ވިޔަފާރި / ޕަބްލިކް ކުންފުނި

ކުންފުނިތަކުގެ ހިއްސާވިއްކުން: ގޯސް ނިންމުމަކަށް ވެދާނެ!

ސަރުކާރަށް ދެ ބިލިއަން ރުފިޔާ ލިބޭނީ ފައިދާވާ ކުންފުނިތަކުގެ ހިއްސާ ވިއްކައިގެން. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިހާރު ހިއްސާ ވިއްކައިގެން ދެ ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނީ، ބެލެވޭ ގޮތުގައި މަދު ކުންފުންޏެއްގެ.

އެމްޓީސީސީން ބިން ހިއްކުމުގެ މަސައްކަތް ކުރަނީ: ފައިދާވާ ކުންފުނިތައް އެގޮތުގައި ބޭއްވުން ބުއްދިވެރި -- ފައިލް ފޮޓޯ: އެމްޓީސީސީ

ދައުލަތުގެ ބައެއް ކުންފުނިތަކުގެ ހިއްސާ ވިއްކަން ސަރުކާރުން ބޭނުންވެ އެވެ. އޭގެ ތެރޭގައި، މިހާރު ބެލެވޭ ގޮތުގައި ސަރުކާރަށް ފައިދާ ވަމުން އަންނަ ބައެއް ކުންފުނިތައް ވެސް ހިމެނޭނެ އެވެ. އެހެން ނަމަވެސް، އަދި ނޭނގި އޮތް އެއްޗަކީ އެއީ ކޮންކޮން ކުންފުންޏެއް ކަމެވެ.

ހިއްސާ ވިއްކައިގެން ދެ ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތުގެ ބަޖެޓަށް ވައްދަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ސަރުކާރުގެ މައި ސިޔާސަތަކީ، ކުރިން ވެސް ބުނެފައިވާ ގޮތުން ނަމަ، ދައުލަތަށް ގެއްލުންވާ ކުންފުނިތަކުގެ ހިއްސާ ވިއްކައިގެން އެތަންތަން ރަނގަޅު ކުރުމެވެ. އެހެން ނަމަވެސް އިގްތިސާދީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުން ނަމަ، ދެ ބިލިއަން ރުފިޔާގެ އާމްދަނީއެއް، ގެއްލުންވާ ކުންފުނިތަކުގެ ހިއްސާ ވިއްކައިގެނެއް ނުލިބޭނެ އެވެ. އޭގެ އަނެއް މާނައަކީ، ސަރުކާރަށް ދެ ބިލިއަން ރުފިޔާ ލިބޭނީ ފައިދާވާ ކުންފުނިތަކުގެ ހިއްސާ ވިއްކައިގެން ކަމެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިހާރު ހިއްސާ ވިއްކައިގެން ދެ ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނީ، ބެލެވޭ ގޮތުގައި މަދު ކުންފުންޏެއްގެ އެވެ.

ސަރުކާރުން ނިންމާފައިވާ، ތިން އަހަރަށް ދެމިގެންދާ ޕްރައިވެޓައިޒޭޝަން ޕްރޮގްރާމްގެ ދަށުން މި އަހަރު ޕްރައިވެޓައިޒް ކޮށްގެން 462 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ވެސް އެބައޮތެވެ. ސަރުކާރުން ހުއްޖަތަކަށް ދައްކާފައި ވަނީ ޕްރައިވެޓައިޒް ކުރުމުން ކުންފުނިތަކުގެ ހިންގުން ރަނގަޅު ކުރެވޭނެ ކަމެވެ. އަދި ލިބޭ އާމްދަނީ ވެސް އިތުރު ކުރެވޭނެ ކަމަށެވެ. ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޕްރައިވެޓައިޒް ކުރުމުގެ މަސައްކަތްތައް ކުރާނީ ދެފުށް ފެންނަ އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ.

