ދިވެހި ކުޅިވަރު / މާޒިޔާ ސ.ރ.ކ

ޕޮއިންޓް ތާވަލަށް ނުބަލަން، ޔޫވީ މެޗަކީ ޓެސްޓެއް: ވިޑަކޮވިޗް

މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު ދެ ޓީމު ޕޮއިންޓް ތާވަލުގައި އޮތް ހިސާބަށް ނުބަލާނެ ކަމަށާއި މެޗެއް ނުކުޅެ އެހާ ގިނަ ދުވަސްތަކެއް ވަންދެން ހުރުމަށް ފަހު ކުޅޭ މެޗަކަށް މި މެޗު ވާތީ މިއީ ޓެސްޓެއްގެ ގޮތުގައި ދެކޭ ކަމަށް މާޒިޔާގެ ސާބިއާ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.

މާޒިޔާ ލީގުގެ އެއް ވަނައިގައި އޮތީ ނުވަ މެޗުން 21 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ރޭ ގްރީން ސްޓްރީޓްސް އަތުން 3-0 އިން މޮޅުވި ވެލެންސިއާ އެވެ. ވެލެންސިއާ އަށް ވަނީ 10 މެޗުން 18 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ޔުނައިޓެޑް ވިކްޓްރީ އެވެ. ނުވަ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ޔުނައިޓެޑް ވިކްޓްރީ އޮތީ ލީގުގެ ފުލުގަ އެވެ.

ވިޑަކޮވިޗް ބުނީ އޭނާގެ ނަޒަރުގައި ޔުނައިޓެޑް ވިކްޓްރީ އަތުގައި ތިން ޕޮއިންޓް އޮތް ކަމުގައި ވިޔަސް އެ ޓީމުން ދައްކާ ކުޅުމަށް ބަލާއިރު އެ އަށް ވުރެން ގިނަ ޕޮއިންޓް ހައްގުވާ ކަމަށެވެ.

"އަހަރެމެންނަށް ނެތް ފަސޭހަ ކޮށްލެވެން. އަހަރެން ދެކޭ ގޮތުގައި މިއީ ވަރަށް ނުރައްކާ މެޗަކަށް ވެސް ވެދާނެ. އެއީ އަހަރެމެންނަށް ނެތް ޓޭބަލަށް (ތާވަލަށް) ބަލައިގެން ގޮތެއް ނިންމޭކަށް،" ވިޑަކޮވިޗް ބުންޏެވެ.

މާޒިޔާ އެންމެ ފަހުން މެޗެއް ކުޅުނީ މިދިޔަ މަހުގެ ދެ ވަނަ ދުވަހު އެވެ. އޭގެ ފަހުން ކޮވިޑް-19 ކޭސްތައް ގިނަވާތީ މިދިޔަ މަހު ދެ ހަފްތާ އަށް ވުރެން ގިނަ ދުވަަހަށް ޕްރެކްޓިސް ވެސް ނުކުރެވޭ ގޮތަށް ފުޓްބޯޅަ ހަރަކާތްތައް ހުއްޓުނެވެ. މި މަހު 26 ވަނަ ދުވަހު އަލުން ލީގު ފެށީ މަހެއްހާ ދުވަހު ޕްރެކްޓިސް ކުރި ނަމަވެސް އެއްވެސް ޕްރެކްޓިސް މެޗެއް ނުކުޅެ އެވެ. ލީގު ހުއްޓާލިއިރު މާޒިޔާ އިން އައީ ވިޑަކޮވިޗްގެ ޕްލޭނާ އެއްގޮތަށް ކުޅެމުންނެވެ. އެކަމަކު އަލުން ފަށާއިރު ޓީމު އޮންނާނެ ހާލަތެއް އޭނާ އަށް ވެސް ނޭނގޭތީ މިއަދުގެ މެޗުން އޭނާ ވެސް ޓީމުގެ އާ ކަންތައްތަކެއް ދަސްކުރާނެ އެވެ.

