މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް މާލޭގައި މިރޭ ބޭއްވި އިހުތިޖާޖުގެ ތެރެއިން-- ފޮޓޯ: ނިޝާން އަލީ/ މިހާރު
01 މެއި 2021 - 23:18
މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް މާލޭގައި މިރޭ ޒުވާނުންތަކެއް އަޑުއުފުލައިފި އެވެ.
މަސައްކަތްތެރިންގެ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު މަސައްކަތުގެ މާހައުލުގައި ބައެއްް މީހުންނަށް ޖިންސީ ގޯނާ އާއި ފުރަައްސާރަ އަދި ރޭޕް ފަދަ ކަންކަމާ ކުރިމަތިލާން ޖެހިފައި އެބަ ހުއްޓެވެ. އެފަދަ ކަންކަމާ ދެކޮޅަށް މިރޭ އިހުތިޖާޖު ރޭވީ "ރައިޒް އަޕް އެމްވީ" މޫވްމަންޓުންނެވެ.
ޖިންސީ ފުރައްސާރައާ ދެކޮޅަށް ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތަކާ އެެކު އިހުތިޖާޖު ފަށާފައި ވަނީ ރަސްފަންނު ސަރަހައްދުންނެވެ. އެކަމަކު އެ ސަރަހައްދުގައި އަޑުގަދަ ކުރާ ބޭނުންކޮށްގެން ވެސް ޝުއޫރުތައް ފާޅުކުރުމަށް ފަހު އިހުތިޖާޖުގެ ބައިވެރިން ވަނީ މަޖީދީ މަގަށް ހިނގައިގެންފަ އެވެ.
އެ ޒުވާނުން ވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައި، އަންހެން މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކުރަން ގޮވާލައިފަ އެވެ.
އެ މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ދައުވާކޮށް މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނިކޮށް ކޯޓުން ވަނީ ބޭސް ފަރުވާއަށް ބޭރަށް ދިއުމުގެ ހުއްދަދީފަ އެެވެ. އޭނާ ބޭސް ފަރުވާއަށް ގޮސްފައި ވަނީ ކޮން ގައުމަކަށް ކަން ސާފެއް ނުވެ އެވެ. އެހެންވެ، މައްސަލަ ކުރިއަށް ގެންގޮސް، ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ޝިކާރަކަށްވި މީހުންނަށް އިންސާފު ހޯދައިދެވޭނެތޯ ވެސް ވަނީ ސުވާލު އުފެދިފަ އެވެ.
އެކަމަކު މީގެ ކުރިން ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވަނީ އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ވެސް އަލީ ވަހީދުގެ މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
ޖިންސީ ގޯނާ އާއި ފުރައްސާރައިގެ މައްސަލަތައް ކުރިމަތިވަމުން ދިޔަ ނަމަވެސް އިދާރާތަކުން އެކަން ކަން ބަލައި ފިޔަވަޅު އަޅަން ފަސް ޖެހޭ ކަމަށް ބުނެ އެެއްވުމުގެ ބައިވެރިން ނުރުހުން ފާޅުކުރެ އެވެ. އަދި ހެކި ނެތިގެން ކަމަށް ބުނެ އެެފަދަ މައްސަލަތައް ނުބަލައި ދޫކޮށްލަމުންދާތީ ވެސް އިހުތިޖާޖުގެ ބައިވެރިން ކަންބޮޑުވުން ފާޅުކުރި އެވެ.
ޖިންސީ ފުރަައްސާރައާ ދެކޮޅަށް މިރޭ މާލޭގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޒުވާނުން އިހުތިޖާޖު ކުރަމުންގޮސް، ގާތްގަނޑަކަށް މަޖީދީ މަގު، ސަން ފްރޮންޓް ފިހާރައާ ހަމައަށް ދިޔަ ތަނާހެން އެ ސަރަހައްްދަށް ފުލުހުން އައިސް ވަނީ އެއްވުމުގެ ބައިވެރިންނަށް ހުރަސް އަޅަައިފަ އެވެ. އަދި އެ މީހުން ދުރުކުރުމުގެ މަސައްކަތް ވެސް ކުރި އެވެ. އެނގިފައިވާ ގޮތުގައި އެއްވުމުގެ ތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށަަށް ވެސް ގެންދިޔަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ފަސް މީހުންނަށް ވުރެ ގިނައިން މާލެ ސަރަހައްދުގައި އެއްވުމަކީ މަނާ ކަމެކެވެ. އެކަމަކު މި އެއްވުން ކުރިއަށް ގެންދިޔައީ އެޗްޕީއޭގެ ގައިޑްލައިންގައި ބުނާ ގައިދުރުކުރުމާއި މާސްކް އެޅުން ފަދަ ފިޔަވަޅުތަކާ އެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖަމީލުބެ
02 May 2021
ގޯނާ ކުރުމާއި، ގޯނާކުރުމަށް ދަޢުވަތު ދިނުމަކީވެސް ކުށެއްކަމަށް ބަލަންޖެހެއެވެ. އަޑު އުފުލުމުގައި ހެޑްލައިނުން ޖާގަ ހޯދުމަށްވުރެ ޢަދްލުވެރި ވާން ވާނެއެވެ.
ޖަމީލުބެ
02 May 2021
ގޯނާގެ ބައެއް މައްސަލަތައް ސްޓަޑީކޮށްލުމުން ފެންނަނީ އެހެން މަންޒަރެއް! އެގޮތުން ދާދިފަހުން "ބޭފުޅެއްގެ ތިފަދަ ގޯނާ" ގެ ވީޑިއޯތަކެއް ބެއްލެވި ބޭފުޅަކު ވިދާޅުވިގޮތުން، އެއީ ގޯނާކަމަށް ވަންޏާ ދެން ގޯނާ ނޫންކަމެއް ނުކުރެވޭނެއެވެ.
އިސްލާހުޖާޑި
02 May 2021
އަނިޔާކުރީ ތަރާވީހުގައި ގުނޫތުކިޔަން ތިއްބާތޯ ހަމަ އަހާލީ?
ށަވިޔަނި
02 May 2021
އަޑު އުފުލަން މިއަށްވުރެ ވަކި ރަނގަޅު ވަގުތެއް ނެތެއްނޫން. އަޑުއުފުލާ ބަލިފަތުރާ މީހުންގެ ފުރާނައާ ސިއްހަތަށް ނުރައްކާކުރޭ.
ލެލިލް
02 May 2021
ގައުމެއް ލޫޓުވާލައި އިދިކޮޅަށް ބަހެއް ބުނާ އެންމެން ޖަލަށްލައި ބޮޑު އަނިޔާވެރި ވެރިކަމެއް ކުރި އިރު މިއިން މީހެއް ނުފެނޭ. އޭރު ހައްގުތަކަށް ގޮވާލަން ނުކުންނަން ނުކެރުން. މިހާރު ދެން ޖަލަށް ނުލާނެކަން އެނގޭތީ ހެޑްލައިން ހަދާލައި މަޝްހޫރުވާން ނުކުމެ މިތިބީ. ކިރިޔާވެސް ގުރުބާނީއެއް ވާން ޖެހޭނެހެން ހީވާ ދަނޑިވަޅު ތަކުގައި ބޮޑު ހަރަށް ވަދެ ފިލައި. ހިހޫ ތަނުން ކާލައިގެން އުޅޭ ބައެއް
ބަދަލު
01 May 2021
ކުރީގެ ފަތުރުވެރިކަމުގެ ވަޒީރު ފްރޭމްކުރިމީހުން ހައްޔަރު ކުރަންވެސް ގޮވާލާ! ޝުކުރިއްޔާ!