12 މެއި 2021 - 09:38
މަޝްހޫރު ކޮމީޑިއަން ސުނިލް ގްރޯވާ ލީޑް ރޯލު ކުޅެފައިވާ ވެބް ސީރީޒް "ސަންފްލާވާ" އަންނަ މަހުގެ 11 ގައި ސްޓްރީމްކުރަން ނިންމައި، އޭގެ ޕޯސްޓަރު ދައްކާލައިފި އެވެ.
ޒީ5 އިން ގެނެސްދޭ މި ސީޒީރަކީ ރިތިކް ރޯޝަންގެ "ސުޕަ 30" އާއި ކަންގަނާ ރަނާވަތުގެ "ކްއީން" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ވިކާސް ބާލް ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. "ސަންފްލާވާ" އަކީ ކުށުގެ ވެށިން ފެންނަ މަޖާ ކަންތައްތަކެއް ފެނިގެންދާ ސީރީޒެކެވެ.
ވިކާސްގެ އަލަތު ސީރީޒް ބެލުންތެރިންނަށް ގެނެސްދޭން ވަގުތު ކުޑަތަންވެފައިވާ އިރު އޭނާ ދާދި ފަހުން ވަނީ އަމީތާބް ބައްޗަނާއި އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ބަތަލާ ރަޝްމިކާ މަންދަނާއާ އެކު "ގުޑްބާއި" ކިޔާ ތުރިލާއެއް ހެދުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.
އެ ފިލްމަށް ފަހުން ވިކާސް ހަދަން ނިންމާފައި ވަނީ ޓައިގާ ޝްރޮފާއި ކްރިތީ ސެނަންއާ އެކު ދެ ބަޔަކަށް ހަދާ "ގަންޕަތު" އެވެ.
"ސަންފްލާވާ" ގެ ލީޑް ރޯލު ކުޅެން ސުނިލް އަށް ލިބުނު އިރު އޭނާ އަކީ ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ފަދަ ކޮމެޑީ ކޮމެޑޫ ޝޯތަކުން ބެލުންތެރިންގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ. ސުނިލް، 43، އަކީ ފިލްމުތަކުން ވެސް ފެންނަ އެކްޓަރެކެވެ. އޭނާ މި ފަހުން ކުޅުނު ފިލްމުތަކުގެ ތެރޭގައި ސަލްމާން ޚާންގެ "ބާރަތު" އާއި ސާނިއާ މަލްތުރާގެ "ޕަޓާކާ" ހިމެނެ އެވެ.
މިދިޔަ ޖެނުއަރީގައި ސްޓްރީމްކުރި ސައިފް އަލީ ޚާންގެ އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "ތަންޑާވް" ގެ ރޯލެއް ވެސް ސުނިލް ކުޅެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy