ދިވެހި ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2020

ޝާޒްގެ ފުރަތަމަ މެޗު، މޯހަން ކުރީގެ ޓީމާ ދެކޮޅަށް

ސަސްގެ ކޯޗު މޯހަން (ކ) އާއި އީގަލްސްގެ ކޯޗު ޝާޒް.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމަށް ދެ މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިއަދު ފަށާއިރު، ފުރަތަމަ މެޗަކީ ދެ ޓީމުގެ ބެންޗުގައި ތިބި ކޯޗުންނަށް ހާއްސަ މެޗަކަށްވާނެ އެވެ. އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އަށް މި މެޗު ހާއްސަވާ ސަބަބަކީ މިއީ އޭނާ އެ ޓީމާ ހަވާލުވި ފަހުން ކުރިމަތިލާ ފުރަތަމަ މެޗެވެ. އަނެއްކޮޅުން މިއީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން) އޭނާ ކުރިން މަސައްކަތްކުރި އީގަލްސް ދޫކޮށްލި ފަހުން އެ ޓީމާ ދެކޮޅަށް ނުކުންނަ ފުރަތަމަ ފަހަރެވެ.

ޝާޒް މި ސީޒަނުގައި އެންމެ ފުރަތަމަ ފެނުނީ ޓީސީ ސްޕޯޓްސް ކްލަބުންނެވެ. އެ ޓީމުގެ ކޯޗުކަމުން އިސްތިއުފާދިންތާ ހަތަރު ވަރަކަށް ދުވަސް ފަހުން ޝާޒް ވަނީ އީގަލްސް އިން ދިން އޮފާ ގަބޫލުކޮށް އެ ޓީމާ ހަވާލުވެފަ އެވެ.

ޝާޒް އޭރު ބުނީ އީގަލްސް އަށް ނޫނެކޭ ބުނަން އުނދަގޫވީ އެއީ އޭނާ ކުރިން ކުޅެފައިވާ ޓީމަކަށް ވުމުގެ އިތުރުން މި ވަގުތު އެ ޓީމަކީ ގިނަ ޒުވާން ކުޅުންތެރިން ހިމެނޭ ގޮތަށް އޮތް ޓީމަކަށް ވުމުން މިއީ ރަނގަޅު ޗެލެންޖެއްގެ ގޮތުގައި ފެންނާތީ ކަމަށެވެ.

ޖެނުއަރީ 31 ވަނަ ދުވަހު ޝާޒް އީގަލްސްއާ ހަވާލުވުމަށް ފަހު އޭނާ މާ ގިނަ ޕްރެކްޓިހެއް ނެތި ވެސް ތައްޔާރުވީ މާޗް ތިން ވަނަ ދުވަހު އޮތް ސަސް މެޗަށެވެ. އެކަމަކު ފުރަތަމަ މެޗަށް ޓީމު ގޮވައިގެން ނުކުންނަން އޮތް ދުވަހު ލީގު މެދުކަނޑާލީ އެވެ. މިއަދު ސަސް މެޗަށް ނުކުންނައިރު، އީގަލްސް އަށް މި މެޗު މުހިއްމުވާ އަނެއް ސަބަބަކީ އަންނަ މަހުގެ ހަތް ވަނަ ދުވަހު ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް މާލޭގައި ކުޅޭ އޭއެފްސީ ކަޕްގެ ކޮލިފައިން މެޗަށް ރަނގަޅަށް ތައްޔާރުވުމެވެ. ތިމްޕޫ މެޗުގެ ކުރިން ލީގުގައި އީގަލްސް ދެ މެޗު ކުޅޭނެ އެވެ.

ފުރަތަމަ ޑިވިޝަން ގިނަ ޓީމުތަކަކަށް ކުރިން ކޯޗުކޮށްދިން މޯހަން އީގަލްސްއާ ހަވާލުވީ 2018 ވަނަ އަހަރު އެވެ. އެ ޓީމާ އެކު މިދިޔަ ދެ ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެ މި ސީޒަން ފެށީ ރަނގަޅު ރޫހެއްގަ އެވެ. އެ ގޮތުން މޯހަންގެ ކޯޗުކަމުގައި އީގަލްސް އިން ވަނީ މި ސީޒަނުގެ ޗެރިޓީ ޝީލްޑް އުފުލާލައިފަ އެވެ. އެއީ ފަހަތުން އަރައި ލީގުގެ ޗެމްޕިއަން މާޒިޔާ 3-2 އިން ބަލިކުރުމަށް ފަހު އެވެ.

