ކުޅިވަރު

ގްރާންޑޭ ބަލިކޮށް ސަސް ޕްރެޝަރު ކަނޑުވާލައިފި

ގްރާންޑޭ އާ ދެކޮޅަށް ލަނޑު ޖެހުމަށް ފަހު ސަސްގެ ނަޝާހް (ވ) އުފާފާޅު ކުރަނީ --- ފޮޓޯ: އެފްއޭއެމް

24 އެޕްރީލް 2021 - 02:44

ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކުރި ހޯދައި، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަން) އިން ޕްރެޝަރު ކަނޑުވާލައިފި އެވެ.

ލީގުގައި ރޭ ކްލަބު ވެލެންސިއާ އަތުން ޔުނައިޓަޑް ވިކްޓަރީ މޮޅުވުމާއެކު، މިރޭގެ މެޗަށް ނިކުތްއިރު ސަސް އޮތީ ތާވަލްގެ ފުލުގަ އެވެ. އެކަމަކު މިރޭގެ މެޗުން މޮޅުވެ، ސަސް ވަނީ 15 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. ހަތަރު ވަނައިގައި އޮތް ގްރާންޑޭ އާއި ސަސްއާދެމެދު މިހާރު އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެކެވެ.

ސަސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ބުނީ ތާވަލްގެ ފުލުގައި އޮވެ، މިރޭގެ މެޗަށް ސަސް އިން ނުކުތީ ޕްރެޝަރާއެކު ކަމަށެވެ. އެކަމަކު މި މެޗުން މޮޅުވުމުން، ސަސް އަށް ފިނިކަމެއް ލިބިފައިވާ ކަމަށް މޯހަން ބުންޏެވެ.

"ރޭ [ޔޫވީ އާއި ވެލެންސިއާ] ގެ މެޗުގެ ނަތީޖާއިން އަށް ވަނައަށް އަޅުގަނޑުމެން ވެއްޓިގެން ދިޔައީމަ މިރޭގެ މެޗުގައި ޕްރެޝަރު ބޮޑު ވެގެން ދިޔައީ." މެޗަށް ފަހު ވާހަކަ ދައްކަމުން މޯހަން ބުންޏެވެ.

މެޗުގައި ސަސް އިން ލީޑް ނެގީ 32 ވަނަ މިނެޓްގަ އެވެ. ޖަޕާންގެ މިޑްފީލްޑަރު ޔެސޫކޭ މޮހްރީ ނަގައިދިން ބޯޅަ އަހްމަދު ނަޝާހް ވަނީ ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ.

އޭގެ ކުރިންވެސް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ނަޝާހަށް ލިބިގެން ދިޔަ އެވެ. މެޗުގެ 26 ވަނަ މިނެޓްގައި، ސަސްގެ ހޮލެންޑް މިޑްފީލްޑާ މުހައްމަދު އަޖުނާނީ އޭރިއާގެ ބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލް ދަނޑިއަށެވެ. ގްރާންޑޭގެ ކީޕަރު އިޔާން އަބްދުލް އަލީމްވެސް އެ ބޯޅައަށް ހަރަކާތް ކުރި އެވެ. އަޖުނާން ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ނިކުތް ވަގުތު، އެ ބޯޅަ ލިބުނީ ނަޝާހްއަށެވެ. ކީޕަރު އިޔާން ރަނގަޅު ޕޮޒިޝަންގައި ނެތުމުން ނަޝާހަށް ހުހަށް އޮތް ގޯލަށް ބޯޅަ އަމާޒުކޮށްލަން ފުރުސަތު ލިބުނެވެ. އެހެން ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ އަށް އަރައި، އިޔާން ވަނީ އެ ބޯޅަ ދިފާއުކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު، ސަސް އިން ލީޑު ފުޅާކުރީ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު ރަޝީދު (ހޮކޭ) ޖެހި ލަނޑުންނެވެ. އަޖުނާން ދިން ބޯޅަ ކޮންޓްރޯލްކޮށް، ހޮކޭ ވަނީ ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ. މި ބޯޅަ ދިފާއުކުރަން ގްރާންޑޭގެ ކީޕަރު އިޔާން މަސައްކަތްކުރި ނަމަވެސް، އެ ބޯޅަ ގޯލަށް ވަނީ އޭނާގެ އަތުގައި ޖެހިފަ އެވެ. ގްރާންޑޭ އަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 57 ވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ޔަޝްފާދު ހަބީބު (މުލަކޭ) އެވެ. ގްރާންޑޭ އަށް ޕެނަލްޓީ ލިބުނީ ސަސްގެ އޭރިއާގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ)ގެ އަތުގައި ބޯޅަ ޖެހުމުންނެވެ. މުލަކޭ ވަނީ ސަސްގެ ކީޕަރު މިރުޒޯހިދު އަށް ބޯޅައިގެ މިސްރާބު އޮޅުވާލައި، ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ.

