ރިޕޯޓް / ތާރީހް

ގދ. ގަން ފަޅުވީ ބުޅާތަކެއް އެރުމުން؟ އެ ރަށު މީހުން ކޮބާ؟

އެ މީހުން ބުނަނީ ގަމަށް ބުޅާ ގެންގޮސްފި ނަމަ ރަށުން "ދަރަ ހިލި" ރަށް ނާމާންވާ ކަމަށް. ގަމަށް ދަނޑުވެރިކަމުގެ ގޮސް އުޅޭ މީހުން ބުނަނީ ރޭގަނޑު ރަށު ތެރެއިން އަންހެން ކަޅު ހަންޑި އާއި ބޮޑެތި އަލިގަނޑުގަނޑު ފެންނަ ކަމަށް

ހުވަދު އަތޮޅު ގަމުގެ މަތިން ރަށުގެ ތަންކޮޅެއް. -- ފޮޓޯ: އަހްމަދު ޒާހިދު/ޓްވިޓާ

މިއީ ގދ. އަތޮޅުގައި ކުރިން މީހުން އުޅުނު، މިހާރު ފަޅުވެފައިވާ ގަމާ އެންމެ ކައިރީގައި އޮންނަ ގައްދޫގައި ވެސް މި ވާހަކަ ކިޔައި އުޅޭ ގޮތެވެ. އެ މީހުން ބުނަނީ ތަނަވަސްކަމުގައި ބޮޑު އާބާދީއެއް އުޅެމުން ދިޔަ ގަން ފަޅުވީ އެއް ރެއެއްގެ ދަންވަރު އެ ރަށުގެ ފުއްޓަރު ފަރާތުން ބޮޑެތި ބުޅާތަކެއް އަރައި ހިނގި ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ. އިރު އެރުމުގެ ކުރިން އެ ބުޅާތައް ރަށުގެ އަނެއް ފަރާތުން ފައިބައިގެން ދިޔައީ ކަމަށާއި އޭރު ރަށުގައި ދިރިހުރި އެކަކު ވެސް ނެތް ކަމަށް ކިޔައި އުޅެ އެވެ. ބުނަނީ މަރުވި މީހެއްގެ ހަށިގަނޑު ވެސް ފެންނަން ނެތް ކަމަށެވެ.

ސަލާމަތްވި ކަމަށް ވަނީ އެކަމެއް ހިނގި އިރު މާލެއަށް ގޮސް ހުރި މީހަކު އެކަންޏެވެ.

އެކަމަކު މިއީ ކިހިނެއް ވާނެ ކަމެއް ހެއްޔެވެ؟ ގިނަ ބަޔަކު އުޅުނުކަމުގެ ހެކި މިހާރު ވެސް ފެންނަ ހުރި ގަން ފަޅުވީ ކޮންމެވެސް ސަބަބަކާ ހެދި އެ ރަށު މީހުން އެހެން ރަށަކަށް ނުވަތަ އެކި ރަށްރަށަށް ބަދަލުވުމުން ހެއްޔެވެ؟

ގަމާ ބެހޭ ގޮތުން މީގެ ބައި ގަރުނު ކުރިން ދިރާސާކުރެއްވި ނޯވޭގެ ޕްރޮފެސަރެއް ކަމަށްވާ ތޯ ހައިދާލް ލިޔުއްވައި 1986 ގައި ޝާއިއުކުރެއްވި "މޯލްޑިވް މިސްޓެރީ" ގައި ގަމާ ބެހޭ ގޮތުން ލިޔުއްވާފައިވެ އެވެ. އަދި މި ފޮތުގައި ހުރި ވާހަކަތަކާއި ތިއަރީތަކުގެ މައްޗަށް ބިނާކޮށް މެއި 1، 1992 ގެ "ފަތްތޫރަ" ގައި، ދިވެހި ތާރީހީ އިލްމުވެރިޔާ މުހައްމަދު އިބްރާހިމް ލުތުފީ ވެސް ލިޔުއްވި އެވެ.

ހުވަދު އަތޮޅުގެ ދެކުނު ދުނީގައި އޮންނަ ރަށްތަކުގެ ތެރެއިން ގަމަކީ ބޮޑު ރަށެކެވެ. އެކަމަކު ޖެހިގެން އޮތް ގައްދުއަކީ ކުޑަ ރަށެކެވެ. ގަމުގައި މީހުން އުޅުނު އިރު ގައްދޫގެ އާބާދީ ވެސް އެހާ ކުޑަ ކަމަށް ތާރީހުން އެނގެ އެވެ. އެއީ އޭރުގެ ބަހުން ނަމަ ހުކުރު ވެސް ހަމަ ނުވާ ރަށެކެވެ. ހުކުރު ހަމަވަނީ އެ ދުވަސްވަރު އޮންނަ އުސޫލުން ނަމަ މަދުވެގެން 40 ފިރިހެނުންގެ ޖަމާއަތެއް އޮވެއްޖެ ނަމަ އެވެ.

ރާއްޖޭގައި "ގަން" ކިޔާ ކޮންމެ ރަށަކަކީ ވެސް ބިން ބޮޑު މާ ރަށްރަށެވެ. ގދ. ގަން ވެސް ހަމަ އެހެންނެވެ. ގަން ފަޅުވުމާ ބެހޭ ގޮތުން ހުރި ލިޔުންތަކުގައި ބުނެފައިވަނީ ގަމުގައި ހައްދާ އޮޅު އަލަ އާއި ގޮވާމާއި ކާށިން މުޅި ހުވަދު އަތޮޅަށް ފުދޭ ކަމަށެވެ. ދަނޑުވެރިކަމުގެ އިތުރުން ދެން އެ ރަށް ހާއްސައީ ގިނައިން ވެލާ އަރާތީ އެވެ. އެއީ ވެސް ކާނާ އެވެ.

މީހުން އުޅުނު ރަށެއްކަން އެނގޭ

އަމިއްލަ އޮޑިދޯނިފަހަރުގައި ރާއްޖޭން ބޭރަށް ދަތުރުކޮށް އުޅުނު، ތަނަވަސް ބަޔަކު ހިމެނޭ ރަށް ފަޅުވީ މީގެ 200 އެތައް އަހަރެއް ކުރިން ކަމަށް ތާރީޚީ ލިޔުންތަކުގައި އަންދާޒާކޮށްފައިވެ އެވެ.

މުހައްމަދު އިބްރާހިމް ލުތުފީ ލިޔުއްވާފައިވާ ގޮތުގައި ގަމުގެ އަށް އަވަށެއްގައި މީހުން އުޅުނެވެ. ރާއްޖެ އިސްލާމްވުމުގެ ކުރިން އެ ރަށުގައި ވެސް އުޅުނީ ބުޑިސްޓުން ކަމަށާއި އެއީ ބުޑިސްޓުންގެ މަޒުހަބެއް ކަމަށްވާ "ތަންތިރިޒިމް" ނުވަތަ ހިންދީ ބުޑިސްޓުން ކަމަށް އެ ފޮތުގައިވެ އެވެ. ކޮންމެ އަވަށެއްގައި ހަވިއްތަ ހަދާފައި ހުރި ކަމުގެ ނިޝާންތަކާއި ހެކި އެބަ ހުއްޓެވެ. އިސްލާމްދީނަށް އެނބުރި ގަމުގެ އެންމެ ބޮޑު ބުޑިސްޓް މޮނާސްޓްރީ ތަޅާލައި އެތަން ބަދަލުކުރީ ހުކުރު މިސްކިތަށެވެ. އެ މިސްކިތުގެ ގަބުރުސްތާނުގައި ގިނަ ބަޔަކު ވަޅުލާފައިވާކަން އެނގެން އެބަ އޮތެވެ. ތޯގެ ދިރާސާ އިން އެނގުނު ގޮތުގައި މުޅި ރަށުގައި 40 މިސްކިތް ހުރި ކަމަށް ބުނެވުނަސް ފެންނަން ހުރީ އަށް މިސްކިތެއްގެ ނިޝާނެވެ. އަދި 10 ގަބުރުސްތާނެވެ.

ގދ. ގަމުގެ އަތިރިމަތި: ބޮޑު ބިޔަ ރަށެއް -- ޓްވިޓާ/މުހައްމަދު ޝާބިން

މަހާނަ ގާތަކުން ފެންނަން ހުރި ތާރީޚުތަކާއި އެހެން ބައެއް ކަންކަމަށް ރިއާޔަތްކޮށް މުހައްމަދު އިބްރާހިމް ލުތުފީ ލިޔުއްވާފައި ވަނީ ގަން ފަޅުވީ ހިޖުރީ ގޮތުން 1200ގެ ތެރޭގައި ކަމަށެވެ. އެ ދުވަސްވަރު ރާއްޖޭގެ ރަސްކަން ކުރެއްވީ އައްސުލްތާން ހަސަން ނޫރައްދީން 1 އާއި އެ ރަދުންގެ ދަރިކަލުން މުހައްމަދު މުއީނުއްދީން 1 އަދި އައްސުލްތާން މުހަންމަދު އިމާދުއްދީނެވެ. އެކަމަކު ހަސަން ނޫރައްދީނާއި މުއީނުއްދީނުގެ ރަސްކަމުގައި ހުވަދު އަތޮޅުން ފަޅުވި ރަށްރަށުގެ ނަންތައް ހަސަން ތާޖުއްދީންގެ ތާރީހުގައި ލިޔުއްވާފައި އޮތް އިރު ގަމުގެ ނަމެއް ނެތެވެ. މިހެން ވުމުން، ގަމަކީ ކުއްލިއަކަށް ފަޅުވި ރަށެއް ނޫން ކަމަށް ވެސް ބެލިދާނެ އެވެ. ނަމަވެސް މަޑުމަޑުން މީހުން މަދުވަމުން ގޮސް އެންމެން ހުސްވީ ކަމަށް ބެލިޔަސް އެ ބަޔަކު ދިޔަ ރަށެއް އޮންނަން ވާނެ އެވެ. އެކަމަކު އެހެން އެއްވެސް ރަށަކުން ގދ. ގަމަށް ނިސްބަތްވާ މީހަކު ނުފެނެ އެވެ.

އެ މީހުންނަށް ވީ ކިހިނެއް؟

ބޮޑެތި ބަލިމަޑުކަމާއި ނާމާންވުމާއި ރަށް ގިރުމާއި ފޭރޭ މީހުންނަށް ފަސޭހައިން އެރުން ފަދަ ކަންކަމަކީ އިހުގައި ރަށްރަށް ފަޅުކޮށްފައި މީހުން ފައިބައިގެން ދާން މެދުވެރިވި މައިގަނޑު ސަބަބުތައް ކަމަށް ވިޔަސް މިގޮތަށް ދާ މީހުން ނުވަތަ އެ މީހުންގެ އާއިލާތައް ކައިރި އެހެން ރަށްރަށުން ފެނެ އެވެ. އެއީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އެކަން ހިނގަމުން އަންނަ ގޮތެވެ.

ބުޅާތަކެއްގެ ސަބަބުން ރަށް ފަޅުވި ކަމަށް ބުނާ ވާހަކައަށް އިތުރުވާ އަނެއް ސުވާލަކީ މިއީ އެވެ. އާންމުކޮށް ދިމާވާ ސަބަބެއް މެދުވެރިވެގެން ރަށް ފަޅުކޮށް މީހުން ދިޔަ ނަމަ އެ މީހުން ކޮބައި ހެއްޔެވެ؟ ކައިރި ރަށްރަށުގައި ގަމު މީހަކު ވަޒަންވެރިވެފައި ނުވާ ކަމަށްވެ އެވެ. އެއީ އެއިން މީހެއް ނުވަތަ މީހެއްގެ އާއިލާއެއް ވެސް ފެންނަން ނެތަތީ އެވެ.

ބާރަށް ގޮވާލިޔަސް، އަޑު ފޯރާހާ ހިސާބުގައި އޮތް ގައްދޫގައި ވެސް ގަމު މީހަކު ވަޒަންވެރިވިކަން އެނގޭކަށް ނެތެވެ. ނުވަތަ އެހެން ގޮތަކުން ވެސް އެ ރަށު މީހަކު ގައްދޫގައި އުޅުނު ކަމެއް އެނގޭ މީހަކު އެ ރަށުގައި ހުރި ކަމަކަށް ނުވެ އެވެ.

ގައްދޫ މީހުން ބުނާ ގޮތުގައި ގަމަކީ ގައްދޫ މީހުން ދަނޑުވެރިކަމާއި އެހެން ބޭނުންތަކަށް ކޮންމެ ދުވަހަކު ދާ ރަށަކަށް ވިޔަސް އެ ރަށުގައި ރޭގަނޑު ތިބުމަކީ ވަރަށް ފަހަކާ ޖެހެންދެން ވެސް ކޮށް އުޅުނު ކަމެއް ނޫން

ބުޅަލަކީ އިންސާނުން ރޮލާ ކާ ޖަނަވާރެއް ނޫނެވެ. އެހެންކަމުން ބުޅާތަކެއްގެ ސަބަބުން އަދި ހަމަ އެންމެ ރެޔަކުން އެންމެން މަރުވާން ޖެހުނު ސަބަބެއް ނުވިސްނެ އެވެ. މަރުވި މީހެއްގެ ހަށިގަނޑު ވެސް ނުފެންނަ ކަމަށް ބުނަންޏާ ރަށު މީހުން އެ ރަށް ދޫކޮށްފައި އެހެން ރަށަކަށް ދިއުން އެކަށީގެންވެ އެވެ. އެކަމަކު އެއްވެސް ރަށަކުން ވެސް ގަމު މީހަކު ނުފެނުމަކީ، ހައިރާންވާން ޖެހޭވަރުގެ ކަމެކެވެ. ރާއްޖޭން ބޭރަށް ދަތުރުކޮށް އުޅުނު، ފޯރާ ބަޔަކަށް ވާތީ އެއް ރެއެއްގެ ދަންވަރު އެންމެން ފުރައިގެން ދިޔައީ ހެއްޔެވެ؟ ނުވަތަ ފޭރޭ މީހުން ރަށްރަށަށް އަރައި ލޫޓުވި އެ ޒަމާނުގައި ރަށު އެންމެން ރަހީނުކޮށްގެން ގެންދިޔައީ ހެއްޔެވެ؟

ގަމަށް ބުޅާ ގެންދިއުން މަނާކޮށްފައި އޮތް

ގަން 1985 ހިސާބުގައި ވަރުވާ އަށް ލިޔެގެން އުޅުނު ހަސަން ހުސައިން މަނިކާ ހަވާލާދީ ބައެއް ވާހަކަތައް މުހައްމަދު އިބްރާހިމް ލުތުފީ ލިޔުއްވި އެވެ.

އޭނާ ބުނެފައިވާ ގޮތުގައި ގަމަށް ބުޅާ ގެންދިއުން އޮތީ 1975 ވަނަ އަހަރާ ހިސާބަށް އައި އިރު ވެސް މަނާ ކަމެއްގެ ގޮތުގަ އެވެ. އަދި ގައްދޫ މީހުން މިހާރު ވެސް އެ ވާހަކަ އެގޮތަށް ދައްކަ އެވެ. އެ މީހުން ބުނަނީ އެކަން އެގޮތަށް އޮތީ ގަމަށް ބުޅާ ގެންގޮސްފި ނަމަ ރަށުން "ދަރަ ހިލި" ރަށް ނާމާންވާތީ ކަމަށެވެ. އެހެން ދިމާވުމުން، ގަމަށް ދަނޑުވެރިކަމުގެ ގޮސް އުޅޭ މީހުންނަށް ރޭގަނޑު ރަށު ތެރެއިން އަންހެން ކަޅު ހަންޑި ފެނުމާއި ބޮޑެތި އަލިގަނޑުގަނޑު ފެންނަ ކަމުގެ ވާހަކަތައް ވެސް ދައްކަ އެވެ. އެކަމަކު މިހާރު ގަމުގައި ބުޅާ އުޅެ އެވެ.

ދެން ދައްކަނީ ގަން ފަޅުވުމަށް ފަހު ގައްދޫ ވެސް ނާމާންވި ވާހަކަ އެވެ. ރަށުތެރެއަށް އަލިގުޅަތައް ވެއްޓޭތަން ފެނުމާއި އާދަޔާ ހިލާފަށް މީހުން މަރުވުން ފަދަ ކަންތައް ދިމާވީ އެވެ. އެކަމަކު ގައްދޫ މީހުން ބުނަނީ މިކަން ހައްލުކުރަން އައްޑޫ މީދޫން ކުޑަރަނިޔަގެ މުހައްމަދު މަނިކުފާނު (ކުދުރަނިޔަގެ ބެއްޔާ) ގައްދު އަށް ގެންގޮސް ފަންޑިތަ ހެދުމުން އެކަން ރަނގަޅުވެ ރަށް އަމާންވީ ކަމަށެވެ.

ގައްދޫ މީހުން ބުނާ ގޮތުގައި ގަމަކީ ގައްދޫ މީހުން ދަނޑުވެރިކަމާއި އެހެން ބޭނުންތަކަށް ކޮންމެ ދުވަހަކު ދާ ރަށަކަށް ވިޔަސް އެ ރަށުގައި ރޭގަނޑު ތިބުމަކީ ވަރަށް ފަހަކާ ޖެހެންދެން ވެސް ކޮށް އުޅުނު ކަމެއް ނޫނެވެ. ގަމަށް ދާ ނަމަ އެންމެ އަވަހަށް ވެސް ދަނީ އަލި ވިލި ހެނދުނު ވީމަ އެވެ. އިރު އޮއްސެންވާއިރަށް އެނބުރި ގައްދުއަށް ދާނެ އެވެ. އެކަމަކު ދަނޑުވެރިކަމަށާއި ރަށް ބެލެހެއްޓުމަށް މިހާރު ގަމުގައި ބިދޭސީން ތިބެ އެވެ.

އެކަމަކު ބުޅަލަކީ އަދިވެސް އެ ރަށަށް އާންމު އެއްޗެއް ނޫނެވެ.

64 ކޮމެންޓް, 48 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 0%
icon angry icon angry 2%
icon wow icon wow 50%
icon inlove icon inlove 19%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮމެންޓާ

23 March 2021

ދިވެހިންނަކީ ދޮގހެދުމުގައި އަރާ ތިބި ބައެކެވެ. ހަގީގަތް ކިޔަނުދޭން ކޮންމެ ފަދަ ފޮތެއްވެސް ހަދާފާނެއެވެ. ރާއްޖެ އިސްލާމް ވީ ގޮތުގެވާހަކަ އަކީ އޭގެ މިސާލެކެވެ.

The name is already taken The name is available. Register?

ނާދު

23 March 2021

الحمد الله ފޯސްޑްކޮށްގެންވެސް އަހަަރުމެނާހަމައަށް އިސްލާމްދީން އައިކަން, އެހެންނޫންނަމަ އަހަރުމެންވެސް ތިބޭނީ އެ ހިލަގާތަކަށް އަޅުކަންކޮށްކޮށް...

The name is already taken The name is available. Register?

ކަރުކެހި

23 March 2021

ތިޔަވާހަކަ އަޑުއެހިން ކޮންމެވެސް ވަރަކައް އެޒަމާނުގެ މީހުންބުނަނީ ތެދެއްކަމައް ދެން އޮތް ސުވާލަކީ ތިޔައިން މީހަކައްއެގޭތޯ ކަނޑަހަލަގައުގެ ވާހަކަ؟؟؟؟އެވޭލާޒަމާނުގާ ކިޔާނެެ ނިކަން ކަނޑަހަލަގައު ނުބަލަންޔާ ކިޔާފައިން ޅެމެއްގެވާހަކަ އަހަރެންގެ މުނިކާފަ މެންގެޒަމާނުގާ ތިކަމުގެ ހަގީގަތް ހޯދޭނެ ބަޔަކުއުޅެފިއްޔާ

The name is already taken The name is available. Register?

ާއައްލާބެއްޔާ

23 March 2021

ސަރުކާރުން މިރަށަށް ވެފައިވާ އިހުމާލު ގެ ވާހަކާ ލިޔެލާނަމަ ދޯ. މިސަރުކާރުއައީ ގައްދޫ މީހުނާ މި ރަށް ހަވާލުކުރާނަމޭ ކިޔައި ވޯޓް ހޯދައިގެން. އަދި އެޖެންޑާ 19 ގެ ގޮނޑިވެސް ހޯދީ އެހެން ކިޔައިގެން. ޢެކަން އެހެން ނުވެގެން އުޅޭނީ ކޮންބަޔެއްގެ ނުފޫޒުންބާ؟

The name is already taken The name is available. Register?

ޢައްޒާމް

22 March 2021

އެހެން ޑިމެންޝަނަކަށް ވަދެވުނީތޯއްޗެ

The name is already taken The name is available. Register?

ދޮރު

22 March 2021

ބުޅާ ވާހަކަ ހަމަ އެއްގޮތަކަށްވެސް ގަބޫލެއް ނުކުރެވެއެވެ. ބުޅާ އަރައިގެން އެންމެން ނެތި ދިޔަނަމަ ބުޅާ އެރިކަން އެނގޭނީ ކިހިނެތް ހެއްޔެވެ. ބޫޅާތައް އަރައި ފައިބައިގެން ދިޔަކަން އެނގޭނީ ކޮންމެވެސް މީހަކު ދިރިހުރެ އެ ވާހަކަ އެހެން މީހެއްގާތުގައި ބުނެގެންތާއެވެ.

The name is already taken The name is available. Register?

ނަސްރަތު

25 March 2021

ބުޅާތަކެ އެރިކަމުގެ ނިޟާންތަ ހުޓޯ ފެންނަ އެ ރަށުގަ.

The name is already taken The name is available. Register?

ނިކަންމާ

22 March 2021

ނ.މަނަދޫގައިވެސް ރަށުގެ ހުޅަނގު ދެކުނު ފަރާތުގައި 300 އަހަރު ކުރިން ފަޅުކޮށްފައި އޮތް ސަރަހައްދެއް އޮވޭ. އެކަމަކު ބުނެ އުޅެނީ ގިލަންވެރިކަން ބޮޑު ވެގެން ރަށުގެ ދެކުނު ފަރާތް ދޫކޮށް އުތުރު ފަރާތަށް ބަދަލުވީ ކަމަށް. މިއަދު މަނަދޫގައި މީހުން އުޅެނީ އުތުރު ފަރާތުގައި. ދެކުނު ފަރާތުގައި ހުރީ އިހުގެ މަހާނަ ފާ ތަކާއި، ތަރާގަނޑުތައް.

The name is already taken The name is available. Register?

މިލަދެކު

23 March 2021

މަނަދުއާ ޖެހިގެން އޮންނަ އެއްދުއްފަރު ފަޅުވުމާ ތިޔަކަމާ ގުޅުމެއްވޭބާ!

The name is already taken The name is available. Register?

ގައްދޫ މީހާ

22 March 2021

ގަމުގެ ހަވިއްތައިްނ ނެގި ޖަވާހިރުގެ ވާހަކަ ކޮންމެވެސް ކުއްޖަކު ކިޔައިދީބަލަ. ހަމަ ގައިމުވެސް މީހިގި ކަމެއް. އެޔަށް ފަހު ހަވިއްތަ ކޮނުން ހުއްޓުނީ. އޭގެ ކުރިން ބޭރުގެ ޓީމްތައް އަންނާނެ ދޭތެރެ ދޭތެރެއިން ހަވިއްތަ ކޮންނަން

The name is already taken The name is available. Register?

ކުޑޫ.

23 March 2021

ތިޔަހެންވިއްޔާ ތިޔަ ވާނީ ތިޔަ ޖަވާހިރެއް ހޯދަން އައި ޕައިރެޓުންގެެ ބަޔަކު އެންމެން ރަހީނުކޮށްގެން ގެނދިޔައީކަމަށް

The name is already taken The name is available. Register?

ކުދުރަނިޔަގެ ފުތާ

22 March 2021

ކުޑަރަނިޔައެއް ނޫނެވެ.ކުދުރަނިޔައެވެ.މަށަކީ ކުދުރަނިޔަގެ މުހައްމަދު މަނިކުފާނު (ކުދުރަނިޔަގެ ބެއްޔާ)އާއި ޢާއިލީ ގުޅުންއޮތް މީހެކެވެ.އެހެންވީމާ މަށަށް ރަގަޅަށް މިނަންކިޔަން އެގެއެވެ.ބެއްޔާގެ ކާފަ ދަރިން މިހަރުވެސް އެބަތިއްބެވެ.މިޒާތުގެ ނަންތައް މިހެން ލިޔެލިޔެ އެންމެފަހުން ތިކިތެޅިތާނަވެސް އުވާލަން ވަކާލާތުކޮށް އެކަން ނިންމަކީވެސް "ކުދު" އޮންނަތަންތަނަށް "ކުޑަ" ކިޔައި "ކިޅި" ލިޔާތަންތަނަށް "ކުޅި" ލިޔެގެންތާއެވެ.މަ ހަމަ ބުނެލީއެވެ.

The name is already taken The name is available. Register?

އަމަން

22 March 2021

އެންމެ ވައްތަރީ ރަށުގެ މީހުންކޮޅު ވަގަށް ނަގައިގެން ގޮސް އަޅު މަސައްކަތުގައި ބޭނުން ކުރުމަށް ކޮންމެވެސް ގައުމަކަށް ގެންދިޔައީހެން. މީހުން ވަގަށް ނަގަން އެރި މީހުން ތިބީ ބުޅާހެން ސިފަވާ މާސްކް އަޅައިގެން ތިބުން ގާތް. ނޫނީ އެމީހުންގެ ދިދައިގަ ބުޅާ ރަމްޒު ވާ ނިޝާނެއް ހުރީ ކަމަށް ވެސް ވެދާނެ.

The name is already taken The name is available. Register?

ބުޅުފިޔަވަޅު

22 March 2021

އެމީހުން ގެނައި ކުއްތާތަކުގެ ފިޔަވަޅުތަށް ފެނުމުން ބުޅާކަމަށް ހީވީ ތޯއްޗެ. ނޫނީ ކައިރީގަ ގައްދޫ މީހުނަށް ދުރުން ރޭގަނޑު ކުއްތާތަށް ފެނުމުން ބުޅާކަމަށް ހީވީ ތޯއްޗެ. އިނގިރޭސިންނާއި ސްޕެއިން މީހުން އަޅުން ހޯދީ އެގޮތަށް ވަގަށް ނަގައިގެން

The name is already taken The name is available. Register?

ފިޔަވަޅުތަށް؟؟؟

23 March 2021

ފިޔަވަޅުތަށް ތަ ނުވަތަ ފިޔަވަޅުތައް ތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454