މާރުކޭޓު ސަރަހައްދުގައި ހުޅުވި އެސްޓީއޯ އެގްރިސެންޓަރު-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
12 އެޕްރީލް 2021 - 23:01
ދަނޑުވެރިން ހައްދާ ތަކެތި ގަންނަން އެސްޓީއޯ އިން "އެގްރިސެންޓާ" ގެ ނަމުގައި ސެންޓަރެއް މިރޭ ހުޅުވައިފި އެވެ.
އެސްޓީއޯގެ ކުރީގެ ސިމެންތި ގުދަން ހުރި ތަނުގައި ހުޅުވި، އެގްރިސެންޓަރުން މާދަމާ އިން ފެށިގެން ތަކެތި ގަންނަން ފަށާނެ އެވެ.
އެގްރިސެންޓަރަށް ތަކެތި ވިއްކޭނީ ހަމައެކަނި އެ ސެންޓަރުގައި ރަޖިސްޓަރީ ވެފައިވާ ދަނޑުވެރިންނަށެވެ. މިހާތަނަށް 200 އެއްހާ މީހުން ވަނީ މި ސެންޓަރުގައި ރަޖިސްޓަރީވެފަ އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، މިއީ ރާއްޖޭގެ ދަނޑުވެރިންނަށް ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަމުގެ ވިޔަފާރި ކުރުމުގެ ފުރުސަތު ހޯދައި ދިނުމަށް ހުޅުވި ސެންޓަރެއް ކަމަށެވެ. މި ސެންޓަރު މެދުވެރިކޮށް، ދަނޑުވެރިންނަށް ހަމަ އަގުގައި ތަކެތި ވިއްކޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގްރިސެންޓަރު ހުޅުއްވައިދެއްވައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަމްރު މީޑިއާތަކަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
"ވިޔަފާރިއެއްގެ ގޮތުގައި ދަނޑު ހައްދާ ކަމަށް ވަންޏާ ހިސާބެއް ޖެހެން ޖެހޭނެ. ފަޅޯ ހައްދައިފިއްޔާ އެނގެން ޖެހޭނެ ލިބޭނީ ކިހާވަރެެއްތޯ. އަޅުގަނޑުމެންގެ ބޭނުމަކީ ރާއްޖޭގައި މި ހައްދާ އެއްޗެހި ރަނގަޅު އަގެއް ލިބޭނެ ކަމުގެ ޔަގީންކަން ދިނުން. އޭރުން އަޅުގަނޑަށް ޔަގީން ރާއްޖޭގެ ދަނޑުވެރިކަން ކުރިއަރައިގެންދާނެ ކަން،" އަމްރު ވިދާޅުވި އެވެ.
"ރަޖިސްޓަރީ ކުރާ މީހުން ތަކެތި ފީވުމުގެ ކުރިން އަޅުގަނޑުމެންނަށް އެބަ އަންގާ ކިހާވަރެއްކަން ފޮނުވަނީ. އެ ހިސާބުން ފެށިގެން އެނގޭނެ ކިހާވަރެއްކަން ލިބޭނީ. މި ކޮޅަށް ލިބުނީމާ އަނެއްކާ އަންގާނެ ކިހާވަރެއްކަން ލިބެނީ. އެ އަށް ފަހު ވަގުތުން ބޭންކް ޓްރާންސްފާ މެދުވެރިކޮށް ފައިސާ ޖަމާކޮށްދޭނެ."
އެގްރޯ ސެންޓަރުން ގަންނަ ތަކެތި ވިއްކާނީ ހޯލްސޭލްކޮށެވެ. ރިސޯޓުތަކަށް މި ތަކެތި ވިއްކަން ރާވާފައިވާ ކަމަށް އަމްރު ވިދާޅުވި އެވެ. މި ކަމުގައި ރިސޯޓުތަކުގެ އެއްބާރުލުން ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯ އެގްރި ސެންޓަރުގެ ސްޓިރެޖް: މާދަމާއިން ފެށިގެން ތަކެތި ލިބޭނެ ކަމަށް އެސްޓީއޯއިން ބުނޭ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
ސަރުކާރުން ވެސް ވަނީ ދަނޑުވެރިކަމަށް ހާއްސަ ކުންފުންޏެއް އުފައްދައިފަ އެވެ. އެގްރޯ ނެޓްގެ ނަމުގައި އުފެއްދި މި ކުންފުންޏާއި އެސްޓީއޯގެ އެގްރޯސެންޓަރުގެ މަސައްކަތްތައް ތަފާތުވާނެ ކަމަށް އަމްރު ވިދާޅުވި އެވެ.
އެސްޓީއޯ އެގްރިސެންޓަރުން ވަނީ އެ ސެންޓަރުން ގަންނާނެ 15 ބާވަތަކާއި އެ ބާވަތްތައް ގަންނާނެ އެންމެ ކުޑަ އަގެއް ވެސް ކަނޑައަޅައިފަ އެވެ. މި އަގުތައް ކަނޑައެޅުމުގައި ދަނޑުވެރިންނާ މަޝްވަރާކޮށް މާލޭގެ މާރުކޭޓުން ތަކެތި ލިބެން ހުރި އަގުތަކަށް ބަލާފައިވާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި ކުރިއަށް އޮތްތާނުގައި އެ ސެންޓަރުން ގަންނަ ތަކެތި އިތުރުވާނެ އެވެ.
އެގްރިސެންޓަރުގެ ސްޓޯރެޖް-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
- ކަރާ ކިލޯއެއް 22ރ.
- ކެޕްސިކަމް ކިލޯއެއް 65ރ.
- ޓޮމާޓޯ ކިލޯއެއް 20ރ.
- ކައްޓަލަ ކިލޯއެއް 50ރ.
- ދަނޑި އަލުވި ކިލޯއެއް 50ރ.
- ކިޔުކަމްބާ ކިލޯއެއް 32ރ.
- މެލަން ކިލޯއެއް 35ރ.
- ލެޓިއުސް ކިލޯއެއް 90ރ.
- ޗައިނީޒް ކެބެޖް ކިލޯއެއް 70ރ.
- ބީންސް ކިލޮއެއް 50ރ.
- ބަށި ކިލޯއެއް 55ރ.
- ބަރަބޯ ކިލޯއެއް 30ރ.
- ބަޓާނާ ކިލޯއެއް 40ރ.
- ފަތްކެޔޮ ކޮލޯއެއް 32ރ.
މީގެ އިތުރުން މިރުސް ވެސް އެސްޓީއޯ އެގްރިސެންޓަރުން ގަންނާނެ އެވެ. ނަމަވެސް މިރުސް ގަންނާނެ އެންމެ ކުޑަ އަގު އަދި ކަނޑައަޅައިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަސްތަމަރ
13 April 2021
ބަރަބޯ 20-25 ރ އަށް ކިލޯ ލިބޭނެ، ލެތިއުސް 30 ރ އަށްވެސް ކިލޯ ލިބޭނެ.
ާއަލިމޯޑު
12 April 2021
އެސްޓީއޯގެ އެގްރިސެންޓަރުން 23 ރުފިޔާއަށް ކިލޯއެއްގެ މަގުން ކަރާ ގަނެފަ ގަނޑުކޮށް އެކަރާ ވިއްކަނީ ކިލޯއެއް 23 ރުފިޔާއަށް ވުރެން ހެޔޮކޮށްތޯ ނުވަތަ ބޮޑުކޮށްތޯ.ވިޔަފާރި ކުރަނީ ފައިދާ ހޯދަން.އެހެންވީމަ އެސްޓީއޯ އަތުން އެންމެ ކުޑަކޮށް 23 ރުިފިޔާއަށް ކަރާކިލޯ ގަނެގެން އެ ވިއްކޭނީ 25 ރުފިޔާއަށް ނޫންތޯ.ދެން ބާޒާރުން ތަޖެތީގެ އަގު ހެޔޮ ވާނީ ކިހިނެއްތޯ.ރާއްޖޭގަ ނެތް ފައިދާ ހޯދަން ނޫނީ ހިންގާ ސަރުކާރު ކުންފުންޏެއް