ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2020

ފުޓްބޯޅަ ލީގު ނުފެށި ދިގުލުމުން ބޮޑެތި މައްސަލަތަކެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް ރާއްޖޭގައި އެންމެ ބޮޑު ހަރަދެއް ކްލަބްތަކުން މުބާރާތަކަށް ކުރާނެ ބަޔަކީ ފުޓްބޯޅަ. އެހެންވެ އެންމެ ބޮޑަށް ފުޓްބޯޅަ އަށް ގެއްލުންވަނީ. މިއީ އެހެން ކުޅިވަރަކަށް ބުނެވޭ ދެރަ ބަހެއް ނޫން."

މިއީ ހުކުރު ދުވަހުގެ ރޭ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ރާއްޖޭގެ ފުޓްބޯޅަ ލީގު ހުއްޓާލާފައި އޮތުމުން ކަންބޮޑުވުން ފާޅުކުރައްވައި އަވަހަށް ލީގު ފަށަން ޖެހޭ ކަމަށް އިޝާރާތްކޮށް ދެއްކެވި އެއް ވާހަކަ އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާތީ މިދިޔަ މަހު ތިން ވަނަ ދުވަހު ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް ކުޅިވަރު ހަރަކާތްތައް ހުއްޓާލައިފަ އެވެ. ހާއްސަ ގައިޑްލައިނެއްގެ ދަށުން ކުޅެމުން އައި ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ވެސް މެދުކަނޑާލި އެވެ.

ފުޓްބޯޅަ މުބާރާތް އަވަހަށް ފަށަން ކްލަބްތަކުގެ އިސް ފަރާތްތަކުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވެސް ބައްދަލުކޮށްފަ އެވެ. އެފްއޭއެމްއާ އެކު ކުރި ގިނަ މަޝްވަރާތަކަށް ފަހު އެޗްޕީއޭ އިން ދިން ހަރުކަށި ގައިޑްލައިނެއްގެ ތެރެއިން މިދިޔަ މަހު 28 ވަނަ ދުވަހު ކްލަަބްތަކުން ފަރިތަކުރުންތައް ފެށި އެވެ. އެއީ ހުރިހާ ޓީމެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިގެންނެވެ.

ވެކްސިން ޖަހައިގެން މިދިޔަ ތިން ހަފްތާއެއްހާ ދުވަހު ޓީމުތަކުން ޕްރެކްޓިސް ކުރަމުން އައީ އިއްޔެ އަލުން ސީޒަން ފެށޭނެ ކަމުގެ އުއްމީދުގަ އެވެ. އެކަމަކު އަދިވެސް ލީގު ފެށޭނެ ސީދާ ތާރީހެއް ނޭނގެ އެވެ. ޔަގީނުން ވެސް އެނގޭ ކަމަކީ އެޗްޕީއޭ އިން ޕްރެކްޓިސް ފަށަން ކްލަބްތަކަށް ދިން ހުއްދައާ ހިލާފުވެގެން އެއްވެސް ކްލަބަކާ ދެކޮޅަށް ފިޔަވަޅެއް އަޅާފައިނުވާ ކަމެވެ. މާޒިޔާއިން ދިން އެހީއެއްގައި ގަލޮޅު ދަނޑުގައި ވަނީ ޑިސްއިންފެކްޓް ގޭޓެއް ވެސް ބަހައްޓައިފަ އެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ ޖުމްލަކޮށް ހުރިހާ ކުޅިވަރެއް ވެސް އަލުން ފަށަން ކުރަން ޖެހޭ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ހާއްސަކޮށް ފުޓްބޯޅަ މުބާރާތްތައް ފަށަން ޖެހޭ ސަބަބުތައް އޮޅުންފިލުވައިދެއްވި އެވެ. އެ ގޮތުން ފުޓްބޯޅަ ކްލަބްތަކުން ބިދޭސީ ކުޅުންތެރިންނާއި ކޯޗުންނަށް ދޭ ޖެހޭ މުސާރަ، ފުޓްބޯޅަ މުބާރާތްތައް ހުއްޓާލާފައި އޮތަސް ދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި ސީޒަން ދިގުލައިގެންދާ މުއްދަތުގައި މާލީ އެތައް ދައްޗަކާ ކްލަބްތަކަށް ކުރިމަތިލާން ޖެހުމަކީ ވެސް ކަންބޮޑުވާން ޖެހޭ ސަބަބެއް ކަމަށް މަހުލޫފް ވިދާޅުވި އެވެ.

