޝަން އުސޫލުތަކުގައި މަނާ ކަމެކެވެ. މޯލްޑިވްސް ސިވިލް އޭވިއޭޝަންގެ ޑައިރެކްޓަރުކަން ވެސް ކުރެއްވި އަދި ރާއްޖޭގެ އެންމެ ފުރަތަމަ ޕައިލެޓުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް ރަޝީދުގެ ބަހުން ނަމަ، "އެއީ މީހުން ކުރާ ކަހަލަ ދަތުރެއް ނޫނެ"ވެ.

އެކަމަކު ކަނޑުވި ބައެއްގެ ފުރާނަ ސަލާމަތްކުރަން އެ ރިސްކު ނެންގެވީ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ވަގުތު ވިސްނެވީ، އޭވިއޭޝަން ދާއިރާގެ ޕައިލެޓަކަށް ވުރެ، ސިފައިންގެ މީހެއްގެ ހައިސިއްޔަތުންނެވެ. ބިރު އޮތީ އެންމެ ފަހަތުގަ އެވެ. ދެ ވަނަ ވިސްނުމަކީ ކާޑެއްދުއަށް ނުޖެއްސިއްޖެ ނަމަ އައްޑޫ ގަމު އެއާޕޯޓަށް ޑައިވާޓްކުރުމެވެ.

ޑޯނިއާ ފްލައިޓެއްގައި ސިފައިން ކުރި ކުއްލި މި ދަތުރުގެ ވާހަކަ، އޭރު ކާޑެއްދޫ އެއާޕޯޓުގައި، އެއާ ޓްރެފިކް ކޮންޓްރޯލާއަކަށް ހުރި ސައްދާމު އަހުމަދު ސައީދަށް އިވުނީ، ތިނަދޫގައި ހުއްޓަ އެވެ.

އެނަމާ ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި އޭނާގެ އާއިލާގެ މީހުން ވެސް ހިމެނެ އެވެ. އެކަމަކު އެ ވަގުތު ސަލާމަތްވީ އަދި މަރުވީ ކޮން ބައެއް ކަމެއް ނޭނގެ އެވެ. ރަށުގެ އެންމެންހެން ކަހަލަ ގޮތަކަށް އަތިރިމައްޗަށް އެއްވެފައި ތިބި އިރު، ކަނޑުވި އެއްވެސް މީހަކު އޭރު ރަށަކަށް ނުގެނެ އެވެ. ވާނުވާއެއް އޮޅުމެއް ނުފިލަ އެވެ.

ކާޑެއްދޫ އެއާޕޯޓު: އެތަނަށް ސިފައިން ކުރީ ރިސްކީ ދަތުރެއް

ޑިއުޓީ ނިންމާލުމަށް ފަހު، ތިނަދުއަށް ގޮސް ހުރި ސައްދާމަށް، ސިފައިންގެ ކުއްލި ދަތުރުގެ ޚަބަރު ލިބުމުން ވަރަށް ކަންބޮޑުވި އެވެ. އަލިކަމެއް ނެތް ރަންވޭއަށް ބޯޓު ޖައްސާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ވަޒީފާ އަކީ ބޯޓު ޖެއްސުމުގައި ޕައިލެޓުންނަށް އެހީވުން ކަމަށް ވެފައި އަދި "ކޮންމެ ގޮތެއް ހަދައިގެން ވެސް ރަންވޭ ދިއްލުމަށް" އެންގުމުުން، އެ މަސައްކަތަށް ވަގުތުން އޭނާ ކާޑެއްދުއަށް ނައްޓާލި އެވެ.

އެތައް ބައެއްގެ ފުރާނަ ގެއްލުނު އެނަމާ ބޯޓު ހާދިސާ އަށް ފަހު ކާޑެއްދޫ އެއާޕޯޓުގައި އޭރު ތިބީ މަދު މުވައްޒަފުންކޮޅެކެވެ. ދިގު ރަންވޭ އަލިކުރުމަށް ލިބުނީ އެންމެ ފަސް ހޮޅިބުރި އެވެ. އެއަށް ގުޅަން އެކަށީގެންވާ ވަރަށް ކަރަންޓް ކޭބަލެއް ވެސް ނެތެވެ. އެންމެ ފަހުން މަގުމަތީގައި ހުރި ކަރަންޓު ހޮޅި ދަނޑިއަކަށް ގުޅައިގެން، އެ ހޮޅިބުރިތައް ދިއްލި އެވެ. އަދި ރަންވޭގެ ހަތަރު ކަން ފާހަގަވާނެ ގޮތަކަށް، ހޮޅިބުރިތައް ތަންތަނުގައި އަތުރާލި އެވެ. އެކަމަކު އެއީ ބޯޓެއް ޖައްސަން އެކަށީގެންވާ އަލިކަމެއް ނޫނެވެ. އެހެންވެ ސައްދާމުގެ ވިސްނުމަށް އައީ ހޮޅިބުރިތަކުގެ އަލި ފާހަގަކުރަން މުޅި ރަށް އެއްކޮށް ނިއްވާލުމެވެ. އެ ދަންވަރު އެކަން ވެސް ކުރި އެވެ. ރަންވޭއަށް ކިރިޔާ ވެސް ކުޑަ އަލިކަމެއް ދެވުނު އިރު، ބޯޓު ޖައްސަން ކައިރި ވަނީ އެވެ.

ދެން ސައްދާމު ގޮސް ޓަވަރަށް އަރައި، އެތަނުގައި އޮންނަ ސިގްނަލް ލައިޓުން ބޯޓަށް އަލިކުރަން ފެށީ، ރަންވޭ އޮންނާނެ ގޮތް، ކެޕްޓަނަށް އަންގައިދިނުމުގެ ގޮތުންނެވެ. އަދި އިބްރާހިމް ރަޝީދާ ވާހަކަ ދައްކައި، ބޯޓު ޖައްސަން އެހީތެރިވި އެވެ.

ރަންވޭގައި ހުރި ކުޑަ ހޮޅިބުރީގެ އަލި ބޯޓަށް ފެންނާނީ ކިހާ ތިރިއަކަށް އާދެވުމުންކަން، ސައްދާމަށް އެނގެ އެވެ. ބޯޓު ޖައްސަން އައި ވަގުތު އޭނާއަށް ވެސް ޖެހުނީ ނޭވާ ހިފަހައްޓާލައިގެން ހުންނާށެވެ. ސަލާމަތުން ބޯޓު ޖެއްސި ތަން ފެނުމުން، ހެއްދެވި ފަރާތަށް ހަމްދު ކުރެވުނެވެ.

"ހޮޅިބުރީގެ އައިޑިއާ އައީ ކިހިނެއްކަމެއް ވެސް އަޅުގަނޑަކަށް ނޭނގެ. އެކަމަކު އެންމެ އުފާވީ އެކަހަލަ ހާލަތެއްގައި، ކެޕްޓަން އެހާ އިތުބާރު ކުރެއްވީމަ،" މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރަމުން އަންނަ ޒުވާނާ ކިޔައިދިނެވެ.

މިހާރު ފްލައިމީގައި މަސައްކަތްކުރައްވާ އިބްރާހިމް ރަޝީދު ވިދާޅުވި ގޮތުގައި އެރޭ ބޯޓުން ދަތުރު ކުރި މީހުންނާއި އެއާޕޯޓުގައި ތިބި އެންމެންގެ ފަރާތުން ވެސް ފެނުނީ، މީހުން ސަލާމަތްކުރަން އެހީވާން ބޭނުންވެފައި ތިބި މިންވަރެވެ. ކޮންމެ މީހަކީ ވެސް "ބަތަލެއް"ގެ ގޮތުގައި ސިފަކުރެއްވި އެވެ.

އެނަމާ ބޯޓު ބަންޑުން ޖަހާލައިފައި -- ފޮޓޯ؛ ސޯޝަލް މީޑިއާ

އޭނާ ވިދާޅުވީ ސިފައިން އެފަދަ ނުރައްކާތެރި ދަތުރެއް ކުރުމަކީ އާދަޔާހިލާފު ކަމަކަށް ނުވި ނަމަވެސް، ބޯޓުގައި ތިބި ޑޮކްޓަރުންނާއި ނަރުހުން އެ ދަތުރުގައި ބައިވެރިވުމަކީ ވަރަށް ހިތްވަރު ގަދަ ކަމެކެވެ.

އެ ދަތުރުގެ ބައިވެރިން، އެނަމާ ބޯޓުން ކަނޑުވި މީހުން ސަލާމަތް ކުރުމަށް، ކާޑެއްދޫން ތިނަދުއަށް ފުރި ނަމަވެސް، އިބްރާހިމް ރަޝީދުމެން ދެން ވަޑައިގަތީ ބޯޓަށް ތެޔޮ އަޅަން ސ. ގަމަށެވެ. އަދި ބަންޑުން ޖަހާލި އެނަމާ ބޯޓު އޮތް ތަނަށް ވަޑައިގެން މީހުން ހޯދައި އެހީވުމުގެ މަސައްކަތް ފަހުން ފެއްޓެވި އެވެ.

ގއ. ވިލިނގިލީގައި އޮތް ފުޓުބޯޅަ މެޗެއް ބަލަން ކުރި ދަތުރަށް ފަހު، އެނބުރި ތިނަދުއަށް ދަތުރުކުރަނިކޮށް އެނަމާ ބޯޓު ބަންޑުން ޖަހާލުމުން 24 މީހުން މަރުވެ ދެ މީހަކު ގެއްލުނެވެ. މުޅި ގައުމު ރޮއްވާލި އެ ހާދިސާ އަށް މިއަދު 17 އަހަރު ފުުރުނުނީ އެވެ. އެތައް އާއިލާއެއް ހިތާމައިގެ ކަނޑަކަށް ގަންބާލި އެ ދުވަހު، ކަނޑުވި މީހުން ސަލާމަތް ކުރަން އެތައް ބަޔަކު ފުރާނަ އަތްމައްޗަށް ލައިގެން ނަމޫނާ ވެސް ދެއްކި އެވެ.

22 ކޮމެންޓް, 141 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 79%
icon angry icon angry 1%
icon wow icon wow 2%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

2000

18 March 2021

ސިފައިނަށް ދިވެހިން އބަދުވެސް އިތުބާރު ކުރޭ. ނަމަވެސް ގައުމު މިއަދު ސިޔާސީވެ ޕާޓީ ގަބީލަވެ، ގައުމު ހަލާކުވީ. ސިފައިން ސިޔާސީ މީހުން ބުނާ ބަހަށް ނޫނެކޭ، ނޯ ޖަހަން ހިތްވަރު ހުރުމަކީ ދިވެހިންގެ އާދޭސް. ގައުމު އިސްކުރުމަށް ގޮވާލަން. ވެރިކަމުގައި ބަޑު ބެއްދުމަށް ވުރެ ގައުމު މުހިންމު ވާން ވާނެ. މާލެގެ އާއިލާތަކުން ވެރިކަމަށް އަބަދުވެސް ތޮޅެނީ

The name is already taken The name is available. Register?

ާއަލީ އާލް

18 March 2021

ތިފަދަ ބަތަލުންގެ އަގު ވަޒަންކޮއް ހިއްވަރުގެ އިނާމު ސަރުކާރުން ޖެހޭ

The name is already taken The name is available. Register?

ލާލުޕަރީ

18 March 2021

ތިވާހަކަ ކިޔަން އަދި އަވަސް. ތިހެން ދެން ބައިވަރު ވާހަކަ އަންނާނެ.

The name is already taken The name is available. Register?

އުފާ

17 March 2021

މި އާތިކަލއ އިން ނޭހިއޮތް ވާހަކައެއް އެނގިއްޖެ. ހިތްވަރުން އުފަލުން ފުރިގެންވާ ވާހަކައެއް. ދެން ނޭގި އޮތީ އެނަމާގެ ފަސިންޖަރުން ކަޑުފެތި މަރުވި އަސްލު ސަބަބަކަށްވި ވާހަ. އޭރުން ހާދިސާގެ ދެ ކޮޅު އެނގޭނެ. އެމީހުން ރޮއި އާދޭސް ކުރި އިރުވެސް މަސްކޮޅު ނުކުރިދާނެތީ އެމީހުން ނުނަގައި ދިޔަ ވާހަކަ.

The name is already taken The name is available. Register?

ކައްކާ

17 March 2021

ހެހެހެ، ރާއްޖޭގައޮތް އެންމެ ބޮޑު އަތޮޅުގަ ކަމެއް ހިނގައިގެން ދެތިން ޑޮކްޓަރަކާ ޑައިވަރެއްގެ ބޭނުންޖެހުނުއިރު ކަންތައްވީގޮތް ބަލާލާއިރު ބިންލާދިން ހޯދަން އެމެރިކާ ސިފައިން ހިންގި އޮޕަރޭޝަނާ ތަފާތެއްނެތް. ގައުމުގެ ހުރިހާ މުއްސަނދިކަމެއް ލޫޓުވައިގެން މާލޭމީހުން ތިބީ، އަތޮޅުތަކުގެ ކުދިން ބޮޑުވާއަތަށް އަޅާއިރަށް މާލޭ ކޮންމެވެސް ގަބީލާއެއްގެ ގޭގަ ގެންގުޅޭ ކުއްޖެއްގޮތުގަ ގެންގޮސް އެކުރާކަމެއް ކުރަމުން ދިޔައީ. އެހާލުގަ ރަށްރަށު ރައްޔިތުން އޭރު އުޅުނީ.

The name is already taken The name is available. Register?

ޝެފު

18 March 2021

ކައްކާ އަށާއި އަފީފު ދީދީ އަށް ތާއީދު. މިފަދަ ޙާދިސާ ތަކާއި ބެހޭ ގޮތުން ޙަޤީގަތުގައި ލިޔެ ދިރާސާ ކުރާންވާނީ ދައުލަތުން ވެފައިވާ އިހުމާލު ތަކުގެ މައްޗަށް. ކ .އަތޮޅު މާލެއަށް ކަންކަން ފުނިޖެއްސީމަ މިފަދަ ކަންކަން ދިމާވަނީ.

