ވިއްސާރައިގައި އައްޑޫން 636 ގެއަކަށް ގެއްލުން

ބުރާސްފަތި ދުވަހު އައްޑު އަށް ކުރި ވިއްސާރައިގައި ފެން ވަދެ ގެއްލުން ލިބުނު ގެތަކުގެ އަދަދު މިހާރު 636 އަށް އަރާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.


ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވީ ފޭދުއަށެވެ. އެގޮތުން ފޭދޫގެ 544 ގެއަކަށް ގެއްލުންވެފައިވެ އެވެ. މީގެ އިތުރުން މަރަދޫން 44 ގެއަކަށް، ހިތަދޫން 28 ގެއަކަށް އަދި މަރަދޫން 20 ގެއަކަށް ގެއްލުންވެފައިވެ އެވެ.

މި މައުލޫމާތު ކައުންސިލުން މިހާރު ވަނީ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާ ވެސް ހިއްސާކޮށްފަ އެވެ.

ވިއްސާރައިގައި ފެންބޮޑުވެ، ގެތަކަށް ފެން ވަދެ، ފަރުނީޗަރާއި ކަރަންޓް ސާމާނު ފަދަ ހަލާކުވެފައިވެ އެވެ. އަދި ބައެއް ގެތަކުގެ ފުރާޅު ވެސް ހަލާކުވެފައިވެ އެވެ.

ކުރިއަށް އޮތް ތިން ދުވަހު ވެސް ގަދަވަޔާ އެކު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށް މެޓް އޮފީހުން އިއްޔެ ވަނީ ބުނެފަ އެވެ. މި ދުވަސްވަރު މުޅި ރާއްޖެ އަށް ވެސް ދަނީ ވިއްސާރަ ކުރަމުންނެވެ. އަދި އިއްޔެ މާލެ އަށް ވެސް ވަރަށް ގަދަ އަށް ވައި ޖެހި، މާލެ ސަރަހައްދުގެ ކަނޑުތައް ވެސް ވަނި ގަދަވެފަ އެވެ.