މި މަހު 1 އިން 15ގެ ނިޔަލަށް ރާއްޖޭގެ ފުޓްބޯޅައިގެ ޓްރާންސްފާ މާކެޓް ވަނީ ނިމިފަ އެވެ. ފަހު ޓްރާންސްފާ މާކެޓްގައި ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބުން ވަނީ 28 ޓްރާންސްފާއެއް ހަދައިފަ އެވެ. އޭގެ ތެރެއިން 12 ޓްރާންސްފާ އަކީ ބިދޭސީ ކުޅުންތެރިންނެވެ. މި ޓްރާންސްފާތައް ކުރީ އަވަހަށް ލީގު ފެށޭނެ ކަމަށް ބަލައިގެންނެވެ. އެކަމަކު ލީގު ނުފެށި ދިގުލައިގެން ދާ ނަމަ ޓްރާންސްފާތަކުގެ ސަބަބުން އަނެއްކާވެސް ކްލަބްތަކުގެ ހަރަދުތައް ބޮޑުވެ، މާލީ އުނދަގޫތައް އިތުރުވާނެ އެވެ.

ލީގު ނުފެށި ލަސްވާ ނަމަ އޭއެފްސީ ކަޕްގެ ތައްޔާރީއަށް ބުރޫއަރާނެ

މި ފަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭގެ ދެ ޓީމު ކުޅެ އެވެ. އެއީ ކޮލިފައިންގައި ވާދަކުރާ ކްލަބް އީގަލްސް އާއި ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދާފައިވާ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އެވެ.

ރާއްޖޭގެ ޓީމުތަކުން މި މުބާރާތުގައި ގައުމު ފަހުރުވެރިވާނެ ފަދަ ނަތީޖާއެއް ނެރުމަށް މަގުކޮށައިދިނުމުގެ ވިސްނުމުގައި އެފްއޭއެމުން މި ވަނީ ރަނގަޅު ފުރުސަތުތަކެއް ހޯދައިދީފަ އެވެ. އެގޮތުން އަންނަ މަހު ހަތް ވަނަ ދުވަހު އީގަލްސް އިން ކޮލިފައިންގައި ކުޅޭ ފުރަތަމަ މެޗާއި އަންނަ މެއި މަހު މާޒިޔާ ކުޅޭ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް ސްޓޭޖް މެޗުތައް ރާއްޖޭގައި ބާއްވަން ހަމަޖެއްސި އެވެ.

އީގަލްސް ވެސް ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަކީ އުއްމީދެކެވެ.

މިދިޔަ މަހު ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ބާއްވަން އެފްއޭއެމުން ބިޑްކުރާނީ ރާއްޖޭގައި މެޗުތައް ކުޅެވޭނެ ކަމުގެ ޔަގީންކަން ކަމާ ބެހޭ ފަރާތްތަކުން ދިނުމުން ކަމަށެވެ. ބައްސާމް ކަމާ ބެހޭ ފަރާތްތަކޭ އެ ވިދާާޅުވީ އެޗްޕީއޭ އާއި ޔޫތު މިނިސްޓްރީ އަށް އިޝާރާތްކުރައްވަ އެވެ.

ޔޫތު މިނިސްޓްރީ އާއި އެޗްޕީއޭގެ ވެސް ހުއްދަ ލިބިގެން ކުރި އޭއެފްސީ ކަޕްގެ ބިޑް ރާއްޖޭން ކާމިޔާބުކުރީ އިންޑިއާއާ ވާދަކޮށެވެ.

