ގަޓޫސޯ، ނަޕޯލީން ވަކިވެ އޭނާ ހަވާލުވީ ފިއޮރެންޓީނާ އާ
26 މެއި 2021 - 09:38
ފްލޮރެންސް، އިޓަލީ (26 މެއި) - ނަޕޯލީގެ ކޯޗުކަން އަމިއްލައަށް ދޫކޮށްލިތާ 48 ގަޑިއިރުވެސް ނުވަނީސް ޖެނާރޯ ގަޓޫސޯ ފިއޮރެންޓީނާގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.
އަންނަ ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގަށް، ނަޕޯލީ ކޮލިފައިކޮށް ނުދެވުމުން ގަޓޫސޯ ވަނީ އާދިއްތަ ދުވަހު އެ ޓީމުގެ ކޯޗުކަމުން ވަކި ވެފަ އެވެ.
އޭގެ ފަހުން، ގަޓޫސޯ، 43، ގެންދަން، ލާޒިއޯ އިން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާ އިހްތިޔާރުކުރީ ފިއޮރެންޓީނާ އެވެ.
ފިއޮރެންޓީނާގެ ކޯޗު ކަމުގައި ކުރިން ހުރި ޔަކީނީ ވަނީ ހަ މަސް ތެރޭ ދެ ވަނަ ފަހަރަށް އެ ޓީމުގެ ކޯޗުކަމުން ވަކި ވެފަ އެވެ. މިދިޔަ ސީޒަންގައި ފިއޮރެންޓީނާ އާ ހަވާލުވި ޔަކީނީ މިދިޔަ ޑިސެމްބަރު މަހު އެ މަގާމުން ވަކި ކުރި އެވެ. އޭނާގެ ބަދަލުގައި އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ ޗޭޒާރޭ ޕްރެންޑެލީ އެވެ. މާޗް މަހު އޭނާ ކޯޗް ކަމުން ވަކިވުމުން އަނެއްކާ އަލުން ޔަކީނީއާ މަގާމު ހަވާލު ކުރި އެވެ. ފިއޮރެންޓީނާ ރެލިގޭޝަނުން ސަލާމަތް ކޮށްދިނުމަށް ފަހު ޔަކީނީ އަމިއްލައަށް ޓީމުން އިސްތިއުފާ ދިނީ ލީގުގެ ފަހު މެޗަށް ފަހު އެވެ.
ނަޕޯލީގެ ކޯޗުކަމާ ގަޓޫސޯ ހަވާލުވީ ޑިސެމްބަރު 2019 ގައި، އެއީ އޭރު އެ ޓީމުގެ ކޯޗު ކަމުގައި ހުރި ތަޖުރިބާކާރު ކޯޗް ކާލޯ އަންޗެލޯޓީ މަގާމުން ވަކިކުރުމުންނެވެ.
ކޯޗެއްގެ ގޮތުގައި އޭނާގެ ފުރަތަމަ ތަށި ހޯދީ، މިިދިޔަ އަހަރުގެ އިޓަލިއަން ކަޕް ނާޕޯލީއަށް ކާމިޔާބު ކޮށްދީގެންނެވެ. އޭނާ ކުރިން ކުޅުނު، އޭސީ މިލާނަށް ވެސް ގަޓޫސޯ ކޯޗް ކޮށްދިނެވެ.
ޗެމްޕިއަންސް ލީގުގެ ޖާގަ ނަޕޯލީއަށް ގެއްލުނީ އެންމެ ޕޮއިންޓެއް މަދުވުމުންނެވެ. އިޓަލީ އިން ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ ހޯދީ އޭނާގެ ކުރީގެ ޓީމު މޭޓް އަންޑްރެއާ ޕިރްލޯގެ ޔުވެންޓަސްއިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy