ރާހުލް އާއި ޑިޝާ.
28 އެޕްރީލް 2021 - 08:31
ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް 14" ގައި ވާދަކުރި ލަވަކިޔުންތެރިޔާ ރާހުލް ވައިދިއާ އާއި ޓީވީ ބަތަލާ ޑިޝާ ޕަރްމަރް ޖޫން މަހު ކައިވެނިކުރަން ނިންމައިފި އެވެ.
އެ ދެ މީހުންގެ ކައިވެނީގެ ވާހަކަ ދެކެވެމުން އަންނަނީ ބިގް ބޮސްގައި ރާހުލް ވާދަކުރި ހިސާބުންނެވެ. އަދި ޑިޝާ އަށް ރާހުލް ރަސްމީކޮށް ޕްރޮޕޯޒްކުރީ ވެސް މެހުމާނެއްގެ ގޮތުގައި ޑިޝާ ޝޯ އަށް ދިޔަ ދުވަހެއްގަ އެވެ. އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ގިނަ ދުވަސްތަކެއްވެއްޖެ އެވެ.
ޑިޝާ، 28، އަކީ ސްޓާ ޕްލަސްގެ ކުރީގެ މަގުބޫލު ސިލްސިލާ "ޕިޔާރު ކާ ދަރުދު ދޭ މީތާ މީތާ ޕިޔާރާ ޕިޔާރާ" އިން ވިދައިލި ބަތަލާއެކެވެ. ރާހުލް، 33، އަކީ 2004 ގައި ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް" ގެ ފުރަތަމަ ސީޒަނުން ވިދައިލި ފަންނާނެކެވެ، އޭނާ އަކީ އެ ޝޯގެ ތިން ވަނަ އެވެ.
"ބިގް ބޮސް 14" ގައި ވާދަކޮށްގެން ރާހުލް ދިޔައީ ދެވަނައަށެވެ.
ކައިވެންޏާ ބެހޭ ގޮތުން އޭނާ ސްޕޮޓް ބޯއި އަށް ބުނީ ތައްޔާރީތައް މިހާރު ވެސް ކުރިއަށްދާ ކަމަށާއި ޖޫން މަހުގެ ތެރޭގައި ކައިވެނީގ ހަފުލާ ވަރަށް ކުލަގަދަކޮށް ދެ ފަރާތުގެ އާއިލާ އާއި ގާތް މީހުންނާ އެކު ބާއްވަން ބޭނުންވާ ކަމަށެވެ. އެކަމަކު މިހާރު އިންޑިއާގައި ގޯސްވެފައި އޮތް ކޮވިޑް-19 ގެ ހާލަތު އެހާތަނަށް އޮންނަ ގޮތެއް ބަލާފައި ކައިވެނީގެ ހަފުލާ ބާއްވާނެ ސީދާ ތާރީހެއް އިއުލާންކުރާނެ ކަމަށް ބުންޏެވެ.
ރާހުލް ބުނީ ކައިވެނީގެ ހަފުލާ އަށް "ބިގް ބޮސް 14" ގައި އޭނާއާ އެކު ވާދަކުރި ހުރިހާ ބައިވެރިންނަށް ދައުވަތުދޭ ކަމަށެވެ.
ކައިވެނީގެ ތައްޔާރީތައް ވަމުން އަންނަ އިރު ރާހުލް އާއި ޑިޝާ އެކީގައި ކުޅުނު ވީޑިއޯ ލަވައެއް ވެސް ދާދި ފަހުން ރިލީޒްކޮށްފައިވެ އެވެ. ރާހުލް ކިޔާފައިލާ ލަވައިގެ ނަމަކީ "މަދަނިއާ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy