ރިޕޯޓް / އަންހެނުން ބާރުވެރިކުރުން

މަސައްކަތްތެރިންގެ ހައްގުގައި ޝުނާނާގެ ގަދަ އަޑު!

"އުޅެ ބޮޑުވީ ވަރަށް ހާލުގައި. އިޖުތިމާއީ މައްސަލައެއް ނުހުންނާނެ ތަހައްމަލުނުކުރާ. ބައެއް މީހުން ތުހުމަތުކުރޭ ނުބައި ނިޔަތެއް އޮވެދާނެއޭ. އެކަމަކު، އެނގޭ މީހަކަށް އެނގޭނެ ކީއްވެގެންކަން މިކަން ކުރަނީ."

ޝުނާނާ، "މިހާރު" އަށް ރޭ އިންޓަވިއުދެނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ދިރިއުޅެން ޖެހުނު ހާލާއެކު މަރިޔަމް ޝުނާނާގެ ހަޔާތުގެ ޅަ ދުވަސްވަރު ކުރަން ޖެހުނީ ވަރަށް ހިތި ތަޖުރިބާތަކެކެވެ. ވެރިރަށް މާލޭގެ ރަށްވެއްސަކަށް ވިޔަސް އުފަން ބިމުގައި އުޅެން ޖެހުނީ ވަރަށް ނިކަމެތިކަމުގަ އެވެ. ސިޓިން ރޫމަކަސް، ބަދިގެ އަދި ކާގެއަކަސް ބޭނުންކުރަން ހުރީ އާއިލާގެ އެންމެން ނިދި ކުޑަކުޑަ ކޮޓަރި އެވެ. ހެދުންތައް އަޅުވާނެ އަލަމާރިއެއް، ގައިދަށުގައި ބާއްވާނެ ގޮދަޑިއެއް ނެތެވެ.

އޭގެ އަހަރުތަކެއް ފަހުން މިހާރު އޭނާ ފެންނަނީ އެތައް ބައެއްގެ ހައްގު ހޯދައިދިނުމުގައި އުޅޭ ގާނޫނީ ވަކީލެއްގެ ގޮތުގަ އެވެ. ހާއްސަކޮށް، މިއަދު ފާހަގަކުރަމުން އަންނަ މަސައްކަތްތެރިންގެ ހައްގު ހޯދުމަށް މި ފަހުން ރާއްޖޭގައި އެންމެ ބުރަކޮށް އުޅުނު އެކަކަކީ ކޯޕަރޭޓިވް އަދި މަދަނީ މައްސަލަތަކަށް ހާއްސަ އަމިއްލަ ލޯ ފާމަކާއި ހިލޭ ސާބަހަށް މަސައްކަތް ކުރަން ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ)ގެ ނަމުގައި އަމިއްލަ ޖަމިއްޔާއެއް އުފައްދައިގެން އުޅޭ ޝުނާނާ އެވެ.

އޭނާއަކީ ރާއްޖޭގެ ކޯޓަކަށް ނުވަތަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މި ފަހުން ހުށަހެޅި އެންމެ ބޮޑެތި މައްސަލަތަކުގައި ހިލޭ ސާބަހަށް ވަކާލާތުކޮށްދީގެން އެތައް ސަތޭކަ ބަޔަކަށް ހައްގު ހޯދައިދިނުމުގައި އެންމެ އިސްދައުރެއް އަދާކުރި އެކަކެވެ. އޭގެ ތެރޭގައި، ސީ ލައިފް އިން ފްލެޓު ގަތުމަށް ޑައުންޕޭމަންޓު ދެއްކި މީހުންނަށް އިންސާފު ހޯދުމާއި އެތައް މަހެއްގެ މުސާރަ ނުދީ ބ. ބޮޑުފިނޮޅުގައި އެތައް ބިދޭސީންތަކެއް ލައްވައި މަސައްކަތްކުރުވި މައްސަލަ ހައްލުކޮށްދިނުން ހިމެނެ އެވެ.

މި ފަހުން ޓްރާންސްޕޯޓުން ވަކިކުރި މުވައްޒަފުންގެ ފަރާތުން ވެސް ޓްރައިބިއުނަލްގައި ވަކާލާތުކުރީ ޕީއައިއެލްސީންނެވެ. އެ މައްސަލަ ކާމިޔާބުވެ، ނުވަ މީހުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު އަނބުރާ ވަޒީފާ ދިނުމަށް އެ ތަނުން ވަނީ މިދިޔަ ހަފުތާގައި އަމުރުކޮށްފަ އެވެ.

ސީލައިފްގެ ފްލެޓު ގަތުމަށް ޑައުންޕޭމަންޓް ދައްކައި ފްލެޓު ނުލިބުނު މީހުންނާ ޝުނާނާ ބައްދަލުކުރަނީ: އެ މައްސަލަ އޭނާ ވަނީ ކާމިޔާބުކޮށްފައި.

