ކުޅިވަރު

އީގަލްސް - އަބަހާނީ މެޗު ނޭޕާލްގައި ކުޅެން ހުށަހަޅައިފި

އޭއެފްސީ ކަޕް ކޮލިފައިންގެ ފުރަތަމަ ބުރުގައި އީގަލްސް އާއި ތިމްޕޫ ބައްދަލުކުރި މެޗުގައި އީގަލްސްގެ ހަންނަ އަތުން ބޯޅަ ހޯދުމަށް ތިމްޕޫގެ ކުޅުންތެރިން މަސައްކަތްކުރަނީ. -- ފޮޓޯ / އެފްއޭއެމް

12 އެޕްރީލް 2021 - 12:32

އޭއެފްސީ ކަޕްގެ ކޮލިފައިންގެ ދެވަނަ ބުރުގައި ކްލަބު އީގަލްސް އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ބައްދަލުކުރާ މެޗު ނޭޕާލްގައި ކުޅުމަށް އަބަހާނީ އިން ހުށަހަޅައިފި އެވެ.

ކުރިން މި ހަފުތާގެ ބުދަ ދުވަހު ބަންގާޅުގައި މި މެޗު ކުޅޭ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް، ބަންގާޅުގައި ކޮވިޑް ކޭސްތައް ގިނަވެ، މި މެޗު ކުޅުމުގެ އިންތިޒާމްތައް ހަމަނުޖެއްސުމާއެކު، އޭއެފްސީން ވަނީ މި މެޗު މި މަހުގެ 21 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ. އަދި މި މެޗު ކުޅުމަށް ނިއުޓްރަލް ދަނޑެއް ހުށަހެޅުމަށް އިއްޔެގެ ނިޔަލަށް އަބަހާނީ އަށް ފުރުސަތު ދިނެވެ. އެކަށީގެންވާ ނިއުޓްރަލް ދަނޑެއް ހަމަނުޖެހިއްޖެނަމަ، މި މެޗު ކުޅޭނީ މާލޭގަ އެވެ.

ބަންގާޅުގެ މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި އަބަހާނީ އިން ވަނީ ނޭޕާލްގައި މެޗު ކުޅުމަށް ހުށަހަޅައިފަ އެވެ. އަދި ނޭޕާލްގެ ދަސްރަތު ސްޓޭޑިއަމްގައި މި މެޗު ކުޅެވޭނެ އިންތިޒާމްތައް ހަމަޖައްސައިދޭނެ ކަމަށް ނޭޕާލްގެ ފުޓްބޯޅަ އެސޯސިއޭޝަނުން އަނގަބަހުން ޔަގީންކަން ދީފައިވާ ކަމަށެވެ.

"އަދި މުޅިން އެއްވެސް ކަމެއް ޔަގީނެއްނުވޭ. މިހާތަނަށް ނޭޕާލް އިން އަނގަބަހުން އެއްބަސްވެފައި އޮތީ މެޗު ކުޅެވޭނެ އިންތިޒާމްތައް ހަމަޖައްސައިދޭން. މިހާރު އޭއެފްސީ އަށް ހުށަހަޅައިފިން ނޭޕާލްގައި މެޗު ކުޅެން،" ބަންގާޅުގެ މީޑިއާއާ ވާހަކަދައްކަމުން އަބަހާނީގެ މޭނޭޖަރު ސަޓްޔަޖިތު ޑާސް ރުޕޫ ބުންޏެވެ.

މެޗުގެ ފަސްކޮށްދިނުމަށް އަބަހާނީ އިން އެދުނު ނަމަވެސް، އޭއެފްސީން އެ ހުށަހެޅުން ގަބޫލެއް ނުކުރި އެވެ. ބަންގްލަދޭޝް ފުޓްބޯޅަ ފެޑަރޭޝަނުން ކުރިން ބުނީ މެޗު ފަސްކުރެވޭ ގޮތްނުވުމުން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރުމަށް ފަހު، ބަންގްލަދޭޝްގައި މެޗު ކުޅޭ ގޮތަށް ހަމަޖެހިފަައިވާ ކަމަށެވެ. އެހެން ނަމަވެސް، މެޗު ހޯސްޓްކުރުމަށް ސަރުކާރު ކަމާބެހޭ އިދާރާތަކުގެ މާ ބޮޑު އެއްބާރުލުމެއް ނުލިބުމާއެކު، މި މެޗު ބަންގްލަދޭޝްގައި ހޯސްޓްކުރުމުގެ އުންމީދު ވަނީ ގެއްލިފަ އެވެ.

އޭއެފްސީން ބުނީ ކުރިން މި މަހުގެ 14 ވަނަ ދުވަހު ކުޅެން އޮތް މެޗު ފަސްކުރީ، މެޗު ދެން ކުޅެން ހަމައްސާ ހޯސްޓަކަށް، އިންތިޒާމްތައް ހަމަޖެއްސުމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ.

މި މެޗުން މޮޅުވާ ޓީމެއް ކުޅެންޖެހޭ ޕްލޭއޮފް މެޗު ވެސް ވަނީ މި މަހުގެ 28 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ. ކޮލިފައިންގެ ދެވަނަ ބުރަށް އީގަލްސް ދަތުރުކުރީ މިދިޔަ ބުދަ ދުވަހު މާލޭގައި ކުޅުނު ކޮލިފައިންގެ ފުރަތަމަ މެޗުގައި ބޫޓާންގެ ތިމްޕޫ ސިޓީ އަތުން 2-0 އިން މޮޅުވެގެނެވެ. ކޮލިފައިންގެ ދެ ވަނަ ބުރުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ޕްލޭއޮފުން ޖާގަ ލިބޭނެ އެވެ. ޕްލޭއޮފްގެ ޖާގައަކަށް ދެން ވާދަކުރަނީ ނޭޕާލްގެ އާމީ ކްލަބާއި އިންޑިއާގެ ބެންގަލޫރު އެފްސީ އެވެ. ޕްލޭއޮފުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ޖާގަ ލިބެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454