ވިއްސާރައާ ގުޅިގެން، އައްޑު އަށް ހެޔޮއެދޭ ފަރާތަކުން 100،000ރ. ގެ އެހީއެއް

އައްޑު އަށް މިދިޔަ ބުރާސްފަތި ދުވަހު ކުރި ބޯ ވިއްސާރައާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ ހެޔޮއެދޭ ފަރާތަކުން 100،000ރ. ހަދިޔާކޮށްފި އެވެ.


އެ ފައިސާ ހަދިޔާކޮށްފައި ވަނީ އަލްމަރްހޫމް އަބްދުﷲ އަހުމަދު ފައުންޑޭޝަނުންނެވެ. ވިއްސާރައިގައި ގެއްލުން ލިބުނު ރައްޔިތުންނަށް އެހީވާން ދިން އެ ފައިސާ ރޭ ވަނީ އައްޑޫ ސިޓީ ކައުންސިލްގެ އެކައުންޓަށް ޖަމާކޮށް ދީފަ އެވެ.

އަލްމަރްހޫމް އަބްދުﷲ އަހުމަދު ފައުންޑޭޝަނަކީ ފުވައްމުލަކަށް ނިސްބަތްވާ ޖަމާއަތެކެވެ.

އައްޑު އަށް ކުރި ވިއްސާރައިގައި އައްޑޫގެ ގުޅިފައިވާ އަވަށްތަކުގައި ފެންބޮޑުވެ، ގޭގެ އަށް ފެންވަދެ، ގެއްލުންވެފައިވެ އެވެ. އެގޮތުން ފޭދޫން 97 ގެއަކަށް، ހިތަދޫން 28 ގެއަކަށް، މަރަދޫފޭދޫން 24 ގެއަކަށް އަދި މަރަދޫން 12 ގެއަކަށް ގެއްލުންވެފައިވެ އެވެ. އެ ގެއްލުންތަކުގެ ތެރޭގައި ގޭގޭގައި ހުރި ފަރުނީޗަރާއި ކަރަންޓް ސާމާނާއި ހިފާގެންގުޅޭ ބައެއް ތަކެތި ހަލާކުވުން ހިމެނެ އެވެ. އަދި ބައެއް ގެތަކުގެ ފުރާޅަށް ވެސް ގެއްލުންވެފައިވެ އެވެ.

އައްޑު އަށް ލިބުނު ގެއްލުންތަކާ ބެހޭ މައުލޫމާތު ކައުންސިލުން މިހާރު ވަނީ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާ ވެސް ހިއްސާކޮށްފަ އެވެ.