ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ހާބަޓް ވަކިކުރުމުގެ ވަގުތު އައިސް ޖެހިއްޖެ!؟

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ވޯލްޑް ކަޕުގައި ކުޅެ އަދި ކޯޗުކޮށްދީފައިވާ ތަޖުރިބާކާރަކު ހަމަޖައްސަން އުޅޭ ވާހަކަ މިދިޔަ އަހަރު އެފްއޭއެމުން އިއުލާންކުރުމުން ދިވެހި ސަޕޯޓަރުންގެ އުއްމީދު ވަރަށް ބޮޑަށް މަތިކުރި އެވެ. ސަޕޯޓަރުންގެ ލޯބި އިންތިހާއަށް ލިބިފައިވާ ވެލިޒާ ޕޮޕޯފް މަގާމުން ވަކިކުރުމުން ހިތްހަމަނުޖެހިފައި ތިބި ސަޕޯޓަރުންނަށް ވެސް ހަމަޖެހުން ލިބުމެވެ. އެކަމަކު ނިއު ޒީލެންޑަށް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކޯޗުކޮށްދީފައިވާ ރިކީ ހާބަޓާ ގައުމީ ޓީމު ހަވާލުކޮށްގެން މިވީ އަށެއްކަ މަސް ދުވަހުގެ ތެރޭ އެކަށީގެންވާ ނަތީޖާއެއް ނެރެވިފައެއް ނުވެ އެވެ. ކުޅުމުގެ ފެންވަރު މަތި ކުރެވިފައިނުވާއިރު ޓީމުގެ މޯރަލް ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެންމެ ފަހުން ސަޕޯޓަރުން މިވަނީ އޭނާގެ އިސްތިއުފާ އަށް ގޮވައިފަ އެވެ.

ހާބަޓަކީ ގައުމީ ޓީމާ ހަވާލުވި އެންމެ ހައި ޕްރޮފައިލް ކޯޗެވެ. ނިއު ޒީލެންޑް ގައުމީ ޓީމަށް 1982 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކުޅުނުއިރު އިނގިރޭސި ލީގުގެ ވުލްވްސް އަށް ވެސް 1980ގެ ތެރޭގައި ކުޅެފައިވެ އެވެ. ފީފާގެ ޓެކްނިކަލް ސްޓަޑީ ގްރޫޕުގައި ވެސް ހިމެނުނެވެ. އެންމެ ބޮޑު ކާމިޔާބީއަކީ، އާދައިގެ ޓީމެއްގެ ގޮތުގައި އޮތް ނިއު ޒީލެންޑް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނީ އެ ފަހަރުގެ މުބާރާތުގައި ދުނިޔޭގެ ޗެމްޕިއަން އިޓަލީއާ އެއްވަރުކޮށް އެ ޓީމަށް ވުރެ މަތިން، ތިން ވަނައިގައި އޮވެ ގްރޫޕް ސްޓޭޖް ނިންމާލުމެވެ.

މިދިޔަ އަހަރު އޭނާ ރާއްޖެއާ ހަވާލުވީ ވޯލްޑް ކަޕުގެ ތަރިއެއްގެ ގޮތުގަ އެވެ. އެކަމަކު އޭގެ ފަހުން އޭނާ ހަވާލުވި އެއްވެސް ޓީމަކާ އެކު ރަނގަޅު ނަތީޖާތަކެއް ނެރެވިފައިނުވާ ކަމެއް ދިވެހިންނަކަށް ނޭގެ އެވެ. އިންޑިއަން ސުޕަ ލީގުގެ ނޯތުއީސްޓް ޔުނައިޓެޑަށް ކޯޗުކޮށްދިން އިރު އެ ޓީމު ދިޔައީ ލީގުގެ ފުލަށެވެ.

ހާބަޓް ރާއްޖެ އައިސް ފުރަތަމަ ވެސް ނޫސްވެރިން ގާތު ބުނީ އުއްމީދު މަތިނުކުރުމަށެވެ. ނިއު ޒީލެންޑް ވެސް އޭނާ އެ ހިސާބަށް ގެންދިޔައީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ގިނަ މެޗުތައް ކުޅެގެން ދުވަސް ނަަގައިގެން ކަމަށާއި ރާއްޖެއާ އެކު ވެސް ވަގުތު ނަގާނެ ކަމަށް ބުންޏެވެ. އެކަމަކު އަހަރެއްހާ ދުވަސްވާން ކައިރިވި އިރު ކުރިއެރުން ލިބިދާނެ ކަމުގެ އެއްވެސް ކުލަވަރެއް ނުފެނެ އެވެ. ތިން މުބާރާތެއްގައި ވާދަކޮށް ފެއިލްވެފައިވާއިރު ރާއްޖެއަށް ވުރެ ފެންވަރުގެ ގޮތުން އާދައިގެ ޓީމުތައް އަތުން ވަނީ ބަލިވެފަ އެވެ.

ހާބަޓް (ވ-2) އެސިސްޓަންޓް ކޯޗު އިންމައާ އެކު ޕްރެކްޓިހުގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ހާބަޓްގެ އިރުޝާދުގެ ދަށުން ރާއްޖޭން ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިންގައި ހަ މެޗު ކުޅެފި އެވެ. ގަތަރާއި ހޮންކޮން އާއި ޗައިނާ އަދި ޔަމަން އަތުން ބަލިވީ އެވެ. މޮޅުވީ ބޫޓާނާ ދެކޮޅަށް ކުޅުނު ދެ މެޗުންނެވެ. ރަށުން ބޭރުގައި ކުޅުނު މެޗުން ރާއްޖެ 4-3 އިން މޮޅުވި އިރު ބޫޓާނުން ފަހު ވަގުތު އެއްވަރުނުކުރީ ކިރިޔާ އެވެ. މާލޭގައި ކުޅެ މޮޅުވީ 4-2 އިންނެވެ. އެ މެޗުގައި ވެސް ބޫޓާނުން ދެ ފަހަރު ލީޑު ނެގި އެވެ. ސާފް ޗެމްޕިއަންޝިޕާއި ސައުތު އޭޝިއަން ގޭމްސް އަދި ބަންގުބަންދު ގޯލްޑްކަޕުން ކެޓީ ސެމީ ފައިނަލުންނެވެ. އޭގެ ތެރެއިން ސާފް ޗެމްޕިއަންޝިޕާއި ބަންގުބަންދު ކަޕުން ކެޓީ، މީގެ ކުރިން ރާއްޖޭން އުނދަގުލެއް ނެތި މޮޅުވާ ނޭޕާލް އަތުން ބަލިވެގެންނެވެ.

ސާފް ޗެމްޕިއަންޝިޕުގެ ނާކާމިޔާބީއަށް ފަހު ރާއްޖޭން ބަންގުބަންދު ކަޕަށް ދިޔައީ، އެންމެން ހީކުރި ގޮތުގައި ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވާށެވެ. އެކަމަކު އެ މުބާރާތުގައި ވެސް ބޭނުންކުރީ ޒުވާން ކުޅުންތެރިންނާއި ސީނިއާ ކުޅުންތެރިން ހިމެނޭ މަސްހުނި ޓީމެކެވެ. ސީދާ ތަށްޓަށް ދިޔަ ނަމަ ސީނިއާ ޓީމެއް ގެންދިއުން މައްސަލައެއް ނެތެވެ. ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވާން ނަމަ ޒުވާން ޓީމެއް ގެންދިޔަ ނަމަ ފުރިހަމަވީހެވެ. ގޭމްސްގައި ކީޕަރަކަށް ކުޅެން އާ ކުޅުންތެރިޔަކު ހުރިއިރު އޭނާ އަށް ބަންގުބަންދު ކަޕުގައި ފުރުސަތެއް ނުދެ އެވެ. ފުރުސަތު ދިނީ ސީނިއާ ކީޕަރަކަށެވެ. ކޯޗުގެ މާބޮޑު ޕްލޭނެއް ނެތްކަމަށް ގިނަ ބަޔަކު ބުނަނީ އެހެންވެ އެވެ.

"ދެ އަހަރު ތެރޭ ދިވެހިރާއްޖެ އަށް ބައިނަލްއަގްވާމީ ވިއްސަކަށް މެޗު މި ލިބުނީ. މިހާ ގިނަ މެޗުތަކެއް ގައުމީ ޓީމުގެ އެއްވެސް ކޯޗަކަށް ނުލިބޭ. މި މެޗުތަކުގެ ބޭނުން ހިފައިގެން ކޯޗަށް މިއަށް ވުރެ ފުރިހަމަ ނަތީޖާތަކެއް ނެރެވެން ޖެހޭނެ. މައްސަލައަކީ ހަމައެކަނި ނަތީޖާ ނުނުކުތުމެއް ނޫން. ކުޅުމުގެ ސްޓައިލެއް ނެތުމާއި އެއްވެސް ގޭމް ޕްލޭނެއް ވެސް ނެތުން،" ފުރަތަމަ ޑިވިޝަނުގެ ކޯޗަކު ނަން ނުޖަހާ ގޮތަށް ބުންޏެވެ.

ހާބަޓުގެ އިރުޝާދުގެ ދަށުން ރާއްޖޭން ޖުމްލަ 19 މެޗު ކުޅެފައިވާއިރު 11 މެޗުން ވަނީ ބަލިވެފަ އެވެ. ހަތް މެޗުން މޮޅުވިއިރު އެއް މެޗުން އެއްވަރުވީ އެވެ.

ޔަމަން އަތުން ރާއްޖެ ބަލިވި މެޗުގައި ހާބަޓް (ވ) ބެންޗުގައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހާބަޓް ވަނީ ޒުވާން އާ ކުޅުންތެރިންނަށް ފުރުސަތުތަކެއް ދީފަ އެވެ. އެއީ ފާހަގަކުރަން ޖެހޭ ރަނގަޅު ކަމެކެވެ. އެގޮތުން ޓީސީ ސްޕޯޓްސްގެ ނާއިޒް ހަސަން (ދާދު) އާއި ކްލަބް އީގަލްސްގެ އަންސަރު އިބްރާހިމް ފަދަ ކުޅުންތެރިން ގައުމީ ޓީމުގައި ވިދާލި ހާބަޓް އެ ކުޅުންތެރިންނަށް ދިން އިތުބާރުންނެވެ. އޭގެ އިތުރުން މާޒިޔާގެ ޒުވާން ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އާއި ގާސިމް ސައްމާމް (ސައްމޭ) އަދި ކްލަބް އީގަލްސްގެ އިމްރާން ނަޝީދު (އިންމަ) ފަދަ ކުޅުންތެރިންނަށް އޭނާ ފުރުސަތު ހޯދައިދިނެވެ. އެކަމަކު ކޯޗަށް ފާޑުކިޔައިގެން ކަމަށް ބުނެ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ޓީމަށް ނުނެގުން އެއީ، ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ރާއްޖޭގެ ޑިފެންސް ލައިނުގައި މައްސަލަ އުޅޭއިރު، މިދިޔަ ސީޒަނުގައި މޮޅަށް ކުޅުނު ބައެއް ކުޅުންތެރިންނަށް ފުރުސަތު ނުދެ އެވެ.

ނަތީޖާ ނުނެރެވުމާއި ކުޅުން ދަށްވުމުގެ އިތުރުން ހާބަޓްގެ އެންމެ ބޮޑު މައްސަލައެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރަނީ އޭނާގެ އަމަލުތައް ހުންނަ ގޮތުން ޓީމުގެ ތެރޭގައި މައްސަލަ އުފެދުމެވެ. ޓީމުގެ އޮފިޝަލަކު ބުނީ ފުރަތަމަ ހާބަޓް ވަކި ކުޅުންތެރިޔަކަށް ވަކި ގޮތެއް ނުބަހައްޓާ ކަމަށާއި އެކަމަކު ފަހުން އޭނާ މަސައްކަތްކުރީ ވަކި ބަޔަކަށް ފޭވާކޮށްގެން ކަމަށެވެ. އެންމެ ފަހުން ކޯޗިން ސްޓާފުންނާ ވެސް މައްސަލަ ޖެހުނީ އެވެ. އޭނާއާ މެދު ހިތްހަމަނުޖެހިގެން އެސިސްޓަންޓް ކޯޗު އައްސަދު އަބްދުލްގަނީ އާއި ގޯލްކީޕަރު ޓްރޭނަރު އަސްލަމް އަބްދުއްރަހީމް ވެސް އިސްތިއުފާ ދިނީ އެވެ. ހާބަޓް އެސިސްޓަންޓަކަށް ގެންއުޅުނީ ސްޕޯޓްސް ސައިންޓިސްޓަކަށް ގެނައި މިލާން އެވެ. ޓްރެއިނިންތައް ވެސް ކުރިއަށް ގެންދިޔައީ އޭނާގެ ބެލުމުގެ ދަށުންނެވެ. މެޗުގެ ކުރިން ކުޅުންތެރިންނަށް އެންމެ ފަހުގެ އިރުޝާދުތައް ވެސް ދެނީ ޓެކްނިކަލް އަދި ޓްރެއިނިން ދިނުމުގެ އެއްވެސް ތަޖުރިބާއެއް ނެތް މިލާނެވެ.