"ވަރަށް އުނދަގޫވާނެ ހާލަތެއް މިއީ. އަހަރެމެން ވަރަށް ރަނގަޅަށް ކުޅެން ފަށައި އަހަރެމެން ސިސްޓަމަކަށް ރޭވިގެން ކުރިއަށްދާން ފެށިތަނާ މި ލީގު ހުއްޓާލީ. މި ވަގުތު ހުރިހާ އެއްޗެއް ވެސް ހުރީ ސިކުނޑީގައި. އަހަރެމެން މެޗެއް ނުލިބި މި ތިބީ އެއް މަހަށް ވުރެން ގިނަ ދުވަހު. ޕްރެކްޓިކަލީ ބަލަންޏާ މިއީ ގާތްގަނޑަކަށް ދެ މަސް. މިއީ ސީޒަން (އަލުން) ފެށުން ކަހަލަ ކަމެއް ކޮންމެ ޓީމަކަށް ވެސް. ޓްރެއިން ކުރުމަކީ އެއް ކަމެއް. ޕްރެކްޓިސް ކުރެވިދާނެ. އެކަމަކު މެޗު ކުޅެގެން މީގެ އަސްލު މަންޒަރު ފެންނާނީ،" ވިޑަކޮވިޗް ބުންޏެވެ.

"އަހަންނަށް އެންމެ ރަނގަޅު ޓެސްޓަކީ މި މެޗު. މެޗެއް ކުޅުނީމަ ދެން މި ޓީމާ ބެހޭގޮތުން ބޭނުންވާ މައުލޫމާތު އަހަންނަށް ރަނގަޅަށް އެއްކުރެވޭނެ. އެއީ ޓްރެއިނިން އާއި މެޗުގެ އިންޓެންސިޓީ ވެސް ތަފާތު ވާނެ. ފަހަރެއްގައި އަނެއްކާ އަހަރެމެން ބޭނުންވާ ލެވަލަށް ކުޅެލަން ދޭން ނޫނީ ތިނެއް ފަހަރުގައި ހަތަރު މެޗު ވެސް ހިނގައިދާނެ. އެ ހިސާބުން ޓީމުގެ ޝޭފެއް ރަނގަޅަށް އިންނާނީ،"

ވިޑަކޮވިޗް ބުނީ މި ވަގުތު ކަލްކިއުލޭޝަނެއް ހަދައިގެން ޕޮއިންޓް ތާވަލާ މެދު ވިސްނަން އަދި އަވަސް ކަމަށާއި ބޭނުމީ ފުރަތަަމަ ކަމަކަށް ކުޅުމުގެ ފެންވަރު އަލުން ކުރިން އޮތް ހިސާބަށް ނޫނީ ބޭނުންވާ ހިސާބަކަށް ގެންދަން ކުރާ މަސައްކަތަށް ފޯކަސް ކުރުމަށް ކަމަށެވެ.

ޔުނައިޓެޑް ވިކްޓްރީގެ މެޗެއްގެ ތެރެއިން ސާންތީ.-- ފޮޓޯ: އެފްއޭއެމް

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ މާޒިޔާ އަކީ ހުރިހާ ގޮތަކުން ބެލިޔަސް ލީގުގައި މި ވަގުތު އޮތް އެންމެ ވަރުގަދަ ޓީމު ކަމަށެވެ. އަދި އެ ފަދަ ޓީމަކާ ދެކޮޅަށް ޔުނައިޓެޑް ވިކްޓްރީ މިހާރު އޮތް ހާލަތުގައި ނުކުންނައިރު އެންމެ އިސްކަމެއް ދޭން ޖެހޭ އެއް ކަމަކީ ކޮޅަށް ވަން ގޯލު މަދުކުރުންކަން ސާންތީ ފާހަގަކުރި އެވެ.

ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އިން ވަނީ ޔުނައިޓެޑް ވިކްޓްރީ 4-0 އިން ބަލިކޮށްފަ އެވެ. ސާންތީ ބުނީ އެ މެޗުން ކަންތައްތަކެއް ދެނެގަންނަން ބަލާއިރު ފަސޭހަނުވާނެ ސަބަބަކީ ނިމިދިޔަ ޓްރާންސްފާ މާކެޓްގައި މާޒިޔާ އިން އިތުރު ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަކޮށްފައިވުން ކަމަށެވެ.

