ކުޅިވަރު

ދިވެހި ފުޓްބޯޅައިގެ ގޭމް ބަދަލުކުރަންޖެހޭ؛ އެކަމަކު ވާނެތަ؟

ލީގްގައި މާޒިޔާ އިން ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު

ގްރީސްގެ އެތެންސްގައި 2004ގެ ހޫނު މޫސުމުގައި ބޭއްވި އޮލިމްޕިކް ގޭމްސްގެ ފުޓްބޯޅަ އިވެންޓްގައި ވާދަކުރި ގައުމުތަކުން ބޭނުންކުރި ޓެކްޓިކްސް އާއި ގޭމް ފިލޯސަފީގެ ޕްލޭންތައް ހިމެނޭ ސީޑީތައް ތައްޔާރުކޮށް ފީފާއިން ގައުމުތަކުގެ ފެޑްރޭޝަންތަކަށް ފޮނުވި އެވެ. ރާއްޖޭގެ ފުޓްބޯޅަ އިދާރާ، އެފްއޭއެމަށް އޭރު ފީފާ އިން ފޮނުވި ސީޑީތަކުގެ ތެރެއިން ސީޑީއެއް ހިފައިގެން އިސްމާއީލް އާސިފް (ކުޑަހީނާ) ދިޔައީ ޓެކްޓިކް ބޯޅައަށް އޭނާގެ ހުރި ޝައުގުވެރި ކަމުންނެވެ. ހާއްސަކޮށް، މާސެލޯ ބިއެލްސާގެ ކޯޗްކަމުގެ ދަށުން އޮލިމްޕިކްސް އިން ރަން މެޑަލް ހޯދި އާޖެންޓީނާގެ ގޭމް ދެނެގަތުމަށް، އޭނާ ހުރީ ވަރަށް ބޮޑަށް ބޭނުންވެފަ އެވެ. އޮލިމްޕިކްސްގައި ބިއެލްސާ ކުޅުވި އާޖެންޓީނާގެ ގޭމް ގިނަ ބަޔަކަށް ކަމުދިޔަ އެވެ.

ގޭގެ ސިޓިން ރޫމްގައި ހުރި ސީޑީ ޕްލޭޔަރަކަށް ސީޑީ ލައްވައިގެން، 21 އިންޗީގެ ފޮށިގަނޑު ޓީވީ ކުރިމަތީގައި ފޮތް ހިފައިގެން ކުޑަހީނާ ނޯޓްކޮށް، ކުރަހަމުން ދިޔަ އެވެ. ސްލޯމޯޝަންގައި މެޗު ބަލަމުން، ބޯޅައަށް ޓީމު ހަރަކާތްކުރާ ގޮތާއި ކުޅުންތެރިންގެ މޫވްމެންޓް އަދި ޕޮޒެޝަން އޭނާގެ ފޮތުގައި ކުރެހި އެވެ. މިޑްފީލްޑް ތެރެއިން ގެންނަ ޓްރައިއެންގަލް މޫވްމެންޓަކީ ބިއެލްސާގެ ސިކުނޑިން ރާވައިގެން ކުރެހި ފުޓްބޯޅައިގެ އާ ވިސްނުމެކެވެ. ބިއެލްސާ ކުރާ ގޮތަށް އެކަން ހީނާއަކަށް ނުކުރެވޭނެ އެވެ. ނަމަވެސް އޭނާގެ ގޭމުން އެއްޗެއް ދަސް ކުރެވޭތޯ އުޅުން ކުޑަ ހީނާއަށް މުހިންމުވި އެވެ.

ވިޔަންސާއަށް 2005 ގައި އޭނާ ކޯޗު ކޮށްދިންއިރު، ވިޔަންސާގެ ޓީމު ގޮވައިގެން، ހުއްރިއްޔާ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުމެ އެއްވަރުކުރި މެޗެކެވެ. އެ މެޗުގައި ވިޔަންސާގެ ޓީމު ކުޅުނު ސްޓައިލް، އެފްއޭއެމްގެ އޭރުގެ ޓެކްނިކަލް ޑައިރެކްޓާ މެލޭޝިއާގެ ކިމްއަށް ކަމުދިޔަ އެވެ. ގޯލް ޖެހުމުގެ ކުރިން ކުޅުންތެރިން ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ޕާސްތަކެއް ކޮށްގެން ކުޅުމުގެ ހިޔާލު ވިޔަންސާގައި ކުޑަ ހީނާ ބިނާ ކުރި އެވެ.