"ބައެއް ކުޅުންތެރިން ކްލަބް ބަދަލުކުރުމުން ކޯޗު އެކަމާ ވަަރަށް ބޮޑަށް ހިތްހަމަނުޖެހި ސުވާލު އުފައްދާ. ވަކި ކްލަބެއްގެ ކުޅުންތެރިންނަށް ވަކި ގޮތެއް ހެދުމުގެ އުސޫލެއް ގެންއުޅުނު. އަނެއްކާ އެފްއޭއެމްގެ އިންތިހާބުގެ އޮއިވަރުގައި ވެސް ކޯޗު ހުރީ ޖެހިފައި،" ފުރަތަމަ ޑިވިޝަނުގެ ކޯޗަކު ބުންޏެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭން ބުނީ ހާބަޓަށް ކުޅުންތެރިން މޯޓިވޭޓްނުކުރެވޭ ކަމަށާއި މިއީ ކުރިމަގާ މެދު އޭނާ އަމިއްލަ އަށް ގޮތެއް ނިންމަންވީ ވަގުތު ކަމަށެވެ.

"ޔަމަން އަތުން ބަލިވި މެޗަކީ، މިދިޔަ ފަނަރަވަރަކަށް ވިއްސަކަށް އަހަރަށް ބަލާއިރު ވެސް ރާއްޖޭގައި ގައުމީ ޓީމު އެންމެ މޯރަލީ ދަށްކޮށް ދިޔަ މެޗު. މިއުޅެނީ ކުޅުންތެރިންގެ ފެންވަރު ދަށްވެގެން ކުޅުންތެރިން ކުޅުނު ގޮތް މައްސަލައަކަށް ވެގެނެއް ނޫން. އެއްވެސް ރޫހެއް ނެތީ ޓީމުގެ ތެރޭގައި. ކޯޗަށް ވެސް ވަރަށް އުނދަގޫވެފައި އެއޮތީ ޓީމު އަލުން ކޮޅަށް ޖަހަން،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ ހާބަޓް ރާއްޖެ އައި ދުވަހުން ފެށިގެން އެތެރެއިންނާއި ބޭރުން ފާޑުކިޔުން އަމާޒުވި ކަމަށާއި އޭނާއާ އެކު މަސައްކަތްކުރި އެސިސްޓަންޓް ކޯޗުން ވެސް ޓީމުން ވަކިވެ އެ ގޮންޖެހުމާ ވެސް ކުރިމަތިވެފައިވާ ކަމަށެވެ.

"އޭނާގެ ފެންވަރާއި ހުނަރުގެ ވާހަކަ ދައްކާނެ ކަމެއް ނެތް. އެކަމާ ސުވާލެއް ވެސް ނެތް. މައްސަލައަކީ ޓީމް ލިފްޓްނުކުރެވުން. ހިޔެއް ނުވޭ ދެން އޭނާ އަށް ޓީމުގެ ތެރޭ އެ ގުޅުން އުފެއްދިދާނެހެން. އެހެންވެ މިއީ ހާބަޓް އަމިއްލަ އަށް ގޮތެއް ނިންމަންވީ ވަގުތު،" ސުޒޭން ބުންޏެވެ.

ފުރަތަމަ ޑިވިޝަނުގެ ކޯޗަކު ނަން ހާމަކުރަން އުޒުރުވެރިވަމުން ބުނީ، ނަތީޖާ އާއި ކުޅުމުގެ ފެންވަރަށް ބަލާއިރު ހާބަޓަށް އިތުރު ފުރުސަތެއް ނުދީ ވަކިކޮށްލަން ޖެހޭ ކަމަށެވެ.

"ވަރަށް ދަށް ނަތީޖާތަކެއް ނުކުމެފައި ހުރީ. އެއްވެސް ގޭމްޕްލޭނެއް ނެތް. އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކޮށްލަން މިލިބުނު ފުރުސަތު ގެއްލުވާލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން. ޔަމަނަކީ ރާއްޖެއާ އެހާ ތަފާތު ޓީމެއް ނޫން. އަނެއްކާ ދެ ވަނަ ލެގު ނިއުޓްރަލް ވެނިއުއެއްގައި ކުޅޭއިރު ރާއްޖެ އަށް މިއޮތީ ރަނގަޅު ފުރުސަތެއް ލިބިފައި ގްރޫޕް ސްޓޭޖަށް ކޮލިފައިވާން. އެކަމަކު އޭގެ ބޭނުން ނުހިފި މިދަނީ،" އެ ކޯޗު ބުންޏެވެ.

