ކުޅިވަރު / އޭއެފްސީ ކަޕް

ރާއްޖޭގައި ކުޅޭ އޭއެފްސީ ކަޕް ފަސްނުކުރަން އޭއެފްސީން ނިންމައިފި

އޭއެފްސީ ކަޕް ކޮލިފިކޭޝަން މެޗެއްގައި މިދިޔަ އަހަރު މާލޭގައި މާޒިޔާ ކުޅުނު މެޗެއްގެ ތެރެއިން --- ފައިލް ފޮޓޯ

މި މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖު މެޗުތައް ފަސްކުރަން ރާއްޖެއިން ވާހަކަ ދެއްކި ނަމަވެސް، މުބާރާތް ފަސް ނުކުރަން އޭއެފްސީން ނިންމައިފި އެވެ.

ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ބުދަ ދުވަހުގެ ރޭ ވިދާޅުވެފައި ވަނީ، ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ރާއްޖޭގައި އިތުރުވާތީ އާއި މި ދަނޑިވަޅު އާންމުންގެ ކަންބޮޑުވުންތައް ހުރުމާ އެކު އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖު ފަސް ކުރަން އޭއެފްސީއާ އެކު އެފްއޭއެމުން ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

އޭއެފްސީގެ މަސްދަރަކާ ހަވާލާދީ، ގޯލް ޑޮޓް ކޮމްއިން ބުނެފައި ވަނީ، ދެކުނު އޭޝިއާ ޒޯންގެ މެޗުތައް ފަސް ނުކުރުމަށް އޭއެފްސީން ނިންމާފައިވާ ކަމަށެވެ.

އޭއެފްސީ ކަޕް މެޗުތައް ފަސް ކުރުމާ މެދު، އެފްއޭއެމުން ވާހަކަ ދައްކަމުންދާ ކަމަށް މަހްލޫފް ވިދާޅުވި އިރު ބުދަ ދުވަހު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއާ އެކު ބޭއްވި ޕްރެސް ކޮންފަރެންސްގައި މަހްލޫފް ވިދާޅުވެފައި ވަނީ ކޮވިޑް-19 ފެތުރޭތީ އެހެން ދާއިރާތަކުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވުރެ، ރާއްޖޭގައި ބާއްވާ އޭއެފްސީ ކަޕަށް އަޅާ ފިޔަވަޅުތައް މާ ބޮޑަށް ރަނގަޅުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަަމަށެވެ.

"މި ކުރާ ކަމަކީ [ރާއްޖޭގައި ބާއްވާ އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖަކީ] އިރާދަ ކުރެއްވިއްޔާ މިހާރު ރާއްޖޭގައި ކުރަމުން މިދާ ހުރިހާ ކަންތައްތަކަށް ވުރެ މާ ރަނގަޅަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅިގެން ކުރިއަށްދާނެ ކަމެއްކަން ޔަގީން،" މިނިސްޓަރު ވިދާޅުވި އެވެ.

"ކެފޭއަކަށް ދާއިރު ޓެސްޓްކޮށްފައެއް ނުވަދެވޭ އެތާ ތިއްބައި ރެންޑޮމް ސާމްޕަލެއް ނުނެގޭނެ. މަގުމަތީގަައި ދުވަން ތިއްބައި އެކަމެއް ނުހިނގާނެ، ސައިކަލް ދުއްވަން ދާއިރު އެކަމެއް ނުހިނގާނެ. އެކަމަކު މިކަން ކުރާއިރުގައި މިސާލަކަށް ބެންގަލޫރު އެފްސީ ކަމަށް ވިޔަސް މޯހަން ބަގާން ކަމަށް ވިޔަސް ހައެއްކަ މަސް ވެއްޖެ އެއްކޮށް އެ މީހުން ކޭމްޕްކޮށްގެން ތިބޭތާ ރާއްޖެއިން ބައިވެރިވާ ކުލަބުތައް އީގަލްސް ނޫނީ މާޒިޔާ ވިޔަސް މާދަމާ ނޫނީ އަނެއް ދުވަހު ޓީމު އެއް ހޮޓަލަކަށް ވަންނާނެ. އެތަނުން ނުވެސް ނުކުމެވޭނެ. ފުލުހުން ބައިތިއްބަން ޖެހިއްޖެއްޔާ ފުލުހުންވެސް ތިބޭނެ."

އޭއެފްސީ ކަޕާ ގުޅިގެން ރާއްޖޭން އެކުލަވާލާފައިވާ ގައިޑްލައިންތަކަށް ވުރެ އޭއެފްސީގެ ގައިޑްލައިންގެ ދަށުން އަޅާ ފިޔަވަޅުތައް ހަރުކަށި ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ. ކޮވިޑްގެ އުނދަގޫ ހާލަތުގައި ވެސް، އޭއެފްސީ ކަޕް ބާއްވަން ސަރުކާރުން ވަނީ ހާއްސަ ހުއްދައެއް ދީފަ އެވެ. ސަރުކާރުން އެ ހުއްދަ ދިނީ އޭއެފްސީ ކަޕާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ބެލުމަށް ފަހު އެވެ.

ބައްސާމް ބުދަ ދުވަހު، ވިދާޅުވީ، އޭއެފްސީ އާއި ރާއްޖެއިން ކަނޑައަޅާފައިވާ ގައިޑްލައިންގެ ހުރިހާ ކަމަކަށް އަމަލު ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"އަޅުގަނޑުމެން ދޭން އޮތް ޔަގީން ކަމަކީ އެ ހުރިހާ ގަވާއިދުތަކަށް އަޅުގަނޑުމެން ފޮލޯ ކުރާނެކަން،" ބައްސާމް ވިދާޅުވެފައިވެ އެވެ. "ޓީމުތައް ހޮޓަލުން ބޭރަށް ނުކުންނާނީ ޕްރެކްޓިހަށް ދިއުމަށް ނޫނީ މެޗަށް ދިއުމަށް އަދި މެޗު ނިންމާފައި އެނބުރި ހޮޓަލަށް. އެ ނޫން އެއްވެސް ތާކަށް ނުދާނެ. އޮގަނައިޒިންގެ ބޮޑުބައި އަދާ ކުރާނީ ވެސް އޭއެފްސީގެ ފަރާތުން."

އަންނަ ހުކުރު ދުވަހު ފަށާ ގުރޫޕް ސްޓޭޖު މެޗުތައް ކުރިއަށް ދާނީ މި މަހު 20ގެ ނިޔަލަށެވެ. މުބާރާތް ހޯސްޓް ކުރުމުގެ ބިޑް ރާއްޖެއިން ކާމިޔާބުކުރީ އިންޑިއާއާ ވާދަކޮށެވެ.

މި ފަހަރު ގުރޫޕް ސުޓޭޖުގައި ކޮންމެ ޓީމެއް، ކޮންމެ ޓީމަކާ ދެކޮޅަށް ކުޅޭނީ އެއް ފަހަރު އެވެ. ގުރޫޕް ސްޓޭޖުން އޮޓަމެޓިކް ޖާގަ ކަށަވަރު ވެފައި ވަނީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ބަންގްލަދޭޝްގެ ބޮށުންދަރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަށެވެ. ގުރޫޕްގެ ފަހު ޖާގަ ހޯދުމަށް، ރާއްޖޭގެ ކްލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ ޕްލޭއޮފް މެޗު އަންނަ އަންގާރަ ދުވަހު މާލޭގައި އޮންނާނެ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 25%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454