ކްލަބު މޯލްޑިވްސް އިން 2017 ގައި ބޭއްވި މައިލޯ 14 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕްގެ ފައިނަލްގައި، އިންޑިއާގެ ޓިޕްސް އެފްސީ އެކެޑެމީގެ ޓީމު ބަލިކޮށް، ކުޑަ ހީނާ ކޯޗްކޮށްދިން އޭނާގެ ބޭބޭ ހީނާ އަހްމަދު ސަލީމް (ބޮޑު ހީނާ) ގެ އާލީޓަޗް އެކެޑެމީން ޗެމްޕިއަންކަން ހޯދި އެވެ. އެ މެޗުގައި އާލީޓަޗް ކުޅުނު ސްޓައިލް ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އެވެ. ގިނަ ޕާސްތަކެއް ޖަހައިގެން ކުޅުނު "ރީތި ފުޓްބޯޅައަށް" ޓިޕްސް އެފްސީގެ ކޯޗު ވެސް ތައުރީފު އޮއްސާލި އެވެ.

ބަދަލުވަމުން އައި ފުޓްބޯޅައަށް އެ ސްޓައިލްގެ މުހިންމުކަން ހީނާ ދެނެގަތީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭ ލައިސަންސް ކޯހެއް ބޭއްވުމުގެ ވެސް ކުރިންނެވެ.

އެތައް އަހަރެއް ފަހުން މިއީ ރާއްޖޭގެ ފުޓްބޯޅައިގެ ގޭމް ބަދަލުވާންޖެހޭ ކަމަށް ވަރަށް ގިނައިން ވާހަކަ ދެކެވޭ ދުވަސް ވަރެކެވެ. ޖެނުއަރީ މަހު މާޒިޔާގެ ކޯޗު ކަމާ ހަވާލުވި ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ކުޅުވަން މަސައްކަތް ކުރާ ގޭމަށް ދިވެހި ކޯޗުންގެ ތައުރީފް ބަންޑުން ވެއްޖެ އެވެ.

މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް މީޑީއާ އާ ވާހަކަ ދައްކަނީ، އޭނާގެ ގޭމް ކަމުދާ ކަމަށް ދިވެހި ކޯޗުން ބުނޭ --- ފޮޓޯ: އެފްއޭއެމް

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހުރިހާ ދިވެހި ކޯޗުން ވެސް އެގޮތަށް ބަދަލުކުރަން މަސައްކަތް ކޮށްފިއްޔާ ދިވެހިރާއްޖޭގެ ފުޓްބޯޅަ ކުރިއަރާނެކަން އެއީ ޔަގީންކަމެއް،" މާޒިޔާގައި ކޯޗް ރިސްޓޯ ކުޅުވަން މަސައްކަތް ކުރާ ގޭމަށް ތައުރީފް ކުރަމުން ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ބުންޏެވެ.

މާލޭގައި "ބޮޑުބޯޅަ" ޖަހައިގެން ފުޓްބޯޅަ ކުޅެމުން ދިޔަ ދުވަސް ވަރުގައި، ބިމަށް ބޯޅަ ތިރިކުރީ ވެލެންސިއާއިންނެވެ. އޭގެ ކުރިން ވެސް އައްޑޫގައި އިނގިރޭސިން ބިނާކުރި ފުޓްބޯޅައިގެ ގޭމްގައި ބޯޅަ ތިރިކޮށްގެން ކުޅެ އެވެ. ނަމަވެސް މާލޭގައި އެކަން އެންމެ ފުރަތަމަ ކުރީ ވެލެންސިއާއިންނެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަގީގަތުގައި އެއީ މި ބަދަލުގެ ފެށުމަކީ،" ނުވަދިހައިގެ ކުރީކޮޅު ތިރިން ބޯޅަ ކުޅެން ވެލެންސިއާ ގެނައި ބަދަލަށް އިޝާރާތްކޮށް ކުޑަހީނާ ވާހަކަ ދެއްކި އެވެ. "މަޑުމަޑުން ބަދަލު ވަމުން އައިސް މިހާރު މިއޮތީ ކޮންމެވެސް ވަރަކަށް ރަނގަޅު ވެފަ. އެކަމަކު އެ ގޭމް ފުރިހަމަ ވާން ޖެހޭ ގޮތަށް އަދިވެސް ފުރިހަމައެއް ނުވޭ. ކުޅެން ޖެހޭ ގޮތަށް ނުކުޅެވޭ."