The name is already taken The name is available. Register?

އައިނާ

18 March 2021

ނާޝުކުރީން ތީ.

The name is already taken The name is available. Register?

ޔެސް

17 March 2021

އެއީ ކުޅަދާނަ ބަތަލެއް. އަހަރެމެން އިތުބާރު ކުރަން އޭނާ އަށް. އެޑިޝިސަނަށް އެދުވަހު ވަރަށް ތައުރީފު ކުރިން.ފުރަން ނިންމުމުން ބައެއް މީހުން އެދުވަހު ދެކޮޅު ހެއްދެވި ކަންވެސް ހަދާނުގައި އެބަހުރި. އުފަލުވެސް ދެރަވެގެން ވެސް ހިތް ރޮއްވާލި

The name is already taken The name is available. Register?

އަރުތަ

17 March 2021

ހަމަ ރޮވިއްޖެ..........

The name is already taken The name is available. Register?

ދިވެހި ބިން

17 March 2021

ތިފަދަ ހިތްވަރުގަދަ ދިވެހިންގެ ހަނދާން އަބަދަށް އާކުރަންވާނެ ހަމައެހެންމެ މިހާދިސާގަ އެހީނުވެ އިންސާނުން ތަކެއް މަރުވަން މާ ކަނޑަށް ދޫކޮށްލަފަ ދިޔައީވެސް ދިވެހިންގެ ތެރެއިން ބަޔަކު. އެކަމަކު އެއީ އަނިޔާވެރި ލާއިންސާނީ އަދި މުދަލަށް ބޫތު ކައެފަ ތިބި ބައެއް!

The name is already taken The name is available. Register?

ހމމމ

17 March 2021

މިއަދު އެމީހުން ކޮބާތަ...؟ ތި ދޫކޮށްލާފަ ދިޔް މީހުން..... ތީއަދި ނޭނގޭ ވާހަކަ އެއް.... ނޫހުން ގެނެސްދީބަލަ.... އޭރު އަހަރުމެން ކުޑަކަމުން ވާނުވާ އެއް ނޭނގެޔޭ....

The name is already taken The name is available. Register?

ތިޔަރު

17 March 2021

މިހިރަ ފެންނަނީ ދިވެހިން ދަރިންގެ ހިތްވަރު. ދިވެހި އަސްކަރިއްޔާއަކީ ޖެހިލުންކުޑަ ކެރޭ ފައުޖެއް. ނޮވެމްބަރ 3 ގެ ހާދިސާގައި މާލެތެރެއޮތީ ކޮންހާލަތެއްގަކަން ދެނެގަތުމަށްޓަކައި ދުވެފަ ސިފައިންގެއިން ނުކުތް ފަރާތްތަކަކީވެސް ބަތަލުން. މިއަދު ދިވެހި އަސްކަރިއްޔާ ވަރުގަދަކުރުމަށްޓަކައި ބޭރުގެ ސިފައިން މިގައުމުގަ ބައިތިއްބަންޖެހޭނެ ވާހަކައަކީ ގައުމުދެކެ ލޯބިވާ އެއްވެސް ދަރިއަކު ގަބޫލްކުރާނެ ވާހަަކައެއްނޫން. ނިޔާވި ފަރާތްތަކަށް ހެޔޮރަޙްމަތްލައްވާށި

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

17 March 2021

އޭރުގެޙާލަތަށް މިއަދުވެސް ހަމަ އެއްވެސްބަދަލެއް ނާދޭ. ރާއްޖޭގެ އެންމެދެކުނުގައި މީގެ 17 އަހަރުކުރިން ތިޔަޙާދިސާ ހިގުމުން ރެސްކިއު ޓީމެއް ދާންޖެހުނީ މެދުރާއްޖެތެރޭގެ ކ.އަތޮޅު މާލެއިން. # މިކަންކަން ބަދަލު ކުރުމަށްށާއި އެއްރަށް ދައުލަތް ސިޔާތު ދޫކޮށްލާން ވޭތުވެދިޔަ 18 ވަރަކަށް އަހަރު ތެރޭގައިވެސް މާލޭސަރުކާރުން ކުރި އެއްވެސް ކަމެއް ނެތުމުން މިއަދު ހަމަ އެތަނުގައި އެފަދަ ޙާދިސާއެއް ހިގި ކަމުގައިވިޔަސް ކ.އަތޮޅު މާލެއިން ނޫންގޮތަކަށް އެހީވެވޭކަށްނެތް.

The name is already taken The name is available. Register?

މުލޭ

18 March 2021

ނޫން. ތިޔައީ މުޅިން ރަނގަޅު ވާހަކައެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454