ސައީދުގެ ޓްވީޓް

ކާމިޔާބަކީ ޕްރައިވެޓައިޒޭޝަނާ ގުޅުން އޮތް ކަމެއް ނޫން

އެމްޑީޕީގެ ސަރުކާރެއް އަތުވެއްޖެ ނަމަ ކުންފުނިތައް ވިއްކުން އެއީ ކުރާނެ ކަމެއް ކަމަށް ވިދާޅުވެ، ކުރީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު މުހަންމަދު ސައީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަބަދު ވެސް ގެންދަވަ އެވެ. ޕްރައިވެޓައިޒް ކުރުން ނުވަތަ ކުންފުނިތަކުގެ ހިއްސާވިއްކުން އޭނާ ސިފަ ކުރައްވަނީ، ދައުލަތުގެ ހަރުމުދާ ނުއަގުގައި ވިއްކާލުމުގެ ގޮތުގަ އެވެ. މީގެ ކުރީގެ މިފަދަ ބައެއް ކަންކަމަށް ރިއާއަތްކުރައްވައި، އޭނާ ވިދާޅުވަނީ އެއީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ރާއްޖޭގެ އެންމެ އަގު ބޮޑު ކުންފުނި އެއާޕޯޓު ޖީއެމްއާރަށް ވިއްކާލީ. ދިރާގުގެ ހިއްސާ ނުއަގުގައި ވިއްކާލާފައި އޮތީ. އަނެއްކޮޅުން ފެން ކުންފުނީގެ ހިއްސާ ސަލާމަތް ނުވެވޭ ވަރަށް އޮތީ ވިއްކާލާފައި،" އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސަރުކާރު ހިއްސާ އޮތް މުހިއްމު ތިން ކުންފުންޏެއް ޕްރައިވެޓައިޒް ކުރި އެވެ. އޭގެ ތެރެއިން ދިރާގުގެ 15 ޕަސެންޓް ހިއްސާ ބޭރުގެ ބަޔަކަށް ވިއްކާލި އިރު، މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ދިގު މުއްދަތަކަށް ޖީއެމްއާރަށް ކުއްޔަށް ދިނެވެ. އަދި ސަރުކާރަށް ގަނެވެން އޮތް އެމްޑަބްލިޔުއެސްސީގެ ހިއްސާގެ 20 ޕަސެންޓް ނުގަނެ ބޭރު ކުންފުންޏަކަށް ދޫކޮށްލި އެވެ.

ރާއްޖޭގެ އިގްތިސާދު ދިރާސާކުރައްވާ ތަޖުރިބާކާރަކު ވިދާޅުވީ، ކުންފުނިތައް ވުމާއި ކުންފުންޏެއް ޕަބްލިކް ނުވަތަ ޕްރައިވެޓް ވުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

"ޖެނެރަލް އިކޮނޮމިކްސް"ގައި ގަބޫލުކުރާ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތައް ސިފަކޮށްފައި އޮންނަނީ ހިންގުމުގެ ގޮތުން އެހާ ހަރުދަނާ ނޫން ނުވަތަ އިން-އެފިޝިއެންޓް ކުންފުނިތަކެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް މި ކޮންސެޕްޓް ރާއްޖެ ފަދަ ކުޑަ އިގްތިސާދަކަށް ފިޓު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ ރައްޔިތުންނަށް މުހިއްމު ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ. އެސްޓީއޯ އާއި އެމްއޭސީއެލް ފަދަ ކުންފުނިތަކަކީ ދައުލަތަށް އެންމެ ބޮޑު ފައިދާއެއް ގެނެސްދޭ، ހިންގުމުގެ ގޮތުން ރާއްޖޭގައި ނަމޫނާ ކުންފުނިތަކެވެ.