މިފަހަރު ލީގުގައި، ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ވެލެންސިއާ އިން ޖެހި ގޯލެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް މަގުބޫލުވި އެވެ. ލަނޑު ޖެހުމުގެ ކުރިން ޕާސް މެދުކަނޑާނުލައި ވެލެންސިއާގެ ކުޅުންތެރިން ވަނީ 21 ޕާސް ފުރިހަމަކޮށްފަ އެވެ. އެއީ ބަދަލުވަމުން އަންނަ މި ޒަމާނުގެ ފުޓްބޯޅައިގައި ގޯލް ޖެހުމުގެ ކުރިން ދަމަހައްޓާ ޕާސިން ސީކުއެންސެކެވެ.

ވެލެންސިއާއިން ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ޖެހި ގޯލް. މެދުކެނޑުމެއް ނެތި 21 ޕާސް ފުރިހަމަ ކުރި

މާޒިޔާގެ ކޯޗް ރިސްޓޯ، ދެކޭގޮތުގައި ދިވެހި ކުޅުންތެރިންގެ ޖިސްމާނީ ގާބިލު ކަމަށް ބަލާއިރު ރާއްޖެއާ އެންމެ ގުޅެނީ ތިރިން ޕާސްކޮށްގެން ކުޅުވާ ގޭމެވެ.

"އަހަރެން (މާޒިޔާގައި) ބަދަލު ކުރަން ބޭނުންވާ ކަމަކީ ދިގު ބޯޅަތަކެއް ޖަހައިގެން ކުޅޭ ކުޅުން،" ސްޕެއިންގެ ރެއާލް ބެޓިސް އަށް ކުޅުނު ރިސްޓޯ ކުރިން ބުނެފައިވެ އެވެ. "އަހަރެމެން ކުރަންޖެހޭ ކަމަކީ ފްރީކޮށް ކުޅެ ޕާސިން ފުޓްބޯޅައަކަށް ބަދަލުކުރުން. އަހަންނަށް ހީވަނީ އެގޮތަށް ބަދަލުކުރީމަ މާ ރަނގަޅުވާނެހެން. ސަބަބަކީ ރާއްޖޭގައި މިތިބީ ޓެކްނިކަލީ ވަރަށް ރަނގަޅު ކުޅުންތެރިންތަކެއް."

މާޒިޔާގައި ރިސްޓޯ ކުޅުވަން މަސައްކަތްކުރާ ގޭމްގެ ސަބަބުން އެ ޓީމުގެ ކުޅުންތެރިންނަށް ކުރިއެރުން އައިސްފައިވާ ކަމަށް، ފޯވަޑް އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) ބުންޏެވެ.

"ކޯޗް މި ކުޅުވަން އުޅޭ ގޮތް ވަރަށް ފަސޭހަ،" ޓީސީ އާ ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗަށް ފަހު ޕޯސްޓް މެޗު ޕްރެސްގައި ވާހަކަ ދައްކަމުން އިއްބެ ބުންޏެވެ. "ވރަަށް ފަސޭހައިން ފުރުސަތުތައް ހޯދޭނެ މި ގޭމް ރަނގަޅަށް ކުޅެން އުޅެފިއްޔާ."

ލީގުގައި މާޒިޔާ ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ: މިހާރު

ލީގުގައި މިހާރު ކުރިއެރުންތަކެއް ހޯދާފައިވާ، ޔުނައިޓެޑް ވިކްޓަރީގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ވެސް ޝައުގުވެރިވަނީ ބޯޅަ ތިރިކޮށްގެން ގިނަ ޕާސްތަކެއް ޖަހައިގެން ކުޅޭ ގޭމަށެވެ.

"އަޅުގަނޑަށް ވަރަށް އުނދަގޫ ކަމެއް ދެ ބޯޅައެއް އެކަނި ޖަހައިލައިގެން ބޯޅަ ކުޅުން،" ސާންތީ ބުންޏެވެ.

ގައުމީ ޓީމުގައި ވެސް ޓެކްޓިކް އަދި ޕޮޒެޝަން ގޭމަށް ކުޅުވުމަކީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެކެވެ. އެއްވެސް މެޗެއް ނުކުޅުނަސް، ކޯޗް، ހޮލެންޑްގެ މާޓިން ކޫޕްމަން ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއި ކުރުވުމުގެ އެންމެ ބޮޑު ސަބަބަކީ އެއީ ކަމަށް "އަދަދު" ނޫހަށް ދީފައިވާ އިންޓަވިއުއެއްގައި ބައްސާމް ވިދާޅުވެފައިވެ އެވެ.

ގައުމީ ޓީމުގެ ކޯޗް މާޓިން ކޫޕްމަން އޭނާ އަކީ ޕޮޒެޝަން ފުޓްބޯޅައަށް ކުޅުވަސް މަސައްކަތް ކުރާ ކޯޗެއް --- ފޮޓޯ: މިހާރު

ނަމަވެސް އެ ގޭމް ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ކުޅެވިދާނެ ހެއްޔެވެ؟ ލީގު މެޗުތަކުގައި އެކިއުރޭޓްކޮށް އެ ގޭމެއް ކުޅޭތަނެއް ނުފެނެ އެވެ. ޕާސް ޖަހައިގެން ކުޅެން އުޅުނަސް "ރިޒަލްޓް އޮރިއެންޓެޑް" ޕާސިން ގޭމަކަށް ނުވެ އެވެ. އަނެއް ކަމަކީ ޕާސް ޖަހާ ކުޅުންތެރިޔާ ޕާސް ޑެލިވާ ކުރާލެ ލަސް ވުމެވެ. މި ދެ މައްސަލަ ވެސް، ރިސްޓޯ ގުޅުވައިލީ ދަނޑުގެ ވިނަ ގަނޑުގެ މައްސަލަ އަށެވެ. ވިނަ ގަނޑު ކަމުނުދާ ވާހަކަ އޭނާ ތަކުރާރުކޮށް ދައްކަ އެވެ.

"މި ވިނަ ގަނޑު މިއޮތީ ޕާސްކޮށްގެން ކުޅޭ އެޓޭކިން ފުޓްބޯޅައެއް ކުޅެން އެންމެ ކަމުދާ ގޮތަކަށް ނޫން،" ރިސްޓޯ ބުންޏެވެ. "ދަނޑުގައި ވިނަގަނޑު މިއޮތް ގޮތުން ބޯޅައިގެ ބެލެންސް އެބަ ބަދަލުވޭ ބޯޅަ މައްޗަށް އަރައިގެންދޭ. މިދަނޑުގައި އެޓޭކިން ފުޓްބޯޅައެއް ކުޅުމަށް ވުރެ ފަސޭހައީ ޑިފެންސްކޮށްގެން ކުޅެން. އެހެންވެ ޑިފެންސްކޮށްގެން ކުޅޭ ޓީމުތަކަށް އެ ގޭމް ކުޅެން ފަސޭހައީ."

ފީފާގެ ސަސްޕެންޝަނެއްގައި އޮތް މިހާރު އޮތް ނިއު ރޭޑިއަންޓަށް ކުރިން ކޯޗް ކޮށްދިން ސްޕެއިންގެ އޮސްކާ ބުރުޒޯން ބަރޭރަސް ވެސް އެ މައްސަލަ ފާހަގަކޮށްފައިވެ އެވެ. ދަނޑުގެ މައްސަލައަކީ މިވަގުތަށް ހައްލު ކުރެވެން އޮތް ކަމެއް ނޫނެވެ.

ދެން އޮތް ކަމަކީ ބަދަލު ވަމުން އަންނަ ފުޓްބޯޅައަށް ދިވެހި ކޯޗުން އަހުލުވެރިކުރުމަށް ރަސްމީ ސިފައެއްގައި މަސައްކަތް ނުކުރެވުމެވެ. ކޯޗުން ރިފްރެޝް ކުރުމުގެ ޕްރޮގްރާމެއްގެ ވާހަކަ ދެކެވުނަސް ކަރިކިއުލަމް ކުރެވި ކުރިއަށް ގެންދެވޭނެ މަގެއް އަދިވެސް ހޯދިފައެއް ނުވެ އެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިމްރާން ޙާން

20 April 2021

ވަރަށް ފުރިހަމަ ލިޔުމެއް މިއީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454