"މެނޭޖަރުގެ ޒިންމާ ވެސް ނަގަނީ ކޯޗު. ތައްޔާރުވާން ވަގުތު ނުލިބެންޏާ ކްލަބްތަކާ މަޝްވަރާކޮށްގެން އެކަމަށް ހައްލެއް ހޯދުމުގެ ޒިންމާ ވެސް އެޅިފައި އޮތީ އޭނާގެ ކޮނޑުގައި."

އެ ކޯޗު ބުނީ ކޮންމެ މުބާރާތަކަށް ފަހު ގައުމީ ކޯޗު އެފްއޭއެމްގެ ޓެކްނިކަލް ކޮމިޓީއަކަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށާއި އެކަމަކު ރާއްޖޭގައި އެފަދަ ހަރުދަނާ އުސޫލުތަކެއް ނެތުމަކީ ކޯޗުންނަށް ފަސޭހައިގައި މަސައްކަތްކޮށްލަން ދެވޭ ފުރުސަތެއް ކަމަށެވެ.

ގައުމީ ކޯޗު ފަހަކަށް އައިސް އަބަދު ދައްކަމުން އައީ 2017 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަ ވާހަކަ އެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަން ލިބުނު ފުރުސަތުގައި އެކަމުގެ ބޭނުން ހިފުމުގެ ވިސްނުމެއް ނެތީ ހެއްޔެވެ؟ އޭޝިއަން ކަޕް ކޮލިފައިންގައި ވަރުގަދަ ޓީމުތަކާ ކުޅެ ނިމޭއިރު ރާއްޖެ އޮންނާނީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވެވިފަ އެވެ. ދެކުނު އޭޝިއާގެ ސަރަހައްދުގެ ފުޓްބޯޅައިގެ ފެންވަރަށް ބަލާއިރު އެ ސަރަހައްދުގެ މުބާރާތްތަކަކީ ރާއްޖޭގެ އެންމެ ބޮޑު އަމާޒަށްވެ، އޭޝިއަން ކަޕް ކޮލިފައިން ފަދަ މުބާރާތެއް އަތުން ދޫކޮށްލަން ޖެހޭ ސަބަބެއް ނޫނެވެ.

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަހުމަދު މަރުޒޫގު (މަރޭ) ވެސް ވަނީ ކޯޗު ބަދަލުކުރުމަށް ގޮވާލައިފަ އެވެ. ގައުމީ ޓީމަށް ބޭނުންވާ ސްޓެޓިކްޓިކްސް އާއި ޑޭޓާ ފޯރުކޮށްދިނުމުގައި ކޯޗާ ވަރަށް ގާތުން މަސައްކަތްކުރި މަރުޒޫގު ވިދާޅުވީ ކޯޗުގެ އެއްވެސް ގޭމް ޕްލޭނެއް ނެތް ކަމަށާއި ކުޅުންތެރިންގެ ފަރާތުން މޮޅުވުމުގެ ރޫހާއި އަަޒުމް ނެރެވޭނެ ގާބިލްކަން ވެސް ނެތް ކަމަށެވެ.

ގައުމީ ޓީމުގެ ކޯޗަކަށް ހަންގޭރީގެ އިސްތަވާން އުރުބާނީ ހުރިއިރު ޓީމުގެ ކުޅުމަށް އެދެވޭ ބަދަލު ގެނަ އެވެ. އެކަމަކު ނަތީޖާ ނުނެރެވުމުން އޭނާ މަގާމުން ވަކިކުރީ އެވެ. ބަލްގޭރިއާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފަށް ވެސް ތިން މުބާރާތުން ނަތީޖާ ނުނެރެވުމުން ޖެހުނީ އެނބުރި ގައުމަށް ދާށެވެ. ވެލިޒާ ޕޮޕޯފަށް ވެސް މާގިނަ ފުރުސަތެއް ނުދިނެވެ. އެ އުސޫލުން ބަލާއިރު މިއީ ހާބަޓް ވެސް ވަކިކުރަން ޖެހޭ ވަގުތު ކަމަށް، ވަރަށް ބޮޑަށް ގަބޫލުކުރެވެ އެވެ!

