އަކްޝޭ.
24 އެޕްރީލް 2021 - 09:49
ކާތިކް އާރިޔަން ވަކިކޮށްފައިވާ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ދޯސްތާނާ 2" އަކްޝޭ ކުމާރަށް ހުށަހަޅާފައިވާކަމުގެ އަޑުތަކެއް ގަދަވެއްޖެ އެވެ.
ބައެއް މީޑިއާތަކުން ބުނީ ފިލްމު އަކްޝޭ އަށް ހުށަހެޅީ ސީދާ ކަރަން ކަމަށެވެ. ކަރަން އަކީ އަކްޝޭ އާއި އޭނާގެ އަންހެނުން ޓްވިންކަލް ކަންނާއާ އަބަދު ބެސް ވަރަށް ބޮޑު ގާތްކަމެއް އޮންނަ މީހަކަށްވާތީ، ކަރަންގެ ހުށަހެޅުން އަކްޝޭ ގަބޫލުކޮށްފައިވާ ކަމަށްވެ އެވެ. އެކަމަކު މިކަން އަދި ކަށަވަރެއް ނުވެ އެވެ.
އަކްޝޭ މީގެ ކުރިން ވެސް ކަރަންގެ ފިލްމުތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި 2019 ގެ "ކޭސަރީ" އާއި އެ އަހަރުގެ "ގުޑް ނިއުސް" އާއި 2015 ގެ "ބްރަދާޒް" ހިމެނެ އެވެ.
ކާތިކް "ދޯސްތާނާ 2" އިން ވަކިކޮށް ދަރުމާ އން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ ބަދަލުގައި ވަރަށް އަވަހަށް ފިލްމަށް އެކްޓަރަކު ހަމަޖައްސާނެ ކަމަށެވެ. އަކްޝޭ އަށް ފިލްމު ހުށަހެޅިކަމުގެ އަޑުތަކެއް އަރާފައި މި ވަނީ ފިލްމަށް ނަގާނެ ކަމަށް ބެލެވޭ އެކްޓަރުންގެ ތެރޭގައި ހިމެނެނީ ރާޖްކުމާރު ރާއޯ އާއި ވިކީ ކޯޝަލްގެ ތެރެއިން އެކަކު ކަމަށް މީޑިއާތަކުން ކުރިން ބުނެފައި ވަނިކޮށެވެ.
"ދޯސްތާނާ 2" އެންމެ ފުރަތަމަ ހުށަހެޅީ ވެސް ރާޖަށެވެ. އެކަމަކު އެހެން ޕްރޮޖެކްޓްތަކަކަށް ވަގުތު ދޭން ޖެހިގެން އޭނާ އަށް ފިލްމަށް ސޮއިނުކުރެވުނީ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ކާތިކް ވަކިކުރި ރޯލު ވަރުން ދަވަނަށް ވެސް ހުށަހަޅާފައިވެ އެވެ. އެކަމަކު މި ވާހަކަތަކަކީ އަދި މުޅިން ވެސް ތުންތުންމަތިން ދެކެވޭ ވާހަކަތަކެކެވެ. އިންތިޒާރުކުރަން ޖެހެނީ ދަރުމާ އިން ރަސްމީކޮށް ކާސްޓް އިއުލާންކުރާނެ އިރަކަށެވެ.
ދެހާސް ނަވާރައިގައި ޝޫޓިން ފަށާފައި އޮތް "ދޯސްތާނާ 2" ގެ ބަތަލާ އަކީ ޖާންވީ ކަޕޫރެވެ. އަދި ކާސްޓްގައި އަލަށް ތައާރަފުކުރާ ލަކްޝް ވެސް ހިމެނެ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ ކާތިކް ފިލްމު ވަކިކުރުމަށް ފަހު، ޑައިރެކްޓަރު ކޮލިން ޑި ކަންހާ މިހާރު ސްކްރިޕްޓަށް ބައެއް ކަހަލަ ބަދަލުތައް ގެނައުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
"ދޯސްތާނާ 2" އަކީ ދަރުމާ އިން 2008 ގައި ގެނެސްދިން ރޮމޭންޓިކް ކޮމެޑީ "ދޯސްތާނާ 2" ގެ ސީކްއެލް އެވެ. ތަރުން މުންސުކާނީ ޑައިރެކްޓްކުރި ފިލްމުގެ ތަރިންނަކީ ޖޯން އަބްރަހަމާއި ޕްރިޔަންކާ ޗޯޕްރާގެ އިތުރުން އަބީޝެކް ބައްޗަނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy