އައްށޫ ވިއްސާރައިގެ ތެރެއިން.
16 މެއި 2021 - 09:36
ރޯދަ މަހުގެ ފަހު ދުވަސްތައް އައްޑޫ ރައްޔިތުން ނިންމައިލަން ޖެހުނީ ބޯވާރެއާ އެކު ފެންބޮޑުވެ ލިބުނު ގެއްލުންތަކާ އެކު އެވެ. އެހެންވެ އީދު ދުވަހުގެ ބޮޑުބައި ގިނަ ބަޔަކަށް ހޭދަކުރަން ޖެހުނީ ގޭތެރެ އާއި ގޯތިތެރޭގައި ބޮޑުވި ފެންގަނޑު ހިންދުމުގަ އެވެ. އަދިވެސް އައްޑޫގެ އަވަށްތަކުގެ ބައެއް މީހުން ތިބީ ހާލުގަ އެވެ.
އެމްއެންޑީފާއި ފުލުހުން ވެސް މެދުކެނޑު ނެތި ފެން ހިންދުމާއި ރައްޔިތުންނަށް އެހީވުމުގަ އެވެ. ބޮޑަށް ފެންބޮޑުވެފައިވާ ސަރަހައްދަކުގައި ޕަންޕް ބަހައްޓައިގެން އެމްއެންޑީއެފުން ފެން ހިންދުމުގެ މަސައްކަތްކުރަމުން އަންނަ އިރު އާންމު ރައްޔިތުންގެ ތެރެއިން ބައެއް މީހުން ވެސް އަމިއްލަ ޕަންޕުން ފެން ހިންދުމުގަ އެވެ.
އެހެން ބައެއް މީހުން ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާ އެކު ވެލި ބަސްތާތައް ޖެހުން ފަދަ މަސައްކަތުގަ އެވެ.
އައްޑޫގެ ވިއްސާރައިގެ ތެރެއިން.
"އީދާ ކުރިމަތިލާން މި ޖެހުނީ ވަރަށް ހިތްދަތިކޮށް. ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ލިބި ވަރަށް ހާލުގައި މިހާރު މި ތިބީ." ފޭދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ރޯދަ މަހުގެ ބޮޑު ބައި މި ފަހަރު ދިޔައީ ވަރަށް ހޫނު ގަދަކޮށެވެ. ދޭތެރެއަކުން ވެހިލި ވާރޭކޮޅެއް ފިޔަވައި ރޯދަ މަހަކު ވާރެއެއް ނުވެ އެވެ. އެހެންވެ ގިނަ މީހުން ތިބީ ހިރަފުސް އޮބިގެންދާނެ ވަރަށް ވާރޭ ވެހި ބިންމަތި ތެމިލާނެ ކަމަށް އުންމީދުކޮށްގެންނެވެ.
ނަމަވެސް ރޯދަ މަހުގެ ފަހު ދުވަހާއާ އެކު ކުރިމަތިލާން ޖެހުނީ ގަދަ ވިއްސާރަ އެވެ. ބުދަ ދުވަހު ހުއްޓުމެއް ނެތި އައްޑު އަށް ބޯކޮށް ވާރޭހި، ގެތަކަށް ގެއްލުންވި ނަމަވެސް ބުރާސްފަތި ދުވަހުގެ ރޭގަނޑާ ހަމައަށް މޫސުން އޮތީ އަލިކޮށެވެ.
އައްޑޫ ވިއްސާރައިގެ ތެރެއިން.
ނަމަވެސް ހުކުރު ދުވަހުގެ ރެއިން ފެށިގެން އަނެއްކާ ވެސް ވާރެ އެވެ. އެހެންވެ ބުދަ ދުވަހު ވެހުނު ވާރޭގެ ފެންގަނޑު ނުހިދި ހާލުގައި ތިއްބައި އަނެއްކާ ވެސް ވާރޭ ވެހެން ފެށުމުން އިތުރު ހިތްދަތި ކަމެކެވެ. އެހެންވެ ގިނަ ގެތަކުން ފެންނަނީ ފެންހިންދުމުގެ މަސައްކަތްކުރާ ތަނާއި ގޯތިތެރެ ސާފުކުރާ މަންޒަރެކެވެ.
ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން އައްޑޫގެ 300 އަށް ވުރެ ގެތަކަށް އެކި ވަރުގެ ގެއްލުން ލިބުމެވެ. އެގޮތުން ގޭތެރެގައި ހުރި ފަރުނީޗަރާއި ކަރަންޓް ސާމާނާއި ހިފައިގެންގުޅޭ އެތައް އެއްޗަކަށް ގެއްލުންވެފައިވެ އެވެ.
އެގޮތުން އެންމެ ގިނަ އަދަދަކަށް ގެއްލުންވީ ހިތަދު އާއި ފޭދޫގެ ގެތަކަށެވެ.
އައްޑު އަކީ އަބަދު ވެސް ވާރޭ ވެހިލާ އިރަށް ފެންބޮޑުވުމުގެ މައްސަލަ ބޮޑު ތަނެކެވެ. މިކަން ހައްލުކުރަން ފެން ހިންދާ ނިޒާމު ގާއިމުކޮށް މިހާރު އެ ބޭނުން ކުރަން ފަށާފައި އޮތަސް އޭގެ ހަގީގީ ނަތީޖާއެއް ނުފެނެ އެވެ. އެކަން އެނގޭ ކަށަވަރުވާ އެއް ކަމަކީ ވާރޭ ވެހިލާ އިރަށް ތާރު އެޅި މަގުތަކުގައިު ވެސް ފެންބޮޑުވެ، ފެން ހިންދާ ޖަންކްޝަންތައް ފުރުމެވެ. ބައެއް އަވަށްތަކުގެ ބައެއް ހިސާބުތަކުގެ ނަޖިސް ޖަންކްޝަންތައް ފުރިގެން ނަޖިސް ވެސް ބޭރުވެފައިވެ އެވެ.
އެެހެންވެ އައްޑޫ ފެންހިންދާ ނިޒާމުގެ މަސައްކަތްކުރި ފަރާތްތަކަށް ވެސް އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.
"މިއީ ކޮން ބަޔަކު ޑިޒައިންކޮށްގެން އުޅޭ ފެންހިންދާ ނިޒާމެއް." ފޭސްބުކްގައި މީހަކު އަހާފައިވެ އެވެ.
ވާރޭ ވެހި އައްޑޫގެ ގެތަކަށް ފެން ވަންނަ އެ މައްސަލަ އަކީ މަގުތައް މިހާރު ގެތަކަށް ވުރެ އުސްކޮށް އޮތިމެވެ. މިގޮތަށް ދިމާވެފައި ވަނީ މަގު ހަދާ އިރު އެކި ފަހަރު މަތިން ވެލި އަޅަމުން ގޮސް މަގު އުސްވެފައި އޮތުނެވެ. ނަތީޖާ އަކީ މަގުމައްޗަށް ވެހޭހާ ފެން ވެސް ގޭގޭގެ ގޯތިތެރެއަށް ޖަމާވެ، ގޯތިތެރެ އާއި ގޭތެރެ ފެން ވަނުމެވެ.
މި މައްސަލަ ބޮޑުވެގެން ބައެއް އަވަށްތަކުގެ ގެތައް އުސްކޮށްފައިވެ އެވެ.
#UPDATE:Raajje ah kuramundhaa visaaraagai Addu City Feydhooge 2 magehgai pump beynun kohgen fen hihkumaai adhi fen vannamun dhaa gethakugai veli basthaa jehumuge massakaiy MNDF Southern Area ge sifain dhanee kuramun. Mihaathanah 08 geyehgai veli basthaa jahaadheefaivey. pic.twitter.com/JnueLiUMEg
— Maldives National Defence Force (@MNDF_Official) May 15, 2021
"އެއީ މި ވަގުތަށް އަހަރެމެންނަށް ކުރެވެން އޮތް ކަމަކީ ގެ ވަރަށް ބޮޑަށް އުސްކޮށްފައި ހުރީމަ ނަސީބަކުން މިގެއަކަށް ފެނެއް ނުވަދޭ." ހިތަދޫގެ މީހަކު ބުންޏެވެ.
ފޭދޫން ވެސް ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ވާރޭވެހޭ ކޮންމެ ފަހަރަކު ގެއަށް ފެން ވަންނަ މައްސަލަ ދިމާވާތީ އެކަމަށް މިހާރު ހޯދިފައި އޮތް ހައްލަކީ ގެ އުސްކުރުމެވެ.
"އަހަރެމެން ގެއަކީ ވަރަށް ފަހުން ހެދި ގެއެއް. އެހެންވެ ފުދޭވަރަށް އުސްކޮށް މީގެ ތަޅުންގަނޑު އޮންނާނީ." ފޭދޫ މީހަކު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
16 May 2021
އަހަރެން އެންމެ ކުޑައިރު (1980ގެ އަހަރުތަކުގަ) ވެސް އައްޑޫ ރައްޔަތުން އުޅުނީ މިހާލުގަ.މިއަދު އަހަރެންގެ އުމުރު ދެބައިވެ ކުދިން ލިބި އެކުދިން ބޮޑެތިވިއިރުވެސް އައްޑޫ ރައްޔަތުން މިތިބީ 80ގެ އަހަރުތަކުގަ އޮތް ހާލުގަ.ރާއްޖެއަށް ޑިމިކްރަސީ ގެންނަން ކުރި ދަތުރުގަވެސް އެންމެ ބޮޑު ގުރުބާނީއެއްވީ އައްޑޫ ރައްޔަތުން.ނަމޫނާ ދޯނީގެ ދަތުރުގަ ބައިވެރިވި މީހުންނަށް ލިބުނު އަނިޔާ އެހެރީ ފެންނަން.ކޮބާ އައްޑުއަށް ލިބުނު ކުރިއެރުމަކީ؟؟ މިއީ ހިތާމަ ކުރާކަމެއް.
އޮނަރަބްލް އަފީފު ދީދީ
16 May 2021
ދިވެހިރާއްޖޭގެ ދަށުގައިއޮތް އެންމެބޮޑު ސިޓީގެ ހާލަކީ މިއީ. އެކަމަކު މި ޤައުމުގައި ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ ދަރަޖައިގެ 250 ހަކަށް ޓްއަރިސްޓް ރިސޯޓް އޮވެ އެތަންތަނުގެ ވެރިންނަކީ ދުނިޔޭގެ ނިސްބަތުންވެސް މުއްސަނދިން. # ވޭތުވެދިޔަ 60 ހަކަށް އަހަރު މިދައުލަތަށްލިބުނު ހުރިހާ ފައިސާއެއް ތަޅާހުސްކުރީ ކ.އަތޮޅު މާލެއަށާއި އެރަށުގެ ބިންވެރިންގެ އުފަލާއިމަޖަލަށްޓަކައިކަމަށްވާތީ އެއްރަށްދައުލަތް ސިޔާސަތުގެ ދަށުން އެހެންތަންތަން އޮތީ ވީރާނާވާން ދޫކޮށްފަ.