10 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 8%
icon angry icon angry 78%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝުޖާޢު

04 June 2016

ހާބަޓު ހަވާލުވުމުގެ ކުރިން، ޗައިނާގައި، ޗައިނާއާ ދެކޮޅަށް، ކުޅުނު މެޗު ވަރަށް ރީތި. ހިތްވަރާއި ރޭވުންތެރިކަން ވެސް ފެނުނު. އެ މެޗުގައި ޓީމު ރާވައި، ޓީމަށް އިރުޝާދު ދިނީ އިސްމާއީލް މަހުފޫޒު (އިންމަ ކޯޗު). އެ މެޗުގައި މަޝްހޫރު ދަގޭ ނުލައި ޓީމު އެކުޅުނު ކުޅުން މިހާރުވެސް ކުޅެވެން ޖެހޭނެ. ޗައިނާ އަތުން ބަލިވިޔަސް، ޗައިނާގެ ގޯލަށް ވެސް ނުރައްކާކުރި. ވީއިރު ޔަމަނު ފަދަ އާދައިގެ ޓީމަކާ ދެކޮޅަށް މިހާ ދަށް ކުޅުމެއް ކުޅުނު ސަބަބު ބަލަން އެބަޖެހޭ. ކޯޗުގެ އިރުޝާދުތަކެއް ނުފެނޭ. ރޭވުންތެރިކަމެއް ނުފެނޭ. މި ލިޔުމުގައި ހަމްދޫނު ފާހަގަކޮށްފައި އެވަނީ، އަޅުގަނޑަށް ވެސް ފާހަގަކުރެވިފައި ހުރި މައްސަލަތަކެއް. ދިވެހި ފުޓުބޯޅައަށް ލޯބިކުރާ އެންމެންނަށް ހެން މި ކަންކަން ރަނގަޅަށް ގަބޫލުކުރެވޭނެ. ކޯޗު އިސްތިއުފާދިނުމަށް ގޮވާލަން.

The name is already taken The name is available. Register?

މުޙައްމަދު

04 June 2016

މިއީ ޝެޑޯ ކޯޗް އެއް ނުހުންނާތީ ވާ ގޮތް. އަވަހަށް ހިޔަނި ކޯޗެއް ހަމަޖައްސަން ފެނޭ!!!

The name is already taken The name is available. Register?

އަހުމަދު ރަޝީދު (ރެސްޓޭ)

04 June 2016

ހުރިހާ ކަމެއް ކޯޗުގެ ބޮލަށް ކަނޑާލުމުން އެހެން މީހުންގެ ޒިންމާއެއް ނެތީބާއޭ ހިތައްއަރާ. ސުޒޭނު ބުނިގޮތަށް މިއީ ހާބަޓް އަމިއްލަޔަށް ގޮތެއް ނިންމަން ވީ ވަގުތު. ފުޓުބޯޅަ ކޯޗެއްގެ ވަޒީފާ ބިނާވެފައި އޮންނަނީ އެމީހަކީ ކިތަންމެ މޮޅުމީހަކަސް އެމީހަކު އެކުލަބަކާއި އެކު ހޯދާ ކާމިޔާބީގެ މައްޗައް.ސަޕޯރޓަރުން އަބަދުވެސް ބޭނުންވާނީ ކުޅޭ ހުރިހާ މުބާރާތެއް ނޫނީ މެޗެއް ކަމީޔާބުކުރަން އެކަމަކު ފުޓްބޯޅާގައި ކާމިޔާބީ މިނެކިރަނީ ހަމައެކަނި ހޯދާ ތަށިތަކަކަށް ނޫން. ވީމާ މިހުރިހާ ކަމަކަށް ވިސްނުމަށްފަހު ކޯޗް އަމިއްލަޔަށް މުސްތަގުބަލާއި މެދު ގޮތެއް ނިންމުން މުހިއްމު.ރާއްޖޭގެ ގައުމީޓީމާއި މިހާތަނައް ހަވާލުވި އެންމެ ހައި ޕްރޮފައިލް ކޯޗަކީ ހާބަޓް.އެހެން ކަމުން މަރޭގެ ކޮމެންޓާއި އެއްބަސް ވެވޭކަށް ނެތް. މީގައި ޕަބްލިކަށް ނޭނގޭ އެހެން ކަންތައްތަކެއް އެބައުޅޭ. މަރޭ ކަހަލަ ކުޅިވަރުތެރޭގައި އުޅޭ މީހަކު ހުރިހާކަމެއް ކޯޗުގެ ބޮލަށް ކަނޑާލުމުން ސުވާލު އުފެދޭ.

The name is already taken The name is available. Register?

ހުއްތު

04 June 2016

ރާއްޖޭގެ ފުޓްބޯޅަ ހަލާކުކުރީ ސިޔާސީ މީހުން ހާއްސަކޮށް އިލްހާމް

The name is already taken The name is available. Register?

ޑިޑީ

04 June 2016

ކޯޗު ރަގަޅު. މައްސަލައަކީ ރާއްޖެ. ޒަމާނުންސުރެ އޮތްު މޫނު ކަނދުރާއަށް ބަލާފަ ޓީމު ނެގުމުގެ ރޫހު. ނުފޫޒުގަދަ ވަކި ބަޔަކު ނުރުހޭތީ ކޯޗު ގޯސްވީ. ދަގަޑޭ ކިތަންމެ ހިތާވިޔަސް ޕޮޕޯވް ކަމަކު ނުދޭ

The name is already taken The name is available. Register?

ސަމްދާންނަޒީ

04 June 2016

ދުނިޔޭގެ އެންމެ މޮޅުކަމަށް ބުނާ ކޯޗު ގެނަޔަސް ދިވެހި ފުޓްބޯޅައިގެ އެންމެން އެކަތި ގަނޑަކަށް ވެގެން ނޫނީ މިކަން ހައްލެއް ނުވާނެ. އަބަދު ކޯޗުން ބަދަލުކޮށްގެން ވާނެ މޮޅެއް ނޯންނާނެ. މިގައުމަށް ތަށި ހޯދަދިން ކޯޗަކީވެސް އޭގެ ކުރިން މިގައުމަށް ކޯޗު ކޮށްދިން މީހެއް. ކުޅުންތެރިން އަތްދަށުވެގެން އެފް.އޭ.އެމް އޮވެގެން ނުވާނެ. ޓީމް ވޯކު ނެތުމާއި ކުޅިވަރުގެ ރޫހުވެސް ކުޅުންތެރިންގެ ކިބައިގަ ނެތް. މިއަށްވުރެ މީގެ މާކުރިން ކުޅުނު ގޯލްޑަން ޖިބުލީ ޒަމާނުގެ ކުޅުންވެސް މާރަނގަޅު. އޭރު ބަލިވިޔަން ބަލިވަނީވެސް މޮޅު ކުޅުމެއް ނުވަތަ އިދިކޮޅު ޓީމަށް ރަނގަޅު ފައިޓެއް ދީގެން... ގައުމީ ޓީމު އެހެން ހަރުފަތަކަށް ގެންދަން އެންމެން އެކަތިގަނޑަކަށް ވަމާ...

The name is already taken The name is available. Register?

އައްޓަމަސް

04 June 2016

ކޯޗު އެކަނިތަ ފެއިލްވީ؟! ކުޅުންތެރިންގެ ފެއިލިއަރ ކޮބާ؟! ކޮބާ ކުޅުންތެރިންގެ ގަވްމީ ހިތްވަރު ކުޅުނީ ދިވެހިން. ކޯޗްއަކީ ބެރުމީހެއް އޭނަގެ ގަވްމީ ރޫހު ނެތަސް ކުޅުންތެރިންގެ ގަވްމީ ހިތްވަރު ހުނަނަން ޖެހޭނެތާ! ސުޒޭނު ވެސް ފޮނިބައިސާ ކަނޑާ ފެން ނެތް ބޮޑު ކާށި ބިންނަން ވަރަށް ކުޅަދާނަވާނެ! ފުރަތަމަ އިދާރާގެ ބިންގާ ކޮނެ ނަގައިގެން ވިޔަސް ތެދުކުރޭ، ކޯޗާއެކީ ތިތާ ތަބި ބޮޑުން ވެސް އިސްތިއުފާދީ، ސިޔާސީ މީހުން ކުޅިވަރު ތެރެޔަށް ވަދެ ފުރަތަމަ ހަލާކުކުރީ ކްލަބުތައް! މިހާރު އެތިބީ މުޅި ފުޓްބޯޅަ ހަލާކުކުރަން ދިމާކޮށްފައި! ދަނޑަށް ސަޕޯޓަރުން ނުވަންނަނީ ވެސް ސަބަބެއް އޮތީމައި، އިއްޔެ ގަވްމީ ޓީމް ކުޅޭ ތަން ބަލަން މުޅި ގައިގައި ކުލަ ލައިގެން މީހުން ދިޔަ މިއަދު ނުދަނީ ސަބަބެއް އޮތީމައި، އަންނާށޭ ބުންޏަސް ދެވޭނީ ބަލިވިޔަސް ހިތްވަރެއް ވެސް ކުރާތަން ފެންނަންޔާދޯ؟! މޮޅުވަނީ 1 ޓީމް އެކަމަކު ބަލިވަމުން ދާއިރު ރޫޙެއް ހުންނަން ޖެހޭދޯ؟! އަތްޖަހަ ޖަހާ އަތުގައި ކުރަލާ ފޮޅު ނަގާއިރު ވެސް ކުޅުންތެރިން ކަހަތަން ހިތްވަރު ވެސް ނުލާ، ދެން ކީއްކުރަން 12 ވަނަ މީހާގެ އަޑާ، އަތް ހަލާކުކުރަންވީކީ؟ ސިކިއުރިޓީއޭ ކިޔާފައި ދަނޑަށް ވަންނަން އަހަރެމެންނަށް އެމް.އެން،ޑީ.އެފް އިން ޖެއްސި ހާލު މިހާރުވެސް ހިތަށްއަރާ ސިކިޔުރިޓީކުރުން އޯކޭ ޗެކްކުރުން ވެސް އޯކޭ އެކަމަކު އެކަމަށް ތައްޔާރުވެފަ ނެތް ތަނެއް ކުއްލިޔަކަށް ސިސްޓަމް ބަދަލުކުރީމައި ތަކުލީފް ޖެހޭނީ އަހަރެމެންނަށް ދޯ؟! އެދުވަހު ތަކްލީފް ޖައްސާފައި އިލްހާމްމެން ދަނޑަށް ވަދެ ތިބީ އަހަރެމެންނަށް ޖެއްސުނު ތަކްލީފް ބަލާފައި ހޭން. މަވާ މުޅި ޢުމުރަށް ވެސް ދިވެހި ފުޓްބޯޅަޔަށް ސަލަމް އަލްވަދާއު ދިވެހި ފްޓްބޯޅަ.

The name is already taken The name is available. Register?

މެންޓަލިސްޓް

04 June 2016

ދަންނަވާލަންއޮތީ އޭނާގެ ޓްރެއިނިންގް ރަގަޅުތޯ ؟ ރަގަޅީއާ ދެންއޮންނާނީ ކުޅުންތެރީންގެ މައްސަލަ ، ސްޗިޒރލޭންޑް ވޯލްޑްކަޕްއަށް ކޮލިފައި ކުރިއިރު ގައިމު ގޭމްޕްލޭނެއް އޮވެގެންތާ ކުޅެފައިއެހެރީ ، އެެހެންވީމަ ތިޔައުޅެނީ ކުޅުންތެރީންގެ މައްސަލަ ، ހަގީގަތުގައި މެޗެއްކުޅޭއިރު %90 އޮންނާނީ ކުޅުންތެރީން އަތްމަތީގައި %10 އޮންނާނީ ކޯޗްއަތުގައި ، ވަރަށް ސަލާމް ،

The name is already taken The name is available. Register?

ޝުއްޖޭ

04 June 2016

ރާއްޖޭގެ ޤައުމީޓީމުގެ ކޯޗަކަށް މިވަގުތު އެންމެ ރަނގަޅީ ސުޒޭން ބެހެއްޓުން. ސުޒޭނުގެ ގޭމްޕްލޭން ވަރަށް ބަރާބަރު. އެފްއޭއެމް ގެ އިސްވެރިން މިކަމާ ވިސްނާނެ ކަމަށް އުއްމީދުކުރަން.

The name is already taken The name is available. Register?

ރަދީފް

04 June 2016

ހާބަޓް ދާންވީ ކްރިކެޓް ކުޅެން. މައްސަލަ ބޮޑު ރޯނުއެދުރު މަރޭގެ ކޮމެންޓައް 100 ޕަސެންޓް ތާއީދުކުރަން އެބަޖެހޭ މިފަހަރު. ވ.ވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454