ސީ ލައިފް މައްސަލަ ކޯޓަށް ހުށަހެޅީ 200 މީހުންގެ ފަރާތުން ކަމަށް ވިޔަސް އެކަމުގެ ހައްލު 400 އެއްހާ މީހުންނަށް ލިބުނެވެ. ރިޒް ކުންފުނިން މުސާރަ ނުދީ ގެންގުޅުނު 200 އެއްހާ މީހުންގެ ފަރާތުން މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅި އެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންގެ މައްސަލައަށް ހައްލެއް ލިބިފައިވެ އެވެ.

މިއާއެކު ސޯޝަލް މީޑިއާގައި ވެސް އޭނާއަށް ވަރަށް ގިނައިން އަމާޒުވާ ސުވާލެއް އެބަ އޮތެވެ. ވަރަށް ގިނަ ވަގުތު ހޭދަވާ އަދި ޝުނާނާ އަށް ވެސް އެކަމުން މާލީ މަންފާއެއް ނުކުރާ ކަމެއްގައި ބައިވެރިވަނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަށް ޖެހިލާ ނަމަ ދާންޖެހެނީ އޭނާގެ ހިތި މާޒީއަށެވެ.

"އުޅެ ބޮޑުވީ ވަރަށް ހާލުގައި. އިޖުތިމާއީ މައްސަލައެއް ނުހުންނާނެ ތަހައްމަލުނުކުރާ. ވަރަށް ގިނަ މީހުން އަހާނެ ކީއްވެހޭ ތި ކަންތައްތައް ކުރަނީ. އެއީ ވަރަށް ބުރަ މަސައްކަތެއް މިއީ. ބައެއް މީހުން ތުހުމަތުކުރޭ ނުބައި ނިޔަތެއް އޮވެދާނެއޭ. އެކަމަކު، އެނގޭ މީހަކަށް އެނގޭނެ ކީއްވެގެންކަން މިކަން ކުރަނީ. ބޮޑުވެގެން އައިއިރު ތަހައްމަލުކުރި ކަންތައްތައް،" ޝުނާނާ ބުންޏެވެ.

"އިޖުތިމާއީ ގޮތުން ނިކަމެތި މީހަކު ކުރިމަތިލާނެ ގާތްގަނޑަކަށް ބުނަންޏާ ހުރިހާ ކަމަކާ ކުރިމަތިލިން. އަޅުގަނޑުމެން ބޮޑުވީ ވަރަށް ކުޑަކުޑަ ކޮޓަރިއެއްގެ ތެރޭގައި. އެކަމާ ގުޅިގެން ވަރަށް ގިނަ މައްސަލަތައް ދިމާވި. އެ ހާލަތުގައި ބޮޑުވީމަ އިނގޭ އެ ހާލަތުގައި ހުންނަ މީހަކު ތަހައްމަލުކުރާނެ އިހުސާސްއާ ހުރިހާ އެއްޗެއް. ވަރަށް ކުރީއްސުރެ ވިސްނައިފިން ބޮޑުވެގެން މި ގޮތަށް ހާލުގައި އުޅޭ މީހުންނަށޭ އެހީވާނީ."

އެ ހުރިހާ ކަމެއްގައި ވެސް އޭނާގެ ސިކުނޑިތެރޭގައި ހަރުލާފައި އަދި އެއީ ޗެލެންޖެއްގެ ގޮތުގައި ނެގި ކަމެއް އެބައޮތެވެ.

"ގެ ކައިރި މީހުން ބުނި އެ ގޭ އެއްވެސް ކުއްޖަކު ރަނގަޅެއް ނުވާނެއެ، ނުކިޔެވޭނެއޭ، ނުވާނޭ އެއްވެސް މީހަކަށް. އެކަން ނެގީ ޗެލެންޖެއް ގޮތުގައި. އޭގެ ފަހުން މާސްޓާސް ސްކޮލަޝިޕް އިންޓަވިއު އަށް ދިޔައިރު ވެސް މިނިސްޓާ ލެވެލްގައި ވަރަށް ސީނިއާ ލެވެލްގެ އޮފިޝަލުން ބުނި އެ ފުރުސަތެއް ނުލިބޭނެ ކަމަށް ވެސް."

މާލީ ހާލަތު ހުރިގޮތުން އުމުރުން 13 އަހަރުގައި ޝުނާނާ ވަޒީފާ އަދާކުރަން ފަށައިފި އެވެ. މެންދުރު ފަހު 1:00 ގައި ސްކޫލު ނިންމާލުމަށްފަހު ގެ ކައިރި ފިހާރައެއްގައި ކޭޝިއަރެއްގެ ގޮތުގައި އުޅުނެވެ. ގްރޭޑު 10 ގައި އޯ ލެވެލް ފެށުމާ ހަމައަށް ވެސް އޭނާގެ ހާލަތަކީ އެއީ އެވެ. ހަޔާތުގެ ފުރަތަމަ އިމްތިހާނަށް ތައްޔާރުވީ ވެސް ގޭގެ ގޯޅިގަނޑުގައި އިނދެ ކިޔަވައިގެންނެވެ.

ދިރިއުޅުމަށް ކުޑަ ނަމަވެސް ހެޔޮ ބަދަލެއް އައީ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހާ 2003 ވަނަ އަހަރު ސެކެޓްރީއެއްގެ ވަޒީފާއާ ގުޅުނު ހިސާބުންނެވެ. ގާނޫނީ ދާއިރާ އަށް ޝައުގުވެރިކަން އުފެދުމާއެކު ޝުނާނާ ފުރަތަމަ ވެސް ބެލީ ސްކޮލަޝިޕެއް ހޯދައިގެން ރާއްޖެއިން ބޭރަށް ކިޔަވަން ދެވޭތޯ އެވެ. އެ ފުރުސަތު ނުލިބުމުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ޝަރީއާ އެންޑް ލޯގެ ފުރަތަމަ ޑިގްރީއާ ގުޅެ އެ ކޯސް ނިންމާލީ ފަސްޓް ކްލާސް އޮނާސް ޑިގްރީ އެކު ކްލާހުން އެންމެ ޓޮޕް ލެވެލްގެ ދަރިވަރުންގެ ތެރޭގައި ހިމެނިގެންނެވެ.

ޝުނާނާ، އޭނާގެ އޮފީހުގައި މަސައްކަތުގައި.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އެ އަށްފަހު ނިއުޔޯކް ޔުނިވާސިޓީން ލިބުނު ސްކޮލަޝިޕެއްގައި ކޯޕަރޭޓް ލޯ އިން މާސްޓާސް ފުރިހަމަކުރި އެވެ. އެ ހިސާބުން އަދި ނިމުމެއް ނެތެވެ. އޮކްޓޯބަރު، 2016 ގައި އަނބުރާ ރާއްޖެ އައިސް ވިލާ ކޮލެޖުގެ ޔުނިވާސިޓީ އޮފް ވެސްޓް އޮފް އިންގްލެންޑުގެ މާސްޓާސް އިން ބިޒްނަސް މެނޭޖްމަންޓް ފުރިހަމަކުރި އެވެ.

"ތާށިވެގެން އަޅެއްހެން މަސައްކަތްކުރާކަށް ދެން ބޭނުމެއް ނޫން"

ޝުނާނާ މާސްޓާސް ނިންމައިގެން އަނބުރާ ރާއްޖެ އައިއިރު ޝަރުއީ ދާއިރާގެ ކަންކަން އޮތީ ކަންބޮޑުވާ މިންވަރަށް ބަދަލުވެފަ އެވެ. ދައުލަތުން ގޯސްތަކެއް ހަދާފައި ހުއްޓަސް ސްޓޭމްޕް ޖަހައިހެން ހުރިހާ މައްސަލައެއް ނިމެމުން ދިޔައީ ދައުލަތާ އެއްކޮޅަށެވެ. އެއީ، ހައްގު ހޯދައިދީ ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މުހިއްމު އަޒުމުގައި ހުރި ޝުނާނާއަށް ބަލަން ފަސޭހަ މަންޒަރަކަށް ނުވި އެވެ.

އޭނާގެ ކެތްތެރިކަން ކޮޅުންލީ އޭގެ ފަހުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރަށްފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުންނެވެ. އެ ނިންމުމަކީ އޭޖީގެ ވަރަށް ގިނަ ވަކީލުން ވެސް ކަންބޮޑުވި ކަމެކެވެ. އެކަމާ ދެކޮޅަށް ފާޅުގައި ނުކުތް އެކަކަކީ ޝުނާނާ އެވެ. ސްޓޭޓް ކައުންސެލްގެ މަގާމުގައި ހުރެ އޭނާ ކުރި ޓްވީޓުގައި ބުނެފައި ވަނީ ކުއްލި ހާލަތު އިއުލާންކުރީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށެވެ. އެހެންވެ، އެ ފިޔަވަޅު ނެގުމަށް އޭރުގެ ރައީސް ޔާމީނަށް އޭނާ ގޮވައިލި އެވެ.

އެ ޓްވީޓާއި އޭގެ ފަހުން ވެސް ޝުނާނާ ކުރެއްވި ޓްވީޓާއެކު ކުރިމަތިވި ފިއްތުންތަކާއެކު އޭޖީ އޮފީހުން ވަކިވީ އިތުރު އެހެން ގޮތެއް ނެތުމުން މާޗު 28، 2018 ގަ އެވެ. ނަމަވެސް އެ ނިންމުމާ މެދު މިއަދު އޭނާ ފަހުރުވެރިވެ އެވެ.

ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ބޭއްވި ސެޝަނެއްގައި ޝުނާނާ، މީހަކަށް ގާނޫނީ އެހީ ދެނީ.-

ޕީއައިއެލްސީ އުފައްދައިގެން، އިންސާފުގެ ދޮރު ބަންދުވެފައި ތިބި އެތައް ބަޔަކަށް ހިދުމަތް ދެވިއްޖެ އެވެ. ޝުނާނާ ބުނީ އެ މަސައްކަތުގައި އެންމެ އުފާވަނީ އާއްމުން ބަލައިގަންނަ މީހަކަށް އޭނާ ވެފައިވާތީ ކަމަށެވެ. އެއާއެކު، ބޮޑު މުސާރައާއެކު ރަނގަޅު ވަޒީފާގެ ހުށަހެޅުންތައް ވެސް ލިބެ އެވެ. ނަމަވެސް އަމިއްލަ މިނިވަންކަން ދޫކޮށްލައި މަސައްކަތްކުރުމުގެ ވިސްނުމެއް މިހާރު ޝުނާނާގެ ނެތެވެ.

"އޭޖީ އޮފީހުގައި އުޅުނުއިރު ރައީސް އޮފީހުން ހުންނާނެ ކޮމިޓީތަކަށް އައްޔަންކޮށްފައި އޭޖީ އޮފީސް ތަމްސީލުކުރަން. ދެން އެއް ދުވަހު ރައީސް އޮފީހުން ސިޓީ މި ފޮނުވަނީ ކޮމިޓީތަކުން ވަކިކޮށްފައިވާ ކަމަށް. ވީ ގޮތެއް ނޭނގެ. އަޅުގަނޑަށް ވެސް މަސައްކަތުގެ މާހައުލުގައި ފިއްތުންތަކާ ކުރިމަތިވި. އެކަމަކު ދެނެއް، ތާށިވެގެން ހާލުގައި އަޅެއްހެން މަސައްކަތްކުރާކަށް ބޭނުމެއް ނޫން،" ގާނޫނީ ދާއިރާއާ ގުޅޭގޮތުން މި ދުވަސްވަރު ބޮޑު މަސައްކަތެއް ކުރަމުން އަންނަ ޝުނާނާ ބުންޏެވެ.

އޭނާ ބުނީ ސަރުކާރު ބަދަލުވުމާއެކު އެކި މައްސަލަތަކުގައި ދައުލަތުގެ ސްޓޭންޑް ވެސް ބަދަލުވާ ކަމަށެވެ. އެހެންވެ، އެއް މައްސަލައެއްގައި ދެ ގޮތަކަށް ވަކާލާތުކުރަން ޖެހުމަކީ ކުރިމަތިވި ގޮންޖެހުމެއްކަން ފާހަގަކުރި އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ވަކިކުރި 11 މުވައްޒަފުންގެ ތެރެއިން ޕީއައިއެލްސީ ތަމްސީލުކުރި ނުވަ މުވައްޒަފުންނަށް މައްސަލަ ކާމިޔާބުވުމުން ރޭ ބޭއްވި ކުޑަ ހަފުލާއެއްގައި ޝުނާނާ ބައިވެރިވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ޝުނާނާގެ ހަޔާތުން އެއް ގަޑިއިރު، މީހެއްގެ މުޅި ދިރިއުޅުން!

"ލިޔެލާ އެންމެ ދައުވާ ފޯމެއް، އެކަން ކުރަން ގާތްގަނޑަކަށް ނަގާނީ އެއް ގަޑިއިރު. ގަޑިއިރަކުން މީހެއްގެ ދިރިއުޅުން އެބަ ބަދަލުކޮށްލާ. ވަޒީފާއެއްގެ މައްސަލައެއްގައި އަޅުގަނޑަށް ނެގި އެއް ގަޑިއިރު. އެކަމަކު އޭނާގެ މުޅި ދިރިއުޅުން ބަދަލުވީ، އޭނާގެ ވަޒީފާ އަނބުރާ ލިބުނު، މުސާރަ އާއި އިނާޔަތްތައް ލިބުން،" ޝުނާނާ ބުންޏެވެ.

"އަސްލު ވަރަށް އުފާވޭ. މައްސަލަ ކާމިޔާބުވީމަ އެ މީހުންގެ މޫނުމަތިން އެ ފެންނަ ހިތްހަމަޖެހުން."

ބޮޑެތި މައްސަލަަތައް ހުށަހަޅައި އެ ކޭސްތައް ކާމިޔާބު ވަނީ ވަރަށް ރަނގަޅަށް ދިރާސާކޮށްގެންނެވެ. ޝުނާނާ ބުނީ އެ ހުރިހާ ކަމެއްގައި ވެސް ކުރިއަށްދަނީ އޭނާގެ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.

"ބައެއް މީހުން ބުނާނެ ކޭސަސްގައި އެހާ އެމޯޝަނަލް ނުވާށޭ. އެކަމަކު ކޭސަސް ކާމިޔާބުވުމުގެ އެއް ކަމަކީ ކްލަޔަންޓް އެ ގެންނަ ކޭސްއަކާ ދޭތެރޭގައި އެއީ އަޅުގަނޑުގެ އަމިއްލަ މައްސަލައެއް ގޮތުގައި ދެކިގެން ކުރިއަށް ދަނީ. އެއީ އަސްލު ކާމިޔާބީއަކީ. މިކަމުގައި އަޅުގަނޑާއެކު އިހުލާސްތެރިކަމާއެކު ވަރަށް ރަނގަޅަށް މަސައްކަތްކުރާ ވަކީލުންގެ ޓީމެއް އޮވޭ. މުޅި ޓީމް އެއްކޮށް ވަރަށް ފަރުވާތެރިކަމާއެކު މައްސަލަތައް ބަލަން،" އޭނާ ބުންޏެވެ.

ޝުނާނާ، ނިއުޔޯކް ޔުނިވާސިޓީން މާސްޓާސް ނިންމުމަށްފަހު ގައުނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.

ދައުލަތުގެ ވަކީލަކަށް އުޅުނުއިރު ވެސް ފުށުނާރާ މައްސަލަތަކުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދިން ޝުނާނާ ބުނީ ޝަރުއީ ދާއިރާއާ ގުޅޭ އާއްމު މައުލޫމާތު ނޭނގޭތީ އިންސާފު ލިބުމުގައި ހުރަސްތައް ކުރިމަތިވާ ކަމަށެވެ. ރަށްރަށުގައި ޕީއައިއެލްސީން ހިންގާ ސެޝަންތަކުގެ ބޭނުމަކީ އެފަދަ ކަންކަމަށް އާއްމުން ހޭލުންތެރިކުރުވުމެވެ. އެންމެ ކުޑަމިނުން ފޯމެއް ފުރާލާނެ ގޮތެއް ނޫނީ ހައްގު ހޯދަން ދާނެ ތަނެއް އެންމެ އާދައިގެ މީހާއަށް ކިޔައިދިނުމެވެ.

ހިލޭ ސާބަހަށް މަސައްކަތްކޮށްދޭތީ އަތްމަތި ތަނަވަސް މީހުން ވެސް ޝުނާނާގެ އެހީ ހޯދަން އުޅެ އެވެ. ނަމަވެސް ޕީއައިއެލްސީން މައްސަލައެއް ނަގަނީ ވަރަށް ރަނގަޅަށް ބެލުމަށްފަހުގަ އެވެ.

މަސައްކަތްތެރިންގެ ހައްގަށް އިންޑަސްޓްރިއަލް ރިލޭޝަން ބިލް

މިއަދު މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރާއިރު ޝުނާނާ އެދެނީ ވީހާ ވެސް އަވަހަކަށް "އިންޑަސްޓްރިއަލް ރިލޭޝަން ބިލް" މަޖިލީހުން ފާސްކޮށްދިނުމަށެވެ. އެއީ، ޔުނިއަންތަކުގެ ބިލް ޕީއައިއެލްސީން މަސައްކަތްތަކަށް ފަހު މަޖިލީހަށް ހުށަހެޅީ އެވެ. އޭގެ އިތުރުން އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތުގެ ބިލެއްގެ މަސައްކަތެއް ވެސް އަންނަނީ ކުރަމުންނެވެ.

ޝުނާނާ ބުނީ ވަަޒީފާއާ ގުޅޭ ގިނަ މައްސަލަތައް ކޯޓަށް ހުށަހަޅައި ދިގުލައިގެން ދިއުމުން ހުކުމާ ހިސާބުން ވެސް އިންސާފެއް ނުލިބޭ ކަމަށެވެ. އިންޑަސްޓްރިއަލް ރިލޭޝަން ބިލެއް އަތުވެއްޖެ ނަމަ މަޝްވަރާގެ މޭޒަށް ދިއުން ލާޒިމްވާނެ ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ގިނަ މައްސަލަތައް ހައްލުވާނެ ކަމަށް އޭނާ ދެކެ އެވެ.