ސަސްއާއެކު މި ސީޒަންގައި ގިނަ މަގާމުތަކަށް ކުޅުނު ހޮކޭ މިރޭގެ މެޗުގައި ބޮޑަށް ފެނުނީ ފޯވަޑެއްގެ ރޯލުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި، މެޗަށް ފަހު އޭނާ ބުނީ، ސަސްގެ ޓީމުން މެޗަށް ނުކުތީ މެޗުން ބަލިވެއްޖެނަމަ ސީޒަންގައި ކުރިއަށް ދިއުމުގެ އެއްވެސް ފުރުސަތެއް ދެން ނުލިބޭނެ ކަމަށް ވިސްނައިގެން ކަމަށެވެ.

"މި މެޗަށް އައިއިރުގައި އަޅުގަނޑުމެން އައީ މިއީ އެންމެ ފަހު މެޗު ކަމަށް ވިސްނައިގެން،" ހޮކޭ ބުންޏެވެ. "މި މެޗުން ބަލި ވެއްޖެއްޔާ އެ ދެން ހުރިހާ އެއްޗެއް ގެއްލުނީ ކަމަށް ވިސްނައިގެން ޓީމުގެ ހުރިހާ އެންމެން މޯޓިވޭޓް ވެގެން އައީ މި މެޗުން މޮޅުވާން ވެެގެން. ވަރަށް މަސައްކަތް ހުރިހާ އެންމެވެސް ކުރި މި މެޗު ނަގަން."

މި މެޗާއެކު، މި ދެ ޓީމަށް ވަނީ ލީގުގެ ދެ ވަނަ ބުރު ނިމިފަ އެވެ. ގްރާންޑޭ އަށް ދެ ވަނަ ބުރުގައި މޮޅު ވެވުނީ އެންމެ މެޗަކުންނެވެ. ބާކީ ހަ މެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވުން ފިޔަވައި އަނެއް ފަސް މެޗުން އެ ޓީމު ބަލިވީ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ގްރާންޑޭގެ ކޯޗު އިސްމާއިލް މަހްފޫޒު (އިންމަ) ބުނީ، މި މެޗުން ތިން ޕޮއިންޓް ގެއްލުމުން މާޔޫސްކަން އިތުރު ވެފައިވާ ކަމަށެވެ.

"ވަރަށް މުހިންމު ޕޮއިންޓްތަކެއް ގެއްލިގެން މިދަޔައީ މި ބުރުގައި. މިރޭގެ މެޗަކީވެސް ވަރަށް މުހިންމު މެޗެއް މި މެޗުންވެސް ތިން ޕޮއިންޓް ގެއްލުނީ،" އިންމަ ބުންޏެވެ. "މި ބްރޭކަށް ފަހު އަޅުގަނޑުމެން މި ބަލަނީ އަނބުރާ ރަނގަޅު ފޯމަކަށް އާދެވޭތޯ. އިރާދަ ކުރެއްވިއްޔާ އަލުގަނޑުމެން ޓީމެއްގެ ގޮތުގައި ސްކްސީޑް ވާނަނަން."

ލީގުގައި މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ، ޓީސީ ސްޕޯޓްސް އާއި ކްލަބު އީގަލްސް އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454