އޭނާގެ އަނެއް ކަންބޮޑުވުމަކީ މިގޮތަށް ޕްރައިވެޓައިޒް ކޮންގެން ވަކި ބަޔަކަށް ބޮޑެތި ފައިދާތަކެއް ލިބުމެވެ. ޕަބްލިކް ސެކްޓާ އެސެޓްތައް ވިއްކާލުމުން އެ ގަނެވޭ ފެންވަރުގެ ތިބޭނީ ރާއްޖޭގައި ވަރަށް މަދު ބަޔެކެވެ. އެހެންކަމުން އަނެއްކާ ވެސް މުއްސަނދިން އިތުރަށް މުއްސަނދިވުމަށް ފުރުސަތު ބޮޑުވެ، އާމްދަނީގެ ފަރަގު ބޮޑުވާނީ ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ މުއްސަނދިންނަށް ހިއްސާ ނުވިއްކާ ނަމަ ދެން ހިއްސާ ވިއްކަން ޖެހޭނީ ރާއްޖެއިން ބޭރުގެ ކުންފުނިތަކަށެވެ. އެކަމުން ވެސް ދައުލަތަށް ލިބޭނީ ވަގުތީ މަންފާ އެކެވެ.

"ވަކި ބަޔަކަށް ވެލްތު ލިބޭނީ. މުއްސަނދިން މުއްސަނދިވުމަށް ފުރުސަތު ދެވޭނީ،" އޭނާ ވިދާޅުވި އެވެ.

ފޭސްބުކްގައި މީހަކު ފާޅުކޮށްފައިވާ ހިޔާލެއް

އޭނާ ވިދާޅުވީ، ސިންގަޕޫރު ފަދަ ގައުމުތަކުގައި ވެސް އެންމެ ކާމިޔާބު ކުންފުނިތަކަކީ ސަރުކާރު ހިއްސާ އޮންނަ ކުންފުނިތައް ކަމަށެވެ. ރާއްޖޭގައި ކުންފުނިތައް ހިންގުމަށް ހުރަސް އެޅެނީ ސިޔާސީ ނުފޫޒުގެ ސަބަބުން ކަމަށާއި ރާއްޖޭގައި ވެސް ކުންފުނިތަކުން ޕްރޮފެޝަނަލް މަސައްކަތްތަކެއް ކުރަން ފަށައިފި ނަމަ ކާމިޔާބު ވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ޕްރައިވެޓައިޒް ކުރުމުން ދައުލަތަށް މާލީ ބޮޑު ފައިދާ އެއް އެއް ފަހަރާ ލިބޭނެ އެވެ. އެއީ ހިއްސާވިއްކާލުމުން ގަނޑުކޮށް ލިބޭ އާމްދަނީ އެވެ. އެހެން ނަމަވެސް އެއީ ވަގުތީ މަންފާއެކެވެ. އެކަމުން ލިބޭ ފައިދާ ފެންނާނީ ހަމައެކަނި މި ޖީލަށެވެ. އޭގެއިން ތަރައްގީގެ މަޝްރޫއުތަކަށް ހަރަދު ކުރުމުގެ ބަދަލުގައި ހޭދަކޮށްލާނީ ރިކަރަންޓު ހަރަދުތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ރަނގަޅަށް ހިނގާ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމުގެ ބޭނުމެއް ނެތް

ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބު ވިދާޅުވާ ގޮތުން ފައިދާވާ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމުގެ ބޭނުމެއް ނެތެވެ. އޭނާ މިސާލު ނެންގެވީ އެސްޓީއޯއިންނެވެ. އޭނާ ވިދާޅުވީ، އެސްޓީއޯ ފަދަ ކުންފުންޏަކުން ތެޔޮ އެތެރެ ކުރުމުގެ ސަބަބުން ތެލުގެ އަގު އެއް ހަމައެއްގައި ހިފެހެއްޓުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. ރާއްޖެއަކީ އިމްޕޯޓަށް އިންތިހާއަށް ބަރޯސާވެފައިވާ ގައުމަކަށްވާ އިރު އެސްޓީއޯ ފަދަ ކުންފުންޏެއް އޮތުމުން ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމަށް ބާރަކަށް ވެ އެވެ. އަދި އެ ކުންފުންޏަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ލިބެމުން އަންނަ ކުންފުންޏަކަށްވާ އިރު އެސްޓީއޯ ޕްރައިވެޓައިޒް ކުރުމުގެ ނަތީޖާ އެހާ ރަނގަޅު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެސްޓީއޯއިން ސޯޝަލް އޮބްޖެކްޓިކްތައް އެބަ ހާސިލުވޭ. ތެޔޮ އެތެރެ މިކުރަނީ އެސްޓީއޯއިން. މާލީ ގޮތުން ކުންފުނި ބޮޑު ނުކުރެވިގެން ޕްރައިވެޓައިޒް ކުރާ ނަމަ އޭގެ މާނަކީ ކުންފުނި ހިންގާ މީހުންގެ މައްސަލައެކޭ،" އޭނާ ވިދާޅުވި އެވެ.

އެމްއެސްއެސްގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިޔުމުގެ ގޮތުން އެމްޕީއެލްގެ އެމްޑީ (ވ) އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ (މ) އާއި އެމްއެސްއެސްގެ އެމްޑީ (ކ) އާ ހަނދާނީ ފިލާ ހަވާލު ކުރަނީ. ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން ދެ ބިލިއަން ރުފިޔާ ހޯދުމަށް ސަރުކާރުން ވަނީ ނިންމާފައި-- ފައިލް ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް / މިހާރު

އޭނާގެ ވިސްނުން އެމްއޭސީއެލްއާ މެދު ވެސް ހުރީ މިކަހަލަ ގޮތަކަށެވެ. އެއާޕޯޓު ޖީއެމްއާރަށް ކުއްޔަށް ދިނީ އެއާޕޯޓު ތަރައްގީކުރަން ފައިސާ ނެތިގެންނެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުން އެއާޕޯޓު ތަރައްގީ ކުރަން ފައިނޭންސް ނެތުމަކީ ފައިދާ ވަމުން އަންނަ ކުންފުންޏެއް ޕްރައިވެޓައިޒް ކުރުމަށް އޮތް ހައްލެއް ނޫނެވެ. އަދި މިހާރު ވެސް އެމްއޭސީއެލް ޕްރައިވެޓައިޒް ކުރުން ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދިވެސް ނެތް އެއާޕޯޓު ޕްރައިވެޓައިޒް ކުރަން ޖެހޭ އެއްވެސް ސަބަބެއް. އެމްޑީއަކަށް ވެސް ބޭރު ބޭފުޅަކު ގެންނަން ޖެހޭ ސަބަބެއް ނެތް. އެއާޕޯޓު ތަރައްގީ ކުރީ ދިވެހިން. އެހެންވީމަ ދިވެހިންނަށް އެތަން ހިންގޭނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެއާޕޯޓު ފަދައިން އެމްޕީއެލް ފަދަ ކުންފުނިތަކުގެ ކޮންޓްރޯލް ވެސް އޮންނަން ޖެހޭނީ ދައުލަަތަށް ބާރުފޯރުވޭނެ ގޮތަކަށް ކަމަށެވެ. ސަބަބަކީ ޕޯޓުތަކަކީ ގައުމެއްގެ ތަރައްގީ އަށް އެންމެ ބޮޑު ގުޅުމެއް އޮންނަ ތަން ކަމަށް ވުމެވެ. އެހެންކަމުން ހިންގުން ހަރުދަނާ ކުރުމުގެ ބޭނުމުގައި ވިޔަފާރި ބަނދަރު ވެސް ބޭރުގެ ބަޔަކަށް ވިއްކާލުން ރަނގަޅު ނޫން ކަމަށް ފަޒީލް ވިދާޅުވި އެވެ.

ޕްރައިވެޓައިޒް ކުރާނެ ކުންފުނިތައް ސަރުކާރުން އަދި މިހާތަނަށް ހާމައެއް ނުކުރެ އެވެ. އެހެން ނަމަވެސް ޕްރައިވެޓައިޒް ކުރާނީ އެކަން ކުރުމަށް ގާބިލު ކުންފުނިތަކެވެ. ނުވަތަ ބޮޑު އާމްދަނީއެއް ލިބެމުން އަންނަ ކުންފުނިތަކެވެ. އެގޮތަށް ބަލާ އިރު ސަރުކާރުގެ އޮތީ މަދު ކުންފުންޏެކެވެ. ޕްރައިވެޓައިޒް ކުރުމުން ދައުލަތަށް އެއްފަހަރާ ބޮޑު ފައިދާއެއް ލިބުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެހެން ނަމަވެސް މިކަމުގައި އަދި ފެންނާން އޮތީ ކުރިން ކުރީ ގޯސް ތަޖުރިބާތެކެވެ.

10 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 20%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަތަނަބޭ

14 June 2021

މީ ވަރައް ނުރައްކާތެރި ސަރުކާރެ. ޤައުމީޔަތެއް ހުރި ބައެއްނުން މީ

The name is already taken The name is available. Register?

އަބްދޫ

14 June 2021

ގައުމު ވިއްކަންފެށީ ވެރިކަންދޫކޮށް ދުރަށް ޖެހިލާ އަހަރުމެން ގައުމު ނުވިއްކާ ހަރުމުދާ ނުވިއްކާ ގައުމު ހަމަޔަކަށް އަޅުވާނަން.

The name is already taken The name is available. Register?

އިސްރައްވެއްސާ

14 June 2021

ދެރަވޭ ނާގާބިލް ރޮނުއެދުރުން ރައްޔިތުންގެ ބޮލަށް ޗިޕްޖަހައިގެން އައިސް އެމީހުންގެ ގައުމު ގަނބްރޫޓު ކުރާތަން ފެނުނީމާ. އެއަށްވުރެ ދެރަވޭ ކޮސް ރައްޔިތުންނަށް އެމީހުންގެ ދަރީންގެ އަންނާންތިބި ޖެނެރޭޝަންގެ މުސްތަގުބަލު އަނދިރިކުރާކަން ކަމަކަށް ނުވާތީ.

The name is already taken The name is available. Register?

އަހުމަދުކަލޯ

14 June 2021

ދިރާގު ޕްރައިވަޓައިޒް ކުރެވުނުއިރު 2.5ރ ގެ ހިއްސާއެއް ވިއްކީ 80ރ އަށް. މިއީ 3100% އަގުގެ ކުރިއެރުމެއް. މިހާރު ދިރާގުގެ ހިއްސާއަކަށް އެވަރެޖްކޮށް ދެނީ 8 ކާއި 10% ގެ ފައިދާއެއް. މި ފައިދާއަކީ މިހާރުވެސް ވިޔަފާރިކުރާ ގިނަ ފަރާތްތަކަށް ކުޑަ ފައިދާއެއް ކަމަށް ބުނޭ. އެހެންވެއްޖެ ކަމުގައިވާނަމަ މި ވިއްކިފައިވަނީ ނުއަގުގަ؟

The name is already taken The name is available. Register?

ކޭންސް

14 June 2021

ޕްރައިވަޓައިޒް ކުރުމަކީ މާގްރެޓް ތެޗަރ ގެ ކޮންޒަވޭޓިވް ވެރިކަމުގެ ބޯދާ ވިސްނުމެއް. އޭރު އެގޮތަށް ޕްރައިވަޓައިޒް ކުރި ހުޅަނގު ޔޫރަޕުގެ ގިނަ ތަންތަން ވަނީ ނެޝަނަލައިޒް ކުރަން ޖެހިފައި. ޔޫރަޕުގައި ޕްރައިވަޓައިޒް ކޮށްފައި ހުރި ގިނަ ކުންފުނިތަކުގެ ހިދުމަތް ދަށް. އަދި ހިދުމަތް ރަނގަޅު ކުރުމަށް އިންވެސްޓެއް ނުކުރޭ. އެންމެ ހިދުމަތް ރަނގަޅު ޓްރާންސްޕޯޓު ހިދުމަތް އޮންނަ ސްވިޒަލޭންޑު ފަދަ ތަންތަނަކީ ފުލީ ފެޑެރަލީ އޯވްން ކުރާ ކުންފުނިން ހިދުމަތް ދޭ ތަންތަން

The name is already taken The name is available. Register?

އިފް

14 June 2021

ގޯސް ނޫން އެއްވެސް ނިންމުމެއް މިސަރުކާރަށް ނިންމަން އެނގޭތަ؟ ބަލައިލި ކޮންމެ ދިމާއަކުން އޮންނަނީ ކޮންމެވެސް ގޯހެއް ހަދާފަ. މިހާރު ބަލަނީ ހުރިހާ ކަމަކުން ވަގުތީ ފައިދާ ނެގޭތޯ.

The name is already taken The name is available. Register?

ބޯގޮސް

14 June 2021

"އެއާޕޯޓު ތަރައްގީ ކުރީ ދިވެހިން. އެހެންވީމަ ދިވެހިންނަށް އެތަން ހިންގޭނެ،" އޭނާ ވިދާޅުވި އެވެ." ދިވެހިން މިޤައުމު ހިންގާތާ 2500އަހަރު ވެއްޖެކަމަށް އަޑުއަހަން އެކަމު އަދިވެސް މިއޮތީ 3ވަނަ ދުނިޔޭގެ ފަޤީރު ޤައުމެއްގެ ގޮތުގާ!! އަމިއްލައަށް ކުރެވޭ ކުރަންދަންނަ އެއްވެސް ކަމެއްނެތް. ސަލާން ޖަހާގެން ޤައުމު ހިންގަނީ. ބޭރު ފައިސާފޮއްޗެއް ހޯދަން ކުރަންއެގޭ ކުރެވޭނެ އިތުރުކަމެއް ނޭގުނު. ދެރަވޭ، ޤަބޫލު ނުކުރިޔަސް މީ ހަޤީޤަތް.

The name is already taken The name is available. Register?

އާދަމް އަލީ

14 June 2021

ރާއްޖެ އަކީ ތިންވަނަ ދުނިޔޭގެ ފަގީރު ގައުމެއްނޫން. މިޔަދު ރާއްޖެ ވަނީ މެދު ފަނތީގެ އާންމުދަނީ ލިބޭ ގައުމުތަކުގެ ކެޓެގަރީގަ. ޜާއްޖޭގެ ޖީޑީޕީ ޕާކެޕިޓާ އަކީ 12،000 ޑޮލަރު. އިންޑިޔާ އޮތީ އަދިވެސް ތިންވަނަ ދިނިޔޭގަ. ޖީޑީޕީ ޕާކެޕިޓާ 1900 ޑޮލަރުގަ.

The name is already taken The name is available. Register?

އަމީނާ1

14 June 2021

ވާގޮތަކީ ބައެއް ބޭފުޅުންގެ ވިސްނުން ހުންނަނީ މެޑަލްޖެހުމަށް ބޮޑެތި ސެންސިޓިވް ޖުމްލަތައް ބޭނުންކުރުން. މިސާލަކަށް، އެއާޕޯޓުތަރައްގީކުރީ ދިވެހިން. ދިވެހިންހާ ތޫނުފިލި ބައެއް ނެތް. ދިވެހިންނަށް ނުވާނެކަމެއް ނެތް. ދިވެހިންނަށް ހުރިހާކަމެއް އެނގޭނެ. ދިވެހިން ދިވެހިން.. ދިވެހިން ބޭރުބަޔަކަށް ބަރޯސާވާކަށް ނުޖެހޭނެ. ދިވެހިންނަށް ހުރިހާ ކަމެއްވާނެ. މިއީ ބައެއްފަހަރަށް ސިޔާސީގޮތުން ބުނެލަންޖެހެ ގޮތް.

The name is already taken The name is available. Register?

ހިރާފް

14 June 2021

ގާނޫނުއަސާސީއާއި އެއްވެރުގެ އާޓިކަލްއެއް ލިޔުނަސް ސިކުޑީގަ ކަމެއްނެތްބަޔަކަށް ނުފެންނާނެ. އެމްޑީޕީން ސަރުކާރު ހަވާލު ވެއްޖެނަމަ ހަރުމުދަލުގައި ވިއްކާ ބޯޑް އަޅުވާފަ އޮންނަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454