އެ ބިލް ފާސްކުރުމަށް މަޖިލީހުގެ 70 ޕަސެންޓަށް ވުރެ ގިނަ މެމްބަރުންނާ ބައްދަލުކުރި އެވެ. އެވަރުން ވެސް އެކަން ކާމިޔާބުނުވުމުން އެންމެ ފަހުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަމަށް އެކަން ގެނައީ އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ވަކިކުރި 11 މުވައްޒަފުންގެ ތެރެއިން ޕީއައިއެލްސީ ތަމްސީލުކުރި ނުވަ މުވައްޒަފުންނަށް މައްސަލަ ކާމިޔާބުވުމުން ރޭ ބޭއްވި ކުޑަ ހަފުލާއެއްގައި ޝުނާނާ ބައިވެރިވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އިންޑަސްޓްރިއަލް ރިލޭޝަން ބިލް ފަރުމާކޮށްފައިވާ ގޮތުން މަސައްކަތްތެރިންގެ ޖަމިއްޔާތައް ނުވަތަ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާ ދޭ ފަރާތްތަކުގެ ޖަމިއްޔާތައް ރަޖިސްޓްރީކުރެވި އެ ޖަމިއްޔާތަކުގެ މެމްބަރުންނަށް ވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެފަދަ ގާނޫނަކުން ވަޒީފާދޭ ފަރާތްތަކާ ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އޮންނަންޖެހޭ ގުޅުން ބަދަހިވެ ޖަމިއްޔާތަކުގެ މެދުގައި ކަލެކްޓިވް ބާގެއިނިން ނިޒާމެއް ގާއިމްވެގެންދާނެ އެވެ.

"މިއީ، އިންޑަސްޓްރިއަލް ގުޅުމުގެ ތެރެއިން އުފެދޭ ދެބަސްވުންތައް ހައްލުކުރުމަށް އަމަލުކުރާނެ ހަރުދަނާ ނިޒާމަކަށް ވެގެންދާނެ،" އޭޖީގެ ފަރާތުން ބޮޑެތި މައްސަލަތަކުގައި ވަކާލާތުކޮށްފައިވާ ޝުނާނާ ބުންޏެވެ.

އެންމެ ހާއްސައީ ޖިއާންގެ ކޭސް

މިހާތަނަށް އެތައް ބައެއްގެ ހައްގުގައި މަސައްކަތްކުރި ނަމަވެސް އޭނާއަށް އެންމެ އަސަރުކުރީ ސިމެންތި ބަސްތާއަކުން ޖެހި ޑިސެމްބަރު 17، 2018 ގައި މަރުވި ރައުޝަން ޖިއާންގެ މަރުގެ ބަދަލު ހޯދަން އޭނާގެ މައިންބަފައިންގެ ފަރާތުން ހުށަހެޅި މައްސަލަ އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ސިވިލް ކޯޓުގައި ނިމިފައި އޮންނަތާ އެތައް ދުވަހެއްވިޔަސް އަދި ހުކުމެއް ނީއްވަ އެވެ.

"އެ ކޭސް ނިމުނުއިރު މީހާ ހުރީ ނަފްސާނީ ގޮތުން އަސަރުކޮށްފައި. [ސިިމެންތި ބަސްތާ ވެއްޓޭ] ވީޑިއޯ ކިތައް ފަހަރަށް ބަލަންޖެހޭނެ، އެނަލައިޒްކުރަން، ކިހިނެއްތޯ އެ ބަސްތާ އައިސް ވެއްޓެނީ... ވަރަށް ބޮޑަށް ހިތަށް އަސަރުކުރި. އެ ނިމުނުއިރު ހީވި ހަމަ އަމިއްލަ ދަރިއަކު، ބައެއްގެ އިހުމާލުން މަރުވިހެން،" އިޖުތިމާއީ ދާއިރާއިން ހިދުމަތް ކުރުމުގެ ރޮނގުން މިދިޔަ އަހަރު ރެހެންދި އެވޯޑު ވެސް ހޯދާފައިވާ ޝުނާނާ ބުންޏެވެ.

ނުފޫޒުގަދަ، އެކި ދިމާލުގައި ވަކި ހިއްޕާފައިވާ މީހުންނާ ދެކޮޅަށް މަސައްކަތްކުރާތީ އޭނާއަށް ބިރުދައްކައި ސޯޝަލް މީޑިއާގައި ވެސް ވަރަށް ބޮޑަށް ފާޑުކިޔަ އެވެ. އެ ފިއްތުންތަކުގެ ބޭނުމަކީ ޝުނާނާގެ އަޑުކަނޑުވާލުން ކަމަށް ވާނަމަ އެ ކުރަނީ ބޭކާރު މަސައްކަތެއް ކަމަށް އޭނާ ބުނެ އެވެ.

"ގެ ކައިރިން ވެސް އެއް ދުވަހަކު ބިރުދެއްކި މާ ފޮނިވެގެން ނޫޅޭށޭ. ޓްވިޓާގައި ވެސް ވަރަށް ގިނަ އެކައުންޓު ހަދައިގެން ވަރަށް ބޮޑަށް ބުލީކޮށް، ފުރައްސާރަކޮށް އުޅުނު. އެކަމަކު ހައްގުތައް ހޯދުމަށް މި އުފުލާ އަޑު ކަނޑުވައެއް ނުލެވޭނެ،" ޝުނާނާ ބުންޏެވެ.

21 ކޮމެންޓް, 54 ރިއެކްޝަންސް

icon happy icon happy 28%
icon sad icon sad 0%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 59%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވޯލް

02 May 2021

ދެން ފެންނާނީ ކޮންމެވެސް ސިޔާސީ މަޤާމެއްގައި ހުއްޓާ.

The name is already taken The name is available. Register?

ނެފްރޯ ނުހާ

01 May 2021

ދެއްކުންތެރިކަން ނޫން އެހެންކަމެއްނޫން.

The name is already taken The name is available. Register?

ހަޖަމް ނުކުރެވެނީ

02 May 2021

ދެން ޖެލަސް ނުވެބަލަ.

The name is already taken The name is available. Register?

1828

01 May 2021

ޝުނާނާ އާއި ކޮންޓެކްޓް ވާނެ ގޮތެއް ހިމަނާލިނަމަ ވަރަށް ފުރިހަމަ ވީސް.

The name is already taken The name is available. Register?

ދަަލި

01 May 2021

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުން ވަކި ކުރީި ސިވިލްސަރވިސް ގަވާއިދު ތެރޭން އޭގެ ޒިންމާ ނަގަންޖެހޭނީި ސިވިލްސަވިސް ކޮމިޝަނުން

The name is already taken The name is available. Register?

ބަގުޑި

01 May 2021

ފައްޔާޒަށް ވުރެން ހާސްތަން ޓްރޭޑް މިނިސްޓަރަކަށް ރަނގަޅުވާނެ. ގައުމަށް އިހްލާސްތެރިވާނެ.

The name is already taken The name is available. Register?

ސަފަން

01 May 2021

ދެއްކެން ވެގެން އުޅޭ ބައިގަނޑެއް

The name is already taken The name is available. Register?

ވޮލަންޓިޔަރެއް

01 May 2021

މިއޮއްފަދަ ލޭބާޑޭގައި ޝުނާނާ ތިޔަކުރެއްވި ބުރަމަސެއްކަތުގައި ޝާމިލުވެ ތިޔަ ކަމަނާއާއި އެއްކޮށް އަދި ކަމަނާ ފަހަތުގައި ތިޔަ ދަންނަވާ މުހިންމު ކޭސްތަކުގައި މަސައްކަތް ކުރެއްވި ވޮލަންޓިއަރުންނާ ލޯޔަރުން ރެކޮގްނައިޒް ނުކުރައްވާ ހުސް ކަމަނާގެ ވާހަކަ ދެއްކެވީމާ ލޭބާޑޭގެ އަސާސު ކަމަނާއަށް ކުޑަކޮށް އޮޅިފައި އޮތްހެންހީވޭ.ދެން އަންނަ ފަހަރަކުން އަމިއްލަ ވާހަކަ މަދުކުރައްވާފައި ކުޑަކޮށް ތިޔަކުރައްވާ މަސެއްކަތުގެ އަސާސާ ގުޅޭގޮތަށް ވާހަކަ ބައްޓަން ކުރެއްވާ.

The name is already taken The name is available. Register?

ޓްވީޓާ

02 May 2021

މި ކޮމެންޓުތައްފެނިގެން ލޭބާ ރިލޭޝަންސްއަށް ވަކާލާތުކުރާ ޝުނާނާ އޭނާއަށް ހިލޭ ސާބަހަހަށް މަސައްކަތްކުރާ ލޭބަރަރުންނަށް އެންމެފަހުން ދާދިދެންމެއަކު ޓްވީޓަކުން ޝުކުރުއަދާކޮއްފި.ސިޔާސީމީހެކޭ މީނައެކޭ ތަފާތެއްކޮބާ.ކޮންމެސް ޓޮޕިކެއް ނަގާގެން އަމިއްލަ އިމޭޖް ޕްރޮޓެކްޓް ކުރުމާ ޕްރޮމޯޓު ކުރުންނޫންކަމެއް ނުކުރޭ!

The name is already taken The name is available. Register?

ޖެލަސްބޭޑް

02 May 2021

ހަސަދަވެރިއާ ކިޔާނެ ކޮންމެސް އެއްޗެއް ހޯދާނެ. މިއޮތް ރީތި ވަހަކައިން ވެސް ނުބައި އެއްޗެއް ގޮވާލެވޭތޯ އެ ބެލީ..ހަހަހަ މީހަކު ދޭ އިންޓަރވިއުއިން ނޫސްވެރިއާ ލިޔާނެ އެއްޗެހި އިނގޭނީ ނޫސްވެރިއާ... ނޫސްވެރިއާ އެއޮތީ ޝުނާނާގެ ޕާރސަނަލް އިންޓަވިއު ނަގާފަ. ސުނާނާ އަށް ޝުކުރިޔާ ސީލައިފް މައްސަލައިގެ ދިން ލާރި ލިބުނީ ޝުނާނާއާހެދީ

The name is already taken The name is available. Register?

ޝުނާނާގެ ކްލަަޔަންޓް

03 May 2021

އަދި ފެނޭ އާރޓިކަލް ރަނގަޅަށް ކޔާލަން...ސުނާނާ އަށް ހާދަ ފާރައެކޭ ތިލަނީ...ތިހާ ހަސަދަވެރިވެ އެއްޗެހި ގޮވުމުގެ ބަދަލުގަ ދޭބަލަ ރަނގަޅު ކަމެއް ކޮލަން. އަޅުގަނޑު ކޭސްގަ އެއްވެސް މީހަކު އެހީނުވި.. އެކަމަކު ސުނާނާގެ ސަބަބުން އަޅުގަނޑަށް ހިތަށް ނާރާ ކާމިޔާބު ލިބުނު.

The name is already taken The name is available. Register?

ޝާހީން

01 May 2021

ވާަހަކަ ވަރަށް މޮޅު. ހަގީގަތް ރަނގަޅަށް އެނގޭ

The name is already taken The name is available. Register?

ައަމްރު

01 May 2021

ކުރާ މަސައްކަަތް ރަނގަޅު.ނަމަވެސް ތިމާމީހާގެ އަމިއްލަ ނަފްސު އިސްތިހާރުކުރާ ވަރު ގިނަ. މިއީ ކޮންމެސް އެދުމެއް އޮތީމާ ކުރެވޭކަމެއް.ހަމްބަލް މީހާ ކަންކޮއްފާ ނަމެއް ނުވަތަ އިސްތިގާރެއް ވާކަށްބޭނުމެއް ނުވާނެ.

The name is already taken The name is available. Register?

ޢަބްދުލް

01 May 2021

އިސްތިހާރުކުރަނީއޭ؟ ހުރެބަލަ ތިބޭފުޅާގެ ހައްގު ކަތިލެވޭ ދުވަހެއް ބަލަން، ވަކީލަކު ހަޔާރ ކޮއްގެން މަސައްކަތް ކުރިމީހަކަށްތާ އެނގޭނީވެސް ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭމީހެއްގެ މުހިންމުކަން.. އޭނާ ޕަބްލިކް ލައިފްސްޓައިލެއް ގެންގުޅުމަކީ އޭނާގެ އަމިއްލަ ކަމެއް..

The name is already taken The name is available. Register?

ޢަބްދުލްއަށް ރައްދު

01 May 2021

ހިލޭ ސާބަހަށް މަސައްކަތް ކުރާ ލޯޔަރުން ރާއްޖޭގައި ގިނަ.އަދި ޝުނާނާއެއްކޮށް ތިކަމުގައި ޕީއެންސީގައިވެސް އުޅެނީ ހިލޭ ސާބަހަށް މަސަތްކަތްކުރާ ލޯޔަރުން.އޭގެ އެއްވެސް މީހެއްގެ ވާހަކައެއްނެތް.ޝުކުރުވެސް އަދާކޮއްފަނެތް.ތިމާމީހާގެ މޮޅު ވާހަކަ ހުސް މިއޮތީ ނޭނގިނަމަވެސް ދެއްކިފަ.ވީމާ މިއީ ހަމަ ކަމެއްކޮއްފަ އަމިއްލަ ނަފްސު އިސްތިހާރެކުރުން.

The name is already taken The name is available. Register?

ލޯ ސުޓޫޑެންޓެއް

01 May 2021

ވަރަށް ބޭނުން ތިގޮތަށް ވޯކް ކޮށްލަން

The name is already taken The name is available. Register?

ޒީނިޔާ

01 May 2021

މިކަމުގެ ފަހަތުގައި ކޮންމެވެސް ސިޔާސީ މަގާމެއް ދަހިވެތިކަން ވާނެއެވެ! މިގޮތަށް ކުރިން ރިސޯޓް މުއައްޒަފުންގެ ހައްގޭ ވިދާޅުވެ އީސަވެސް އުޅުނެވެ. އެމްޕީއަކަށް ވުމުން ރިސޯޓް މުއައްޒަފުންނަށް އެއްމެ އިޚާނެތިކޮށް ހިތި މީހަކަށް އީސަވާނެއެވެ. މި ކަމަނާވެސް ކޮންމެވެސް އެއްޗެއްގެ ބޭނުމުގައި މިގޮތަށް އުޅެނީ ނޫންބާވައެވެ.

The name is already taken The name is available. Register?

ތިކިޖެހި

02 May 2021

އަދި ފެނޭޭ މި ލިޔުން އެއްފަހަރު ރަނގަޅަށް ކިޔާލަން. ބޮޑު މުސާރައިގެ ސިޔާސީ މަގާމު ލިބޭ ވާހަކަ އެއޮތީ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454