މުނިފޫހިފިލުވުން / މޯލްޑިވްސް ފިލްމް އެސޯސިއޭޝަން

ފިލްމު އެސޯސިއޭޝަނަށް ތިން މެންބަރަކު ހޮވަން އަންނަ މަހުގެ 10 ގައި ބައި-އިލެކްޝަން ބާއްވަނީ

އެމްއެފްއޭގެ މި ދައުރުގެ ބޯޑަށް އިންތިހާބުވި މެމްބަރުން: ތިން މެމްބަރަކު މިހާރު ވަނީ ވަކިވެފައި.

19 ނޮވެމްބަރ 2016 - 07:55

މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) އަށް ތިން މެމްބަރަކު އިންތިހާބުކުުރުމަށް ބައި-އިލެކްޝަނަކަށް ފުރުސަތު ހުޅުވާލައި، އަންނަ މަހުގެ 10 ގައި އިންތިހާބު ބާއްވަން ނިންމައިފި އެވެ.

ބައި އިލެކްޝަނަށް ކުރިމަތިލާން ޝައުގުވެރިވާ އެމްއެފްއޭގެ މެމްބަރުންނަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހުޅުވާލައިފައިވާ އިރު، ސުންގަޑި ހަމަވާނީ މި މަހުގެ 26 ގަ އެވެ.

އެމްއެފްއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވީ އަންނަ އަހަރުގެ ޑިސެމްބަރަށް މުއްދަތު ހަމަވާ ބޯޑްގެ ބައި އިލެކްޝަނަކަށް ދާން ޖެހުނީ ޖަމިއްޔާގެ ވައިސް ޗެއާޕާސަން އަދި ބަތަލާ ނިއުމާ މުހައްމަދާއި ސެކްރެޓަރީ ޖެނެރަލް އަދި ބަތަލާ ޒީނަތު އައްބާސްގެ އިތުރުން ހަޒާންދާރު އިލްޔާސް ފަރުހާދު މަގާމު ހުސްވުމާ ގުޅިގެން ކަމަށެވެ.

"އެ ތިން މެމްބަރުންނަށް ބަލާ އިރު އަމިއްލަ ބައެއް ކަންކަމާ ހުރެ އެސޯސިއޭޝަނަށް ވަގުތު ނުދެވި، ކުރިއަށް ގެންދަން ރޭވި ކަންކަން ވެސް ކުރިއަށް ނުގެންދެވޭ ހާލަތަކަށް ދިޔައިމަ ނިއުމާ އާއި ފަރުހާދު ބޯޑުން ވަކި ކުރީ. އަނެއްކާ ނިއުމާ ވަރަށް ބަލިކޮށް މިހާރު އުޅެނީ ވެސް. ދެން ދެ ފަރާތުން ވެސް ވާހަކަ ދައްކައިގެން ނިންމުމަކާ ހަމައަށް އައީ،" މުހައްމާ ވިދާޅުވި އެވެ. "މީގެ އިތުރުން ޒީނަތަށް ވެސް ވަގުތު ދޭން ދަތިވެގެން އަމިއްލަ އަށް އިސްތިއުފާ ދިނީ. އެ މީހުން ކޮށް ދެއްވި ހިދުމަތްތަކަށް އަޅުގަނޑު ޝުކުރު ވެސް ދަންނަވަން."

އޭނާ ވިދާޅުވީ އެމްއެފްއޭގެ މަސައްކަތް ކުރިއަށް ދާނީ ބޯޑުގެ މެމްބަރުން ހަމަވެގެން ކަމަށެވެ.

އެމްއެފްއޭގެ އެސްޖީގެ މަގާމުން ވަކިވި ޒީނަތު (ކ) ޑައިރެކްޓަރު ފައްތާހާއި އިންޑިއާގެ މެރަތަން ފިލްމްސްގެ އޮފިޝަލާ އެކު.

"މިހާތަނަށް އައިރު އަޅުގަނޑު އެކަނި މާއެކަނި ވެސް ފިލްމީ ދާއިރާ އާ ގުޅުން ހުރި ބައެއް ކަންކަންކޮށްފައި ހުންނާނީ. އެކަމަކު އެއީ އެކަން ކުރަން ޖެހޭ އެންމެ ރަނގަޅު ގޮތެއް ވެސް ނޫން. ބޯޑުގެ މެމްބަރުންނަށް ވަގުތު ނުދެވިގެން ކަންކަން ނުވެފައި އޮންނާކަށް ބޭނުމެއް ނުވޭ،" މުހައްމާ ވިދާޅުވި އެވެ. "މި ޖަމިއްޔާއަކީ މިހާރު ސަރުކާރުން މާލީ އެހީ އާއި އަދި އެ ނޫން ވެސް އެހީތެރިކަން ލިބޭ ޖަމިއްޔާއަކަށްވާތީ ކަންކަން ކުރާ، ކުރެވޭ ޖަމިއްޔާއެއްކަން އަޅުގަނޑުމެން ވެސް އެބަ ޖެހޭ ސާބިތުކޮށް ދޭން. އެވަރަށް މަސައްކަތް ކުރަން. އޭރުން ދެއްތޯ އިތުރަށް އެހީއެއް ވެސް ހޯދަން ޖެހޭ ދަނޑިވަޅުގައި އެކަން ކުރަން ފަސޭހަ ވާނީ؟"

މުހައްމާ އަށް ޖަމިއްޔާ އަށް ވަގުތު ނުދެއްވޭ ކަމަށް ބުނެ ދާދި ފަހުން މެމްބަރުންތަކެއް ހުށަހެޅި ޕެޓިޝަނަށް އިޝާރާތްކޮށް ވިދާޅުވީ އޭނާ ނޫނީ އެސޯސިއޭޝަނަށް ފުރިހަމަ އަށް ވަގުތު ދެއްވޭ އެހެން މެމްބަރަކު ނުހުންނާނެ ކަމަށެވެ.

މުހައްމާ އެކްޓަރު އަލީ ސީޒަނާ އެކު.

"އެކަން ވަރަށް ރަނގަޅަށް މިކަމުގައި އުޅޭ އެންމެންނަށް ވެސް އެނގޭނެ. އެކަމަކު ހަތް މެމްބަރުން ތިއްބަވާ ބޯޑެއްގައި ކޯރަމް ހަމަ ނުވާ ކަމަށް ވަންޏާ އަޅުގަނޑު އެކަނި މާއެކަނި ކުރެވޭނެ ކަމެއް ވެސް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑު އަބަދު ވެސް ހުންނާނީ ކޮންމެ ވަގުތަކު ވެސް ކުރަން ޖެހޭ ކޮންމެ ކަމަކަށް ތައްޔާރަށް. އަޅުގަނޑަށް ވަގުތު ނުވެގެން ކަމެއް ނުވެގެން އުޅޭކަށް ނުޖެހޭނެ."

މުހައްމާ ވިދާޅުވީ ބައި އިލެކްޝަނަކީ ފޯރިގަދަ ވާދަވެރި އިންތިހާބަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 33%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454