ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: އޭނާގެ ޕާސްޕޯޓް ދޫކުރި މައްސަލަ ހައި ކޯޓުން ވަނީ ބަލައިގަތުމަށް ނިންމާފައި --- ފޮޓޯ/މިހާރު
25 މާޗް 2021 - 19:43
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ ބަލައިގަތުމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ނިންމައިފި އެވެ.
ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން މިދިޔަ މަހު ކްރިމިނަލް ކޯޓުން އެންގީ އޭނާ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް އެދިވަޑައިގަތުމުންނެވެ. ޕާސްޕޯޓް ދޫކޮށްލި ރޭ އަލީ ވަހީދު ވަނީ ފުރައިވަޑައިިގެންފަ އެވެ.
ޕާސްޕޯޓް ދޫކޮށްލަން ކުރި އަމުރު އިސްތިއުނާފް ކުރަން ދައުލަތުން ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ކުރިން ނިންމެވި އެވެ. އެއީ އެފަދަ މައްސަލަތައް އިސްތިއުނާފް ކުރަން ޖެހޭ 48 ގަޑިއިރުގެ މުއްދަތު ފާއިތުވި ފަހުން އެ މައްސަލަ ހުށަހެޅުމުންނެވެ.
ރަޖިސްޓްރާގެ އެ ނިންމެވުން ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި ދައުލަތުން އިސްތިއުނާފް ކުރުމުން އެ މައްސަލަ ބަލައިގަތުމުގެ ހުއްދަ ދިނުމަށް އެ މަޖިލީހުން ނިންމާފައިވާ ކަން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ. އެހެންވެ، އެ މައްސަލަ އަލުން ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ހައި ކޯޓުގެ ގަވާއިދު ބުނާގޮތުން މައްސަލައެއް ބަލައިނުގަތުމަށް ރަޖިިސްޓްރާ ނިންމިޔަސް، ފަނޑިޔާރުންގެ މަޖިލީހުގައި އެ ނިންމުން އިސްތިއުނާފް ކުރެވިދާނެ އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުއްވި ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް ދަނީ ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުސްމާނުބެ
27 March 2021
ދެން މިސޮރު ރާއްޖެ ސިޓިޒަންޝިޕް ދޫކޮއްލާފަ އިގިރޭސި ވިލާތު މީހަކައް މީމަ ދެން ނިމުނީ.... ސަރުކާރައް ވަރައް ވެދުން.... ވަގުން ހިފަން އައި މީހުން ވައްކަންކޮއް އެމީހުން ހިމާޔަތް ކޮއްދޭ ސަރުކާރު......
ޖާބެ
26 March 2021
ޕާސްޕޯޓް ދޫކުރިމީހާ މަޤާމުން ވަކިކޮށް ހުކުމްކޮށް ޖަލައްލާ
މަންޑޭލާ
26 March 2021
ބެލިޔަސް ނުބެލިޔަސް ކީއްކުރެވޭނީ. އަހަރުންނަ އެގޭ ސަރުކާރުން ޑުރާމާ ކުޅެނީކަން
އަރުވާލިބާގިރުގެ ސިޔާސީ މާވަހަރު
25 March 2021
ދެންވެސް ކަމެއްކުރަންޏާ އަޑުބަރޭ ޕާސްޕޯޓުހިފާއްޓާ އޭނާ އުޅޭނޫޅޭގޮތް ރަނގަޅަށް މޮނީޓަރުކޮށްބަލަ. ވެދިޔަތަން ވެދިޔައީ.