މިދިޔަ އަހަރު އީގަލްސް އަށް ލީގުގެ ދެ ވަނަ ހޯދައިދިން ނަމަވެސް މޯހަން އަށް މި ފަހަރު އެ ޓީމާ އެކު ލީގުގައި ރަނގަޅު ނަތީޖާތަކެއް ނުނެރެވުނެވެ. މިދިޔަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު މޯހަން އީގަލްސްއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލިއިރު، އެ ޓީމު އޮތީ ގިނަ މެޗުތަަކަކުން ބަލިވެ އަށް ޓީމު ވާދަކުރާ ލީގުގެ ހަތް ވަނައިގަ އެވެ.

މި ސީޒަނުގެ ކުރީކޮޅުގައި މޯހަން ވަނީ ސީޒަން ނިޔަލަށް އީގަލްސްގައި މަޑުކުރާނެކަމުގެ ވާހަކަތަކެއް ދައްކައިފަ އެވެ. އެކަމަކު ހާލަތުގެ ގޮތުން ކަންތައްތައް ބަދަލުވުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭރު ވެސް ބުންޏެވެ. ނަތީޖާތައް ދަށްވެއްޖެނަމަ ޒިންމާނަގަންޖެހޭނެ ކަމަށް މޯހަން ވަނީ ބުނެފަ އެވެ.

ސަސްގެ ކޯޗެއްގެ ގޮތުގައި މީޑިއާއާ ބައްދަލުކުރި ފުރަތަމަ ފަހަރު ޓީމު ބަދަލުކުރުމާ ބެހޭގޮތުން މޯހަން ބުނީ "ފުޓްބޯޅައިގައި ޓީމު ބަދަލުކުރުމުގައި ކޯޗުންނަށް ވެސް އޮންނާނީ ކުޅުންތެރިންނެކޭ އެއް އުސޫލެއް" ކަމަށެވެ. މޯހަން ސަސްއާ ހަވާލުވީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

ސަސް އާއި އީގަލްސް ބައްދަލުކުރާ މި މެޗު އެންމެ ފުރަތަމަ ޝެޑިއުލްކޮށްފައިވާ ތާރީހު (ފެބްރުއަރީ 3) ގައި ކުޅުމާ މިއަދު މި މެޗު ކުޅޭ ހާލަތު ވަރަށް ބޮޑަށް ތަފާތެވެ. އަދި ދެ ޓީމަށް މިހާރު އައިސްފައިވާ ބަދަލުތައް ވެސް ވަރަށް ބޮޑެވެ. މި މަހު 1 އިން 15 އަށް ކުރިއަށްދިޔަ ޓްރާންސްފާ މާކެޓްގައި ދެ ޓީމަށް ވެސް ވަނީ ގިނަ އާ ކުޅުންތެރިންތަކެއް ގެނެސްފަ އެވެ.

ލީގުގައި ހަތަރު ޓީމެއް ވަނީ ނުވަ މެޗު ކުޅެފަ އެވެ. އަނެއް ހަތަރު ޓީމު ވަނީ އަށް މެޗު ކުޅެފަ އެވެ. މިއަދު ހަވީރު އީގަލްސް އާއި ސަސް ކުޅޭ މެޗާއި މިރޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗަށް ފަހު ހުރިހާ ޓީމެއްގެ މެޗު އަދަދު އެއްވަރުވާނެ އެވެ.

މި ވަގުތު ލީގުގެ އެއް ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އޮތީ ނުވަ މެޗުން 21 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އަށް ނުވަ މެޗުން ވަނީ 15 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ދަ ގްރާންޑޭ އަށް ވެސް ވަނީ ނުވަ މެޗުން 15 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ގްރީން ސްޓްރީޓްސް އަށް އަށް މެޗުން ވަނީ 11 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަަނައިގައި ޓީސީ އޮތީ ނުވަ މެޗުން ނުވަ ޕޮއިންޓާ އެކު އެވެ.

ހަ ވަނައިގައި އޮތް ސަސް އާއި ހަތް ވަނައިގައި އޮތް އީގަލްސް އަށް އަށް މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. މިއަދު މި ދެ ޓީމު ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ފަސް ވަނަ އަށް އެރޭނެ އެވެ. ލީގުގެ އެންމެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓްރީ އަށް އަށް މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454