ދުނިޔެ / އިގިރޭސިވިލާތް

އިނގިރޭސިވިލާތުގެ ފިޔަވަޅުތަކަށް ލުއި ދިނުން އެއް މަހަށް ލަސްކޮށްފި

އިނގިރޭސި ވިލާތުގެ ފުރަބަންދު އިތުރު އެއް މަހަށް ވަނީ ދަންމާލާފައި

15 ޖޫން 2021 - 12:33

ލަންޑަން (ޖޫން 15) - އިނގިރޭސިވިލާތުގެ ހަލުވިކަމާ އެކު ފެތުރެމުން ދާ ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގޮތުން، އިއުލާންކޮށްފައިވާ ހަރުކަށި ފިޔަވަޅުތަކަށް އެއްކޮށް ލުއި ދިނުން އިތުރު މަހަކަށް ލަސްކުރުމަށް، ބޮޑުވަޒީރު ބޮރިސް ޖޯންސަން އިއްޔެ ނިންމަވައިފި އެވެ.

ކުރިން ކަނޑައަޅާފައި އޮތީ، ކޮވިޑް ބައްޔަށް މީހުން ޕޮޒިޓިވްވާ ނިސްބަތަށް ބެލުމަށް ފަހު، މި މަހުގެ 21 ވަނަ ދުވަހު ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށެވެ. އެ ގޮތުން ދޭ ލުއިތަކުގެ ތެރޭގައި، ބާތަކާއި، ރެސްޓޮރަންޓްތަކާއި ނައިޓްކްލަބްތަކާއި، އެނޫން ވެސް މީހުން ވަދެ ތިބެގެން ހިދުމަތް ދޭ ހުރިހާ ތަނެއް އާންމުކޮށް ހުޅުވައިލުން ހިމެނެ އެވެ.

ނަމަވެސް، ކޮވިޑް-19ގެ ޑެލްޓާ ބާވަތް ފެތުރުން އިތުރުވެފައިވާތީ، މިހާރުގެ ހާލަތު އިތުރު އެއް މަސްދުވަހަށް ދެމެހެއްޓުމަށް ނިންމީ ކަމަށް، ބޮޑުވަޒީރު ވިދާޅުވި އެވެ. އެހެންކަމުން، ހާލަތު ބަދަލުވެއްޖެ ނަމަ، ދެން އެންމެ އަވަހަށް ވެސް ހިފެހެއްޓުންތައް ދޫކޮށްލާނީ، ޖުލައި 19 ވަނަ ދުވަހުންނެވެ.

"އިތުރު ކުޑަ ދުވަސްކޮޅަކަށް އިންތިޒާރު ކޮށްލުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް ކަމަށް ފެންނަނީ. މިހާރު ކަންތައް ބަދަލުވަމުންދާ ގޮތުންނާއި، މިހާރު ފެންނަން ހުރި ހެކިތަކަށް ބަލާއިރު، މިކަމަށް އިތުރު ހަތަރު ހަފުތާއަށް ވުރެ ދިގު މުއްދަތެއް ނުނަގާނެކަމުގެ ޔަގީންކަން އަޅުގަނޑަށް އެބަ އޮތް،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ފިޔަވަޅުތަކުގެ ހިފެހެއްޓުންތަކަށް އިތުރުކުރި މުއްދަތުގެ ބޭނުން ހިފާނީ، މިހާރު ފަށާފައިވާ ވެކްސިން ޕްރޮގްރާމް ހަލުވި ކުރުމަށެވެ. އެ ގޮތުން، އުމުރުން 40 އަހަރުން މަތީގެ މީހުންނަށް، ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ދެ ވަނަ ޑޯޒް ޖަހާ މުއްދަތު، 12 ހަފުތާ އިން އަށް ހަފުތާ އަށް ކުޑަކުރަން މިހާރު ވަނީ ނިންމައިފަ އެވެ. މިހާރު ވެސް ޔޫރަޕްގައި އެންމެ ގިނަ ބަޔަކަށް ކޮވިޑް ވެކްސިން ދީފައިވަނީ އިނގިރޭސި ވިލާތުގަ އެވެ.

އިނގިރޭސިވިލާތުގެ ކޮވިޑް ފެތުރުން ވަރަށް ބޮޑަށް ދަށަށް ދިޔުމަށް ފަހު، މީގެ ދެތިން ހަފުތާ ކުރިން ފެށިގެން، ޑެލްޓާ ބާވަތާ އެކު އަނެއްކާ ވެސް އަދަދުތައް ވަނީ މަތިވާން ފަށައިފަ އެވެ. މިހާރު އެންމެ ހަލުވިކަމާ އެކު ކޮވިޑް ޖެހެނީ، އެންމެ ފުރަތަމަ އިންޑިޔާ އިން ފެނުނު، ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހުންނެވެ. ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި، ޑެލްޓާ ބާވަތުގެ ވައިރަސް ފެތުރޭ ނިސްބަތް އެ ނޫން ބާވަތްތަކަށް ވުރެ، 60 ޕަސެންޓް މައްޗެވެ.

އިނގިރޭސި ސިއްހީ ދާއިރާގެ ބޭފުޅުން ވިދާޅުވާ ގޮތުގައި، ޑެލްޓާ ބާވަތުގެ ވައިރަސް ކޮންޓްރޯލް ނުކުރެވޭ ނަމަ، ކޮވިޑްގެ ތިން ވަނަ ރާޅެއް ފެތުރުމުގެ ނުރައްކާ ވަރަށް ބޮޑެވެ.

ޑެލްޓާ ބާވަތުގެ ވައިރަހާ ބެހޭ ގޮތުން އިއްޔެ އާންމުކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި، ޑެލްޓާ ބާވަތުގެ ވައިރަހުން ކޮވިޑް ޖެހުމުން، އެނދުމަތިކުރަންޖެހޭ ނިސްބަތް، އެ ނޫން ބާވަތްތަކާ އަޅައި ބަލާއިރު، ދެ ގުނަ އިތުރެވެ. ނަމަވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ހަށިގަނޑުގައި، ވަރަށް ރަނގަޅަށް ދިފާއު އުފައްދައިދޭ ކަމަށް ވެސް މި ދިރާސާގައިވެ އެވެ.

ޗައިނާގެ ވޫހާން ސިޓީން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފެނުނު ކޮވިޑް-19، ވަބާއެއްގެ ގޮތުގައި މުޅި ދުނިޔެއަށް ފެތުރި، މިހާތަނަށް 177 މިލިއަނަށް ވުރެ ގިނަ މީހުންނަށް މިބަލި ޖެހިއްޖެ އެވެ. އޭގެ ތެރެއިން 3.8 މިލިއަނަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

އިނގިރޭސިވިލާތުން 4.5 މިލިއަން މީހުންނަށް މިބަލި ޖެހިފައިވާ އިރު، އޭގެ ތެރެއިން 128،000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454