އޭއެފްސީ ކަޕްގެ ކޮލިފައިންގައ އީގަލްސް ކުޅޭ މެޗަށް ދެން އޮތީ ތިން ހަފްތާއެއްހާ ދުވަހެވެ. އެހެންކަމުން ރާއްޖޭގެ ލީގު ނުފެށި އޮތުމަކީ ރަނގަޅު ކަމެއް ނޫނެވެ. އޭއެފްސީ ކަޕް ފަދަ ބައިނަލްއަގުވާމީ މުބާރާތެއްގެ މެޗެއް ހޯސްޓްކުރާ އިރު އެ މެޗު ފެށެން ގާތްވެ ފަހު ވަގުތު ހުރިހާ ކަމެއް ކުރަން އުޅެފި ނަމަ ގޯސްތަކެއް ހެދިދާނެ އެވެ. އަދި ފަހު ވަގުތު އެ މެޗު ނުކުޅެވޭ ގޮތްވުމަކީ މުސްތަގުބަލުގައި ރާއްޖެއަށް އެފަދަ ފުރުސަތުތައް ގެއްލިދާނެ ސަބަބަކަށް ވެސް ވެދާނެ އެވެ.

އޭއެފްސީ ކަޕްގެ ތައްޔާރީތަކުގައި އީގަލްސް އާއި މާޒިޔާ އަވަދިނެތި އެބަ އުޅެ އެވެ. އެކަމަކު ދެ ޓީމަށް ވެސް އޮތް ބޮލުގެ ރިހުމަކީ ލީގު އަލުން ފެށޭނެ ދުވަހެއް ނޭނގި ޕްރެކްޓިސް ކޮށްކޮށް ތިބުމެވެ. ފުޓްބޯޅަ ޓީމެއްގެ ފުރިހަމަ މެޗު ފިޓްނަސް ގެނެވޭނީ މެޗު ކުޅެގެންނެވެ. ސަރަހައްދުގެ ހުރިހާ ގައުމަކުން ފުޓްބޯޅަ ލީގު ކުރިއަށްގެން ދާއިރު، ލީގު ހުއްޓިފައި އޮތީ ރާއްޖޭގައި އެކަންޏެވެ. މި ގޮތަށް ލީގު ހުއްޓިފައި އޮވެފައި ލީގު ފެށިގެން މަދު މެޗުތަކެއް ކުޅެ، އޭއެފްސީ ކަޕަށް ނުކުމެ ރަނގަޅު ނަތީޖާއެއް ނުނެރެވިދާނެ އެވެ. އޭރުން އެ މުބާރާތަށް އަމާޒުކޮށް ކްލަބްތަކުން ކުރަމުން އަންނަ ހަރަދު ބޭކާރުވީ އެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ދާދި ފަހުން ޕީއެސްއެމްގައި ބުނީ ކްލަބްތަކުން ޕްރެކްޓިސް ކުރަމުން އައީ މި މަހު 20 ވަނަ ދުވަހު (އިއްޔެ) ލީގު ފެށޭނެ ކަމަށް ބަލައިގެންނެވެ. އެންމެ ބޮޑު ބޮލުގެ ރިހުމަކީ މެޗުތައް ފެށޭނެ ދުވަހެއް ޔަގީންނުވުން ކަމަށް އޭނާ ބުންޏެވެ.

"ޕްލޭންކޮށްގެން ކަންތައްތައް ކުރަން ވިސްނައި ކުރިއަށްދާއިރު މެޗުތައް ފެށޭނެ ދުވަހެއްގެ ޔަގީންކަން ނެތި މަސައްކަތްކުރާނެ ގޮތެއް ނުވިސްނޭ. އެއީ އަބަދު ޕްރެކްޓިސް ކޮށްގެން ފުޓްބޯޅަ ޓީމެއްގެ ކަންތައްތައް ރަނގަޅެއް ނުކުރެވޭނެ. މެޗު ވެސް ކުޅެން އެބަ ޖެހޭ،" ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ޝާޒް ބުންޏެވެ.

މާޒިޔާގެ ކޯޗުކަމާ މިދިޔަ ޖެނުއަރީ މަހު ހަވާލުވި ރެއާލް ބެޓިސްގެ ލެޖެންޑް، ރިސްޓޯ ވިޑަކޮވިޗް ބުނީ އޭނާ ބޭނުންވާ ލެވަލަށް ޓީމުން ކުޅެން ފެށިތަނާހެން ޕްރެކްޓިސް ހުއްޓާލަން ޖެހުމުން އުނދަގޫތަކެއް ކުރިމަވި ކަމަށެވެ. މިހާރު އެންމެ ބޮޑު ކަންބޮޑުވުމަކީ ލީގު އަލުން ފެށޭނެ ދުވަހެއް ނޭނގި ހަމައެކަނި ޕްރެކްޓިސް ކުރަން ޖެހުން ކަމަށް އޭނާ ވެސް ބުންޏެވެ.

މިދިޔަ އަހަރުގެ އަށް މަސް ދިޔައީ ފުޓްބޯޅައިގެ ހަރަކާތެއް ނެތި އެވެ. ދެން ކުޅުން މެދުކަނޑާލަން މި ޖެހުނީ ސީޒަން ފެށިތާ ދެ މަސް ވެސް ނުވަނީހެވެ. މިހާރު މި އޮތީ ލީގު އަލުން ފެށޭނެ ދުވަހެއް ނޭނގޭ ހާލަތުގަ އެވެ.

ހުރިހާ ކުޅުންތެރިންނާއި ކޯޗުންގެ އުއްމީދަކީ ވީހާވެސް އަވަހަކަށް ވާދަވެރި މެޗުތަކަށް ނުކުމެވޭ ގޮތް ވުމެވެ.

5 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 20%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޯޑޭ

21 March 2021

ގެއްލުވާކަމެއް ނޭގެ ދުނިޔޭގެ ފެންވަރުގެ ކޯޗުންނާއި ޓްރައިނަރުން ނާއި ކުޅުންތެރިން ހުރިހާ ކުލަބަކުން ވެސް ގެންނަނި. ނުފޯށާ ފަށުން ފޫގަޅާ ގެންބާ މި އުޅެނިި ކުލަބުތައް.

The name is already taken The name is available. Register?

ޟާނު

21 March 2021

ކުޅެނެކަމެއްނެތް ކުލަބުތަކަށް ފައިސާ ދޭއިރު ރެފްރީންނަށްދޭނެ ފައުސާއެއްނެތް ބޭރުން ރެފްރީންގެނެސް ދުވާލަކަށް 60 ޑޮލަރުދީފަ ފޮނުވާލިއިރު ދިވެހިރެފްރީންގެ އެތަށްއަހަރެއްވީ އުޛުރަނުދީވަނީ ދިވެހިރެފްރީން ގެންގުޅެނީ އަޅުންގެ ގޮތުގާ ޓްރެއިން ކުރަން މިގެންނަނީ ރެފްރީކަމުގަ އުޅެމީހުނަސްވުރެ ދަށް އިޒުހާނު އިޒުހާނު އިނސްޓަކަޓަރަކަށްވީހޮތެް ނޭންގެ ރިތަޔަރްކޮށްފަ ތިބި ރާއްޖޭގެ ދުވަސްވީ ކުރީގެ އެލީޓު ގޮތުގަ ތިބި އަލީސަލީމް ސައީ ދު އަމީޒު ޑޯނާކޮބާ

The name is already taken The name is available. Register?

ދަގަނޑޭ

21 March 2021

މައްސަލައަކަށް ވަނީ ފުޓްބޯޅަ ކުޅޭ ވިއްސަކަށް މީހުންނަށް. އަހަރުމެން މިއުޅެނީ ޕެންޑެމިކަކުން އަރައިގަނެވޭތޯ، ފުޓުބޯޅަ ކުޅެވިދާނެ ފަހުން.

The name is already taken The name is available. Register?

މަލަމާ

21 March 2021

ޕެންޑަމިކުން އަރައިގަނެވޭތޯ މުޅި ދުނިޔެ ވެސް އުޅެނީ. އެކަމަކު ހުރިހާ ޤައުމެއްގައި ވެސް ފުޓްބޯޅަ އެބަކުޅޭ.

The name is already taken The name is available. Register?

ސައިކަލު ކޮވިޑް

21 March 2021

ކެފޭ ރެސްޓޯރަންޓް ހުޅުވާފަ ބެހެއްޓުން އޯކޭދޯ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454