"އަސްލު ހަގީގަތުގައި މި ލީގުގެ އެހެން ޓީމަކަށް ދެރަ ބަހެއް ބުނަނީ އެއް ނޫން. މިހާރު މި ލީގަކު މާޒިޔާއާ ވާދަކުރެވޭނެ ޓީމެއް ނެތް. ފަސޭހަކަމާ އެއްކޮށް ނަގާނެ. މިހެން ބުންޏަސް މާޒިޔާއާ އެއްކޮށް (ޔޫވީ އިން) ވެސް ދުލެއް ނުދޭނަން. ބަލާނަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ގޭމް ކުޅެފައި ކޮޅަށް ވަންނަ އެތި މަދުކުރަން. އެހެން ޓީމުތަކާ އެއްކޮށް ކުޅޭ ގޭމް ކުޅެފިއްޔާ ހިފަހައްޓައިނުލެވޭނެ،" ސާންތީ ބުންޏެވެ. "ކޯޗެއްގެ ހައިސިއްޔަތުން (މާޒިޔާ އަތުން) ޕޮއިންޓެއް ލިބުނަސް އެއީ ކާމިޔާބެއް،"

ސާންތީ ވަނީ ޔުނައިޓެޑް ވިކްޓްރީ އަށް ހުރި ގޮންޖެހުންތައް ކިޔައިދީފަ އެވެ. އެ ގޮތުން އޭނާ ފާހަގަކުރި ކަންތައްތަކަކީ ބިދޭސީ ކުޅުންތެރިން ފެންވަރު ދަށްވުމުގެ މައްސަލަ އާއި ރަނގަޅަށް ކުޅެފައި އަމިއްލަ އަތުން މެޗު ގެއްލުމުގެ މައްސަލަތައް ތަކުރާރުވާއިރު، ކޮންމެ މެޗަކަށް ވެސް ޑިފެންސްގައި ކުޅޭ ކުޅުންތެރިންނަށް ލިބޭ އަނިޔާގެ ސަބަބުން ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެންނަން ޖެހިފައި އޮތުމެވެ.

"ނުވަ މެޗު ކުޅޭއިރު މޮޅެއްނުވީމަ މިއީ އަޅުގަނޑު ވެސް ކުރަން ޖެހޭ ވަރަށް އެހެން ކަހަލަ ތަޖުރިބާއެއް. އަޅުގަނޑު އުއްމީދުކުރަނީ މި ދުވަސް ދާނެ ކަމެއް. ދެން ހަމަ މި ކަންތައްތައް ވެސް ނިމޭނެ. އެކަމަކު ނިމޭނީ ކޮން އިރަކު ކަމެއް ނޭނގެ. މީގެ އަނެއްކާ އެންމެ ފުލަށްދާ ދެ ޓީމެއް ރެލިގޭޝަން ވެސް ކުޅެން ޖެހޭ،" ކުރިން އީގަލްސް އަށް ކޯޗުކޮށްދިން ސާންތީ ބުންޏެވެ.

ލީގުގައި ޔުނައިޓެޑް ވިކްޓްރީ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 16:00 ގަ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޯޑޭ

30 March 2021

ނިއު އަށް ގެނައި އޮސްކާވަރު ކޯޗެއް ނުހުންނާނެ. މަދު ދުވަސް ކޮޅެއް ތެރޭ މުޅި ޓީމް އެފުން މިފުށަށް ޖަހާލައި ދިވެހި ސަފޯޓަރުންނާއި ވާދަވެރި ގައުމްތަކުގެ ސަފޯޓަރުން ވެސް ހައިރާން ކޮލި. ކާމިޔާބު ހޯދަށް ބޭނުމިންޔާ މިފެންވަރު ކޯޗަކު ގެންނަށްވީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454