ހައި ކޯޓު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
23 މެއި 2021 - 13:19
ގއ. ކޮނޑޭ ކައުންސިލަށް ރައީސަކު ހޮވަން އަލުން ވޯޓު ގުނުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާއްމުކުރި މައުލޫމާތަށް ބަލާއިރު ކޮނޑޭ ކައުންސިލްގެ ރައީސްކަން ދެ ވޯޓުގެ ތަފާތާ އެކު ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު އަބްދުލް ހަކީމެވެ.
އެ އިންތިހާބު ބާތިލްކުރަން ކޯޓަށް ހުށަހެޅީ، އަހުމަދު އަބްދުލް ހަކީމާ ވާދަކުރެއްވި އަމިއްލަ ކެންޑިޑޭޓް ޝުއައިބު މުހައްމަދުދީދީ އެވެ.
އޭނާ ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ކޮނޑޭގައި ބެހެއްޓި ވޯޓު ފޮށީގެ ވެރިޔާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގަވައިދާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ސައްހަ ވޯޓު ބާތިލް ވޯޓުގެ ގޮތުގައި އަދި ބާތިލް ވޯޓު ސައްހަ ވޯޓުގެ ގޮތުގައި ގުނާފައިވާ ކަމަށް ތުހުމަތުކުރެވޭތީ، ކައުންސިލްގެ ރައީސް އިންތިހާބުކުރަން ބެހެއްޓި ތިން ވޯޓު ފޮށި އަލުން ގުނަން އަމުރުކޮށްދިނުމަށް އެދިފައި ވެ އެވެ.
މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވަނީ އެ ވޯޓު ފޮއްޓާ ބެހޭ ޝަކުވާތަކާއި އެ ޝަކުވާތަކާ ގުޅިގެން އީސީން އަމަލުކޮށްފައިވާ ގޮތާއި އަދި ޝަރީއަތުން ބެލި ބެލުމުން ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތްކުރުމުން، ތިން ވޯޓު ފޮށީގެ ހާއްސަ ސެކިއުރިޓީ އުރަ ކަނޑަންޖެހޭ ހާލަތެއް ދިމާވެފައިވާ ކަމަށް އިއްތިފާގުވެވަޑައިގެންފަ އެވެ.
އެހެންވެ ތިން ފޮށީގެ ސެކިއުރިޓީ އުރަ ކަނޑައި އެ ވޯޓުފޮށިތަކުގެ ހުރިހާ ވޯޓެއް ގުނައި އަލުން ނަތީޖާ ކަނޑައެޅުމަށް ހުކުމްކުރީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy