ކުޅިވަރު / ގައުމީ ވޮލީބޯޅަ ލީގު

ވަރުގަދަ ކުޅުމަކަށް ފަހު ލީގު ޗެމްޕިއަންކަން ސިފައިން ހޯދައިފި

ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް (ވ) ސިފައިންގެ ޓީމުގެ ކެޕްޓަން ލޯންގޭ އަށް ލީގުގެ އައްޑަނަ ހަވާލުކޮށްދެއްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އުއްމީދީ ކުޅުންތެރިޔާ އާދަމް ނަސީމުގެ މޮޅު ކުޅުމާ އެކު، ވަރުގަދަ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބުގެ މައްޗަށް 3-1 ސެޓުން ކުރި ހޯދައި އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބް މިރޭ ހޯދައިފި އެވެ.

ލީގުގެ ފަހުން މެޗުގައި މިރޭ ހޯދި މޮޅާ އެކު ސިފައިން ލީގު ކާމިޔާބުކުރީ ނުވަ މެޗުން 27 ޕޮއިންޓް ހޯދައިގެންނެވެ. މޯލްޑިވިއަން ދެ ވަނަ އަށް ދިޔައިރު އެ ޓީމަށް ލިބިފައިވަނީ 25 ޕޮއިންޓެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓު 25-22 އިން ސިފައިން ކާމިޔާބުކޮށްފައިވަނިކޮށް މޯލްޑިވިއަން ވަނީ ދެ ވަނަ ސެޓު 25-21 އިން ކާމިޔާބުކޮށްފަ އެވެ. ތިން ވަނަ ސެޓު 25-20 އިން ކާމިޔާބުކޮށް ސިފައިން ލީޑު ނެގިއިރު އެ ޓީމު މޮޅުވީ ފަހު ސެޓު ފަސޭހަކަމާ އެކު 25-18 އިން ކާމިޔާބުކޮށްގެންނެވެ.

ފުރަތަމަ ސެޓު ފަށައިގެން މޯލްޑިވިއަން އިން ވަނީ ލީޑު ނަގައިފަ އެވެ. އެކަމަކު ސިފައިން ވަނީ ފަހަތުން އަރައި 8-8 އިން އެއްވަރުކޮށް، ލީޑު ނަގައިފަ އެވެ. ސެޓުގެ ފަހުކޮޅަށް ދިޔައިރު ފެނިގެން ދިޔައީ ވާދަވެރި ކުޅުމެކެވެ. އެކަމަކު ސިފައިންގެ ޓީމުގެ އަހުމަދު އަބްދުލްކަރީމް (ލޯންގޭ) އާއި ޕާކިސްތާނުގެ މުރާދު ޖޭހާންގެ ބްލޮކްތަކުން، މޯލްޑިވިއަންގެ އެޓޭކްތައް ހުއްޓުވަމުން ދިޔައިރު ޖުނައިދު އަބްދުﷲ ގެ ބާރު ޝޮޓާ އެކު 25-22 އިން ސިފައިން ސެޓު ކާމިޔާބުކުރި އެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާ އާދަމް ނަސީމް (ވ) އަށް ސިފައިންގެ ކްލަބުގެ ރައީސް ކާނަލް އިބްރާހިމް ރަޝީދު އިނާމް ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ސެޓުގައި ފުރަތަމަ ލީޑު ނެގީ ސިފައިންގެ ޓީމުންނެވެ. އެކަމަކު އެ ޓީމުގެ ކުޅުންތެރިންނަށް ހެދުނު ބައެއް ގޯސްތަކުގެ ފައިދާ ނަގައި މޯލްޑިވިއަން ކުރިއަށް ޖެހިލި އެވެ. ސިފައިންގެ ޓީމުން އަލުން ހިތްވަރުކޮށް 15-15 އިން އެއްވަރުކުރި ނަމަވެސް ލީޑު ނަގަން ލިބުނު ފުރުސަތުގައި ނެގި ސާވް އަމާޒުވީ ނެޓަށެވެ. އޭގެ ފަހުން މޯލްޑިިއަން އިން އަނެއްކާ ވެސް ލީޑު ނަގައި 25-21 އިން ސެޓު ކާމިޔާބުކޮށް އުއްމީދު އާކުރި އެވެ.

ތިން ވަނަ ސެޓު ފެނިގެން ދިޔައީ ވަރަށް އެއްވަރުކޮށެވެ. ދެ ޓީމުން އެއްވަރަކަށް ޕޮއިންޓް ހޯދަމުން ގޮސް 16-13 އިން ސިފައިން ތަފާތު ބޮޑުކޮށް، އެދިޔަ ގޮތަށް ގޮސް 25-20 އިން ސެޓު ކާމިޔާބުކުރި އެވެ.

މެޗު ކާމިޔާބުކުރަން ސިފައިންނަށް ލިބުނު ފުރުސަތުގައި ހަތަރު ވަނަ ސެޓުގައި އެ ޓީމުގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް އިތުބާރާ އެކު ކުޅުނުތަނެވެ. އެގޮތުން ސެޓު ފަށައިގެން އެ ޓީމުން ހަމަނޭވާއެއްލީ ފަސް ޕޮއިންޓުގެ ލީޑެއް ނެގުމަށް ފަހު އެވެ. ޕޮއިންޓެއްގެ ފުލުގައި ޕޮއިންޓެއް ހޯދަމުން ގޮސް ތަފާތު ބޮޑުކުރި ނަމަވެސް ފަހުކޮޅު މޯލްޑިވިއަން އިން ތަފާތު ކުޑަކުރި އެވެ. އެކަމަކު ސިފައިން ވަނީ 25-18 ޕޮއިންޓުން މި ސެޓު ކާމިޔާބުކޮށް މެޗު ކާމިޔާބުކޮށްފަ އެވެ.

މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ފައިނަލް މެޗުގެ ވެސް މޮޅު ކުޅުންތެރިޔާ ސިފައިންގެ ޓީމުގެ އާދަމް ނަސީމެވެ. މިރޭގެ މެޗުގައި މޯލްޑިވިއަން ޓީމަށް އެންމެ ގިނަ ހަމަލާ ފޮނުވާލީ ވެސް މުބާރާތުގެ ގިނަ މެޗުތަކެއްގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި އާދަމެވެ.

ސިފައިންގެ ޓީމުގެ ލޯންގޭގެ ޝޮޓެއް ބްލޮކްކުރަން މޯލްޑިވިއަންގެ ދެ ކުޅުންތެރިން ތައްޔާރުވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ޑްރީމް ޓީމުގައި ހިމެނުނީ އޭނާގެ އިތުރުން ސިފައިންގެ ޓީމުގެ އަހުމަދު އަނިލް ނަސީރާއި އަހުމަދު އަބްދުލްކަރީމް (ލޯންގޭ) އާއި އިޝާން މުހައްމަދު (ބަޓިސް) އާއި މޯލްޑިވިއަންގެ އަލީ އާމިރު (އައްޔަ) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އަދި ސްޓެލްކޯގެ ލިބެރޯ ޖަވާމް އަލީ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ސިފައިންގެ ޓީމުގެ އަހުމަދު އަދީލް (ބޭބެ) އެވެ.

މި މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ސްޕޯޓްސް ކްލަބް ސިޓީގެ ހަސަން ރަޒާން ހޮވުނުއިރު އެ އުމުރުފުރާގެ އެންމެ މޮޅު ކުޅުންތެރިއަކީ ސްޓެލްކޯގެ ހަސަން ނިލާމެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއާގެ އެވޯޑް ލިބުނީ ޕޮލިސް ކްލަބުގެ މުބާޝިރް ރަޒާ އަށެވެ.

ދެން އޮތީ އާދީއްތަ ދުވަހުގެރޭ ފަށާ ގައުމީ ފިރިހެން ވޮލީބޯޅަ މުބާރާތެވެ. ވާދަކުރަނީ މި ދެ ޓީމުގެ އިތުރުން ލީގުގެ ތިން ވަނަ ޕޮލިހާއި ހަތަރު ވަނަ ސްޓެލްކޯ އެވެ. ފުރަތަމަ ސެމީގައި މޯލްޑިވިއަން އާއި ސިފައިން ކުޅެ މޮޅުވާ ޓީމެއް ފައިނަލަށް ހޮވޭއިރު ބަލިވާ ޓީމެއް ޖެހޭނީ ދެ ވަނަ ސެމީގައި ސްޓެލްކޯ އާއި ޕޮލިސް ކުޅެ މޮޅުވާ ޓީމަކާ އެކު ތިން ވަނަ ސެމީ ކުޅޭށެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.

މޯލްޑިވިއަންގެ ސާޖިދުގެ ޝޮޓެއް ބްލޮކްކުރަން ސިފައިންގެ ދެ ކުޅުންތެރިން މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

0 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 0%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454